އިންތިގާލީ އިންސާފުގެ މައްސަލަތަކާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމަން ކަނޑައެޅި މުއްދަތު އުވާލައިފި އެވެ.
އަލަށް އުފައްދާފައިވާ އިންތިގާލީ އިންސާފުގެ އޮފީހުން ބަލަނީ 1 ޖެނުއަރީ 1953 ން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތަކެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ނިޒާމީ ގޮތުން ރާވައިގެން އިންސާނީ ހައްގުތައް ގެއްލުވާލާފައިވާ މައްސަލަތައް "ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި، ހަގީގަތާ ހަމައަށް ވާސިލުވުމަކީ" އެ އޮފީހުގެ ޒިންމާއެކެވެ.
އޮފީހަށް މައްސަލަ ހެށުހެޅުމުގެ ފުރުސަތު ހުޅުވާލުމުން ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާއިރު, މިހާރު އޭގެ ދިރާސާތައް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތަށް އެ އޮފީހުން ގިނަ ގަވައިދުތަކެއް ވެސް ހެދި އެވެ. އޭގެ ތެރެއިން އެއް ގަވައިދަކީ އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ބަދަލު ނަގައިދިނުމުގައި ކޯޓުތަކުން އަމަލުކުރާނެ އިޖުރާއަތުތަކާއި ބަދަލު ނަގައިދޭނެ އަދަދުތަކުގެ މިންގަނޑުތަކުގެ ގަވާއިދެވެ.
އެ ގަވައިދުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބައެއް ހިމަނާފައިވެ އެވެ. ބަދަލު ނަގައިދޭނެ ގޮތާއި ނަގައިދެވޭނެ ބަދަލުތައް ތަފްސީލުކޮށް ގަވައިދުގައިވެ އެވެ. އަދި, އެފަދަ ބަދަލުގެ މައްސަލަތައް ކޯޓަށް ހުށަހަޅައިފިނަމަ, އެ މައްސަލައެއް ނިންމަން ޖެހޭނެ މުއްދަތު ވެސް ކަނޑައަޅާފައިވެ އެވެ.

އެގޮތުން, ގަވައިދުގެ 20 ވަނަ މާއްދާގައި ބުނެފައި އޮތީ, ގަވާއިދުގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލަތަކާމެދު ގިނަވެގެން 18 މަސް ދުވަހުގެ ތެރޭގައި ގޮތެއް ނިންމައި ހުކުމް ކުރަންވާނެ ކަމަށެވެ. ނަމަވެސް, މިދިޔަ ބުރާސްފަތި ދުވަހު އިންތިގާލީ އިންސާފުގެ އޮފީހުން ވަނީ ގަވައިދުގެ އެ މާއްދާގައި އުވާލާފަ އެވެ.
އިންތިގާލީ އިންސާފަށް އެދި އެންމެ ގިނައިން ހުށަހެޅުނު މައްސަލަތައް:
- ބޯހިޔާވަހިކަން: 175 މައްސަލަ
- މަސައްކަތްކުރުމުގެ ހައްގު: 156 މައްސަލަ
- ގާނޫނާއި ހިލާފް ހައްޔަރާއި ބަންދުކުރުން: 44 މައްސަލަ
- އަދުލުވެރި ޝަރީއަތްކުރުން: 26 މައްސަލަ
- ލާއިންސާނީ އަދަބު: 24 މައްސަލަ
- މުދާ ހޯދުމާއި ގެންގުޅުން: 12 މައްސަލަ
ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް ވިދާޅުވެފައިވާ ގޮތުގައި, މައްސަލަތައް ހުށަހެޅުމުގެ މުއްދަތުގައި ހުށަހަޅާފައިވާ 488 މައްސަލައިގެ ތެރެއިން ކުރިއަށް ގެންދަން ނިންމާފައި ވަނީ 452 މައްސަލަ ކަމަށެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް އަންނަ އަހަރުގެ ކުރީކޮޅުގައި ވެސް ނިމޭނެ ކަމަށް ވިދާޅުވި އެވެ.
އިންތިގާލީ އިންސާފުގެ އޮފީހުން ބަލަމުންދާ 452 މައްސަލަ ނިންމަން އޮތީ ދެ އަހަރު ދުވަހުގެ މުހުލަތެކެވެ. އިންތިގާލީ އިންސާފުގެ ގާނޫނަކީ ސުލްހަވެރި ހައްލުތަކެއް ހޯދުމަށް ހެދި ގާނޫނެއް ކަމަށާއި، ގާނޫނީ މުއްދަތަށް ވިސްނައިގެން ސުލުހަވެރި ހައްލަކުން މައްސަލަ ނިންމަން މަސައްކަތް ކުރާ ކަމަށް ސަލާމް ވިދާޅުވި އެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނާ ތާރީހަށް މަސައްކަތްތައް ނިންމަން މުވައްޒަފުން ނެގުމަށް އިންތިގާލީ އިންސާފުގެ އޮފީހުގެ އަންނަ އަހަރުގެ ބަޖެޓަށް 2.2 މިލިއަން ރުފިޔާ ވަނީ އިތުރުކޮށްފަ އެވެ.












