މަސްތުވާތަކެތި ބޭނުންކޮށް ވިއްކަމުންދިޔަކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި ސޯޝަލް މީޑިއާ ޝަހުސިއްޔަތު ހުނޭސާ އާދަމް ނަސީރު ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ގާތްގަނޑަކަށް ބަރުދަނުގައި ބައި ކިލޯ ހުރި ތިން ބާވަތެއްގެ މަސްތުވާތަކެއްޗާއެކު، ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކުގައި މަޝްހޫރުވެފައިވާ ހުނޭސާ އިތުރު ބަޔަކާއެކު ހައްޔަރު ކުރީ މާޗް 29، ގަ އެވެ. އޭގެ ފަހުން ޖަލު ބަންދުގައި އޭނާ ހުއްޓައި ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ޖުލައި 25، ގަ އެވެ.
ހުނޭސާ ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން މިއަދު ހައި ކޯޓުން ނިންމީ މަސްތުވާތަކެތި ފެނުނީ ހުނޭސާ ދިރިއުޅޭ ގެއިން ނޫން ނަމަވެސް އެ ތަކެއްޗާ އޭނާއާ ގުޅުވާލެވޭނެ ހެކިތައް އެބަހުރި ކަމަށެވެ.
ހައި ކޯޓުން ބުނެފައި ވަނީ ހުނޭސާ ކުރި ކަމަށް ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށަކަށްވެފައި އޭނާ ބަންދުން ދޫކޮށްލައިފި ނަމަ ޖުމްތަމަައުއަށް ގެއްލުންވެދާނެ ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
"ހުނޭސާ އާދަމް ނަސީރުގެ މައްޗަށް ކުރެވޭ ތުހުމަތު އެގޮތުގައި އޮއްވައި، އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ސަބަބުތައް ހުރި އިރު، އެފަދަ ސަބަބެއް ނެތް ކަމަށް ފަނޑިޔާރަށް ބުރެވެވުނު ސަބަބު އެއްވެސް މިންވަރަކަށް ބަޔާންކުރުމެއް ނެތި އިސްތިއުނާފު ރައްދުވާ ފަރާތް، ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމުގައި ނުދެކެން،" ފަނޑިޔާރު ފާތިމަތު ފަރްހީޒާ ކުރެއްވި ހުކުމުގައި ބުނެފައިވެ އެވެ.

އެ މައްސަލައިގައި ދައުލަތުން ހައި ކޯޓުގައި އެދުނީ ހުނޭސާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްދިނުމަށެވެ. ނަމަވެސް އެފަދަ އަމުރެއް ކޯޓުން ނުނެރެ އެވެ. އެކަމަކު ހުނޭސާ ބަންދުކޮށްފައި ބަހައްޓަން ބޭނުން ނަމަ އެކަމަށް ކްރިމިނަލް ކޯޓަށް ހުށަހެޅިދާނެ ކަމަށް ހައި ކޯޓުން ބުނެފައިވެ އެވެ.













