ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ބޯޑުން މުހަންމަދު އާސިފް (މޮންދު) އިސްތިއުފާ ދެއްވައިފި އެވެ.
މޮންދު ޕީއެސްއެމް ބޯޑަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގަ އެވެ. އެއީ އެ މަގާމުގައި އޭރު ހުންނެވި އަލީ މިދުހަތު (މިދޭ) ވަކިކުރުމަށްފަހުގަ އެވެ.
އިސްތިއުފާ ދެއްވާފައިވާ ކަން މޮންދު ވަނީ "އަދަދު"އަށް ކަށަވަރުކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްތިއުފާ ދެއްވަން ނިންމީ އެ މަސައްކަތާ ފުށޫއަރާ ފަދަ އެހެން މަސައްކަތެއްގައި އުޅުމަށް ގަސްދު ކުރައްވާތީ މަސްލަތަކަށްޓަކަ އެވެ.
އެނގިފައިވާ ގޮތުގައި އެ ބޯޑުން މޮންދު އިސްތިއުފާ ދެއްވީ ވިޔަފާރިވެރިޔާ އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ "ސަން ޓީވީ"އާ ގުޅުމަށެވެ.
ކުރިން ހިންގުމަށް ފަހު މިހާރު ހުއްޓާލާފައި އޮތް ސަން ޓީވީ އަލުން ފެށުމަށް ތައްޔާރުވަމުން އަންނައިރު މޮންދު އެ ޓީވީގެ ހެޑެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ.
މީޑިއާ ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާފައިވާ މޮންދުގެ ކެރިއަރު ފެއްޓެވީ 1991 ވަނަ އަހަރު އެވެ. ޓެލެވިޒަން މޯލްޑިވްސްގައި 23 އަހަރު ހިދުމަތް ކުރެއްވުމަށްފަހު އެތަނުން އިސްތިއުފާ ދެއްވައި މޮންދު ގުޅިވަޑައިގަތީ ވީ މީޑިއާއާ އެވެ. އެ ތަނުގައި އޭނާ ވަނީ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާގު ހަތް އަހަރު އަދާކުރައްވާފަ އެވެ.








