ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިންމައި، އާންމުންނަށް މާދަމާ ހުޅުވާލަން ނިންމައިފި އެވެ.
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ ހިޔާ ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މާދަމާއިން ފެށިގެން އެ މަގުތައް އާންމުންނަށް ބޭނުންކުރެވޭނެ ކަމަށެވެ.
އެޗްޑީސީން ބުނީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ، މި މަހުގެ ނިޔަލަށް ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ އާއިލާތަކުގެ ޒަރޫރީ ބޭނުންތައް އެ ސަރަހައްދުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އެގޮތުން ހިޔާ ފްލެޓް ސަރަހައްދުގައި ކޮންވީނިއަންޓް ސްޓޯރުތަކާއި ބޭސްފިހާރަތައް، ކްލިނިކްތައް އަދި ޑޭކެއާ އާއި ޓިއުޝަން ސެންޓަރު އަދި ގުރުއާން ކްލާސްތަކާއި ސެލޫން ހިންގަން ވަނީ ހުޅުވާލައިފަ އެވެ.












