ރ. އުނގޫފާރުން މިއަދު ފީނަން ދިޔަ އުމުރުން 25 އަހަރުގެ ޒުވާނަކު ގެނބިގެން މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އުނގޫފާރުގައި ފީނަން ދިޔަ މީހަކު ގެނބިގެން މިއަދު ހަވީރު ރިޕޯޓްކުރި ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަށެވެ.
އެކުވެރިންތަކަކާ އެކު ފީނަން ގޮސް އުޅެނިކޮށް ގެނބިގެން މަރުވީ އުނގޫފާރު އާބިން، އަލީ މިމްރާހު އެވެ. އުނގޫފާރު ހޮސްޕިޓަލްގައި ވަޒީފާ އަދާކުރަމުން އައި މިމްރާހު ފީނަން ދިޔައީ އެނގިފައިވާ ގޮތުގައި ވަޒީފާގެ ރަސްމީ ގަޑި ނިންމައިލުމަށް ފަހުގަ އެވެ. އޭނާ އަކީ އާއްމުކޮށް ފީނަން ގޮސް އުޅޭ މޫދަށް ފަރިތަ ޒުވާނެކެވެ.
މިއަދު އޭނާ ގެނބުނީ ކޮން ކަމެއް ދިމާވުމުގެ ސަބަބުންކަމެއް އަދި ނޭނގެ އެވެ. ފުލުހުން ބުނީ އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.












