ތަކުރާރުކޮށް އެކި ފަހަރު މަތިން ފިހާރަތަކަށް ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރި ކުރި މީހަކު ހަތް އަހަރަށް ވުރެ ގިނަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުން ޖަލު ހުކުމް އިއްވި ހއ. ދިއްދޫ ވިނޯލިޔާ، އިބްރާހިމް ހަލީލްގެ މައްޗަށް ދައުލަތުން 15 ދައުވާއެއް އުފުލި އެވެ.
އެގޮތުން، މިދިޔަ އަހަރު ތެރޭގައި އެކި ފަހަރު މަތީން މާލޭގެ އެކި ފިހާރަތަކަށް ގޮސް، ފައިސާ ދެއްކި ކަމަށް ބުނެ ފޭކް ސްލިޕްތަކެއް ފޮނުވައިގެން މުދާ ގެންދަން މަސައްކަތް ކޮށްފައިވާ ކަން ދައުވާތަކުގައި ފާހަގަކޮށްފައިވެ އެވެ.
އޭނާގެ މައްޗަށް ދައުލަތުން ކުރީ އެނގި ހުރެ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ހަތް ދައުވާއާއި އެނގި ހުރެ ސައްހަ ނޫން ލިޔުމުގެ ތެދުކަން ދެއްކުމުގެ ހަތް ދައުވާއެއްގެ އިތުރުން މަކަރާއި ހީލަތް ހެދުމުގެ ދައުވާ އެކެވެ.
އެ ހުރިހާ ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވެ، ކޯޓުން ވަނީ އޭނާގެ މައްޗަށް ޖުމްލަ ހަތް އަހަރާއި އަށް މަހާއި 11 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.













