ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ސްމާޓްކޮމް ބްރޭންޑުގެ ދަށުން ގިނަ ހިދުމަތްތަކެއް ލިބޭ ސްމާޓް ޕޯލް އަދި ސްމާޓް ބެންޗު ބަހައްޓައިފި އެވެ.
އެޗްޑީސީން އިއްޔެ ހަވީރު މިކަމަށްޓަކައި ބޭއްވި އިވެންޓު ޝަރަފުވެރި ކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.
އެޗްޑީސީގެ ސްމާޓް ސިޓީ ތަސައްވުރުގެ އެންމެ މުހިއްމު އެއް މަގުސަދަކީ ހުޅުމާލޭގައި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުން ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން، މި ވަސީލަތްތައް ރާއްޖޭގެ މާހައުލާ ގުޅޭ މިންވަރު ބެލުމަށް ފަހު މިތަކެތި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރަން އެ ކުންފުނިން ވަނީ ނިންމާފަ އެވެ.
"އިޔާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރެވޭ މިފަދަ ޕޯލްތަކަކީ ޖުމުލަ ގޮތެއްގައި މުޅި ސިޓީގެ ކާބަން އެމިޝަން ކުޑަ ކުރުމަށް މަގުފަހިކޮށްދޭ ސްމާޓް ސިޓީ ވަސީލަތްތަކެއް. މީގެ ސަބަބުން ދިގު މުއްދަތުގައި ހުޅުމާލެ ފަދަ އާބާދީ ބޮޑު އާބަން ސިޓީތަކުގެ ތިމާވެއްޓަށް ގިނަގުނަ ހެޔޮ ބަދަލުތައް އަންނާނެ،" އެ އިވެންޓުގައި އެޗްޑީސީގެ އެމްޑީ ސުހައިލް އަހްމަދު ވިދާޅުވި އެވެ.

އެޗްޑީސީން އަލަށް ތައާރަފްކުރި ސްމާޓް ޕޯލް. މީގެއިން ތަފާތު ގިނަ ހިދުމަތްތައް ލިބޭނެ -- ފޮޓޯ: އެޗްޑީސީ

ސްމާޓް ޕޯލް އަކީ އިރުގެ އަލި އަދި ވައިގެ ޒަރީއާއިން އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ދިއްލޭ ޕޯލްއެކެވެ. މިއާއެކު މިފަދަ ދިއްލުންތަކުގެ ކަރަންޓު ބޭނުންކުރެވޭ މިންވަރު 90 ޕަސެންޓު ދަށްކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އޭގެ އިތުރުން ޕަބްލިކް ވައިފައި، ސެކިއުރިޓީ ކެމެރާ، އައިއޯޓީ ސެންސާ އަދި މުހިންމު އާންމު މައުލޫމާތާއި، ޕަބްލިކް އެނައުންސްމެންޓްތައް ފޯރުކޮށްދިނުމުގެ އިތުރުން ޑިޖިޓަލް އިސްތިހާރުތައް ވެސް ސްމާޓް ޕޯލުން ދެއްކޭނެ އެވެ. ކަރަންޓު ކެނޑޭ ވަގުތުތަކުގައި ވެސް މި ޕޯލްގެ ހިދުމަތްތައް މެދުނުކެނޑޭނެ އެވެ.
ސްމާޓު ބެންޗު މެދުވެރިކޮށް އާކިޓެކްޗުރަލް ލައިޓިން، ޔޫއެސްބީ ނުވަތަ ވަޔަލެސް ޗާޖިން ޕޮއިންޓްސް އަދި އިލެކްޓްރިކަލް ބައިސިކަލް އަދި ވީލްޗެއާ ފަދަ ތަކެތީގެ ޗާޖު ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
ސްމާޓް ޕޯލް އަދި ސްމާޓް ބެންޗަކީ ވެސް ދެމެހެއްޓެނިވި ގޮތެއްގައި ހުޅުމާލެ ތަރައްގީ ކުރުމުގެ މުހިންމު ރޯލެއް އަދާކުރާނެ ވަސީލަތްތަކެއް ކަމަށް އެޗްޑީސީން ދެކެ އެވެ.














