ކުޑަކުދިން ބެލުމަށް ހާއްސަ ޑޭ ކެއާ ސެންޓަރެއް ހުޅުމާލޭގައި ހަދާނެ ބަޔަކު ހޯދުމަށް އެ ރަށް ހިންގާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ރޭ އިއުލާނުކޮށްފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައި އޮތީ ޑޭ ކެއާ ސެންޓަރު އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ބޯގަންވިލާ މަގުގައި އޮންނަ ލޮޓު ނަންބަރު 10949 ގައި ކަމަށެވެ.

ޑޭ ކެއާ ސެންޓަރު އަޅާ ތަނުގެ ތަފްސީލު: މީގެ ކުރިން ހުޅުމާލޭގައި އަމިއްލަ ބަޔަކު ޑޭ ކެއާ ސެންޓަރެއް ހިންގި -- ފޮޓޯ: އެޗްޑީސީ
ޑޭ ކެއާ ސެންޓަރު ޑެވެލޮޕްކުރުމަށް އެޗްޑީސީން ހިޔާލުކޮށްފައި އޮތް ބިޒްނަސް މޮޑެލްއަކީ ޑިވެލޮޕްމަންޓް އެންޑް ލީސް ރައިޓްސް އެވެ. މާނައަކީ ތަން ޑިވެލޮޕް ކުރުމާއި ކުއްޔަށް ދިނުމުގެ ހައްގު އަނެއް ޕާޓީއަށް ލިބުމެވެ.
ނަމަވެސް އެ ނޫން ގޮތްގޮތަށް ވެސް ޕްރޮޕޯސަލް ހުށަހެޅިދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އެކަމަކު ކޮންމެ ގޮތަކަށް ޕްރޮޕޯސަލެއް ހުށަހެޅި ނަމަވެސް ދެ ފަރާތަށް ލިބޭ މަންފާތަށް އޭގައި ސާފުކޮށް ބަޔާން ކުރަންޖެހޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އައިޑިއާ ކިޑްސްގެ ނަމުގައި މީގެ ކުރިން ހުޅުމާލޭގައި ޑޭ ކެއާ ސެންޓަރެއް ހިންގި އެވެ. ނަމަވެސް މިހާރު އެތަން ހުންނަނީ ދާއިމީކޮށް ބަންދުކޮށްފަ އެވެ.
ހުޅުމާލޭގައި ގާތްގަޑަކަށް 98،000 މީހުން ދިރިއުޅޭ ކަމަށް އެޗްޑީސީން 2020 ވަނަ ބުނެފައިވެ އެވެ. ހުޅުމާލޭ ދެ ވަނަ ފޭހުގައި އިމާރާތް ކުރި ހިޔާ ފްލެޓުތައް މީހުން ބަދަލުވާން ފެށުމާއެކު އެ އަދަދު މިހާރު އިރުވެފައިވާ ކަމަށް ބެލެވެ އެވެ.
ހިޔާ މަޝްރޫއުގައި 16 ޓަވަރު ހަދާފައިވާއިރު، ކޮންމެ ފްލޯއެއްގައި، 20 ފްލެޓް ހުރެ އެވެ. އަދި ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަނުން ލަފާކުރެ އެވެ. އެހެންކަމުން އެއީ ފްލޯއެއްގައި 100 މީހުންނެވެ.
އެ އަދަދުން ބަލާ ނަމަ ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ އެވެ.












