ރާއްޖޭގެ ޖަލުތަކުގައި މަސައްކަތް ކުރާ ޕްރިޒަން އޮފިސަރުންގެ ތެރެއިން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތައް ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި އެވެ.
ކަރެކްޝަނަލް ސާވިސަސް އިން ބުނި ގޮތުގައި އީއެސްޖީ އޮފިސަރުން ހިންގާ އޮޕަރޭޝަންސްތަކުގައި ވެސް ބޮޑީވޯރން ކެމެރާ ބޭނުންކުރާނެ އެވެ.
މި ގޮތަށް އަދި އަމަލު ކުރަން ފެށީ ފްރީ ޓްރަޔަލްއެއްގެ ގޮތުގަ އެވެ. އެއީ އެމެރިކާގެ އެކްސޮން ކުންފުނީގެ ދިވެހިރާއްޖޭގެ ޑިސްޓްރިބިއުޓާ ޒެޓާ ޓެކްނޮލޮޖީސްއާއެކު ފެބްރުއަރީ މަހު ވެވުނު އެއްބަސްވުމެއްގެ ދަށުނެވެ.
މުސްތަގުބަލުގައި މި ކެމެރާތައް ދާއިމީކޮށް ބޭނުންކުރަން ފަށާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ބޮޑީވޯރން ކެމެރާ މެދުވެރިކޮށް ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

ޖަލު ތެރޭގައި ދިމާ ވެދާނެ ހާދިސާއެއް ތަހުގީގު ކުރަން ޖެހޭ ހާލަތުގައި، ކަރެކްޝަންސްގެ އެތެރޭންނާއި ބޭރުން ތަހުގީގު ކުރާ ފަރާތްތަކަށް ވީޑީއޯ އަދި އޯޑިއޯ ރެކޯޑިން އޮތުމުން އެ މައްސަލަ ބެލުމަށް ފަސޭހަ ވެގެންދާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
އަދި މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަންސް އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް މުހިންމު ދައުރެއް އަދާކުރާނެ ފިޔަވަޅެއް ކަމަ ވެސް އެ އިދާރާއިން ބުންޏެވެ.
ޖަލު އޮފިސަރުން ބޮޑީވޯން ކެމެރާ އަޅަން ފެށިއިރު، ފުލުހުންގެ އަމަލުތައް ބެލެހެއްޓުމުގައި ފުލުހުންގެ ޔުނީފޯމުގައި ވެސް ބޮޑީވޯން ކެމެރާ މިހާރު ހަރުކޮށްފައި ހުރެ އެވެ.













