މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެެމްސީ)ގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު އަންނަ ޑިސެމްބަރު މަހު ނިމޭތީ އެ ކައުންސިލްގެ މެމްބަރު ކަަމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައިވާ ގޮތުން މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.
މީޑިއާކައުންސިލްގެ މެމްބަރުންގެ އަދަދަކީ 13 އެވެ. އެއީ މީޑިއާ ތަކުން އިންތިހާބުކުރާ ހަތް މެމްބަރުންނާއި އާއްމުންގެ ފަރާތުން ތިއްބަވާ ހަ މެމްބަރުންނެވެ. އެކައުންސިލުގެ މެމްބަރުންގެ ދައުރެއްގެ ދިގުމިނަކީ ތިން އަހަރު ދުވަހެވެ. ވިދިވިދިގެން ދެ ދައުރަށް އެއް ބަޔަކު ކުރިމަތިލުމުގެ ފުރުސަތު އެކައުންސިލަކު ނޯވެ އެވެ.
މީޑިއާކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމު ޝަރުތުތައް
- ދިވެހިރައްޔިތަކު ކަމުގައިވުން.
- އުމުރުން 18 އަހަރު ފުރިފައިވުން.
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- މުޖްތަމައު ގަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި، އަހުލާގު ރަނގަޅު މީހެއްކަމުގައިވުން.
- ފާއިތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
މީޑިއާ ކައުންސިލްގެ ދައުުރު ނިމޭތީ މެމްބަރުކަމަށް ކުރިމަތިލާން އިއުލާނުކުރި އިރު އެ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ކުރާ މަސައްކަތް އެއް ކޮމިޝަނަކުން ކުރާ ގޮތަށް މީޑިއާ ކޮމިޝަނެއް އުފައްދަން އެމްއެމްސީން އިސް ނަގައިގެން ވަނީ ބިލެއްގެ ދެލިކޮޕީއެއް އެކުލަވައިލާފަ އެވެ. އެނގިފައިވާ ގޮތުގައި އެފަދަ ބިލެއްގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް އަންނަނީ ކުރަމުންނެވެ.












