ސުވާލު އުފެދޭ ފަދަ ގޮތަކަށް މަރުވެފައި އޮއްވާ ފެނުނު އައިޖީއެމްއެޗުގެ ފިލިޕީންސް ނަރުސް މޭރީ ގްރޭސް ޕިނޭޑާ މަރާލި މައްސަލާގައި ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށް، އެ މައްސަލާގައި ދައުވާލިބޭ މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ ބަންދަށް ހަތަރު ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.
ދަންޖެހިގެން މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު މަރުވި ކަމަށް ބުނި މޭރީގެ މަރުގައި ޝައްކުތަކެއް އުފެދެމުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި، 29، އެވެ. އަދި ފަހުން އޭނާގެ ލޯބިވެރިޔާ ލަމްހާ، 24، ވެސް ކޯޓު އަމުރެއްގެ ދަށުން އެ މައްސަލައިގައި ހައްޔަރު ކުރި އެވެ.
މާވިންއަށް ދައުވާ ކުރަނީ ގްރޭސްގެ ބޮލަށާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާ ކަމަށް ތުހުމަތުކޮށެވެ. އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާއިރު، އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހު ދައުލަތުން ވަނީ ޝަރީއަތް ނިމެންދެން ލަމްހާ ބަންދުކުރަން އެދިފަ އެވެ.
ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ އިތުރު ހެކިތަކެއް ވެސް ހުށަހަޅަން ހުރުމުން، ޝަރީއަތް ނިމެންދެން ބަންދުކުރުމާ މެދު އެ ދުވަހު ގޮތެއް ނުނިންމަވާ، ލަމްހާގެ ބަންދަށް ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.
މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ވަނީ ލަމްހާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ވެދާނެ ކަމުގެ ފުރުސަތު އަދިވެސް އޮތުމުން އޭނާ ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން އެދިފަ އެވެ.

ނަމަވެސް ދިފާއީ ވަކީލު ވަނީ ބައެއް ކަންކަން ދިރާސާކުރަން ވަގުތު ބޭނުންވާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ ވަނީ އަންނަ ހޯމަ ދުވަހުގެ ހަވީރު 4 ޖަހަންދެން ލަމްހާގެ ބަންދުގެ މުއްދަތު އިތުރުކުރު ކޮށްފަ އެވެ.
ވަކީލުން އެދުނީ ލަމްހާގެ ސިއްހީ ހާލަތު ބަލައިދިނުމަށް!
މިއަދު ބޭއްވި އަޑުއެހުމުގައި ލަމްހާގެ ވަކީލު އަބްދުﷲ ޝާއިރު ވަނީ ބަންދުގައި ހުރި މުއްދަތުގެ ތެރޭގައި އޭނާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ދައުލަތުން އެއްވެސް ކަމެއް ބަލާފައި ވާނެތޯ ސުވާލުކުރައްވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެމުން ދައުލަތުން ބުނީ އާންމު އުސޫލުން، ބަންދުގައި ހުންނަ މީހެއްގެ ސިއްހީ ފަރުވާގެ ކަންކަމުގެ މައުލޫމާތު ދައުލަތުން ހޯދަނީ އެފަދަ ޝަކުވާއެއް ލިބުމުން ކަމަށެވެ. އަދި މި މައްސަލައިގައި މިހާތަނަށް ވެސް ލަމްހާގެ ފަރާތުން އެފަދަ އެއްވެސް ޝަކުވާއެއް ލިބިފައި ނުވާތީ އެކަން ބަލާފައި ނުވާނެ ކަމަށް ދައުލަތުން ބުންޏެވެ.
އެކަމާ ގުޅިގެން ގާޒީ ވަނީ ދައުލަތުން ލަމްހާގެ ސިއްހީ ހާލަތު ބެލުމަށް ފަހު ދެން އޮންނަ ޝަރީއަތުގައި އެ ވާހަކަތަކަށް ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ލަމްހާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ދައްކަން ހުރި ބައެއް ވާހަކަތަކަކީ ވަރަށް ޒާތީ ވާހަކަތަކެއްކަމުން ބަންދާ މެދު ގޮތެއް ނިންމަން ބާއްވާ އަޑުއެހުން ސިއްރުކޮށްދިނުމަށް ދިފާއީ ވަކީލު ވަނީ މިއަދުގެ އަޑުއެހުމުގައި އެދިވަޑައިގެންފަ އެވެ.
ގްރޭސް މަރާލާފައި ވަނީ އޭނާ ދިރިއުޅެމުން ދިޔަ މއ. އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭ ކަމާއި، މަރާލާފައި ވަނީ އަނިޔާވެރި ކަމާއެކު ރަހުމު ކުޑަ ގޮތަކަށް ކަމަށް މައުލޫމާތު ލިބެ އެވެ. ގްރޭސް މަރުވެފައި ވަނީ ލިބުނު ޒަހަމްތަކުގެ ސަބަބުން ކަމަށް، ހަށިގަނޑު އިންޑިއާ އަށް ފޮނުވައިގެން ހެދި ޕޯސްޓް މޯޓަމްގެ ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
މަރުވެފައި އޮއްވައި ފެނިގެން އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ދަން ޖެހިފައި ހުއްޓާ ކަމަށް ބުނެ އޭނާގެ ފިރިމީހާ އެވެ. އެފަދަ ކަމެއްގެ ނިޝާނެއް ނެތް ކަމަށް ވެސް ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
ގްރޭސްގެ މަރާ ގުޅިގެން، ޕޯސްޓް މޯޓަމް ހެދުމަށް ފަހު ހަށިގަނޑު ވަނީ ތައިލެންޑަށް ފޮނުވާލައިފަ އެވެ.
ގްރޭސްއަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިން އާއި ލަމްހާ އަކީ ކެޝުއަލްޓީގައި މަސައްކަތް ނަރުހުންނެވެ.













