އެއް މިލިއަން ރުފިޔާގެ ފައިސާގެ އިނާމު ލިބޭ އާކިޓެކްޗުރަލް މުބާރަތެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފި އެވެ.
ޓޫރިޒަމް އައިލެންޑްގެ ކޮމާޝަލް ސްޕައިން ޑިޒައިން ހެދުމަށްޓަކައި އެޗްޑީސީން ހުޅުވާލާފައިވާ މުބާރާތުގައި ބައިވެރިވާން ރަޖިސްޓްރީ ވެވޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރަޖިސްޓްރީވާއިރު ހުށަހަޅަން ޖެހޭ ތަކެތި:
- އާކިޓެކްޗުރަލް ފާމުގެ ރަޖިސްޓްރޭޝަން/ އާކިޓެކްޓުގެ ލައިސެންސް
- ކުންފުނީގެ ޕްރޮފައިލް/ ކުރިން ކޮށްފައިވާ މަސައްކަތްތައް
- އައިޑީކާޑު/ ޕާސްޕޯޓު
- ކޮލިފިކޭޝަންތައް
- ޓީމް އެކުލެވިފައިވާ ގޮތް
މުބާރާތުގައި ބައިވެރިވާއިރު، ފުރަތަމަ ހުށަހަޅަން ޖެހެނީ ކޮންސެޕްޓް ސަބްމިޝަނެކެވެ. ޑިސެމްބަރު 6 ވަނަ ދުވަހުގެ 2:00ގެ ނިޔަލަށް ކޮންސެޕްޓް ސަބްމިޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އެ ސަބްމިޝަންތައް އިވެލުއޭޓް ކުރަން ހަމަޖެހިފައިވަނީ ދެބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ސްޓޭޖުގައި އިވެލުއޭޝަން ޕެނަލުން އިވެލުއޭޓް ކުރަނީ ކާކުގެ ޑިޒައިނެއްކަން ނޭނގޭ ގޮތަށެވެ. އަދި ދެވަނަ ސްޓޭޖުގައި އާކިޓެކްޓުންނަށް އެމީހުންގެ ޑިޒައިން ޕްރެޒެންޓް ކުރުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.

އެޗްޑީސީން ބުނީ ހުށަހަޅާ ކޮންސެޕްޓްތަކުގެ ތެރެއިން އެންމެ މޮޅު ހަތަރު ޑިޒައިން ހޮވުމަށްފަހު އިއުލާން ކުރާނެ ކަމަށެވެ. އަދި ޑިޒައިން ޑިވެލޮޕްކޮށް ހުށަހެޅުމުގެ ފުރުސަތު އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހާ ހަމައަށް ދޭނެ ކަމަށެވެ. ޑިވެލޮޕްކޮށްފައިވާ ޑިޒައިންތަކުގެ ތެރެއިން އެއްވަނަ، ދެވަނަ އަދި ތިންވަނައަށްދާ ޑިޒައިންތައް ހޮވާ އިއުލާންކުރާނީ ފެބްރުއަރީ 15 ވަނަ ދުވަހު އެވެ.
ވަނަ ވަނައަށް ހޮވޭ އާކިޓެކްޓުން އެޗްޑީސީގެ ވެބްސައިޓާއި ސޯޝަލް މީޑިއާގައި ފީޗާ ކުރުމަށް ހަމަޖެހިފައިވާއިރު، އެ އާކިޓެކްޓުންނަށް ސެޓްފިކެޓު ވެސް ލިބޭނެ އެވެ. ހަމައެއާއެކު، މުބާރާތުން މޮޅުވާ ތިން އާކިޓެކްޓުންގެ މެދުގައި އެއް މިލިއަން ޑޮލަރު ބަހާ ގޮތަށް ވަނީ ނިންމާފަ އެވެ. އެގޮތުން އެއްވަނައަށް ހޮވޭ ޑިޒައިނަށް 950،000 ރުފިޔާ ދޭން ހަމަޖެހިފައިވާއިރު، ދެވަނައަށް ހޮވޭ ޑިޒައިނަށް 30،000 ރުފިޔާ އަދި ތިން ވަނައަށް ހޮވޭ ޑިޒައިނަށް 20،000 ރުފިޔާ ދޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.













