މިއަހަރުގެ އިންސާނިއްޔަތުކަމުގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއުރަލް ކުރެހުމެއް ކުރަހައިފި އެވެ.
އެ މިއުރަލް ކުރަހާފައި ވަނީ މިއަހަރުގެ އިންސާނިއްޔަތުކަމުގެ ދުވަހުގެ ތީމް ކަމަށްވާ "އިޓް ޓެކްސް އަ ވިލެޖް"އާ ގުޅުވާފަ އެވެ. އެ ކުރެހުމުން ދައްކައިދެނީ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަކީ ރައްޔިތުންގެ ގުޅުމާއި، ހިތްވަރާއި، އެއްބައިވަންތަކަން އާލާކޮށްދޭ ކަމެއް ކަމެވެ.
ކޮމާޝަލް ބްލޮކް ޑީގެ ބަސް ސްޓޭޝަން ކައިރީގައި ހުންނަ ފާރުގައި މި ކުރެހުން ކުރަހާފައި ވަނީ އެޗްޑީސީގެ ލީޑް އާބަން ޑިޒައިނަރު މުހައްމަދު ރައްޒާނެވެ. ބަސް ސްޓޭޝަން ކައިރީގައި ހުންނަ ފާރުގައި ކުރެހުން ކުރަހާފައި ވަނީ އެއީ ގިނަ ބަޔަކު އެއްވާ ތަނަކަށް ވާތީ، ގިނަ ބަޔަކަށް ކުރެހުން ފެނިގެންދާނެތީ ކަމަށް އެޗްޑީސީން ބުނެ އެވެ. މި މިއުރަލް ކުރަހާފައި ވަނީ ހަތަރު ދުވަސް ތެރޭގަ އެވެ.
"މިއުރަލް އިން ދައްކުވައިދެނީ ހާލުގައި ޖެހިފައި ތިބި އާއިލާއަކަށް ދިވެހިންގެ އެއްބައިވަންތަކަމާއެކު އެހީވެދޭކަން. އޭގެއިން ދައްކައިދެނީ ޕާރުސަލް ބޮކްސްތަކެއް ނުވަތަ ހަދިޔާތަކެއް އެކަކު އަނެކަކު އަތުން ޕާސްކޮށްގެން އެ ފެމިލީއަށް ދޭތަން," މިއުރަލްއާ ބެހޭ ގޮތުން ރައްޒާން ކިޔައިދިނެވެ.
އިންސާނިއްޔަތުކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޗްޑީސީން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ވެސް އެޗްޑީސީގެ ތީމްތަކަށް ހަރަކާތްތައް ބާއްވާފަ އެވެ. އެޗްޑީސީން ބުނީ އެފަދަ ހަރަކާތްތަކުން ޒުވާނުންގެ ފޯރިއާއި ޖޯށު އާލާވެގެންދާ ކަމަށެވެ. އެޗްޑީސީން ފަރާތުން މިހާރުވެސް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބާއްވާކަން ފާހަގަކޮށް އެ ކޯޕަރޭޝަނުން ބުނީ އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުން އަދި ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކަންތައްތަކުން މުޖުތަމައުގައި އުފާވެރި މައުހައުލެއް ބިނާވެގެންދާނެ ކަމަށެވެ.













