އަންނަ މަހުން ފެށިގެން ހުޅުމާލޭގައި ހުންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބަނދަރުން ކޮންޓެއިނަރު ދޫކުރާނީ ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދަ ލިބިގެން ކަމަށް އެޗްޑީސީން ބުނެފި އެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ހުއްދައިގެ ދަށުން އަންނަ މަހުން ފެށިގެން އެމްޕީއެލްއިން ކޮންޓެއިނަރު ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އަދި މަގުގެ އެއް ފަރާތުގައި ބެހެއްޓުމަށް ގެނެވޭ ކޮންޓެއިނަރު އެގޮތަށް ބެހެއްޓުމަށް ވެސް ރޯޑު އޮކިއުޕަންސީ ފީއެއް ދައްކަން ޖެހޭނެ ކަމަށާއި އަދި އެގޮތަށް ކޮންޓެއިނަރު ބެހެއްޓޭނީ ވެސް އެ ކުންފުނީގެ ހުއްދައެއް ލިބިގެން ކަމަށް އެޗްޑިސީން އެ ބަޔާނުގައި ބުނެ އެވެ.
އެޗްޑިސީން ވަނީ އެ ކުންފުނީގެ މައި ހުޅުމާލެ ޕޯޓަލް މެދުވެރިކޮށް އެ ހުއްދައަށް އެދެވޭނެ ކަމަށް ބުނެފަ އެވެ. އަދި އީމެއިލްގެ ޒަރިއްޔާއިން ލޮޓްތަކުގައި ބަހައްޓަން ގެނެވޭ ކޮންޓެއިނަރުގެ ތަފްސީލު އެ ކުންފުންޏާ ހިއްސާކުރުމަށް އެޗްޑީސީން އެދެ އެވެ.
އެގޮތަށް ތަފްސީލު ފޮނުވާނީ inspectors@hdc.com.mv އަށެވެ. އަދި އެގޮތަށް ފޮނުވާ އީމެއިލްތައް municipal@hdc.com.mv އަށް ސީސީކުރުމަށް ވެސް އެޗްޑީސީން އެދެ އެވެ.













