ހުޅުމާލެގައި "ވެލްނެސް ފޮ ވިމެން" ގެ ނަމުގައި އަންހެނުންނަށް ހާއްސަކޮށްގެން ހަރަކާތެއް ބޭއްވުމަށް ނިންމައިފި އެވެ.
"ވެލްނެސް ފޮ ވިމެން" ހަރަކާތަކީ، އެޗްޑީސީ އާއި ޝަލޫ ދި ޓްރެއިނާ ގުޅިގެން މި ބުރާސްފަތި ދުވަހުން ހުކުރު ދުވަހަށް ބާއްވަން ރާވަމުންދާ ހަރަކާތެކެވެ. މި ހަރަކާތް ބޭއްވުމުގެ މަގްސަދަކީ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމާއި ރައްޔިތުން ވީހާވެސް ބޮޑަށް ހޭލުންތެރިކުރެވުން ކަމަށް އެޗްޑީސީން ބުނެ އެވެ.
އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަ މި ހަރަކާތުގައި ބައިވެރިވުމަށް ރެޖިސްޓާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ގޫގުލް ފޯމް މެދުވެރިކޮށް ރެޖިސްޓާ ކޮށްލެވޭއިރު، އެއްވެސް ފީއަކާ ނުލައި ހުރިހާ އުމުރުފުރައެއްގެ އަންހެނުންނަށް އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އެޗްޑީސީން ބުނީ އެ ހަރަކާތުގެ ދަށުން ހިންގާ ވޯކްޝޮޕަކާއި އެވެއާނެސް ސެޝަނެއް ވެސް އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ސިއްހަތައް ފައިދާ ހުރި ކެއުންތަކާއި މާބަޑު މީހުންގެ ސިއްހަތާއި އަދި އަންހެނުންނާއި ގުޅުންހުރި ގިނަ ކަންތައްތަކުގެ މައުލޫމާތު މި ސެޝަންގައި ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
އޭގެ އިތުރަން، އަންނަ ހުކުރު ދުވަހު އަންހެނުންނަށް ހާއްސަކޮށްގެން ބޫޓް ކޭމްޕެއް ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިއަށް ގެންދިޔުމަށްވެސް އެޗްޑީސީން ވަނީ ރާވާފަ އެވެ.

"ވެލްނެސް ފޮ ވިމެން" ހަރަކާތުގައި ބައިވެރިވުމަށް އެދި ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ބުދަ ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށެވެ.
އެޗްޑީސީން އިތުރަށް ބުނީ އެ ކޯޕަރޭޝަނުން ގަބޫލުކުރާ ގޮތުގައި، އެފަދަ ހަރަކާތްތައް ބޭއްވުމުން ރައްޔިތުންގެ ގުޅުން ބަދަހިވެ، އާންމުންގެ ސިއްހީ މައުލޫމާތު މުއްސަނދިވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މުސްތަގުބަލުގައި ވެސް އެފަދަ ހަރަކާތްތައް ވީހާވެސް ގިނައިން ބޭއްވުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.












