ލަމްހާގެ ބަންދު މުރާޖައާ ކުރުމާ މެދު މިއަދު ގޮތެއް ނުނިންމުނު

ލަމްހާގެ ބަންދު މުރާޖައާ ކުރުމާ މެދު މިއަދު ގޮތެއް ނުނިންމުނު

އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާ ކުރަމުން ދިޔަ ފިލިޕީންސްގެ މޭރީ ގްރޭސް މަރާލުމުގެ ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުލްރަހްމާންގެ ސިއްހީ ހާލަތު ގޯސް ކަމަށް ބުނާއިރު، އޭނާގެ ބަންދު މުރާޖައާ ކުރުމާ މެދު މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ގޮތެއް ނުނިންމައި އަޑުއެހުން ނިންމާލައިފި އެވެ.

ފުރަތަމަ އަމިއްލައަށް މަރުވި ކަމަށް ރިޕޯޓް ކުރި މޭރީ ގްރޭސް މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން އޭނާގެ އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު، އެ ކަން ކުރީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްއާއި އޭނާގެ ލޯބިވެރިޔާ ލަމްހާ ކަމަށް ދައުލަތުން ދައުވާ ކުރެ އެވެ. ލަމްހާއަށް ކުރަނީ މޭރީ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ލަމްހާގެ ބަންދު މުރާޖައާއަށް ހުށަހެޅީ ދައުލަތުންނެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޝަރީއަތް ނިމެންދެން ބަންދުގައި ހުންނަ މީހަކު ބަންދު ކުރި ސަބަބު ދެމިއޮތްކަން ކޮންމެ 30 ދުވަހަކުން ބަލަން ޖެހޭނެ ކަމަށް އޮންނާތީ އެވެ. ލަމްހާ ބަންދު ކުރީ މުޖުތަމައަށް ނުރައްކާތެރި މީހެއް ކަމުގެ އިހްތިމާލް އޮންނާނެ ކަމަށް ބަލައިގެންނެވެ.

މިއަދުގެ އަޑުއެހުމުގައި ލަމްހާއަށް ފުރުސަތު ދިނުމުން، ކުރީ އަޑުއެހުމުގައި ވެސް ފާހަގަ ކުރި ބައެއް ކަންކަން ތަކުރާރު ކުރި އެވެ. ލަމްހާގެ މައިބަދައިގެ ޑިސްކެއްގައި ރެދެއް ލާފައިވާތީ "ބެޑް ރެސްޓް" ކުރަން ޑޮކްޓަރުން ލަފާ ދީފައިވާ ހާލު، ޖަލުގައި އުޅެން ޖެހެނީ ކުދިކުދި ކަންކަން ވެސް ކޮށްދޭނެ މީހެއްގެ އެހީ ނެތި ކަމަށް ލަމްހާ ބުންޏެވެ. އެހެންވެ ބަންދަށް ލުއެެއް ދޭން އޭނާ އެދުނެވެ.

"އަޅުގަނޑަށް ދިނީ ދެ ފޫޓު ހަމަވާ ވަރުގެ ހޮޅިއެއް، ފެން ބޭނުން ކުރަން ދަތި އެ ހޮޅިން، އަޅުގަނޑަށް ޖަލުގައި މިހާރު ހޮޅިއާ ގުޅުވާފައި ނަންނަމުން ވެސް ގޮވަނީ، ސޯޝަލް މީޑިއާގައި ވާހަކަ އަނބުރާފައި އޮންނަ ގޮތުން އަޅުގަނޑު ސިފަކުރަނީ ވެސް އޭގެ [ގާތިލެއް] މީހެއްގެ ގޮތަށް، ކިހިނެއްތޯ އަޅުގަނޑު އެއިން މީހަކު އެހީވެލަން އަންނާށޭ އަހާނީ ވެސް،" ލަމްހާގެ ޝަކުވާތައް ޝަރީއަތަށް ހިއްސާ ކުރި އެވެ.

މި ކަމުގައި ދައުލަތުން ފާހަގަ ކުރައްވާ ނުކުތާއަކީ ބޭސްފަރުވާގެ ކަންކަމުގައި ފުރާނައަށް ނުރައްކާ ނުވާ ހާލަތެއް ނެތް ނަމަ ބަންދުން ދޫކޮށްލަން ނުޖެހޭނެ ކަމަށް، މަސްތުވާތަކެތީގެ މައްސަލައެއްގައި ދަށު ކޯޓުން ދޫކޮށްލި ބަޔެއްގެ މައްސަލާގައި ހައި ކޯޓުން ނިންމާފައިވާ ނިންމުމެވެ. މީގެ އިތުރުން ލަމްހާއަކީ މުޖުތަމައަށް ނުރައްކާ އޮތް މީހެއް ކަމަށް ބެލެވޭތީ ބަންދު ދަމަހައްޓަން ދައުލަތުން އެދުނެވެ.

މައްސަލައާ ހަވާލުވެ ހުންނެވި ގާޒީ ހުސައިން ފާއިޒް ރަޝީދު ވިދާޅުވީ އެ ކަމާ މެދު އޭނާ ނިންމަވާ ގޮތެއް ހާމަ ކުރައްވާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެ މައްސަލާގައި ބާއްވާ ޝަރީއަތުގެ އަޑުއެހުމުގަ އެވެ. އެ ދުވަހާ ހަމައަށް ބަންދު ދަމަހައްޓަން ގާޒީ ނިންމެވި އެވެ.

ލަމްހާއަށް ފާޑުފާޑުގެ ނަންނަމުން ގޮވާ ކަމާއި، ގާތިލެއް ގޮތުގައި ސިފަ ކުރާ ކަމަށް ބުނާއިރު، ދައުލަތުން ގެންދަނީ ކޮންމެ އަޑުއެހުމެއްގައި ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން މޯބައިލް އެނަލިސިސް ރިޕޯޓްގައި ލަމްހާއާއި މާވިންއާ ދެމެދު ދައްކާފައިވާ ވާހަކަތަކާއި މެސެޖްތަކާއި ގޫގަލް ސާޗުކޮށްފައިވާ ކަންކަން ބުނަމުންނެވެ. މި ކަންކަން ދައުލަތުން ބުނަނީ ދައުވާ ސާފުނުވާ ކަމަށް ދިފާއުން ބުނާތީ އެވެ.

މައްސަލައިގެ ފަސްފަހަތް

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. މޭރީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދި އިރު މޭރީ މަރުވެފައި ވަނީ ބޮލަށް ދީފައިވާ ބޮޑު އަނިޔާއަކުން ކަން ރިޕޯޓުން ވަނީ ދައްކައިފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މޭރީ މަރުވެގެން ފުލުހަށް ރިޕޯޓް ކުރީ ވެސް މާވިން އެވެ. މާވިން ރިޕޯޓް ކުރީ މޭރީ ދަންޖެހިގެން މަރުވެފައި ހުއްޓައި ފެނިގެން ކަމުގަ އެވެ. ނަމަވެސް ޝައްކު ކުރެވޭ ބައެއް ކަންކަން ހުރުމާއެކު މައްސަލައިގެ ތަހުގީގު އެ ހިސާބުން ފެށި އެވެ.

ދަންޖެހިގެން މަރުވި ކަމަށް ބުނެ ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު ހިންގުމަށް ފަހު މާވިން ހައްޔަރު ކުރީ އޮކްޓޯބަރު 27 ގަ އެވެ. އޭގެ ފަހުން ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން ޑިސެމްބަރު 16 ގަ އެވެ.

މާވިންގެ މައްޗަށް މަރުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް މަރުގައި ބައިވެރިވުމުގެ ދައުވާގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އުފުލާފައިވެ އެވެ. އެއީ އައިޖީއެމްއެޗުން ހުއްދަ ނުނަގާ، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox