މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ރައީސްގެ ހާއްސަ އިނާމު ދެއްވާނީ އިލްމާއި ހުނަރާއި އުފެއްދުންތެރިކަމުގެ ގޮތުން ހިތްވަރާ އެކު ހޯދާ ކާމިޔާބީތަކަށް ގައުމީ ފެންވަރުގައި ފާހަގަކުރުމަށެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައި ވަނީ ފަސް ގިންތިއަކުންނެވެ.
ރައީސް އޮފީހުން މިއަދު ވަނީ އިނާމާ ބެހޭ އުސޫލު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 22ގެ މެންދުރުފަހު 3:00އާ ހަމައަށް އޮންނާނެ އެވެ.
މިފަހަރު އިނާމު ދިނުމަށް ކަނޑައަޅާފައިވާ 5 ދާއިރާއަކީ:
1. މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް

- މިއީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތައް
- ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި، މަތީ ތައުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒަކުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތައް
2. ބައިނަލްއަގުވާމީ މުބާރާތަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް
3. ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް
4. ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް
- މި އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް.
5. ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި، ދަމަހައްޓައި، އިންގިލާބީ ބަދަލުތަކެއް ގެނެސްދީގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް
މިއީ ރައީސް ގެ ލަފާފުޅާއެކު ހާއްސަ އިނާމާބެހޭ ކޮމިޓީން މިއަހަރު އިތުރުކުރި ގިންތިއެކެވެ. މިގޮތުން، އެއީ ރާއްޖޭގައި ފަތުރުވެރިކަން ފެށިތާ 50 އަހަރު ފުރުން ފާހަގަކުރާ ރަންޔޫބީލް އަހަރުކަމަށްވާތީ ހާއްސަ ކޮށްފައިވާ ގިންތިއެކެވެ. މި އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މިއަހަރު އެވެ.
މި ގިންތިން ތިން ރޮނގަކުން އިނާމު ދެއްވުމަށްވަނީ ހަމަޖައްސާފަ އެވެ.
- އީޖާދީ އުފެއްދުމެއް ނުވަތަ އީޖާދީކަމެއް ތައާރަފުކޮށްގެން ފަތުރުވެރިކަމުގެ ދާއިރާއަށް މުހިންމު ކާމިޔާބީއެއް ހޯދައިދިނުން
- އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ފަތުރުވެރިކަމުގެ ދާއިން މީހުން ބިނާކުރުން
- ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ ދިވެހިންގެ ތެރެއިން، އެ މުވައްޒަފެއްގެ މަގާމުގެ މަސްއޫލިއްޔަތުތަކާ ގުޅޭ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރުން
ހާއްސަ އިނާމު ދޭނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.














