ހިތުގެ ބަލިތަކުގެ ތެރެއިން ވެސް އެންމެ ހިތްދަތިކުރުވާ އެ ބައްޔާއި އެކަން ކުރިމަތިވާ މީހެއްގެ ދިރިއުޅުމަށް އެކަމުން ލިބޭ ވޭން ތަފްސީލުކޮށްދެއްވަން ޑރ. ޝަނީޒް ނަޖުމީ ވިދާޅުވެދެއްވީ އަޑުއަހަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އެއީ ރާއްޖޭގައި ވެސް މިހާރު އާއްމުވަމުންދާ ކަމެކެވެ. އެބައްޔަށް ފަރުވާކުރަން މީހުން ރާއްޖޭން ބޭރަށް ގޮސް، ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހެ އެވެ. އެވަރުން ކުރާ ފަރުވާއަށް ފަހުގައި ވެސް ބަލިމީހާއަށް އެނބުރި އާންމު ދިރިއުޅުމަށް އާދެވޭނެކަމުގެ ޔަގީންކަމެއް ނޯވެ އެވެ.
މިއީ މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަނެ ފުރިހަމަ ވަމުން އަންނަ މަރުހަލާގައި ހިތުގައި ގުދުރަތީ ގޮތުން އުފެދޭ ލޯވަޅުތަކެއްގެ ވާހަކަ އެވެ. ތުއްތު އިންސާނާގެ ސަލާމަތަށްޓަކައި އުފެދޭ އެ ލޯވަޅުތައް އުމުރުން ދުވަސްވާވަރަކަށް ބެދުމަކީ އާއްމު އުސޫލެވެ. އެކަމަކު ބައެއް ކުދިންނަށް އެއީ އުމުރުކުރުކޮށްލައި، އެތައް ވޭނެއް ކުރިމަތިކުރުވާ ބޮޑު ބައްޔަކަށް ވެ އެވެ.
"އާންމުކޮށް ވަރަށް ހާލުގަ އުޅޭނީ، ކިރިޔާ ހިނގާލާއިރަށް ނޭވާކުރުވާނެ. ދެން ނޫވެފަ އަބަދު ހުންނާނީ އިނގިލިތައް ވެސް ކިލަނބުވެ ނުވަތަ ދޮސްއަރާފައި ހުންނާނީ، އިންފެކްޝަންތައް އުފެދޭނެ. ކެއްސާއިރު ލޭ އަންނާނެ. އުމުރުން 40-50 ގެ އަހަރުތަކުގައި އާންމުކޮށް އެކަހަލަ ބައްޔެއްގައި މީހާ މަރުވުން ގާތީ،" ދަރުމަވަންތަ ހޮސްޕިޓަލުގެ މީޓިން ރޫމެއްގައި އިންނަވައިގެން ޑރ. ޝާނީޒް ވިދާޅުދެއްވަމުން ގެންދެވި އެވެ.
އޭނާ ތަފްސީލުކޮށްދެއްވީ އެ ބަލީގައި މީހެއްގެ ހާލަތު ގޯހުން ގޯހަށް ދާ ގޮތެވެ. އެ ބައްޔަށް ފަރުވާކުރަން ނެޝަނަލް ކާޑިއެކް ސެންޓަރު (އެންސީސީ) އިން އަލަށް ބޭނުންކުރި އުކުޅެއްގެ ވާހަކައަށް ވަޑައިގެންނެވީ އެ ތަފްސީލަށް ފަހުގަ އެވެ.
ޓްރާންސްކެތެޓާ ޑިވައިސް ކްލޯޝާއޭ ކިޔާ އެ ފަރުވާ ތަސައްވުރުކޮށްލުމަށް ޓަކައި ޑޮކްޓަރު ފުރަތަމަ ވެސް ދައްކަވައިލެއްވީ އޭނާގެ ފޯނުގައި އޮތް ވީޑިއޯ ކްލިޕެކެވެ. އެ ވީޑިއޯއިން ފެނުނީ މީހެއްގެ އެތެރެހައްޓެވެ. އެވީޑިއޯއިން ފެނުނު ގޮތުގައި ކަޅުކުލައިގެ ހޮޅިއެއް ކަހަލަ އެއްޗެއް ހިތުގެ ތެރެއަށް ވައްދަމުން ގޮސް، ހިތުގައިވާ ލޯވަޅާ ހިސާބަށް ގެންގޮސްގައިއެ ހޮޅީގެ ކޮޅުގައިވާ އާލާތަކުން ހިތުގެ ލޯވަޅު ބައްދައިލާ ތަން ފެނެ އެވެ. އެ ޕްރޮސީޖާ ހިނގާ ގޮތް އެވަރަކުން އަދި އޮޅުމެއް ނުފިލި އެވެ. ޑރ. ޝަނީޒް އެކަން އިތުރަށް ތަފްސީލުކޮށްދެއްވީ އެހެންވެ އެވެ.
"މިހާރު މިކަހަލަ ސާޖަރީ ހަދާގޮތަކީ އުކުޅުވަޅުން ކައްޓެއް ޖަހާފަ، ގްރޮއިންގެ ވެއިންއިން (ނާރުން) ވައްދައިގެން ގޮސް، ހިތުގެ ތެރެއަށް ވައްދައި، ވަޔަރެއް ފޮނުވާލަނީ، ވަޔަރުގެ މަތިން މި ޑިވައިސް މި ފޮނުވާލަނީ. އަމްބްރެއްލާއެއް (ކުޑަ) ގޮތަށް، ކުޑަ ލެއްޕިފަ އިންނާނީ އެންމެ ފުރަތަމަ ވައްދާއިރު، ދެން ގޮއްސަ އެ ލޯވަޅު ތެރެއަށް ވަނީމަ، އެ ކުޑަ ހުޅުވާނީ. އެ ޑިވައިސް ހުޅުވޭނީ، ފުޅާވާނީ ދަމަން ފެށީމަ. ދެން ދަމާފަ ގެނެސް މި ލޯވަޅުގަ އަހަރެމެން މި އަޅުވާލަނީ،" ޑރ. ޝަނީޒް ވީޑިއޯއިން ވަމުންދާގޮތް އޭނާގެ އިނގިލީގެ އިޝާރާތުން ދައްކަވަމުން ވިދާޅުވެދެއްވި އެވެ.
ޑޮކްޓަރު އެ ވިދާޅުވެދެއްވީ އުނދަގޫ އެ ސާޖަރީ، ބޭސްވެރިކަން ނުދަންނަ މީހަކަށް އާންމު މީހަކަށް އެންމެ ފަސޭހައިން ފަހުމްވާނެ ގޮތަށެވެ. ހަށިގަނޑުގެ އުކުޅުވަޅުގެ އިންނަ ނާރެއް ބޭނުންކޮށްގެން ހަށިގަނޑުގެ އެތެރެއަށް ފޮނުވާލަނީ ހޮޅިއެކެވެ. އެ ހޮޅީގެ ކޮޅުގަައި އިންނަނީ އެއްކަލަ ލޯވަޅު ބައްދާލާ ޑިވައިސް އެވެ.
ނިޓިނޮލް އެލޯއީ ކިޔާ މާއްދާއަކުން އެކި ސައިޒްތަކަށް ހަދާފައި ހުންނަ އެ ޑިވައިސް ލޯވަޅުގެ އެތެރެއަށް ވަނުމުން، ޑޮކްޓަރުން ހުޅުވައިލަނީ އޭގައިވާ ކުޑައެއް ކަހަލަ އެއްޗެކެވެ. ހިތުގައިވާ ލޯވަޅުގައި ރަނގަޅަށް އެ ކުޑަ އަޅުވާލައި ލޯވަޅު ބައްދައިލަ އެވެ. ދުވަސްވާ ވަރަކަށް އެ ޑިވައިސްގެ މައްޗަށް ލޭ އަރައި، މުޅިން ޕެެޗު އެޅި ފުރިހަމަވެގެން ދެ އެވެ.
"އެ ދުވަހު ހެނދުނު އެޑްމިޓްކުރިއްޔާ، ޖެހިގެން އަންނަ ދުވަހު ޑިސްޗާޖު ކުރެވޭނެ. ދެން ސީރިއަލް އެކޯއިން ފޮލޯއަޕް ކުރާނީ. އެހާ ސިމްޕަލް ކަމަކަށް ވެއްޖެ. މިއީ ރާއްޖޭގައި ކުރިން ނުކުރާ ކަމެއް. އަލަށް މި ކުރީ،" ޑރ. ޝަނީޒް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް އެތައް ދިވެހިންނެއް އެ ސާޖަރީ ހެދި އެވެ. އެކަމަކު އެއީ ރާއްޖޭން ބޭރަށް ގޮސްގެން ކުރާ ނަމަ އާދައިގެ މީހަކަށް ކުޅަދާނަވާ ވަރަށް ވުރެ ހަރަދުބޮޑު ކަމެކެވެ. ރާއްޖެއިން ބޭރުން، އާންމުކޮށް އިންޑިއާއިން، ކުރާ އެ ސާޖަރީއަށް ލައްކައެއްހާ ރުފިޔާ ހަރަދުވެ އެވެ. އެ ސާޖަރީ ރާއްޖޭގައި އާސަންދައިން މިހާރު ހިލޭ ކުރެވޭ ކަމަކީ ޑރ. ޝަނީޒް ދެކެވަޑައިގަންނަވާ ގޮތުގައި އެންސީސީއާ ރާއްޖޭގެ ސިއްހީ ނިޒާމު، ހާއްސަކޮށް ކޮރޮނަރީ ހިތުގެ ބަލިތަކަށް (ހިތުގެ ނާރުތަކުގެ މައްސަލަ) ފަރުވާ ދިނުމުގައި ކުރިއަރާފައިވާ މިންވަރު ދައްކައިދޭ ކަމެކެވެ.
"މިވީހާތަނަށް އާންމުކޮށް މީގެ ޓްރީޓްމެންޓު ފެށިފަ މިހުރީ، މޭފަޅާފަ އޯޕަން ހާޓް ސާޖަރީއެއް ކޮށްގެން، ހިތުގެ ވަށައިގެން އިންނަ ފަށަލައިން ކުޑަ ޕެޗެއް ނަގާފަ، ޕެޗު އަޅައިގެން ކަހަލަ ގޮތަކަށް ބައްދަނީ އެ ލޯވަޅުތައް. މިއީ ހަމަ ހޭނައްތާފަ، އޮޕަރޭޝަންކޮށްފަ ހަދަ މޭޖާ ސާޖަރީއެއް،" ޓްރާންސްކެތެޓާ ޑިވައިސް ކްލޯޝާ އުކުޅު އެންސީސީން ބޭނުންކުރަން ފެށުމުގެ ކުރިން ކަންކަން އޮންނަ ގޮތް ވެސް ޑރ. ޝަނީޒް ވިދާޅުވި އެވެ.
އޯޕަން ހާޓު ކޮންމެ ސާޖަރީއަކީ ވެސް ބޮޑު ސާޖަރީ އެކެވެ. އެއި ހިތް ބައިޕާސްކޮށްގެން ނުވަތަ ހިތް ހުއްޓުވައިގެން ކުރާ ކަމަކަށްވާތީ ކިތަންމެހާ ވެސް "ރިސްކީ" ކަމެކެވެ. އޯޕަން ހާޓު ސާޖަރީއެއް ކުރާނަމަ، އެކަމުގެ އަސަރު މުޅި އުމުރަށް ވެސް ހަށިގަނޑުގެ އެ ކަފަން ޖެހުނު ތަނުން ފެންނަން ހުންނާނެ އެވެ. އަދި ސާޖަރީއަށްފަހު ހޮސްޕިޓަލުން ފަރުވާހޯދަން ޖެހޭ މުއްދަތު ދިގުވެ، އާންމު ދިރިއުޅުމަށް އަނބުރާ ދާން ވެސް އެތައް ދުވަހެއް ހޭދަ ވާނެ އެވެ. އެ ހުރިހާ ކަމެއް ވެސް މިއަދު އެ ބަދަލުވީ ޑރ. ޝަނީޒާ އެންސީސީގެ މުޅި ޓީމުގެ ހިތްވަރުންނެވެ.
ސިއްހީ ދާއިރާގައި ހިދުމަތްކުރާތާ 18 ވަރަކަށް އަހަރުވެފައިވާ ޑރ. ޝަނީޒް ދެން ވިދާޅުވެދެއްވީ ހިތުގައި އެ އުފެދޭ ލޯވަޅުތަކުގެ ސައިންޓިފިކް ވާހަކަތަކެކެވެ. އެ މައްސަލަ ކުރިމަތިވާގޮތް ތަފްސީލުކޮށްދެއްވަމުން އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ ކުއްޖާ މަންމަގެ ބަނޑުގައި އުފެދޭއިރު، ހިތް އުފެދެނީ ޓިއުބެއްގެ ގޮތުގައި ކަމަށެވެ. އަދި އެޓިއުބް އެކި ގޮތްގޮތަށް އޮޅިގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަނޑުގައި ދަރިފުޅު އޮންނަ އިރު، ގުދުރަތީގޮތުން ލޭ ދައުރުކުރަން ދެން އުފެދެނީ އެ ލޯވަޅުތަކެވެ. އެ އުފެދޭ ލޯވަޅުތައް ކުރިން ވެސް ބުނިހެން ގިނަ މީހުން އުމުރުން ދުވަސްވާވަރަކަށް ބެދިގެން ދެ އެވެ، އެކަމަކު ބަައެއް މީހުންގެ އެ ލޯވަޅުތައް ދެމި ހުރެ އެވެ.
"ބަނޑުގަ ދަރިވުޅު އޮންނައިރުގަ ސަވަވައިވަލްއަށް ހުންނަ ލޯވަޅުތަކެއް މިއީ. ބައެއް ލޭހޮޅިތަކާ ދޭތެރޭ. އެޑަލްޓެއްގެ ހިތުގައި ހުންނާނީ ހަތަރު ޗޭމްބަރެއް. އެ ހަތަރު ޗޭމްބަރު މި ހުންނަނީ ދެ އެޓްރިއަމް އާއި ދެ ވެންޓްރިކަލްސް. ޖުމްލަ ހަތަރު ޗޭމްބަރު. މީގެ ތެރެއިން އެންމެ ކޮމަންކޮށް މި އުފެދޭ ލޯވަޅުތަކަކީ އޭއެސްޑީ، ޕީޑީއޭ ދެން ވީއެސްޑީ،" އެ ލޯވަޅުތަކަށް ޑޮކްޓަރުން ދީފައިވާ ނަންނަތައް ކިޔައިދިނުމަށްފަހު އޭގެ ކޮންމެ ވައްތަރެއްގެ ތަފާތު ވެސް ޑރ. ޝަނީޒް ކަރުދާސްގަނޑެއްގައި ކުރަހައިދެމުން އޮޅުންފިލުވައިދިނެވެ.

ޑރ. ޝަނީޒް އިންސާނާގެ ހިތުގައި ހުންނަ ހަތަރު ޗޭމްބަރު ކުރަހައިދެނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އޭއެސްޑީ އަކީ ދިގުކޮށް އެޓްރިއަލް ސެޕްޓަލް ޑިފެކްޓް އެވެ. އެއީ ހިތުގެ އެޓްރިއަމް ދެ ޗޭމްބަރުގެ ދެމެދުގައި ހުންނަ ޕާޓިޝަންގަނޑުގައި އުފެދޭ ލޯވަޅުތަކެވެ. ދެ ވެންޓްރިކަލް ދެމެދުގައި އުފެދިއްޖެނަމަ އެއީ ވެންޓްރިކަލް ސެޕްޓަލް ޑިފެކްޓް ނުވަތަ ވީއެސްޑީ އެވެ. ދެން ހުންނަނީ ހިތުގެ ލޭ ދައުރުކުރާ މައި ދެ ނާރު، ޕަލްމަނަރީ އާޓަރީ އާއި އަޔޯޓާ ދެމެދުގައި އުފެދޭ ލޯވަޅުތަކެކެވެ. އެއީ ޕީޑީއޭ ނުވަތަ ޕޭޓެންޓް ޑަކްޓަސް އާޓެރިއޮސަސް އެވެ.
"ޕަލްމަނަރީ އާޓަރީ އަކީ ފުއްޕާމެޔަށްދާ ހޮޅި. ހަށިގަނޑުގަ މި ހުންނަ ހުރިހާ އޮކްސިޖަން ނެތް ލެޔެއް، ފުއްޕާމެޔަކީ އޮކްސިޖަނޭޓަރެއްތާ، އެ ލޭތައް ދަތުރުކުރާނީ ޕަލްމަނަރީ އާޓަރީއިން. ދެން ފުއްޕާމެއިން އެ ލޭތައް އޮކްސިޖަނޭޓްވެގެން އައިސް، ލެފްޓް ވެންޓްރިކަލްއަށް އެޅިގެން، ޕަމްޕުވެގެން މުޅި ހަށިގަނޑަށް ދާނީ އަޔޯޓާއިން،" ޑރ. ޝަނީޒް އަތުގެ އިޝާރާތުން ހޮޅިއަކުން ލޭ ދައުރުވާތަން ދައްކަމުން ވިދާޅުވި އެވެ.
އާންމުކޮށް ވީއެސްޑީ ލޯވަޅުތައް ބެދޭކަމަށް ޑރ. ޝަނީޒް ވިދާޅުވި އެވެ. އަދި، އޭއެސްޑީ ލޯވަޅުތައް ވެސް ހަމަ އެގޮތަށް ބެދޭއިރު، ކުދި ކުދި ލޯވަޅުތައް ހުއްޓަސް މީހާއަކަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ލޯވަޅުތައް ވަކި ވަރަކަށް ވުރެ ބޮޑުވެއްޖެނަމަ އެއީ ބަލިވާން މެދުވެރިވާ ސަބަބުކަމުގައި ޑރ. ޝަނީޒް ވިދާޅުވި އެވެ. ޕީޑީއޭ އާ ބެހޭ ގޮތުން ވެސް ހަމަ އެފަދަ ތަފްސީލެއް އޭނާ ދެއްވި އެވެ.
ކުއްޖާ ބަނޑުގައި އޮވެ އުފެދެމުންދާއިރު، ކުއްޖާގެ ފުއްޕާމޭ އަދި މަސައްކަތް ނުކުރާނެ އެވެ. އެހެންވެ، ކުއްޖާގެ ލެޔަށް އޮކްސިޖަން ފޯރުކޮށްދެނީ މަންމަ އެވެ. ނަމަވެސް، ފުއްޕާމޭ މަސައްކަތް ނުކޮށް "ބްލޮކް" ވެފައި ހުންނާތީ، ކުއްޖާގެ ފުއްޕާމެޔަށްދާ އެ ލޭ ދަނީ ހަށިގަނޑަށް ލޭ ފޮނުވާ މައި ނާރު އަޔޯޓާއިން ހަށިގަނޑުގެ ތެރެއަށެވެ. އެފަދަ ހާލަތްތަކުގައި އެ ދެ ނާރުގައި ލޯވަޅު ހުރެއްޖެނަމަ، އާންމުކޮށް ޑޮކްޓަރުން ކުރިން ކުރާ ކަމަކީ އެ ދެ ނާރުގައި ގޮށެއް ޖަހައި އެއްސުމެވެ.
"ކުއްޖެއް މަންމަގެ ބަނޑުގައި އޮންނައިރު، ފުއްޕާމޭ އޮންނާނީ ކޮލޭޕްސްވެފަ. އެ ކުއްޖާގެ ހުރިހާ ކަމެއް ކުރާނީ މަންމަގެ ހިތުން ދާ އޮކްސިޖަނޭޓަޑް ލެއިން. އެހެންވީމާ ބޭބީސްގެ އެ ދެ ހޮޅި (ޕަލްމަނަރީ އާޓަރީއާ އަޔޯޓާ) ދެމެދުގަ ވެސް އިންނާނެ ލޯވަޅެއް. އެއީ ޕީޑީއޭ. އެއީ ފުއްޕާމެއަށް ދާ ހޮޅި (ޕަލްމަނަރީ އާޓަރީ) ފުއްޕާމޭ ކޮލޭޕްސްވެފަ ހުރީމަ އެއީ ޑެޑް އެންޑެއް. އެހެންވީމަ ފުއްޕާމެއަށް ނުގޮސް އެ ލޭ ދާނީ އެއޯޓާއަށް ވަދެގެން. އެޔަށް މި ކިޔަނީ ޕީޑީއޭ،" ޑރ. ޝަނީޒް ވިދާޅުވި އެވެ.
އެ ލޯވަޅުތަކުގެ އަސަރު މީހާގެ ސިއްހަތަށް ކުރަނީ ވަކި ވަރަކަށް ވުރެ ބޮޑުވުމުންނެވެ. އަދި، އޭގެ ސަބަބުން އެހެން އިތުރު މައްސަލަތަކާއި މީހާއާ ކުރިމަތިކުރުވަ އެވެ. އޭގެ ތެރޭގައި ބައެއް ކަހަލަ މައްސަލަތަކަކީ އޭގެން ފަސޭހަ ނުވެވޭވަރުގެ މައްސަލަތަކެވެ. އެހެންކަމުން އެފަދަ މައްސަލަތައް ވީހާވެސް އަވަހަށް ހޯދައިގެން، އެކަށީގެންވާ ފަރުވާ އެކަށީގެންވާ ވަގުތު އޮއްވައި ކުރުން މުހިންމު ކަމަށް ޑރ. ޝަނީޒް ވިދާޅުވި އެވެ.
"ޓްރީޓްމެންޓު ނުލިބި ހުރެއްޖިއްޔާ މީގެ ގެއްލުމަކީ ފުއްޕާމެޔަށް މާ ބޮޑަށް ލޭ އެޅުން. ދެން ފުއްޕާމޭގެ ނާރުތަކަށް ގެއްލުންވެ ހަރުވާނީ. އެޔަށް މެޑިކަލީ ކިޔަނީ ޕަލްމަނަރީ ހައިޕަޓެންޝަން. އެގޮތަށް ފުއްޕާމޭގެ ޕްރެޝަރު މައްޗަށް ދިޔައިމަ ދެން ނީންނާނެ. އޭތި ޓްރީޓެއް ނުކުރެވޭނެ. ލޯވަޅު ބެއްދުން ވެސް މަނާވާނެ. އެއްވެސް ކަމެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އެ މައްސަލައަށް ފަރުވާކުރުމަށް ޝަނީޒާއި އޭނާގެ ޓީމުން ބޭނުންކުރި ޓްރާންސްކެތެޓާ އުކުޅު ބޭނުންކުރެ އެވެ. ރާއްޖޭގައި އެ އުކުޅު އެންމެ ފުރަތަމަ ބޭނުންކުރީ މިމަހުގެ ކުރީކޮޅު އެވެ.
މިހާރު މިހާތަނަށް ޖުމްލަ ހަތަރު މީހަކަށް އެ އުކުޅުގެ އެހީގައި އެންސީސީން ފަރުވާދީފި އެވެ. އެ ހަތަރު މީހުންްގެ ވެސް ފަރުވާ އެތައް ގުނައެއް ކުރުވެ، އެތައް ފަސޭހައެއް ވެގެންދިޔަކަމަށް ޑރ، ޝަނީޒް ވިދާޅުވި އެވެ.
"ޕީޑީއޭ ކްލޯޒްކުރީ އަންހެން ބޭފުޅެއްގެ. ދެން ތިން އޭއެސްޑީ ޕޭޝަންޓުން. ދެ އަންހެނުންނާ އެއް ފިރިހެނުން، މިހާތަނަށް ވަނީ ކުރެވިފަ، އެ ބޭފުޅުންގެ ރިކަވަރީ ކުރުވާނެ، ސްކާ (ލަކުނު) ވެސް ނުހުންނާނެ، ދެން ތަދެއްވެސް ނުވާނެ. އެހެންވީމަ މިއީ ވަރަށް ބޮޑު ކަމެއް،" ޝަނީޒް ވިދާޅުވި އެވެ.
ނަމަވެސް، ޓްރާންސްކެތެޓާއިން ވެސް ފަރުވާ ނުދެވޭ ބައެއް ހާލަތްތައް ހުރެ އެވެ. އެއީ ޑިވައިސް ބޭނުންކޮށްގެން ވެސް ނުބެއްދޭވަރުގެ ބޮޑު ލޯވަޅުތައް ހުންނަ ހާލަތުގަ އެވެ. އެފަދަ ހާލަތްތަކުގައި އަދިވެސް ޖެހެނީ މޭޖާ އޯޕަން ހާޓު ސާޖަރީއެއް ކުރާށެވެ.
"އެކަމަކު އާންމުކޮށް ގިނަ ކޭސްތަކުގެ، ގާތްގަނޑަކަށް 80 ޕަސަންޓުގަ، ޑިވައިސް ޓެކްނިކް ބޭނުންކުރެވޭނެ މިހާރު،" ޝަނީޒް ވިދާޅުވި އެވެ.
ޝަނީޒް ޓްރާންސްކެތެޓާގެ އުކުޅާއި ބެހޭގޮތުން ދަސްކުރީ ނޭޕާލްގެ ހޮސްޕިޓަލެއްގަ އެވެ. އޭރު ސ. ހިތަދޫ އަށް އުފަން ޑރ. ޝަނީޒް ވަނީ އޭނާގެ އެމްބީބީއެސް ނުވަތަ ބެޗެލާޒް ޑިގްރީއާ އެމްޑީ ނުވަތަ މެޑިކަލް ޑޮކްޓަރުގެ ސަނަަދު ވެސް އިންޑިއާގައި ހުރެގެން ހާސިލުކޮށްފަ އެވެ.
ނޭޕާލުގައި އެންމެ ބޮޑު ގައުމީ ހޮސްޕިޓަލުގައި ތަމްރީނު ވަމުންދިޔައިރު، އެކަހަލަ ހިތުގެ ލޯވަަޅު ހުރި އެތައް ސަތޭކަ ކޭސްއާ ދިމާވަމުންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އޭނާއަށް ވެސް މުޅި އެ ބެޗުގައި ތަމްރީން ހަދަމުންދިޔަ އެންމެންނަށް ވެސް ވަރަށް ބޮޑު ތަޖުރިބާއެއް އެތަނުން ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ޑރ. ޝަނީޒްގެ އިތުރުން ވެސް ޓްރާންސްކެތެޓާ ސާޖަރީއެއް ހެދޭ ފެންވަރުގެ އެހެން ޑޮކްޓަރުން އެބަ ތިއްބެވެ. ޑޮކްޓަރުން ތިއްބަސް އެކަން ނުކުރެވެނީ، ކެތެޓަރައިޒޭޝަން ލެބޯޓަރީ (ކެތު ލެބު) ގިނަ ހޮސްޕިޓަލްތަކުގައި ނެތުމުންނެވެ. އެންސީސީގައި ކުރެވެނީ ރާއްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް ކެތު ލެބު އެތަނުގައި ހުރުމުންނެވެ. ކެތު ލެބަކީ ހިތުގެ ނާރުތަކާއި ޗޭމްބަރުތަކުގައި ހުންނަ މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ގާތުން ދިރާސާކޮށް ބެލުމަށް ބޭނުންވާ އާލާތްތަކާއެކު ހާއްސަކޮށް ތައްޔާރުކުރާ ލެބެކެވެ.
އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހުރި ފެންވަރު ރަނގަޅު އެ ކެތުލެބާއެކު ރާއްޖޭގެ ކޮރޮނަރީ ހިތުގެ މައްސަލަތަކަށް ދޭ ފަރުވާއަކީ މި ސަރަހައްދުގައި ވެސް އެންމެ ރަނގަޅު ފެންވަރުގެ ފަރުވާ ކަމަށް ޑރ. ޝަނީޒް ފަހުރުވެރިކަމާއެކު ފާހަގަކުރެއްވި އެވެ.
"ހިތުގެ ހޮޅިތަކާ ބެހޭގޮތުންނަމަ އަޅުގަނޑަށް ބުނެވޭނެ ސްޓޭޓް އޮފް ދަ އާޓްއޭ. ނުވަތަ މި ރީޖަންގެ ބެސްޓް ކެތުލެބްހެން. ކޮރޮނަރީއަށް. އެއީ ރާއްޖޭގެ އެންމެ މުހިންމީ ވެސް. އެންމެ ބޮޑަށް އެޑްވާންސްވެފަ ޑެވެލޮޕްވެފަ މި ހުންނަނީ ކޮރޮނަރީ ކެއާ އަހަރެމެންގެ. ދެން އެހެން ބައިތައް މަޑުމަޑުން މިދަނީ،" ޑރ. ޝަނީޒް ވިދާޅުވި އެވެ.

ޑރ. ޝަނީޒް ޓްރާންސްކެތެޓާ ޑިވައިސްއެއް މަސައްކަތްކުރާ ގޮތުގައި ވީޑިއޯއެއް މެޝިނަކުން ދައްކަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ކެތު ލެބެއް ހުރުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ މިދިޔަ ފަސް އަހަރު ތެރޭ އެކަނި ވެސް ސަލާމަތްކުރެވިފައިވާ ކަމަށް ޑރ. ޝަނީޒް ވިދާޅުވި އެވެ. އެގޮތުން ކުރިން ހާޓް އެޓޭކެއް ފަދަ ހާލަތެއް ޖެހިގެން މީހަކު ގެނެސްފިނަމަ އެމީހާއަށް ދިރިހުރެ ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ލިބިގެން އަންނައިރު، މުޅި ދިރިއުޅުން ގެއްލޭވަރަށް އޭނާގެ ހަށިގަނޑަށް ގެއްލުންވެފައި ހުންނަކަމަށް ޑރ. ޝަނީޒް ވިދާޅުވި އެވެ.
"ކުރިން ހާޓްއެޓޭކެއް ޖެހިއްޖިއްޔާ، އޭރު ލޭނާރު އިންނާނީ ބެދިފަ. ދެން ވިރުވާލާ އިންޖެކްޝަނެއް ޖެހީމަ 60-70 ޕަސަންޓުގަ ހުޅުވޭނެ. އަނެއްބައި މީހުންގެ މަސްގަނޑު މަރުވާނީ. 20 މިނެޓު ތެރޭ މަސްގަނޑު މަރުވާން ފަށާނެ. ދެން ހިތަށް އަރުވާލެވޭނެ ދިރި ހުރެގެން މީހާ ބޭރަށްދާއިރު ލިބިފަ ހުންނާނެ ގެއްލުން،" ޑރ. ޝަނީޒް ވިދާޅުވި އެވެ.
ކެތު ލެބެއް ލިބުމާއެކު އެކަހަލަ ހާލަތްތަކުގައި ވެސް އަވަހަށް ފަރުވާދީ، ހާޓް އެޓޭކްފަދަ މައްސަލަތަކުން ވެސް ދިގު މުއްދަތަށް ކުރާ އަސަރު އެތައް ގުނައަކަށް ދަށްކުރެވޭ ކަމަށް ޑރ. ޝަނީޒް ވިދާޅުވި އެވެ. އެގޮތުން އާންމުކޮށް ދެ ތިން ދުވަސް ތެރޭ މީހުން ހޮސްޕިޓަލުން ދޫކުރެވޭއިރު، ދޮޅު މަހެއް ތެރޭ އަނބުރާ އާންމު ދިރިއުޅުމަށް އެމީހާއަށް ދެވޭވަރުވާ ކަމަށް ޑރ. ޝަނީޒް ވިދާޅުވި އެވެ.
"ދޮޅު މަސް ތެރޭ ގިނަ މީހުންނަށް ހަމަ ނޯމަލީ ހުރިހާ މަސައްކަތެއް ކުރެވޭ ވަރުވޭ، އެކަމަކު ކުރިންނަމަ ދިރި ހުރެ ބޭރަށް ގޮއްސަ އައިސްވެސް އެމީހާގެ ހާޓު ފެއިލްވެފަ ހުންނާނީ، މަސްގަނޑަށް ގެއްލުން ވެގެން. ދިރިއުޅުމަށް ވަރަށް ބޮޑު އަސަރެއް ކުރޭ،" އޭނާ ވިދާޅުވި އެވެ.
އެންސީސީ އާއި އެތަނުގެ ކެތު ލެބާއެކު އެކި ކަހަލަ ތަފާތު އުކުޅުތައް މިހާރު ފަރުވާދިނުމަށް ބޭނުންކުރާ ކަމަށް ވެސް ޑރ. ޝަނީޒް ވިދާޅުވި އެވެ. ޓްރާންސްކެތެޓާ އުކުޅަކީ އެކަމުގެ އެއް މިސާލެވެ. އެކަމަކު އަދިވެސް ރަނގަޅު ކުރަން ޖެހޭ އެތައް ކަމެއް ހުރި ކަމަށް އޭނާ ދެކިލައްވަ އެވެ.
އެގޮތުން، މިހާރު އެންމެ ބޮޑު އަމާޒަކީ ސާޖިކަލް ބެކްއަޕެއް ގެނެސް، ކާޑިއެކް ސާޖަރީ ނުވަތަ ހިތުގެ ސާޖަރީ އާއި އިލެކްޓްރޯ ފިޒިއޮލޮޖީ ނުވަތަ ހިތުގެ ކަރަންޓު ހިނގާ ގޮތާއި ގުޅޭ ދާއިރާތައް ތަރައްގީކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ބޮޑު ލެކިން ޕާޓަކީ މިހާރު ކާޑިއެކް ސާޖަރީ، ސާޖިކަލް ބެކްއަޕްއަކާ އިލެކްޓްރޯފިޒިއޮލޮޖީގެ ބައިތައް. ކަމެއް ވެއްޖިއްޔާ އޮޕަރޭޝަން ކުރަން ޖެހޭ ފަހަރު ހައި ރިސްކް ފަހަރު ޖެހޭނެ ބެކްއަޕް (ޓީމެއް) އޮންނަން. މި ހުރިހާ ދުވަހު މިކަންކަން މި ކުރަނީ ބެކްއަޕެއް ނެތި. އެ ބެކްއަޕެއް އައިސްގެން އިތުރަށް ކުރިއަރާނީ. ދެން އޮތް ފޭސްއަކީ އެއީ. ކާޑިއެކް ސާޖިކަލްއާ އިލެކްޓްރޯ ފިޒިއޮލޮޖީ. ކޮންޖެނިޓަލް ބައި މިއޮތީ ފެށިފަ،" ޑރ. ޝަނީޒް ވިދާޅުވި އެވެ.
މިހާރު ވެސް އެފަދަ ކަންކަމަށް ފަރިތަ އެތައް ޑޮކްޓަރުންނެއް ރާއްޖޭގަައި އެބަ ތިއްބެވި ކަމަށް ޑރ. ޝަނީޒް ވިދާޅުވި އެވެ. އަދި، މިހާ ހިސާބަށް ވެސް އާދެވިފައިވަނީ އެތައް ޑޮކްޓަރުންގެ "ޓީމްވޯކް" އާއި އެހީތެރިކަމުގެ ސަބަބުން ކަމަށް ޑރ. ޝަނީޒް ވިދާޅުވި އެވެ.
އެގޮތުން، އެންސީސީގެ ޑިރެކްޓަރު ޑރ. އަލީ ޝަފީގް، ހެޑް އޮފް ޑިޕާޓްމެންޓް ޑރ. މިގްދާދު ޝަރީފް، ކުޑަކުދިންގެ ހިތުގެ ހާއްސަ ޑޮކްޓަރު ޑރ. އައިޝަތު އެލީނާ އަދި އޭޑީކޭގަައި މަސައްކަތްކުރައްވާ ހިތުގެ އޮޕަރޭޝަން ޑޮކްޓަރު ޑރ. މުހައްމަދު ޝާފިއު އޭނާ ފާހަގަކުރެއްވި އެވެ. ޑރ. ޝަނީޒް ވިދާޅުވީ، ޑރ. އެލީނާ އަނެއްކާ ވެސް ރާއްޖެއިން ބޭރުން ތަމްރީނުވެގެން ވަޑައިގަތުމުން، ކުޑަކުދިންނަށް ވެސް އެފަދަ ހިތުގެ ފަރުވާ ދެވެން ފެށޭނެ ކަމަށެވެ. އެއީ ވެސް ރާއްޖޭގެ ހިތުގެ ފަރުވާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.
އެންސީސީން ހޯދާ މިފަަދަ ކުރިއެރުންތަކުގައި އެތަނުގެ މުޅި ޓީމު ބައިވެރިވެ އެވެ. ޑރ. ޝަަނީޒް ފާހަގަކުރެއްވި ގޮތަށް ރާއްޖޭގެ ޑޮކްޓްރީ އާއިލާގެ އެތައް އެހެން ބައެއް ވެސް އެހީތެރިވެދެ އެވެ. އެކަމުގެ ޝުކުރު އެތަނުގެ އިސް ފަރާތްކާއި ސަރުކާރުތަކަށް ވެސް ހައްގުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އަދިވެސް އެންސީސީ އާއި ޑރ. ޝަނީޒްގެ ދަތުރު ދިގެވެ.












