ފްލެޓްތަކުގައި މީހުން އުޅޭތާ ހަތް މަސް ފަހުން ކުލި ނަގަން ފެށުމުން ވެސް ހިޔާ ޔޫނިއަންގެ ދެކޮޅުވެރިކަން!

Apr 9, 2022, 7:53 AM
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތައް. މިތަންތަނުގެ ކުލި ނުދައްކަން ބަޔަކު ވަނީ ގޮވާލައިފައި. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތައް. މިތަންތަނުގެ ކުލި ނުދައްކަން ބަޔަކު ވަނީ ގޮވާލައިފައި. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހިޔާ ފްލެޓްތަކުގެ ކުލި ދައްކަން ނުފަށައި ގްރޭސް ޕީރިއަޑުގެ ގޮތުގައި ދިން މުހުލަތު ތިން ފަހަރެއްގެ މަތިން އިތުރުކޮށް، ޖުމްލަ ހަތް މަސް ދީފައި ކުލި ނަގަން ފެށުމުން ވެސް ހިޔާ ޔޫނިއަނުން އެކަމާ ދެކޮޅަށް ތެދުވެއްޖެ އެވެ.

ހިޔާ ޔޫނިއަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ފްލެޓްތަކަށް ކުލީގެ ގޮތުގައި ދެއްކޭނީ 5،600.ރ ގެ ރޭޓުން ކަމަށް ބުނެ 1900 މީހަކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ވަނީ ހިޔާ ފްލެޓްތަކަށް ދައްކަން ސަރުކާރާއި އެޗްޑީސީން ކަނޑައަޅާފައި ކުއްޔަކީ ނެގޭނެ އެއްވެސް ޖާގައެއް އޮތް އަދަދެއް ނޫން ކަމަށް ބުނެފަ އެވެ. މިގޮތަށް ހިޔާ ޔޫނިއަނުން ދެކޭއިރު، ހުޅުމާލޭގެ ފުރަތަމަ ފޭހުގައި އަދި މާލޭގައި އެކި ސަރުކާރުތަކުން އެޅި ފްލެޓްތަކުގެ ކުލި، އެތަންތައް ލިބުނު މީހުން ދައްކަމުން އަންނަނީ ސަރުކާރުތަކުން ކަނޑައެޅި ރޭޓްތަކުގަ އެވެ.

ކުލި ދައްކަން ފަށަން ނުޖެހޭ ކަމަށް ހިޔާ ޔޫނިއަނުން ދެކޭ ސަބަބުތަކެއް ދެއްކުމަށް ފަހު އެ ބަޔާނުގައި ބުނީ އެ ފްލެޓްތަކުގެ ކުއްޔާއި މެއިންޓެނެންސްފީ ނެގުން މިހާރުން މިހާރަށް ހުއްޓައިލަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް "އަންގާ" ކަމަށެވެ.

"... 01 އޭޕްރިލްގައި ހިޔާ ފްލެޓްގެ ކުލިނަގަން ހައުސިިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ނެރެފައިވާ އިއުލާނާ ގުޅިގެން ދަންނަވަމެވެ. ހައުސިިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ނެރެފައިވާ އިއުލާނުގައި ބުނާ ކުލި ނެގޭނެ އެއްވެސް ޖާގައެއް އޮތް ކަމަކަށް މި ޔޫނިއަނުން ނުދެކޭ ވާހަކަ ދަންނަވަމެވެ،" ހިޔާ ޔޫނިއަނުން ނެރުނު ބަޔާނުގައި ބުންޏެވެ.

ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމަށާއި އެ ތަނުގައި ހުރި އެހެން މައްސަަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އަދި، ރަމަޟާން މަހާ ދިމާކޮށް ފްލެޓުތަކަށް ކުލި ނެގުން އަދިވެސް އަވަސް ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެ ޔޫނިއަނުން ވަނީ ކުލި ނުދައްކައި މަޑުޖައްސާލުމަށް ވެސް ގޮވާލާފަ އެވެ.

"ހިޔާގެ ކަންކަމަށް ބަސްބުނާނީ އަބަދުވެސް ހިޔާގެ ވެރިންކަން ހަނދުމަކޮށްދެމެވެ،" ހިޔާ ޔޫނިއަންގެ ބަޔާނުގައި ބުންޏެވެ.

25 ބުރީގެ 16 ޓަވަރު ހިމެނޭ ހިޔާ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ބޮޑެތި ލޯނުތަކެއް ނަގައިގެން ހިންގި މަޝްރޫއެކެވެ. އެއީ، އެޗްޑީސީން ނަގާފައިވާ ލޯނުތަކަކަށް ވާތީ ލޯނު އަނބުރާ ދައްކަން ޖެހޭނީ އެކުންފުނިންނެވެ.

މި ފްލެޓުތަކަށް ދައްކަން ޖެހެނީ ފްލެޓު ކުލީގެ 7،500ރ. އާއި މެއިންޓެނަންސް ފީއަށް 1،000ރ. ހިމެނޭހެން، 8،500ރ. އެވެ. މި އަދަދާ މެދު ހިޔާ ފްލެޓު ލިބުނު މީހުންގެ މެދުގައި ދެބަސްވުމާއި ހިޔާލު ތަފާތުވުން އޮތަސް، ހުރިހާ ރައްޔިތުން ކުލި ދައްކަން އެޗްޑީސީން ވަނީ އަންގާފަ އެވެ.

އެގޮތުން، އެޗްޑީސީން ބުނީ ހިޔާ ސަރަހައްދުގައި ޕާކު ހެދުމާއި، މަގު ހެދުމާއި، މިސްކިތް އެޅުމާއި ސްކޫލްތައް އެޅުމުގެ މަސައްކަތް ކުރަނީ މި ފައިސާއިން ކަމުން މި ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދޭން ކުލި ދައްކަން އިލްތިމާސްކުރި އެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ދެއްކުމުގެ މުއްދަތަކީ ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހާ ހަމައަށެވެ. އެ ތާރީހުގެ ފަހުން ކުލިން ދައްކާ ނަމަ ދައްކަން ޖެހޭ ކުލީގެ ޕަސެންޓެއް ޖޫރިމަނާގެ ގޮތުގައި އަދާކުރަން ޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox