ގޭބިސީތަކުން މިހާރު ކުނި ނެރެނީ ހުރިހާ ބާވަތެއްގެ ކުންޏެއް މަސްހުނިކޮށެވެ. ނަމަވެސް އަންނަ މަހުން ފެށިގެން އެގޮތަށް ކުނި ނުނެރެވޭނެ ކަމަށް ރާއްޖެއަށް އަލަށް ތައާރަފްކުރަން އުޅޭ ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދަށް ގެންނަ ފަސްވަނަ އިސްލާހުގައި ބުނެފައި ވެ އެވެ.
އަދި އޭގައިވާ ގޮތުން އުސޫލު ތަންފީޒު ކުރުމުގެ ގޮތުން، ކުނި ވަކިނުކޮށް ނެރޭ ކޮންމެ ފަހަރަކަށް ޖޫރިމަނާއެއް ކުރުމަށް ތިމާވެއްޓާ މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ލިބޭ ގޮތަށް ކުރަމުން އަންނަ ގިނަ ކަންތައްތަކެއް ހުއްޓުވަން މަގުފަހިވާ ގޮތަށް ހަދާފައިވާ އެގާނޫނުގެ ބިލުން ކުނި ވަކުކުރަން މަޖުބޫރުވެ އެކަން އެގޮތަށް ކުރުމަށް ބާރުވެސް އަޅަ އެވެ.
ވަކި ކުރާނީ ކޮން ކަހަލަ ކުންޏެއް؟
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނެރުނު ގަވާއިދުގައި ބުނާގޮތުން މާލެ ސަރަހައްދާއި ރާއްޖޭގެ އެހެން ރަށަރަށުގައި ކުނި ވަކިކުރަން ޖެހޭ ގޮތްވެސް ތަފާތެވެ.
މާލެ ސަރަހައްދުގެ ގޭބަސީތަކުގައި އުފެދޭ ކުނި ވަކިކުރަން ޖެހެނީ ތިން ބަޔަކަށެވެ. އަތޮޅު ތެރޭގެ ރަށްރަށުގައި އުފެދޭ ކުނީގެ ތެރެއަށް މި ތިން ބާވަތުގެ އިތުރުން ބިއްލޫރި/ މައުދަން ވަކިކުރަން ޖެހެ އެވެ.
ވަކިކުރަން ޖެހޭ ބާވަތްތައް:
- ފަނާވެދާނެ ކުނި (އޯގެނިކް): މިއީ ގޭގެއިން ކޮންމެ ދުވަހަކު ނެރޭ ކުނިވާ ޒާތުގެ ތަކެތި.
- ޕްލާސްޓިކް ފުޅި: މީގެ ތެރޭގައި ހިމެނެނީ ހަމައެކަނި މިނެރަލް ފެން ހުސްކުރާ ފުޅި.
- އެހެނިހެން: މި ބައިގައި މާލެ ސަރަހައްދުންނަމަ ހިމެނޭނީ ބިއްލޫރި އާއި ލަކުޑި، ދަގަނޑު، ޕްލާސްޓިކް ކޮތަޅު ފަދަ ތަކެތި. ރަށްރަށުގައި ނަމަ އެއީ ބިއްލޫރި ފިޔަވާ ދެން މި ބައިގައި ހިމެނޭ ތަކެތި.
- ބިއްލޫރި/މައުދަން: ރަށްރަށުގައި ބިއްލޫރީގެ ގޮތުގައި ހިމެނޭ ތަކެތި ވަކި ކުރަން ޖެހޭނެ.
ކުނި ވަކިކުރުމުން އަންނާނެ ބަދަލު؟
"ގްރޭޓާ މާލޭ އެންވަރަމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" ގެ މުޅި މަޝްރޫއު ޑިޒައިންކޮށްފައިވާ ގޮތަށް ބަލާއިރު، ކުންޏަކީވެސް އޭގެ ނަފާ ހޯދައި، އިގްތިސާދީ މަންފާ ނެގޭނެ ވަސީލަތަކަށް ވެގެން ދާނެ ކަމަށް ސަރުކާރުން ތަސައްވަރު ކުރެ އެވެ.
އެގޮތުން ކޮންސްޓްރަކްޝަން ކުންޏާއި ޕްލާސްޓިކް ކުނި ރިސައިކަލްކޮށް އަލުން ބޭނުންކުރެވޭނެ ނިޒާމެއް މި މަޝްރޫއުގެ ދަށުން އެކަށަ އެޅިގެން ދާނެ އެވެ.
ވެމްކޯގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ މިއީ ކުނި މެނޭޖް ކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށެވެ.
"މިއީ ރިސައިކްލިން އާއި ރީޔޫޒް ކުރުމާއި ރެޑިޔުސް ކުރަން އަދި ކިރިޔާ މި ފެށެނީ. އޭރުން މިހާރު ތިލަފުއްޓަށް ގެންދާ ކުނިތަކުން ޑަމްޕް ސައިޓަށް އަޅާ ކުނީގެ ވޮލިއަމް ވަރަށް ބޮޑުތަނުން މަދުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ވެމްކޯއަށްވެސް މިގޮތަށް ކުނި ވަކިކުރުމުން ވަރަށް ބޮޑު ލުޔެއް ލިބޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކުނި ވަކި ކުރުމުގައި ވިސްނަން ޖެހެނީ ކޮން ކަމަކަށް؟
"ކުނި ބައިކޮށްގެން ވަކިކުރަން ފެށީމަ، އާންމުންނަށްވެސް ވަރަށް ބޮޑު ހޭލުންތެރިކަމެއް އެބަ އާދޭ. މިސާލަކަށް މި ގެއިން ވަރަށް ބައިވަރު ފުޅި، ނުވަތަ ކާބޯތަކެތީގެ ކުނި ގިނަވެ ކޮތަޅު ބޮޑުވެފަ ހުރީމަ އިހުސާސްވާނެ އެ ގެއިން އުފައްދާ ކުނި ގިނަކަން،"
މިހާރު އެއް ކޮތަޅެއްގައި ހުރިހާ ކުންޏެއް ނެރުމުން އެ ގޭބަސީއިން އުފައްދާ ކުއްޏާއި އެންމެ ގިނައިން އުފައްދަނީ ކޮން ބާވަތެއްގެ ކުންޏެއްކަން ވަކިކުރަން ނޭންގެނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުނި މެނޭޖު ކުރުމުގެ ސަބަބުން އެއީ ވެމްކޯއަށް ރިސައިކަލް ކުރުމަށައި ޑިކޮމްޕޯޒް ކުރުމަށް ވެސް ވެގެންދާ އިތުރު ކުރިއެރުމަކަށް ވާނެ އެވެ.
ކުނި ވަކިނުކުރާ ފަރާތްތަކަށް ކަނޑައަޅާފައިވާ އަދަބު
- ގޭބިސީތައް: ފުރަތަމަ ފަހަރު 300ރ.، ދެވަނަ ފަހަރު 500ރ.، އޭގެ ފަހުން ތަކުރާރުކުރާ ކޮންމެ ފަހަރަކު 500ރ. އިން ޖޫރިމަނާކުރުން.
- ކައުންސިލާއި، ވިޔަފާރިތަކާއި، ލިވްއެބޯޑް ނުވަތަ ސަފާރީތައް: ފުރަތަމަ ފަހަރު 500ރ.، ދެވަނަ ފަހަރު 700ރ.، އޭގެ ފަހުން ތަކުރާރުކުރާ ކޮންމެ ފަހަރަކު 1000ރ. އިން ޖޫރިމަނާކުރުން.
- ސިނާއީ ރަށްރަށާއި ރިސޯޓުތައް: ފުރަތަމަ ފަހަރު 1000ރ.، ދެވަނަ ފަހަރު 1500ރ.، އޭގެ ފަހުން ތަކުރާރުކުރާ ކޮންމެ ފަހަރަކު 2000ރ. އިން ޖޫރިމަނާކުރުން.
އާންމުންގެ ހިޔާލު
ކުނި ވަކިކުރުމަށް އާންމުންގެ ބައެއް މީހުން މަރުހަބާ ކިޔާއިރު އަނެއްބައި މީހުން ބުނަނީ އެއީ ވެމްކޯއިން ޖައްސާ "އުނދަގުލެއް" ކަމަށެވެ.
"ވަރަށް ސަޅި ކަމެއް ހަމަ ކުނި ވަކި ކުރުމަކީ. މިއީ ރާއްޖޭގަ އަލަށް ކުރަ ކަމެއް ނޫން. އެހެން ގައުމުތަކުގަ ވެސް އޮންނަނީ ހަމަ މި ގޮތް. އެހެންވީމަ ރާއްޖޭގަވެސް ކުރަން ޖެހޭނެ ކަމެއް ކަންނޭގެ މިއީ، ކުނީގެ މައްސަލައަށް ހައްލެއް ގެނައުމަށް،" މި ނޫހާ ވާހަކަ ދެއްކި އެކަކު ބުންޏެވެ.
އެހެން މީހަކު ބުނީ މި ބަދަލަކީ ރިސައިކަލް ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. ނަމަވެސް ބައެއް މީހުންނަށް މައްސަލައަކަށް ވަނީ މިފަދަ ބޮޑު ކަމެއް ރާއްޖޭގައި ކުރަން ފެށުމަށް ނިންމާފައިވާއިރު އެކަމަށް އާންމުން ހޭލުންތެރި ކުރުމަށް ވެމްކޯ އާއި އީޕީއޭން މާބޮޑު މަސައްކަތް ތަކެއް ނުކުރާ ކަމަށެވެ.
"ކުނި ވަކިކުރަން މި ބުނަނީ އެންމެން ކައިރީވެސް. ނަމަވެސް އެ ވަކިކުރަން އެ ބުނަނީ ކީއްވެކަން މީހުންނަކަށް ނޭނގޭ. އެ ސަބަބު ބުނެދޭނެ އެބަ ޖެހޭ. އެ ނޭނގޭތީ މީހުންނަށް ވަނީ އުނދަގުލަކަށް،" އާންމުންގެ އިތުރު މީހަކު ބުންޏެވެ.
ކުނީގެ މައްސަލައަކީ މާލޭގެ އިތުރުން ރާއްޖެ ތެރޭގައިވެސް ބޮޑުވެފައިވާ މައްސަލަ އެކެވެ. ވެމްކޯއިން ގަބޫލު ކުރާ ގޮތުގައި އަންނަ މަހުން ފެށިގެން ވަކި ކުރި ކުއްޏާއެކު ގެންނަ ބަދަލަކީ މިކަމަށް އޮތް ހައްލެކެވެ. އަދި މި ބަދަލަށް އާންމުންގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ވެމްކޯއިން ބުނީ ހިޔާ ފްލެޓްގަ މިގޮތަށް ކުނި ނަގާތާ މިހާރު ދޮޅުމަހެއްވަރު ވެދާނެ ކަމަށާއި އާންމުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ. އެހެންކަމުން މުޅި ރާއްޖޭގައި އުފެދޭ ކުންޏަށް ގެންނަން އުޅޭ ބަދަލަށް އާންމުންގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް ވެމްކޯއިން ބުންޏެވެ.
"ހިޔާ ތިރީގަ ހުރި ޑަސްބިން ތަކަށް މިހާރު ކުނި އަޅަނީ ވަކި ކޮށްގެން. މާބޮޑު ކެމްޕޭނެއް އެކަމަކަށް ނުކުރަން. ދެތިން ޕޯސްޓަރެއް ހިއްޕާލާފަ ނަމަވެސް ދޮރުން ދޮރަށްވެސް ކެމްޕޭނެއް ނުޖައްސާ އަޅުގަނޑުމެން ހަމައެކަނި އިރުޝާދު ދިނީ. މިހާރު ހިޔާގެ 90-95 ޕަސެންޓު މީހުން ކުނި ގެންނަނީ ވަކިކޮށްގެން،" ވެމްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ކުނި އުކާލުމަށް އާ ގަވައިދެއް ހަދާ އަމަލު ކުރަން ފެށުމަށް ތައްޔާރުވަމުންދާއިރު، މިއީ ހަމައެކަނި އާންމު ގޭބަސީތަކުން އުލާކާ ކުންޏަށް ހަދާ ގަވައިދެއް ނޫނެވެ. ވިޔަފާރިތަކާއި ކާބޯތަކެތި ވިއްކާ ތަންތަނަށްވެސް ގަވައިދެއް އޮވެ އެވެ.
ވެމްކޯއިން ބުނީ މިހަފްތާތެރޭ އެ އުސޫލުވެސް ވިޔަފާރިތަކަށް ހިއްސާ ކުރާނެ ކަމަށެވެ.
މުޅި ރާއްޖެއަށް އަމާޒުކޮށް ކުންޏަށް އަމަލު ކުރާނެ އުސޫލެއް ހަދާ އަމަލު ކުރަން ފަށަން ތައްޔާރުވަމުންދައިރު، މިއީ ރާއްޖޭގެ ބައެއް ރައްތަކުގައި މިހާރުވެސް އަމަލު ކުރަމުންދާ އުސޫލެކެވެ.












