ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ ލިފްޓް ލޮބީތައް ބޮޑުކޮށް ކޮރިޑޯތަކަށް ވިއްސާރައިގެ އަސަރުކުރާ މައްސަލަ ހައްލުކުރަން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑިސީ)އިން ފަށައިފި އެވެ.
އެޗްޑީސީން މިރޭ ބުނީ ހިޔާ ފްލެޓްތަކުގެ ލިފްޓް ލޮބީތައް ބޮޑުކުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިޔަށްދާ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ހިޔާގެ 16 ވަނަ ޓަވަރުގެ ލިފްޓް ލޮބީ ބޮޑުކޮށް ނިމިފައިވާ ކަމަށެވެ.
ލިފްޓް ލޮބީ ބޮޑުކުރީ ކުރިން ލިފްޓް ލޮބީއާ ފްލެޓްގެ މެދަށް އޮންނަ ކޯޓްޔާޑާއި ވަކިކުރާ ފާރު ތަޅާލައި ކޯޓުޔާޑާއި ލިފްޓް ލޮބީ އެއްކޮށްލުމަށްފަހު ކަމަށް އެޗްޑިސީން ބުނެ އެވެ.
އެހެން ހެދުމުން އެ ސަރަހައްދުގައި ޖާގަ އިންތިހާއަށް ފުޅާވެގެންދާނެ އެވެ. ކުރިން ލިފްޓް ލޮބީ ހުންނަނީ ހަތަރު ވަރަކަށް ފޫޓުގެ ފުޅާމިން ހުންނަ ކުޑަ ގޯޅިގަނޑެއްގަ އެވެ. އެހެންކަމުން އެތަނުގައި ހިޔާގެ 25 ބުރީގެ ޓަވަރުތަކުގައި ދިރިއުޅޭ ގިނަ ބަޔަކު ލިފްޓް ބޭނުންކުރަން އެއްފަހަރާ ތޮއްޖެހެން ޖެހެ އެވެ.
އެޗްޑީސީން ބުނީ މިވަގުތު އަދި އެއް ޓަވަރުގެ މަސައްކަތް ނިމިފައިވީނަމަވެސް، ހުރިހާ ޓަވަރެއްގެ މަސައްކަތް އެއް މަސް ތެރޭ ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ލިފްޓް ލޮބީގެ އިތުރުން ހިޔާގެ ކޮރިޑޯތަކަށް ވާރޭގެ އަސަރުކުރާތީ، އެތަންތަނުގައި ވެދާ ގްރިލް ޖެހުމަށް ވެސް ނިންމައި އެކަމުގެ ޑިޒައިން ނިމިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އެ މަސައްކަތް ނިމުމުން ކޮރިޑޯތަކަށް ވިއްސާރައިގެ އަސަރުނުކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އޭގެ އިތުރުން ވެސް އެޗްޑީސީން ވަނީ ހިޔާ ފްލެޓްތަކަށް ވަންނަން ހުންނަ ސިޑިތަކުގައި މީހުން އަރާއިރު އިތުރު ސަޕޯޓެއް ދިނުމަށްޓަކައި ރެއިލިން ހަރުކޮށްފަ އެވެ.












