ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ޓަވަރުތަކުގެ ބައެއް ފްލެޓުން ފެން ކެނޑެމުންދާ މައްސަލަ މިހާރު އެއްކޮށް ހައްލުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) އިން ބުނެފި އެވެ.
އިއްޔެ ރޭން ފެށިގެން ހިޔާ ފްލެޓްތަކުގެ ބައެއް ޓަވަރުތަކަށް ފެނުގެ ހިދުމަތް މެދުކެނޑިފައި ވަނީ ފެން ފޯރުކޯށްދޭ ޕަންފެއް އޯވާހީޓްވެގެންނެވެ. އެގޮތުން ފެނުގެ ހިދުމަތް މެދުކެނޑިފައިވަނީ ޓަރު 9 އިން 16 އަށެވެ.
އެމާ ގުޅިގެން އެޗްޑީސީގެ އިންފޮމޭޝަން އޮފިސަރު އަލީ މަޝާރު "އަދަދު" އަށް ވިދާޅުވީ މިހާރު އެ މައްސަލަ ހައްލުކޮށް ޓަވަރުތަކަށް ފެނުގެ ހިދުމަތް ދެމުންދާ ކަމަށެވެ.
ހިޔާ ފްލެޓްތަކަށް އެމްޑަބްލިއުއެސްސީން ފެނުގެ ހިދުމަތްދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އޭރުގައި ފެން ދެމުން ގެންދިޔައީ އެކި ޓަވަރުތަކަށް އެކި ވަގުތުތަކުގަ އެވެ. ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުން ސްޓެލްކޯއިން ވަނީ ހުރިހާ ގަޑިތަކުގައި 16 ޓަވަރަށް ކަރަންޓުގެ ހިދުމަތް ދޭން ފަށާފަ އެވެ.
ހިޔާ ފްލެޓްތަކުގައި އޯގަސްޓް މަހުން ފެށިގެން މީހުން ދިރިއުޅެމުންދާއިރު 16 ޓަވަރުގައި ވެސް މީހުން ދިރިއުޅެ އެވެ. އެގޮތުން 1،000 އަށްވުރެ ގިނަ ފްލެޓަށް ވުރެ ގިނަ ފްލެޓްގައި މިހާރު 15،000 އަށްވުރެ ގިނަ މީހުން އަންނަނީ ދިރިއުޅެމުންނެވެ.














