ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ކުރިމަތިލެވޭނެ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ފޮނުވައިފި އެވެ.
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއެކު އިތުރު ދެ ބިލެއް މިއަދު މަޖިލީހަށް ފޮނުވާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.
އޭޖީ އޮފީހުން ބުނީ މި ބިލުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވާ އިސްލާހުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ އިސްލާހާއެކު ފަނޑިޔާރުކަމުގެ މަސައްކަތްތަކުގެ އިތުރުން ފަނޑިޔާރުން ކުރުން ގާނޫނު ހުއްދަކުރާ އެހެން މަސައްކަތަކަށް އުޖޫރަ ބަލައިގަތުމަކީ ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ހުއްދަ ކަމެއް ކަމުގައި ކަނޑައެޅުމަށް ހިމެނޭ ކަމަށެވެ.
ހަމައެހެންމެ ބިލުގައި ވަނީ ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް އިސްލާހު ގެނައުމަށް ވެސް ހިމަނާފަ އެވެ. އެގޮތުން، މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަގާމުގައި، ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނީ މަސައްކަތްކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަގާމެއްގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް ވުން ވަނީ ލާޒިމް ކޮށްފަ އެވެ.
މީގެ އިތުރުން ފަނޑިޔާރުންނަށް ލިބިދެވޭ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ލިވިން އެލަވަންސްގެ މިންވަރަކީ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 ޕަސަންޓަށްވުރެ މަދުނުވާނެ އަދަދަކަށް ކަނޑައެޅުމަށާއި ފަނޑިޔާރުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރު ކަމުގައި ކަނޑައެޅުމަށް ވެސް ހިމަނާފައިވާ ކަމަށް އޭޖީ އޮފީހުން ބުނެފައިވެ އެވެ.

މި ބިލުގެ އިތުރުން ސަރުކާރުގެ ފަރާތުން ދެން މަޖިލީހަށް ހުށަހަޅާފައިވަނީ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޓެކްސް ބޮޑުކުރުމަށް ގާނޫނަށް ގެންނަ އިސްލާހުތަކެވެ.













