ދަން ޖެހިގެން މަރުވީ ކަމަށް ބުނެ ރިޕޯޓް ކުރި އައިޖީއެމްއެޗުގެ ފިލިޕީންސް ނަރުސް މޭރީ ގްރޭސް ޕިނޭޑް މަރާލަން އިރުޝާދު ދިނީ އޭނާގެ ފިރިމީހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ހަލީމަތު ލަމްހާ ކަމަށް ދައުލަތުން ތުހުމަތުކޮށްފި އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު އަމިއްލައަށް މަރުވި ކަމަށް ބުނި މޭރީގެ މަރުގައި ޝައްކުތަކެއް އުފެދެމުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި، 29، އެވެ. އަދި ފަހުން އޭނާގެ ލޯބިވެރިޔާ ހަލީމަރު ލަމްހާ، 24، ވެސް ކޯޓު އަމުރެއްގެ ދަށުން އެ މައްސަލައިގައި ހައްޔަރު ކުރި އެވެ.
އެ ދެމީހުންގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައި ވާއިރު، ލަމްހާއަށް ތުހުމަތު ކުރަނީ އޭނާގެ ލޯބިވެރިޔާ ކައިވެނިކޮށްގެން އުޅުނު މޭރީ މަރާލުމަށް މަގުފަހިކޮށް، އެ އަމަލުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އެ މައްސަލައިގެ އަޑުއެހުންތައް ފެށިފައިވާއިރު، ދައުލަތުން ވަނީ ލަމްހާގެ މައްޗަށް ކުރާ ދައުވާތައް އިއްވުމަށްފަހު، އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދިފަ އެވެ. އަދި މޭރީ މަރާލަން މާވިންއާއެކު ލަމްހާ ދެއްކި ބައެއް ވާހަކަތައް ޝަރީއަތަށް ކިޔައިދީފަ އެވެ.
"އެ ސިރިންޖް (އިންޖެކްޝަން) އެއްކޮށް ހުސްކޮށްލުމަށްފަހު އޭނާ (މޭރީ) މަރުވިކަން ޔަގީން ކުރާތި،" މޭރީ ދަންޖެހިގެން މަރުވެއްޖެ ކަމަށް ރިޕޯޓް ކުރުމުގެ ކުޑަ އިރުކޮޅެއް ކުރިން ލަމްހާ މާވިންއަށް މިފަދަ މޭރުމަކުން މެސެޖެއް ކޮށްފައިވާ ކަމަށް ދައުލަތުން މިއަދުގެ އަޑުއެހުމުގައި ބުންޏެވެ.

ލަމްހާ ދިރިއުޅުނު ކޮޓަރިން އޭނާ މަސައްކަތްކުރާ އައިޖީއެމްއެޗް ހޮސްޕިޓަލުން ބޭރަށް ގެންދިޔުން މަނާ ބައެއް އިންޖެކްޝަންތަކަކާއި ބޭސްތަކެއް ފެނިފައިވާއިރު، ދައުލަތުން ބުނީ އެއީ ދިރިހުރި އިންސާނެއް މަރާލެވޭވަރުގެ ބާރުގަދަ ބޭސްތަކެއް ކަމަށެވެ. އަދި ގްރޭސްގެ މަރުގެ ފަހަތުގައި ލަމްހާގެ ބޮޑު ދައުރެއް ވާކަން ދަލީލުކޮށްދޭ ގިނަ ހެކިތަކެއް ހުރިކަން ދައުލަތުން ފާހަގަކުރި އެވެ.
މީގެ އިތުރުން ލަމްހާގެ އެ މެސެޖަށްފަހު، "ފަސޭހައިން މީހަކު މަރާލެވޭނެ ގޮތްތައް" އިންޓަނެޓު މެދުވެރިކޮށް މާވިން ސާޗްކޮށްފައިވާ ކަމަށާއި، އޭނާގެ ފޯނުގެ ފޮރިންސިކް ރިޕޯޓެއްވެސް ހެކި ހުށަހަޅާ މަރުހަލާގައި ހުށަހަޅާނެ ކަމަށްވެސް ދައުލަތުން ބުންޏެވެ.
މިއަދުގެ އަޑުއެހުމަށް ލަމްހާ ހާޒިރުވީ ދިފާއީ ވަކީލަކާއެކު އެވެ. އޭނާ ތަމްސީލުކުރާ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވި ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ 40 އަށް ވުރެ ގިނަ ހެކިވެރިންނަކީ މޭރީ މަރާލިކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތަކެކެވެ. އެއީ ލަމްހާގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުކުރުމަށް ބުރަދަން ދެވިދާނޭ ހެކިތަކެއް ނޫންކަމަށް ވަކީލު ޝާއިރު ވިދާޅުވި އެވެ.
ހަ އަހަރުގެ ހުކުމެއް އަންނާނެ ކަމަށް ޕީޖީއިން ލަފާ ކުރާ އެ ދައުވާ ލަމްހާގެ މައްޗަށް ސާބިތު ނުވާނެ ކަމަށް ވަކީލް ޝާއިރު ދެކެނީ، މޭރީ މަރާލުމުގައި އަމަލީ ގޮތުން ލަމްހާ ބައިވެރިވެފައި ނުވާކަން ދައުލަތުން ފާހަގަކުރުމުންނެވެ.
ދައުވާއަށް ބަދަލެއް ނުގެނެސް މިއަދު ދައުލަތުން ވަނީ ލަމްހާއަށް ކުރާ ތިން ދައުވާއަށްވެސް ބާރުދޭ އިތުރު ހެކިތަކެއްވެސް ކޯޓަށް ހުށަހަޅާފަ އެވެ. އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝީދު ވިދާޅުވި ގޮތުގައި މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނަނީ ދިފާއުއަށް އެ ހުރިހާ ލިޔެކިޔުމެއް ލިބި ހަމަވުމުންނެވެ.
އަޑުއެހުން ނިންމާލަމުން ލަމްހާއަށް 30 ދުވަހުގެ ބަންދެއް ޖަހާފައިވާއިރު، މާވިންގެ ބަންދުގެ މުއްދަތު ވެސް ވަނީ އިތުރުކޮށްދީފަ އެވެ.
މޭރީގެ މަރުގެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ލަމްހާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 16، ގަ އެވެ. ތިން ފަހަރަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ކޮށްފައިވާ ފުރަތަމަ ތުހުމަތަކީ މީހަކު މަރާލަން އެހީތެރިވުމެވެ. ދެން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ. އަދި އޭނާ ދިރިއުޅޭ ގެއިން ފެނުނު އިންޖެކްޝަންތަކާ ގުޅިގެން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް އުފުލާފައި ވެއެވެ.
މޭރީ އޭނާގެ ފިރިމީހާއާ ކައިވެނިކޮށްފައި ވަނީ މީގެ ފަސް އަހަރު ކުރިން 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. މޭރީ ކުރިން މަސައްކަތްކޮށްފައި ވަނީ ފްރެސިނިއަސް މެޑިކަލް ކެއާގަ އެވެ. އެއީ ޑަޔަލަސިސް ހެދުމާއި ކިޑްނީގެ ބަލިތަކަށް ހާއްސަ ފަރުވާދޭ ސެންޓަރެކެވެ.













