ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު "ކާނަލް" ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.
ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ކުރިއަށްގެންދާނީ މީހުންނަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ. މާދަމާގެ އަޑުއެހުން ތާވަލްކޮށްފައި އޮތީ މާދަމާ 3:30 ގަ އެވެ.
ކުރީގެ މެމްބަރު އަދި ޑީއާރްޕީގެ ކުރީގެ ލީޑަރު ނަޝީދަކީ ބަންގްލަދޭޝްގެ އަލަމްގިރިއާއެކު ގުޅުން ހިންގި މީހުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އަލަމްގިރިއާއެކު ގުޅުން ހިންގި މަންޒަރު އާންމުވި ވީޑިއޯތަކުގެ ތެރޭގައި ނަޝީދުގެ ވީޑިއޯއެއް ހިމެނެ އެވެ.
އޭނާ އެއިރު ބުނެފައި ވަނީ އަލަމްގިރިއާއެކު ނޭދެވޭ ގުޅުމެއް ހިންގާފައިނުވާނެ ކަމަށާއި ވީޑިއޯއިން ފެންނަ ތަނަށް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ކަމަށެވެ. އެކަމަކު ވީޑިއޯއިން ފެންނަ މަންޒަރުތަކުން އެއީ ދޮގުކަން އެނގެ އެވެ.
އެ މައްސަލައިގައި ވީޑިއޯ ލީކުވި މީހުންގެ ތެރޭގައި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ވެސް ހިމެނެ އެވެ. އޭނާގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ.

އަލަމްގިރިއާއެކު ގުޅުން ހިންގި ކަމަށް ބެލެވޭ 20 މީހެއްގެ ޕާސްޕޯޓު ފުލުހުން ހިފެހެއްޓި އެވެ. އެ މީހުންގެ މައްސަލަތައް ވެސް ތަހުގީގު ކުރި އެވެ. ނަމަވެސް މިހާތަނަށް ނަޝީދާއި ނާޒިމާއި އަލަމްގިރީގެ އިތުރުން މީހަކު ހައްޔަރެއް ނުކުރެ އެވެ.











