ކ.މާފުށީ ކުނިކޮށްޓަށް ޖަމާކޮށް އެތައް ދުވަހެއްވަންދެން ހުރި ކުނިފުނިތައް ފުރަތަމަ ފަރަށް އެތަނުން ނަގައި ތަން ހުސްކޮށްފި އެވެ.
މާފުށި ކުނި ކޮށިން ނެގި ކުނިތައް ނައްތާލުމަށް ގެންދާނީ ތިލަފުށި ވޭސްޓް ފެސިލިޓީއަށެވެ. ގާތްގަނޑަކަށް 900 އަށްވުރެ ގިނަ ޓަނުގެ ކުނި ހިމެނޭ މިކުނިފުނި ހުސްކޮށްފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއާ ހަވާލުކޮށްގެންނެވެ.
މިނިސްޓްރީން ބުނީ މާފުށްޓަކީ މާލެއަތޮޅުގެ ސިނާއީ މުހިންމު ރަށަކަށްވެފައި އެރަށަކީ ގެސްޓުހައުސްތަައް ގިނަ ރަށެކަށް ވުމުން ކުނިތައް ނަގާ އެތަން ހުސްކުރުމަކީ މުހިއްމުކަމެއްކަމަށެވެ، އަދި މިއީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ހައްލުނުކުރެވި އޮތް ބޮޑުމައްސަލައެއް ކަންވެސް މިނިސްޓްރީން ފާހަގަކުރެ އެވެ.

މާފުށީގެ ކުނިފުނި ސާފުކޮށްފައި-- ފޮޓޯ: ވެމްކޯ
މާފުށިން ކުނިސް ހުސްކުރުމުގެ މަޝްރޫއަކީ ފަތުރުވެރިކަމާއި އާންމު ސިއްހަތަށްވެސް ފައިދާހުރި މަސައްކަތެއްކަމަށް މިނިސްޓްރީން ބުންޏެވެ. މިކަމަށް 3.5 މިލިޔަން ރުފިޔާ ހަރަދުކުރި އެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މާލެއަތޮޅާއި ވ. އަތޮޅުގެ ބައެއް ރަށްތަކުގައި މިގޮތަށް ހުރި ކުނިފުނިތައް ހުސްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ކުނީގެ މައްސަލައަކީ މާފުއްޓާސް ދިމާވެފައިވާ ވަރަށްބޮޑު މައްސަލައެކެވެ. އެރަށުން ދުވާލަކަށް ގާތްގަނޑަކަށް 5 ޓަނުގެ ކުނި އުފައްދާއިރު، އެތަކެތި ރައްކާތެރިގޮތުގައި ނައްތާލެވޭވަރުގެ ފެސިލިޓީއެއް ރަށުގައި ގާއިމުވެފައިނެތުމަކީ ރަށުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.












