ފްލެޓް ލިބިއްޖެ ކަމަށް ބުނެ ޒާތީ މައުލޫމާތާއި ބޭންކް އެކައުންޓްގެ މައުލޫމާތު ހޯދަން ކޯލެއް އައި ހެއްޔެވެ؟ ފްލެޓް ލިބުނު ކަމުގެ ލިޔުމެއް ފޮނުވުމަށް ފަހު އީމެއިލްގެ ޕާސްވޯޑު ރިސެޓްކުރަން އެދުނު ހެއްޔެވެ؟ ޖީމެއިލްގެ އޯޓީޕީ ފޮނުވަން ބުނި ހެއްޔެވެ؟ ފްލެޓް ލިބުނުކަން އެންގި އީމެއިލްގައިވާ އޮންލައިން ފޯމެއްގައި އިންޓެނެޓް ބޭންކިންގެ މައުލޫމާތައް ދާންދެން ލިޔަން ޖެހުނު ހެއްޔެވެ؟
ސަމާލު ވާށެވެ! ތިޔަ ލިބުނީ ފްލެޓެއް ނޫނެވެ. ތިޔަ ޖެހުނީ އޮޅުވާލައިގެން ފައިސާ ހޯދާ މީހެއްގެ މަޅީގަ އެވެ.
ކަސްޓަމަރުންނަށް އޮޅުވާލައިގެން މައުލޫމާތު ހޯދައި އެ މައުލޫމާތު ބޭނުންކޮށްގެން އެކައުންޓުން ފައިސާގެ މުއާމަލާތް ހިންގާކަން ރެޔަކާލާއިރު އޮންނަނީ އުމުރު ދުވަހުގެ މަސައްކަތުން އެއްކޮށް، ޖަމާކޮށްފައި ހުރި ފައިސާ ގެއްލިފަ އެވެ.
މިފަދަ އެތައް ކޭހެއް ކޮންމެ މަހަކު ވެސް ބޭންކަށް ޕޮލިހަށް ވެސް ރިޕޯޓްކުރެ އެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އެކި ނަން ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ފަހަކަށް އައިސް އިތުރުވަމުންދާ ކަމަށެވެ.

އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރުމަށް އީމެއިލް ވެސް ބޭނުން ކުރެވެ އެވެ. ޓްރާންސެކްޝަންތައް ހެދުމަށް އޯޓީޕީ އީމެއިލް އަށް އަންނަ ގޮތް ހެދެ އެވެ. އެހެންވެ، އޮޅުވާލައިގެން އީމެއިލްގެ އެކްސަސް ހޯދުމަށް ފަހު، ކުރިން ހޯދާފައިވާ އިންޓެނެޓް ބޭންކިންގެ މައުލޫމާތު ބޭނުންކޮށްގެން އެކައުންޓުން ފައިސާގެ މުއާމަލާތްތައް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެފަދަ ކޭސްތައް ވެސް ބޭންކަށް ހުށަހަޅާފައި އެބަ ހުއްޓެވެ.
"ކަސްޓަމަރުންނަށް އޮޅުވާލައިގެން ފޯނުން ގުޅައިގެންނާއީ އީމެއިލް މެދުވެރިކޮށް ލިންކު ފޮނުވައިގެން އިންޓަނެޓް ބޭންކިންގެ ޔޫސަނޭމް އާއި ޕާސްވޯޑް އަދި އީމެއިލް އައިޑީ ވެސް އެބަ ހޯދާ. އަދި ފޯނަށް އަންނަ ޓޫފެކްޓަ އޯތެންޓިކޭޝަން ކޯޑާއި އޯޓީޕީވެސް ހޯދާ،" ސައީދު ވިދާޅުވި އެވެ.
އެކި އިދާރާތަކުގެ ނަމުގައި މުއާމަލާތް ކުރޭ
މިހާރަކަށް އައިސް ފްލެޓް ނުވަތަ ރޯހައުސްއެއް ލިބިފައިވާ ކަމަށް ބުނެ އެކި އިދާރާތަކުގެ ނަމުގައި އޮޅުވާލައިގެން ކަސްޓަމަރުންނަށް ގުޅަމުންދާ މައްސަލަތައް ބޭންކަށް ހުށަހަޅަ އެވެ. މިފަދަ މައްސަލަތައް ބެލިއިރު ބޭންކަށް ފާހަގަ ކުރެވިފައިވާ ގޮތުގައި، އީމެއިލްއަށް ވަނުމަށް ބޭނުންކުރާ ކޯޑުތައް ހިއްސާކޮށްފައި އެބަ ހުއްޓެވެ. ގުޅާ ފަރާތްތަކުން އެދޭ ގޮތަށް ފައިސާގެ މުއާމަލާތް ވެސް ކުރެ އެވެ.
މި މަޅީގައި ޖެހިފައިވަނީ ވަކި އުމުރެއް ވަކި ގިންތިއެއް، މިންތިއެއް ނޫނެވެ. އެހެންވެ، އެންމެ މޮޅު އުކުޅަކީ ބީއެމްއެލްގެ ސައީދު ވިދާޅުވި ގޮތުގައި މިފަދަ ކޯލްތަކާއި އީމެއިލްތަކާ ގުޅިގެން ފައިސާގެ އެއްވެސް މުއާމަލާތްނުކުރުމެވެ. ޒާތީ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމެވެ.
"އެކި ނަން ނަމުގައި ގުޅައިގެން ކަސްޓަމަރުގެ ޒާތީ މައުލޫމާތު ހޯދަން ގުޅާ ފަރާތްތަކުން އެދޭ އެއްވެސް މައުލޫމާތެއް ނުދިނުމަކީ ކަސްޓަމަރުންނަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު،" އޭނާ ވިދާޅުވި އެވެ.
މިފަދަ ސްކޭމް ކޯލްތައް ހިންގަނީ މީހުންނަށް އޮޅުވާލައި، ބޯކާލުމުގެ ހުނަރުތައް އިންތިހާއަށް ހުރި ކްރިމިނަލުންނެވެ. އެ މީހުންގެ ވާހަކަތައް ހުންނަނީ ވަރަށް ގަބޫލު ކުރެވޭ ގޮތަށެވެ. ނަމަވެސް ގަބޫލު ނުކުރަންވީ މި ކަމެވެ؛ އިންޓަނެޓް ބޭންކިން އަށް ވަނުމަށް ބޭނުންކުރާ މައުލުމާތާއި، އައިޑީކާޑު ނަންބަރު، އޯޓީޕީ، އީމެއިލް އަދި އެހެން އެއްވެސް ކޯޑެއް ހޯދުމަށް އިދާރާއަކުން ނުގުޅާނެ ކަމެވެ.
އީމެއިލްގެ ޕާސްވޯޑާއި އޯޓީޕީ އާއި ފޯނަށް އަންނަ ކޯޑު އެއްވެސް ފަރާތަކަށް ހިއްސާ ނުކުރާށެވެ. ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކާއެކު ފައިސާގެ މުއާމަލާތްކުރުމުގައި ސަމާލުވާށެވެ. ވީހާވެސް ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގާށެވެ. އޭރުން ސްކޭމް ކޯލްތަކުގައި ދައްކާ ވާހަކަތަކުގައި ޖެހި ފައިސާކޮޅު ގެއްލިގެން ނުދާނެ އެވެ.











