ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް އަމާޒުކޮށްގެން މުހިންމު މައުލޫމާތުތަކެއް ދިނުމަށް ހާއްސަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މާދަމާ ބާއްވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހާމަކޮށްފި އެވެ.
މާދަމާ ހަވީރު 16:15 އިން 18:00 އަށް މި ޕްރޮގްރާމް އޮންނާނީ ހިޔާ ފްލެޓް ސަރަހައްދުގަ އެވެ. މުހިންމު މައުޟޫއު ތަކަށް ތަފާތު އެކި އިދާރާތަކުން މި ޕްރޮގްރާމްގެ ތެރެއިން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެގޮތުން، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ގުޅޭ މައުލޫމާތު އެމްއެންޑީއެފް އިން ފޯރުކޮށްދޭނެ އެވެ. އަނިޔާއެއް ލިބިއްޖެ ވަގުތެއްގައި ފުރަތަމަ އެހީ ދޭނެ ގޮތްތައް މޯލްޑިވްސް ރެޑް ކްރެސެންޓުން ކިޔައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި، "ރައްކާތެރިވަމާ" ނަމުގައި ފުލުހުން ވެސް މި ޕްރޮގްރާމްގެ ތެރެއިން ހާއްސަ ސެޝަނެއް ކުރިއަށް ގެންދާނެ އެވެ.
އޭގެ އިތުރުން، ކުނި މެނޭޖުކުރުމުގެ މުހިންމު ކަމާ ގުޅޭގޮތުން މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން މައުލޫމާތު ފޯރުކޮށްދޭނެ އެވެ. ހަމައެހެންމެ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ މުހިންމު ކަމާ ގުޅޭގޮތުން ހުޅުމާލޭ ހޮސްޕިޓަލުން ހާއްސަ ސެޝަނެއް ކުރިއަށް ގެންދާނެ އެވެ.
މި ޕްރޮގްރާމްގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.

ހިޔާ މަޝްރޫއުގައި 16 ޓަވަރު ހަދާފައިވާއިރު، ކޮންމެ ފްލޯއެއްގައި، 20 ފްލެޓް ހުރެ އެވެ. އަދި ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ. އެއީ ފްލޯއެއްގައި 100 މީހުންނެވެ.
އެ އަދަދުން ބަލާ ނަމަ ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ އެވެ.
އެހެންކަމުން، އެތަނުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަކީ މުހިންމު ކަމެކެވެ.












