ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބާ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ އިންތިހާނު ފީ 10،000 ރ. އިން 6،500 ރ. އަށް ކުޑަކޮށްފި އެވެ.
ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ބާއްވާ ބާ އިމްތިހާނަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލައި އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުގައި، އިމްތިހާނުގެ ފީގެ ގޮތުގައި ނަގާ 6،500 ރ. އަކީ ދެއްކުމަށް ފަހު ފަހުން ރީފަންޑަށް ދޫކުރެވޭނެ ފީއެއް ނޫން ކަމަށެވެ.
އިމްތިހާނު ފީގެ އިތުރަށް މާލެ ސަރަހައްދު ފިޔަވައި އެެހެން ސަރަހައްދުތަކުގައި އިމްތިހާނު ހެދުމަށް ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހަމަޖެއްސުމަށް ވެސް ނިންމާފައިވެ އެވެ.
ނަމަވެސް މާލެ ސިޓީގެ އިތުރުން އެހެން މަރުކަޒުތަކެއްގައި އިމްތިހާނު ބާއްވާނީ ރަޖިސްޓްރޭޝަނުގެ ކަންކަން ނިންމައި، އެހެން ސަރަހައްދުގައި ބޭއްވުމަށް އެދޭ ދަރިވަރުންގެ އަދަދާއި އެ ކަމަށް ހިނގާނެ ހަރަދަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ބާ ކައުންސިލްގެ އިއުލާނުގައިވެ އެވެ.
މިއީ 2020 ވަނަ އަަހަރުން ފެށިގެން ބާ ކައުންސިލުން ބާއްވަން މަސައްކަތް ކުރަމުން ދިޔަ އިމްތިހާނެކެވެ. އަދި އޭޕްރީލް 23، 2020 ގައި އިމްތިހާނު ކުރެވޭ ދާއިރާތައް ބާ ކައުންސިލުން ގެޒެޓް ވެސް ކުރި އެވެ.

ނަމަވެސް, 2022 ވަނަ އަހަރުގެ މެދުތެރެއަށް އިމްތިހާން ފަސްކުރެވިފައިވާ ކަން ސެޕްޓެމްބަރު 2021 ގައި އިއުލާން ކުރި އެވެ. އަދި މި އަހަރުގެ މާޗު މަހު އެ އިމްތިހާން ޖޫން މަހުގެ 25 ވަނަ ދުވަހު އޮންނާނެ ކަން އިއުލާން ކޮށްފައިވެ އެވެ.
އަނެއްކާ ވެސް ބާ އިމްތިހާނު ފަސްވެގެން ދިޔައީ ފީއާއި އަދިވެސް ބައެއް އިތުރު ކަންކަމާ މެދު ދަރިވަރުންގެ ކަންބޮޑުވުންތައް ފާޅުކޮށް އިމްތިހާނު ފަސްކޮށްދޭން އެދުމާ އެކު އެވެ.













