މެދުރާއްޖެ ތެރޭ ހިމެނޭ ރަށްތަކުގެ ކައުންސިލްތަކުގެ މަޝްވަރާ އާއި ހިޔާލު ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިއަށް ގެންދަވާ ކޮންފަރެންސް, މާލެ ސިޓީ ކައުންސިލުން ބޮއިކޮޓްކޮށްފި އެވެ.
އއ. އުކުޅަހުގައި މިއަދާއި މާދަމާ ކުރިއަށް ގެންދާ ކޮންފަރެންސްއަކީ ލާމަރުކަޒީ ނިޒާމް ހިންގުމުގައި ކައުންސިލްތަކަށް ދިމާވާ ދަތިތަކާމެދު މަޝްވަރާކޮށް އެއަށް ސަރުކާރަށް ފެންނަ ހައްލުތަކާއި ކައުންސިލުން އެދޭ ހައްލުތައް ހިއްސާކުރުމެވެ.
"ވިއަވަތި ރާއްޖެ"ގެ ނަމުގައި ކުރިއަށް ގެންދާ ކޮންފަރެންސްގައި ގިނަ ރަށްތަކެއްގެ ކައުންސިލްގެ ރައީސުންނާއި އަންހެނުން ކޮމިޓީތަކުގެ ރައީސުން ބައިވެރިވެ އެވެ. ނަމަވެސް, މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި އެ ކައުންސިލްގެ އެއްވެސް މެންބަރަކު ކޮންފަރެންސްއަށް ވަޑައިނުގަންނަވަ އެވެ.
މަޝްވަރާތައް ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ މުހިންމު ކޮންފަރެންސްއެއްގައި މާލެ ސިޓީ ކައުންސިލްގެ އެއްވެސް މެންބަރަކު ބައިވެރިނުވާކަން ފާހަގަކުރައްވާފަ އެވެ. ނަމަވެސް, މާލެ ސިޓީގެ އަންހެން ކޮމިޓީގެ ފަރާތުން މި ކޮންފަރެންސްގައި ބައިވެރިވެ އެވެ.
މާލެ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ވެސް ހިމެނޭ ގޮތަށް މެޖޯރިޓީ އޮތީ އިދިކޮޅު ޕީޕީއެމްއަށެވެ. ނަމަވެސް, އެމްޑީޕީއަށް ނިސްބަތްވާ ހަ މެންބަރަކު މާލެ ސިޓީ ކައުންސިލްގައި ތިއްބަވަ އެވެ. އެމްޑީޕީއަށް ނިސްބަތްވީ ނަމަވެސް, އެ ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އޭގެ ތެރެއިން ބައެއް މެންބަރުން ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

ވިއަވަތި ކޮންފަރެންސްގައި މާލޭ ސިޓީ ކައުންސިލުން ބައިވެރިނުވީ ނަމަވެސް, ޕީޕީއެމްއަށް ނިސްބަތްވާ ބައެއް ކައުންސިލްތަކުގެ ރައީސުން ކޮންފަރެންސްއަށް ވަޑައިގެންފައިވެ އެވެ. އެގޮތުން, ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ކ. ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން މުހައްމަދު ކޮންފަރެންސްގައި ބައިވެރިވެ އެވެ.
ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ބާއްވާ މި ކޮންފަރެންސްގައި ކައުންސިލްތަކުގެ މާލީ ބާރުވެރިކަމާއި ބިނާވެށި ޕްލޭން އެކުލަވާލުމާއި ލާމަރުކަޒީ ނިޒާމްގެ މިހާރުގެ މިސްރާބާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން ޕްރެޒެންޓޭޝަންދީ, އެއާ ގުޅޭ ގޮތުން ކައުންސިލަރުންގެ ހިޔާލު ހޯދައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެ އެވެ.












