ބަނގުރާ ބުއި މީހަކު ނުވަ ދުވަހަށް ޖަލައި، އޭނާ ގައިގައި ދުއްރައިން 40 އެތިފަހަރު ޖެހުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ހުކުމް ކުރީ ޑިސެމްބަރު، 2021، ގައި މާލެއަށް ބަނގުރާ އެތެރެން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މާލޭ ކަސްޓޯޑިއަލް ކައިރިން ފަޅު ތެރެެއިން ހައްޔަރު ކުރި މީހެއްގެ މައްޗަށެވެ.
އެ މައްސަލައިގައި، ތ. ކިނބިދޫއަށް ނިސްބަތްވާ އެ މީހާ ހައްޔަރު ކުރުމުން އޭނާއަކީ "ދޭތެރެއަކުން ބަނގުރާ ބޯ މީހެއް" ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލައިގައި ޝަރީއަތަށް ހާޒިރު ކުރުމުން ވެސް ފުލުހުން ކުރާ ތުހުމަތަށް ދައުވާ ލިބޭ ފަރާތުން އެއްބަސްވި އެވެ.
އެ މައްސަލައިގައި އޭނާއަށް ދެވޭ އަދަބު ޖޫރިމަނާއަކަށް ބަދަލު ކުރުމަށް ދައުވާ ލިބޭ ފަރާތުން އެދުނެވެ. ނަމަވެސް ޝަރީއަތުން ނިންމީ އެގޮތަށް ނުހެދޭނެ ކަމަށެވެ. އެކަމަކު ކުށަށް އިއުތިރާފުވެފައިވާތީ ޖަލު އަދަބު ވަނީ އެއް މަހާއި ހަ ދުވަހުން ނުވަ ދުވަހަށް ލުއިކޮށްދީފަ އެވެ.
"މި ކުށަށް ކަނޑައެޅޭ ޖަލު އަދަބުގެ އިތުރުން 40 އެތިފަހަރުން ޖަލްދުކުރުމުގެ އަދަބު ކަނޑައަޅަންޖެހޭ،" ފަނޑިޔާރު އަލީ ނަދީމް ކުރެއްވި ހުކުމުގައި ވިދާޅުވެފައިވެ އެވެ.

މިފަދަ ހައްދުތައް ގާއިމް ކުރާއިރު ތަންފީޒު ކުރާ ގޮތް ގާނޫނުލް އުގޫބާތުގައި އޮތީ ބަޔާންކޮށްފަ އެވެ. އެގޮތުން ގައިގައި ތަޅަންޖެހޭނީ ނުރައްކާތެރި އަނިޔާއެއް ނުލިބޭ ގޮތަށް ހަންމުށިން ދުއްރައިންނެވެ. އަދި އެ ތަޅަންވާނީ އެކަކެވެ.
އޭގެ އިތުރުން، އެ ހުކުމް ތަންފީޒު ކުރާ މީހަކު އެކަން ކުރާއިރު އޭނާގެ ކުޑަހުޅު ނޫނީ ނުލެންބޭއިރު މުލަށްދަނޑިއަށް ބާރުލައިގެން ނުވާނެ ކަމަށް ވެސް ގާނޫނުލްއުގޫބާތުގައި ލިޔެފައި އޮވެ އެވެ. އަދި ކޮނޑާއި އުނަގަނޑާއި ފުރަގަހާއި ފަޔާއި ފުންނާބުގެ ހަރަކާތެއްގެ ބާރު، ހުކުމް ތަންފީޒު ކުރާއިރު ބޭނުމެއް ނުކުރެވޭނެ އެވެ.












