ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގެ މަގުތަކުގައި ތާރު އަޅާ ނިންމާނެ ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
އެޗްޑީސީން ބުނީ ހިޔާ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ތާރުއެޅުމުގެ މަސައްކަތް "ބާރަށް ކުރިއަށްދާ" ކަމަށެވެ. އަދި ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ހިޔާ ސަރަޙައްދުގެ ހުރިހާ މަގެއްގައި ތާރުއަޅައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް މަގު ހުޅުވާލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ މަސައްކަތް ކުރަމުންދާއިރު ދިމާވެދާނެ ނުރައްކަލަކަށް އެންމެން ވެސް ސަމާލުވުމަށް އެޗްޑީސީން އިލްތިމާސްކުރެ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ހިޔާ ފްލެޓް ސަރަހައްދުގައި ކޮންވީނިއަންޓް ސްޓޯރުތަކާއި ބޭސްފިހާރަތައް، ކްލިނިކްތައް އަދި ޑޭކެއާ އާއި ޓިއުޝަން ސެންޓަރު އަދި ގުރުއާން ކްލާސްތަކާއި ސެލޫން ހިންގަން ވަނީ ހުޅުވާލައިފަ އެވެ.











