ފަންނީ ވަޒީފާތަކުގައި އުޅޭ މީހުންނަށާއި މެދުފަންތީގެ އާއިލާތަކަށް އަމާޒުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "ވިނަރެސް" ފްލެޓުތަކުގައި ގާއިމްކޮށްފައިވާ ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި އެވެ.
ވިނަރެސްއަކީ އެޗްޑީސީން ލޯނު ނަގައިގެން ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެން ހިންގި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ތެރެއިން 11-13 ބުރީގެ 10 ޓަވަރު ވަނީ އިމާރާތްކޮށް ނިމިފަ އެވެ.
އެ ޓަވަރުތަކުގައި ހުންނަނީ މުޅިން ވެސް ތިން ކޮޓަރީގެ އެޕާޓްމަންޓެވެ. އެގޮތުން ޖުމްލަ 1344 އެޕާޓްމަންޓު ހުރެ އެވެ. "މިކްސްޑް ރެސިޑެންޝަލް ކޮމްޕްލެކްސް" މޮޑެލްއަށް ތަރައްގީކޮށްފައިވާ މި ފްލެޓުތަކުގައި އެތަނުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތަކާއި މުދަލާއި ހިދުމަތްތައް ފޯރުކޮށްދޭން ވިޔަފާރިތަކަށް ދޫކުރާ ކޮމާޝަލް ޔުނިޓުތައް ވެސް ހުންނާނެ އެވެ.
ހައުސިން ޑިވޮލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނެއްގައި ވަނީ ހަތަރު ކޮމާޝަލް ޔުނިޓު ކުއްޔަށް ދޫކުރުމަށް ހުޅުވާލާފަ އެވެ. އެއީ މަހުގެ ބާވަތްތައް ވިއްކުމަށް ފަސް ވަނަ ޓަވަރާއި ހަތް ވަނަ ޓަވަރުން ދޫކުރާ ދެ ޔުނިޓާއި އާންމުންކޮށް ބޭނުންކުރާ ކާބޯތަކެތި ވިއްކުމަށް ހަތަރު ވަނަ ޓަވަރާއި ނުވަ ވަނަ ޓަވަރުން ދޫކުރާ ދެ ފިހާރަ އެވެ.
މި ޔުނިޓުތަކަށް ބީލަމަށް ހުޅުވާލާނީ މި މަހުގެ 30 ވަނަ ދުވަހާއި 31 ވަނަ ދުވަހު ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

މިއީ ވިނަރެސް ފްލެޓުގެ ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ދޫކުރަން ހުޅުވާލި ފުރަތަމަ ފަހަރެވެ.











