ޓިއުޝަނަށް ކިޔަވަން ދިޔަ ފިރިހެން ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފިރިހެން ޓީޗަރަކަށް މަގުމަތީގައި އަނިޔާކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަޔަކު މީހުން ނުކުމެ 29 އަހަރުގެ ފިރިހެނަކަށް އަނިޔާކުރި މައްސަލައެއް މިރޭ 10:00 ޖަހާކަށް ހާއިރު ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
މީގެ މަންޒަރުތައް ހިމެނޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުން، ޒުވާން ފިރިހެނަކު އަތަށް އޭނާ އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ލިޔެފައިވާ ކަރުދާހެއް ދީފައި ހުރެ އެވެ.

އެ ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން އެއްވެފައި ތިބިއިރު، ފިރިހެން ކުއްޖާއާ މެދު އޭނާ ކަންތައް ކުރީ ކިހިނެއްތޯ މީހުން ސުވާލު ކުރާ އަޑު އިވެ އެވެ. އަދި ކިތައް ކުދިންނާ ބެހުނުތޯ ވެސް ސުވާލު ކުރެ އެވެ.
އޭނާ ޖަވާބު ނުދީ ރޯން އެ ތަނުގައި ހުރުމުން ބައެއް މީހުން އައިސް އޭނާގެ ގައިގައި ޖަހާ މަންޒަރު ވެސް އިވެ އެވެ. ޖަހަން ފަށާއިރަށް ބަޔަކު އައިސް އޭނާއާ ދުރުކުރާ މަންޒަރު ވެސް ފެނެ އެވެ.
އަދި ފަހުން އޭނާ ލައިގެން ހުރި ހެދުން ބޭލުމަށް ފަހު ބިންމައްޗަށް ވައްޓާލައި އަނިޔާ ކުރާ މަންޒަރު ވެސް ފެނެ އެވެ. އިރުކޮޅެއް ފަހުން، އަނެއްކާ ވެސް ބަޔަކު އައިސް އޭނާ ގައިގައި ޖަަހަމުން ދިޔަ މީހުން ދުރަށް ޖައްސަ އެވެ.
ވީޑިއޯގައި އަންހެނަކު އޭނާއަށް ތުހުމަތުކޮށް ވާހަކަ ދައްކާ އަޑު އިވެ އެވެ. އެ ވާހަތަކުން އެނގެނީ އޭނާގެ މައްޗަށް ތުހުމަތު ކުރަނީ އޭނާ ޓިއުޝަން ނަގައިދޭ ފިރިހެން ކުއްޖަކަށް ބަދު އަހުލާގީ އަމަލުތަކުގެ ވީޑިއޯ ދައްކައި، އެ ކުއްޖާއާ ބެހެން އުޅުނު ކަމެވެ.











