ހުޅުމާލޭގައި ގިނަ މީހުން އެއްވެގެން ބާއްވާ ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމަށް ދޫކުރަމުންދިޔަ ހުއްދަ ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.
އެޗްޑީސީން ބުނީ ކޮވިޑްގެ އާ ވޭރިއެންޓް، އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން ފެނިފައިވުމާއެކު ބަލިޖެހޭ އަދަދު މާލެ ސަރަހައްދުގައި އިތުރުވަމުން ދާތީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ މީހުން އެއްވާ ހަފްލާތަކާއި ހަރަކާތްތައް މެދުކަނޑާލުމަށް އެޗްޕީއޭއިން އަނގާފައިވާ ކަމަށެވެ.
"އެކި ސަރަހައްދުތަކުގައި ގިނަ މީހުން އެއްވާ ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމަށް މިކުންފުނިން ދޫކުރަމުން ގެންދާ ހުއްދަތައް ވަގުތީ ގޮތުން މެދުކަނޑާލެވިފައިވާ ވާހަކަ އެންމެހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވަން،" އެޗްޑީސީއިން ބުންޏެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރަމުންދާއިރު، ކޮވިޑް ބަލި ކޮންޓްރޯލް ކުރުމަށް ހަދާފައިވާ ގައިޑްލައިނުތަކަށް އެއްވެސް މިންވަރަކަށް ނުބަލާ މާލޭގައި ޖެހިޖެހިގެން 12 ދުވަހު ކުރިއަށް ގެންދިޔަ މަގުމަތީ ބާޒާރު ހުއްޓާލުމަށް ވެސް އެޗްޕީއޭއިން މިއަދު ވަނީ އަންގައިފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.
"ސިއްހީ މާހިރުން ލަފާ ދެއްވީ ކުރިއަށް މި އޮތް ތިން ހަފުތާއަކީ އަނެއްކާ ވެސް ވަރަށް ބޮޑަށް ރާއްޖޭގައި ކޮވިޑް ފެތުރިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށް, މާހިރުން އެދިވަޑައިގަތީ ކުރިއެކޭ ވެސް އެއްގޮތަށް މި ބަލިމަޑުކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް،" ހޯމަ ދުވަހު ރައީސް ވިދާޅުވެފައިވެ އެވެ.
އިއްޔެ އެކަނި ވެސް ރާއްޖެއިން 224 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ މާލެ ސަރަހައްދުން 104 މީހުންނާއި މީހުން ދިރިއުޅޭ ރަށްތަކުން 48 މީހުންނާއި ރިސޯޓުތަކުން 74 މީހުންނެވެ.













