ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ މި ދަނޑިވަޅުގައި އެ ގައުމުގައި ތިބި 67 ދިވެހިން އިސްލާމާބާދުގައި ހުރި ރާއްޖޭގެ ހައި ކޮމިޝަނުގައި ރަޖިސްޓްރީވެއްޖެ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ޕާކިސްތާނުގައި ތިބި 67 ދިވެހިންގެ ތެރެއިން ގިނަ މީހުން ތިބީ ލަހޯރާއި، ކަރާޗީގައި ކަމަށެވެ. އަދި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.
އިސްލާމާބާދުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން އަންނަނީ ޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލު ގާތުން ބަލަމުން ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ޕާކިސްތާނަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން އެގައުމުގެ މަގުތަކާއި ދަނޑުތަކާއި ގެތަކުގެ އިތުރުން ބްރިޖްތަކާއި އެހެން އިންފްރާސްޓްރަކްޗާތަކަށް ވަނީ ގެއްލުންވެފަ އެވެ. ޕާކިސްޓަނުގެ ވީޑިއޯތަކުން އެ ގައުމުގެ ރައްޔިތުން ހިފާގެންގުޅޭ ތަކެތި އޮޔާދާ މަންޒަރު ފެނެ އެވެ.
އެ ވިއްސާރާގައި މިހާތަނަށް 1،136 މީހުން މަރުވެފައިވާ އިރު 33 މިލިއަން މީހުންނަށް އަސަރުކޮށްފައިވެ އެވެ. އެއީ މުޅި އާބާދީގެ 15 ޕަސެންޓެވެ.












