އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (13)

އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (13)

ދިވެހި ފޯކުލޯރާއި ގުޅުން ހުރި ގިނަ ވާހަކަތަކާއި ޅެންޅެމާއި އަދި ފަރިހީގެ ތެރޭގައި، ނިކަބިލިއްސަ ގަހާ ގުޅުވައިގެން ޚިޔާލު އުފައްދާފައި ހުންނަކަން ފާހަގަ ކުރެވެ އެވެ. ދިވެހި ފޯކުލޯރުގެ ތެރެއިން މިހާރު ފެންނަން ހުރި މަދު ކަންކަމަށް ރިޢާޔަކުރާނަމަ "ނިކަބިލިއްސަ ގަހަކީ" ބިރުވެރިކަމާއި ނާމާންކަމާ ގުޅިފައިވާ ގަހެކޭ ދެންނެވިދާނެ އެވެ. ދިވެހި ބަހުގެ ރަދީފުގައި ބުނެފައިވަނީ ނިކަބިލިއްސަ ގަސް ކިޔަނީ ބޮޑުބިޔަ ނިކަ ގަހަށް ކަމުގަ އެވެ. އަދި އާއްމު ގިނަ މީހުން ކުރެންވެސް ނިކަބިލިއްސަ ގަހަކީ ކޮބައިތޯ ސުވާލުކޮށްލުމުން ލިބޭ ޖަވާބަކީ އެއީ ނިކަގަހުގެ ޢުމުރު ދޮށިވެ ބިޔަ ބޮޑު ގަހަކަށް ބަދަލުވުމުން ކިޔާ އުޅޭ ނަމެއްކަމުގަ އެވެ. އެހެންނަމަވެސް ދި ފޯކްޓޭލްސް އޮފް މޯލްޑިވްސް ފޮތުގައި ސަވިޔަރ ލިޔުއްވާފައިވަނީ ނިކަބިލީއްސަ ގަހަކީ "އަސޯކާ ޓްރީ" ކަމުގަ އެވެ.

މާޅޮސް މަޑުލު ދެކުނު ބުރީގެ ރަށްތަކަށް ދާދި އިހަށް ދުވަހު އަޅުގަނޑަށް ކުރެވުނު ދަތުރެއްގައި އެ އަތޮޅު ބައެއް ރަށްރަށުގެ މީހުން ކުރެންވެސް ނިކަބިލިއްސަ ގަހަކީ ކޮބައިތޯ ސުވާލުކޮށް ހެދީމެވެ. ކުޑަކޮށްވެސް ވިސްނާލުމެއްނެތި ކޮންމެ މީހަކުވެސް ފަސޭހަކަމާއެކު ބުނަނީ އެއީ ވަރަށް ބިޔަވެފައި ހުންނަ ނިކަގަސްކަމުގަ އެވެ. ހަމަ މީގެ އިތުރަށް މާލެއިން ދިމާވި ފާދިއްޕޮޅަށް ނިސްބަތްވާ ބައެއް މީހުން ކުރެންވެސް ހަމަ މި ސުވާލު އަޅުގަނޑު ކުރީމެވެ. އެމީހުންގެ ޖަވާބަކަށްވެސްވީ ހަމަ މާޅޮސް މަޑުލުގެ މީހުންގެ ފުށުންވެސް ލިބުނު ޖަވާބެވެ. ސަވިޔަރގެ ލިޔުމުގައި ނިކަބިލީއްސަ ގަހަކީ "އަސޯކާ ޓްރީ" ކަމަށް ލިޔުއްވާފައިވާނީ އެގޮތަށް އޭނާއަށްވެސް މަޢުލޫމާތު ލިބިލައްވައިގެންކަން ޔަގީނެވެ. އެހެންނަމަވެސް އަޅުގަނޑު ހިތުން ރާއްޖޭގެ ގިނަ ކަންކޮޅުތަކެއްގައި ނިކަބިލިއްސަ ގަހޭ ކިޔާ އުޅެނީ އިސްވެ ދަންނަވާލެވުނު ފަދައިން ބިޔަވެފައި ހުންނަ ނިކަގަހަށެވެ. އެއީ ޢުމުރުން އިންތިހާޔަށް ދޮށިވެފައި ހުންނަ ނިކަގަހެވެ.

ނިކަ ގަހަށް އިނގިރޭސި ބަހުގައި ކިޔަނީ "އިންޑިޔަން ބެންޔަން ޓްރީ" އެވެ. އިންޑިޔާގެ މައި ޙަޟާރަތުގެ ތެރޭގައިވެސް ނިކަ ގަސް ފާހަގަ ކުރެވެނީ ވަރަށް ޚާއްސަ ގަހެއްގެ ގޮތުގަ އެވެ. އެމީހުންގެ ފޯކުލޯރުތަކާއި ޚުރާފީ ގަބޫލުކުރުންތަކާ އެތައް ގޮތަކުން ގުޅިފައިވާ ގަހެއްގެ ގޮތުގަ އެވެ. އިންޑިޔާ ބައްރުގައި އެކުލެވިފައިވާ ތަފާތު ގައުމުތަކުގެ ފޯކުލޯރުތަކުގެ ތެރެއިން ދިވެހީންނެކޭ ހަމަ އެއް ބީޔަކުން ނިކަ ގަހާއި ގުޅުވައިގެން ކިޔަމުން އަންނަ އެކި ކަހަލަ ފޯކުލޯރު ވާހަކަތައް ފެންނަން ހުރެ އެވެ. ހިންދޫ މިތޮލޮޖީގެ ތެރެޔަށް މިގަސް ވަނީ އެތަށް މައުނައެއްގައި ވަދެފަ އެވެ. މިހެންކަމުން އިންޑިޔާ ބައްރުގެ އެކި ޝަހަރުތަކުގެ ކޮންމެ އަވަށެއްގެ މެދުގައިވެސް ބިޔަ ބޮޑު ނިކަގަހެއް ހުރެ އެވެ. އޭގެ ވަށަވަށައިގެން އެކި ކަހަލަ ސައްލާ ކުރުމަށާއި މަސައްކަތް ކުރުމަށް އެ އަވަށެއްގެ ބަޔަކު ޖަމާވެ އުޅެ އެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ މަލަމަތި ދުރުން ފެންނައިރު، އެރަށެއްގެ ގަސްކަރަ މަތީން ބޮޑު ނިކަގަހެއް ނުފެންނަ ރަށެއް އިހަކު ނޯންނާނެތެވެ. ދަތުރުފަތުރުގެ ތެރޭގައި މާލިމީންނާއި ކައްޕިން ބޭނުންކޮށް އުޅޭ އެއް ވަސީލަތަކީވެސް މި ދެންނެވި ނިކަ ގަސްތަކެވެ. ފަޅު ރަށްތަކުގެ ތެރެއިންވެސް ފެންނަ ބައެއް ރަށްރަށަކީ އިހުގައި ބަޔަކު ދިރިއުޅެފައި ހުރި ރަށެއްކަން އަންގައިދޭ އެއް ނިޝާނަކީވެސް އެރަށަކުން ފެންނަ މުސްކުޅި ނިކަ ގަހެވެ. ނުވަތަ ނިކަ ގަސްތަކެވެ. އެވޭލާ ޒަމާނުގެ ދިވެހި މުޖުތަމަޢުތަކަކީވެސް އެއިން ކޮންމެ މުޖުތަމަޢެއްގެ ތެރޭގައިވާ ގަސްގަހާ އެކުވެގެން ދިރިއުޅެމުން އައިސްފައިވާ މުޖުތަމަޢުތަކެވެ. މިގޮތުން ކޮންމެ ރަށެއްގައި ހުންނަ ބޮޑު ނިކަގަސްދޮށަކީ އެރަށެއްގެ ބަޔަކަށް ވަރަށް ޚާއްސަ ތަނަކަށްވެފައިވެ އެވެ. ދިވެހި މުޖުތަމަޢުތަކުގެ ތާރީޚަށް ބަލައިފިނަމަ ދައްކައިދޭނެ އެއް ހަގީގަތަކީ ނިކަ ގަހާއި ދިވެހީންނާއި އޮތް ގުޅުމެވެ.

ކޮންމެ ރަށެއްގައިވެސް ހުންނަ ބޮޑު ނިކަ ގަހާއި އެރަށެއްގެ ބަޔަކާއި ހުރި ގުޅުން އިންތިހާޔަށް ބޮޑެވެ. ބޮޑުތިލަދުންމަތީ މީހުން މާލެ އައުމަށް މަޝްވަރާ ކުރެވުނު ދުވަހުގައި ކުޅުދޫފުށީ ރައްޔިތުންވެސް އެއްވީ އެރަށު ބޮޑު ނިކަގަސްދޮށަށް ނޫންތޯ އެވެ. ދިއްދޫ ދޮން ހުސައިން ކަލޭގެފާނު އެރަށު ރައްޔިޔުންނަށް ނަސޭހަތް ދެއްވުމަށް އެރަށް ދުރުވި ދުވަހުގައިވެސް ރައްޔިތުން އެއްކުރެވުނީ ބޮޑު ނިކަގަސްދޮށަށް ނޫންތޯ އެވެ. މިއީ ހަމަ އާއްމުކޮށް ކޮންމެ ރަށެއްގައި މިކަން ހިނގަހިނގާ އޮތް ގޮތެވެ. އެއިރުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އަންގަވާން ޖެހޭ ކަންކަން އެންގެވުމަށްޓަކައި ސަންގު ފުންމީމާ، ގިނަފަހަރު ރައްޔިތުން އެއްކުރެވެނީ އެރަށެއްގެ ބޮޑު ނިކަގަސްދޮށަށެވެ.

އިހުގެ މީހުން ރަށެއްގެ އާބާދީ އަނެކުންނަށް ބުނެ ދިނުމުގެ ގޮތުން ކިޔާ އުޅޭ މިސާލީ ބުނުމެއް އޮވެ އެވެ. އެވެނި މިވެނި ރަށަކުން އެރަށެއްގެ ބޮޑު ނިކަ ގަސްދޮށަށް 40 ދަލޭކަ ނިކުމެއޭ ނުވަތަ 40 ސަންޕަ ނިކުމެއޭ ބުނެ އެވެ. މި މިސާލީ ބަހުގައިވެސް ސަންޕަ، ދަލޭކަ ނޫނީ ކަތްދައަކަށް ވިޔަސް އެ ނިކުންނަ 40 އަންހެނުން ނިކުންނަނީ ނިކަ ގަސްދޮށަށެވެ. މިހާރު ފަޅުވެފައި އޮތް ކޮޅުމަޑުލު ކަނިމީދޫ އާއި ގުޅުވައިގެން އެ އަތޮޅުގެ ރަށްތަކުގެ މީހުން މިހާރުވެސް މިފަދައިން ބުނާ ބުނުމެއް އޮވެ އެވެ. އެއީ އެ ރަށު "ބޮޑު ނިކަގަސްދޮށަށް" 40 އައިސަ ނިކުންނަ ކަމުގަ އެވެ. އަނެއް ބަޔަކު ބުނަނީ އެ ނިކަގަސްދޮށަށް ނިކުންނަނީ 40 ސަންޕަ ކަމުގަ އެވެ. ޞަލާޙުއްދީނުގެ މަޝްހޫރު "ސަންގަލަ ސަންފާ" އޭ ކިޔުނު ޅެންވެސް ނިސްބަތްކުރައްވާފައި އެވަނީ ހަމަ މި ވާހަކައަށެވެ.

ކޮޅުމަޑުލު ކަނިމީދޫއަށް ނިސްބަތްކޮށް ނޫނަސް ރަށެއްގެ އާބާދީ ބުނެދިނުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިހެން މިފަދަ މިސާލީ ބުނުންތައް ބުނެފައި ހުރެ އެވެ. ބޮޑު ނިކަގަސްދޮށަށް ނިކުންނަ ކޮންމެވެސް 40 ސަންޕައެއް ނޫނީ ދަލޭކައެއްގެ ވާހަކައެކެވެ. މިޒަމާނުގައި ބައެއްގެ ހިތުގައި އުފެދިދާނެ ސުވާލަކީ އެ 40 އަންހެނުން ބޮޑު ނިކަގަސްދޮށަށް ނިކުންނަން ޖެހެނީ ކީއްވެކަމެވެ. އެކަމުގެ ސަބަބަކީ އެއިރުގެ ދިވެހި މުޖުތަމަޢު އެކުލެވިފައި އޮތް ގޮތެވެ. މުޅި ދިރިއުޅުން ބައްޓަންވެފައި އޮތް މަގެވެ. ރަށެއްގެ އިގުތިޞޯދާއި ގުޅުންހުރި މަސައްކަތްތައް ކުރަން ރަށެއްގެ އަންހެންވެރީން އާއްމުކޮށް އެއްވެ އުޅޭ އެއް ސަރަޙައްދަކީ އެރަށެއްގައި ހުންނަ ބޮޑު ނިކަގަސްދޮށެވެ. އެއީ މަސައްކަތް ކުރާން އެއްވާ މައިޒާނެވެ. މުޅި ސަރަޙައްދަށް ގަހުގެ ހިޔާ ލިބެމުން ދާނެ އެވެ. އެ އަރާމު ފިނި މާޙައުލުގައި އެކި ކަހަލަ ސަކަ ވާހަކަ ދެއްކުމާ މަޖާ އަނގަތެޅުމާ ބައެއް ފަހަރު "ހޯހިރިވެސް" ބެލުމާއެކު އެންމެންހެން ތިބޭނީ މަސައްކަތުގަ އެވެ.

ބިޔަ ނިކަގަސްދޮށުގައި ފޭރާން ވިޔުމަށާއި ރޯނު ވެށުމަށާއި ފަންގި ވިނުމަށާއި އަދި ކަސަބު ގެތުންފަދަ އެތައް މަސައްކަތެއް ހިނގަމުން ދާނެ އެވެ. އެގޮތަށް އެމީހުން އުޅޭ އިރުގައި ކުޑަކުދީން ގަހުގެ އެކި އަޅޮލުން އަރާ ފައިބާ ފުންމާ ދުވެ ނަގާނެ އެވެ. ގަސްދޮށުގައި ކުޅިވަރު ކުޅޭންވެސް އުޅޭނެ އެވެ. ހަމަމިހެންމެ ބޮޑު މާލޫދު ކެއްކުންފަދަ ރަށުގައި އޮންނަ ބޮޑެތި ހަފުލާތަކަށް ކައްކާ ބޮޑު ކޭން ކެއްކުމަށްޓަކައި، ހަވާދު ތެޅުމަށާއި މިނޫންވެސް މިފަދަ ކެއްކުމާ ގުޅޭ ކަންކަން ކުރުމަށްވެސް އެސަރަޙައްދަށް އެއްވެ އުޅެ އެވެ. މިއީ އެވޭލާ ޒަމާނުއްސުރެ ދާދި ފަހާ ހަމަޔަށްވެސް ދިވެހި މުޖުތަމަޢާ ނިކަ ގަހާއި އޮތް ގުޅުމެވެ. މި މަންޒަރުތައް ލޮލުން ދެކެ އަތުން ހިފި މީހުން އަދި ދުނިޔޭގައި އެބަތިއްބެވެ.

އާދަވެގެން ކޮންމެ ދުވަހެއްގައި ކުރާ މަސައްކަތް ކުރީ ނިކަ ގަސް ދޮށުގަ އެވެ. އެވޭލާ ޒަމާނުއްސުރެ ސަރުކާރުގެ އެންގެވުންތައް އެންގެވީ އެގަސްދޮށުގަ އެވެ. ރަށުގެ ކުރިއެރުމަށް ރައްޔިތުން ކޮށްއުޅުނު ސައްލާތައް ކުރީވެސް އޭގެ ހިޔަލުގަ އެވެ. މާލިމީން ފިލާ އަޅައިގެން ކުރި ދަތުރުތަކުގައި ކައްޕިއަށް ރަށް ފާހަގަކޮށްދިނީވެސް ހަމަ އެގަހެވެ. އެ އޮޑިދޯނިފަހަރުގެ ފަރުމާނު ހުރީ ނިކަ އަޅޮލުންނެވެ. ހަމައެހެންމެ ރަށުގައި ހިނގާފައި ހުރި "ޖިންނި ފުރޭތައިގެ" ގިނަ ހާދިސާތައްވެސް ގުޅިފައި ހުރީ އެޔާ އެވެ. މި އެންމެހާ ކަންކަމުގެ ތެރެއިން އެވޭލާ ޒަމާނުއްސުރެ މުޅި ދިވެހި މުޖުތަމަޢާ ނިކަ ގަހާއި އޮތް ގުޅުން ފެނެ އެވެ. އެ މުޖުތަމަޢެއްގެ އުފާވެރިކަމާއި ހިތްހަމަޖެހުން އަދި ބިރުވެރިކަމާ ނާމާންކަމާއި ވެސް ގުޅިފައިވަނީ ނިކަ ގަހާކަމެވެ. މިކަމުން ބުނެ އަންގައިދެނީ ދިވެހީންގެ ދިރިއުޅުމާ ނިކަ ގަހާ އޮތް ގުޅުން ނޫންތޯ އެވެ.

ދިވެހީންވެސް އެ ޙަޟާރަތެއްގެ ތެރޭގައި ޝާމިލުވެ އޮތް މައި ޙަޟާރަތަކީ އިންޑިޔާގެ ތަމަޅަގަމު ޙަޟާރަތެވެ. އެ ޙަޟާރަތުގެ ތެރޭގައި ނިކަ ގަހަށް ވަނީ ޚާއްސަ ގަދަރެއް ދީފައިކަމަށްވެސް ދެންނެވިއްޖެ އެވެ. ހިންދޫ މިތޮލޮޖީގައި ނިކަ ގަސް އުފަންވުމާއި މަރުވުމާ ގުޅުވާފައިވެ އެވެ. ކޮއިމަލާ ވާހަކައިގައި އޭނާ އުފަންވެވަޑައިގެންނެވީ "ނިކަބިލީއްސަ" ގަހެއްގެ ދަށަށް ނޫންތޯ އެވެ. އެއީ މިފަދަ ޚުރާފީ ގަބޫލުކުރުންތަކާއި އޭނާގެ މާތްކަމާއި ޤަދަރު ދައްކައިދިނުމަށްކޮށްފައިވާ އިޝާރާތެކެވެ. ހަމަ އެހެންމެ އިސްވެ ދެންނެވުނު ފަދައިން ނިކަ ގަހަކީ އެވޭލާ ދިވެހި މުޖުތަމަޢުގައިވެސް މަތީ ގަދަރެއް ދީފައި އޮތް ގަހެކެވެ. ވީމާ ވާހަކައިގައި އެ ނުކުތާ ގެނެސްފައި އެވަނީ މިފަދަ އެންމެހައި ކަންކަމަށް އިޝާރާތްކޮށްލުމުގެ ގޮތުންނެވެ.

ކޮއިމަލާކަލޯ ވަލުތެރޭގައި އުޅެ ބޮޑުވި ދުވަސްވަރު އޭނާ ދުށް އަޖާއިބުތަކުގެ ތެރެއިން އެއްކަމަކީ އެކޮއި ދުށް ބޮޑު ނާގަ ހަރުފަ އެވެ. މިއީވެސް ވާހަކައިގެ ތެރޭގައި ވަކި މައުނައެއްގައި ގެނެސްފައި އޮތްކަމެއްކަމަށް އަޅުގަނޑު ދެކެމެވެ. އެއީ "ކޮއިމަލާ" އިންގެ އަސްލުގެ މައްޗަށް ކޮށްފައިވާ އިޝާރާތެކެވެ. މި ސިލްސިލާގެ ތެރޭގައި ވަރަށް ތަފްސީލުކޮށް ބަޔާންކުރެވިފައި ވާނޭ ފަދައިން ކޮއިމަލުންނަކީ ނާޔަރުންނޭ ކިޔޭ ގިންތިއެއްގައި ހިމެނޭ ކިރިޔާތިލް ނާޔަރުންގެ ފަންތީގެ ބޭކަލުންނަށް ކިޔާ ނަމެކެވެ. ހަމަމިފަދައިން ޝަތުރިޔަ ވަރުނައަކީ ކޮބައިކަމާއި އޭގެ ތެރޭގައި ހިމެނޭ ވަންހަތަކަކީ ކޮބައިކަންވެސް މި ސިލްސިލާގެ ތެރޭގައި ތަފްސީލުކުރެވިފައިވާނެ އެވެ. ޝަތުރިޔަ ވަރުނައިގެ ތެރޭގައި ހިމެނޭ އެއް ވަންހަޔަކީ ނާގަވަންޝިއެވެ. ނުވަތަ ހަރުފަ ވަންހަ އެވެ. ނާޔަރުންގެ އަސްލަކީ މި ވަންހަކަމުގައި ބުނާ ރަޢުޔުތަކަކީ ތާރީޚު ޢިލްމުގައި މަދު އެއްޗެއް ނޫނެވެ.

މަލާބާރުކަރައިގެ ނާޔަރުންގެ އަސްލަކީ ކޮބައިކަމާ ބެހޭގޮތުން އެންތުރޮޕޮލޮޖިސްޓުންނާއި ތާރީޚު ޢިލްމުވެރިން އެކި ގޮތްގޮތަށް ވާހަކަ ދައްކަވާފައި ހުރެ އެވެ. އެއްބައި ރަޢުޔުތަކުގައި އެއީ ޓިބެޓު ނޫނީ ނޭޕާލުގެ ސަރަޙައްދަކުން އައިސްފައިވާ ބައެއްކަމަށް ބުނާއިރު އަނެއްބައި ރަޢުޔުތަކުގައި އެއީ ސިލޯނުގެ ވަކި ހިސާބަކުން އައިސްފައިވާ ބައެއްކަމަށްވެސް ބުނެ އެވެ. ހަމަމިހެންމެ އެމީހުންގެ ފެށުން ގުޅިފައިވަނީ "ހުރިހާ ކައްތިރިން މެރުމަށް ހުވާކުރި" ޕަރަސޫރަމަ އާއިކަމަށްވެސް ބުނެފައިވެ އެވެ. މި ޕަރަސޫރަމަ އާއި ގުޅޭ ވާހަކަތައްވެސް މި ސިލްސިލާގައި އިސްވެ ދެންނެވިފައިވާނެ އެވެ. އަނެއްބަޔަކު ނާޔަރުންގެ އަސްލު ގުޅުވަމުން އައިސްފައިވަނީ މުސްކުޅި މަހާބާރަތުނަ ވާހަކައިގައި ކިޔާ "ނާގަ ރަސްކަމާ" އެވެ. މާނައަކީ އެމީހުންގެ އަސްލަކީ ނާގަ ވަންހަ (ހަރުފަ ވަންހަ) ކަމެވެ.

ނާޔަރުންގެ އަސްލާ ބެހޭގޮތުން ތާރީޚުގެ ތެރެއިން ފެންނަ މިފަދަ ތަފާތު ރަޢުޔުތަކުގެ މައްޗަށް ވާހަކަ ދައްކާންވެއްޖެނަމަ ވަރަށް ގިނަ ވާހަކަ ދައްކާން ޖެހެ އެވެ. ކޮންމެ ރަޢުޔެއްވެސް އޭގެ އަނެއް ރަޢުޔުގެ މައްޗަށް ދައްކަމުން އައިސްފައިވާ ހެކިތައް އެހާމެ ގިނަ އެވެ. އަޅުގަނޑުމެންގެ މަޢުޟޫއާއި ގުޅުވާލުމުގެ ގޮތުން ދަންނަވާން ބޭނުންވި ނުކުތާއަކީ ކޮއިމަލުންނަކީ ކިރިޔާތިލި ނާޔަރުންގެ ފަންތިކަމަށްވާއިރު އެ ނާޔަރުންގެ އަސްލަކީ ނާގަވަންސިކަމުގައިވެސް ބުނެފައި ހުންނަކަމެވެ. ކޮއިމަލާ ވާހަކައިގެ "ކެރެކްޓަރތަކުގެ" ތެރޭގައި ނާގަ ހަރުފައެއްވެސް ހިމަނާފައި އެވަނީ މި އަސްލުގެ މައްޗަށް އިޝާރާތްކޮށްލުމުގެ ގޮތުންކަމުގައި އަޅުގަނޑު ދެކެމެވެ.

މުޅި ކޮއިމަލާ ވާހަކައަކީ މި ސަރަޙައްދުގެ ގަދީމީ ޒަމާނުގެ ޚުރާފީ ގަބޫލުކުރުންތައް އެއްކޮށްގެން ދިވެހި ތާރީޚުގެ ޙާދިސާތަކެއް މައްޗަށް އުފަންކޮށްފައިވާ ވާހަކައެކޭ ތަކުރާރުކޮށް ދެންނެވެނީ އިސްވެ ބަޔާންކުރެވުނު ފަދަ ސަބަބުތަކަށްޓަކަ އެވެ. އިންޑިޔާ ބައްރުގެ މައި ޙަޟާރަތުގެ ތެރޭގައިވާ ގިނަ ފޯކުލޯރު ވާހަކަތަކަކުން ކޮއިމަލާ ވާހަކަ އާއި އެއްގޮތްކަމެއް ހުންނަ ވާހަކަތައް ފެންނާން ހުރެ އެވެ. މިގޮތުން ރާމާ އާއި ސީތާ އާއި ގުޅޭ ވާހަކަތަކުގެ ތެރެއިން މިފަދަ ކަންކަން ވަކީން ޚާއްސަ ގޮތެއްގައި ފެނެ އެވެ. ރާމާ އާއި ސީތާގެ ވާހަކަ އަކީ ލަންކާގެ ރަސްގެފާނު ރަވަނަ، ސީތާ ވަގަށް ނެގި ހާދިސާގެ މައްޗަށް އުފައްދާފައިވާ ފޯކުލޯރެކެވެ. އޭގައި ކިޔަމުން އަންނަ "ލަންކާ" އަކީ ދިވެހިރާއްޖެކަމުގައި ބުނާކަމަށްވެސް އަޅުގަނޑު ދަންނަވާފައި ވާނެ އެވެ. މި ސިލްސިލާގެ އެންމެ ކުރީކޮޅުގެ ބައިތަކުގައި އެވާހަކަތައް ތަފްސީލު ކުރެވިފައިވާނެ އެވެ.

ސިލޯނުގައި ކިޔާ އުޅޭ ރާމަޔާން ފޯކުލޯރު ވާހަކައިގެ ސީޣާއެއްގައި ބުނެފައިވަނީ

".....ސީތާ ވިހޭތާ މާ ގިނަ ދުވަސްތަކެއް ނުވެ ވިސްނޫ ބައްދަލުވުމަކަށް ދާންޖެހުނެވެ. އޭނާ ދިޔަތާ މާ ގިނައިރުތަކެއް ނުވެ ސީތާގެ ގާތަށް އުމާ ޒިޔާރަތެއްކުރިއެވެ. އޭނާގެ ބޭނުމަކަށްވީ ލަންކާގައި ސީތާ ހޭދަކުރި ދުވަސްތަކުގެ ވާހަކަތައް އަޑުއަހާލުމެވެ. ސީތާވެސް އިސާހިތަކު އެ ވާހަކަތަށް އުމާއަށް ކިޔައިދޭން ފެއްޓިއެވެ. މި ވާހަކަތަކަށް އަހަމުން ގޮސް ރަވަނައިގެ ސޫރަ ބަލާލުމުގެ ޝައުގުވެރިކަން އުމާގެ ހިތުގައި އުފެދުނެވެ. މިހެންކަމުން އޭނާގެ ސޫރަ ކުރަހައިދިނުމަށް ސީތާގެ ގާތުން އުމާ އެދުނެވެ. އުމާގެ އެދުން ފުރިހަމަކޮށްދިނުމުގެ ގޮތުން ސީތާ ސަންފާކެޔޮ ގަހެއްގެ ފަތުގައި ލައްކާގެ ރަސްގެފާނު ރަވަނައިގެ ސޫރަ ކުރަހާލިއެވެ. މި ކުރަހާ ނިމުނުތަނާހެން ވިސްނޫ އެނބުރި ގެޔަށް އައެވެ. ވިސްނޫ ހަމަ އައުމާއެކު ސީތާ އަވަސް އަވަހަށް އެ ކުރެހުން އެނދުތަންދޮށަށް އެއްލާލައިފި އެވެ.

ވިސްނޫ ހިނގަމުން އައިސް އެ އެނދުގައި އިށީނނުމާއިއެކު އެނދު ހެލެން ފައްޓައިފި އެވެ. މިހެންކަމުން އޭނާ އެނދުތަންދޮށް ބަލާލިއިރު އެތަނުގައި ވަނީ ރަވަނައިގެ ތަސްވީރެކެވެ. މިކަމާ ވިސްނޫ އިންތިހާ ދަރަޖަޔަށް ރުޅި އަރައްޖެ އެވެ. އޭނާ ހީކުރީ ސީތާ ލަންކާގައި ހޭދަކުރި ދުވަސްތަކުގެ ސަބަބުން މިހާރު އޭނާ އެހުރީ ރަވަނަ އާއި ހިތާވެފަކަމަށެވެ. މިހެންކަމުން ވިސްނޫގެ ބޭބެ ގެނެސް ސީތާ ވަލުތެރެޔަށް ގެންގޮސް މަރާލަ ދިނުމަށް އެދުނެވެ. ދެން އޭނާ ސީތާ އާއި އޭނާގެ ދަރިފުޅު ގޮވައިގެން ގޮސް ހިމާލަޔާ ފަރުބަދަ ތެރޭގައިވާ ވަލެއްގައި ބަހައްޓާފައި އަތުވެއްޖެ އެވެ.

ސީތާ ބެހެއްޓި ވަލުގައި ޚަލްވަތެއްގައި އުޅޭ އަޅުވެރިޔަކުވެސް އުޅެ އެވެ. ސީތާ އުޅުމަށް ފަނުން ޖިފުޓިއެއް އަޅައިދިނީ މީނާ އެވެ. އެއް ދުވަހަކު ސީތާ އޭނާގެ ދަރިފުޅު ބާއްވާފައި ވަލުތެރެޔަށް ދިޔަތަނުން އެކުއްޖާ ރޯން ފަށައިފި އެވެ. މި ރުއިމުގެ އަޑަށް އެއްކަލަ އަޅުވެރި ކަލޭގެ އައިސް ބަލައިލިއިރު އެކުއްޖާ އޮތީ އެނދުން ވެއްޓިފަ އެވެ. ރޮނީ މިހެންވީމަ އެވެ. މި ތުއްތުކުއްޖާ ނަގާކަށް އެ އަޅުވެރިކަލޭގެއަކަށް ނުކެރުނެވެ. މިހެންކަމުން އެކުއްޖާ ހުއްޓާލާތޯ ނީލޯފަރުމަލެއް ހިފައިގެން އައިސް އެކުއްޖާ އާއި ދިމާއަށް އެއްލައިފި އެވެ. އެމައު ގޮސް ވެއްޓުނީ އެނދުމައްޗަށެވެ. ހަމަ އެނދުގައި ޖެހުމާއެކު އެމައުވެސް ބަދަލުވީ ފިރިހެން ކުއްޖަކަށެވެ.

ސީތާ އެނބުރި ގެޔަށް އައުމުން ކަން ހިނގި ގޮތް އޭނާއަށް ކިޔައިދިނެވެ. އެހެންނަމަވެސް އެ އަޅުވެރިކަލޭގެ ގާތުގައި ސީތާ ބުނީ ތިމަންނާގެ ލޮލަށް ތިކަހަލަ ކަމެއް ނުދައްކާހާ ހިނދަކު އެ ވާހަކަ ގަބޫލު ނުކުރެވޭނެކަމަށެވެ. ދެން އޭނާ ގެންގުޅޭ ޚަންޖަރުގެ ކޮޅު އެނދުގައި ޖައްސާލިތަނުން އަނެއްކާވެސް ކުއްޖަކު އުފަންވި އެވެ. މަލަކުން އުފަންވި ކުއްޖާއަށް ދިން ނަމަކީ މަލަޔަ އެވެ. މާނައަކީ "މަލެއްފަދަ ކޮޔެވެ" ޚަންޖަރުން އުފަންވި ކުއްޖާއަށް ކިޔަނީ ކިތުސްރީއެވެ. އަދި އެންމެ ދޮށީ ކުއްޖާއަށް ސާންދަލިންދު އެވެ. މިތިން ބެއިން އުމުރުން 7 އަހަރުވީތަނުން އެމީހުން ދަތުރުކޮށްފައި ދިޔައީ މަލަޔަ ގައުމަށެވެ. އެތަނުގައި އެމީހުން ގަނޑުވަރުތަކާ ބަގީޗާތައް ހަދައިގެން ދިރިއުޅޭން ފެއްޓި އެވެ......."

(މިއީ ޖާރނަލް އޮފް ރޯޔަލް އޭޝިޔާޓިކް ސޮސައިޓީ އޮފް ގްރޭޓް ބްރިޓަން އެންޑު އަޔަރލޭންޑު: ނަމްބަރު1 (ސަފްޙާ 14 އިން 22) ( އޭޕްރިލް 1946) ގައި ދި ރާމާޔަނަ: އަ ވާރޝަން އޮފް ރާމާސް ސްޓޯރީ ފްރޮމް ސިލޯނު މި މަޒުމޫނުގައި ބަޔާންކޮށްފައިވާ ވާހަކައިގެ ވަރަށް ޚުލާސާ ތަރުޖަމާއެކެވެ.)

ސިލޯނުގައި ކިޔާ އުޅޭ ރާމާޔަނު ވާހަކައިގެ މި ސީޣާގެ ތެރެއިން "މަލެއްފަދަ ކޮޔެއް" ފެނެ އެވެ. ކޮއިމަލާކަލޯއަށްވެސް ރަސްގެފާނުން ދެއްވި ނަމަކީ މަލެއްފަދަ ކޮއެކަމަށް ދިވެހި ވާހަކައިގައި ކިޔަމުން އައިސްފައިވެ އެވެ. ރާމާޔަން ވާހަކައިގައި ބުނާ ލަންކާ އަކީ ދިވެހިރާއްޖެކަމުގައިވެސް ބައެއް ތާރީޚު ޢިލްމުވެރީން ބުނެފައި ހުރުމާއި އެ ވާހަކައިގެ ތެރެއިން މަލެއްފަދަ ކޮއެއް ފެނުމާއި އަދި ހަމަ ދިވެހީންގެ ފޯކުލޯރުގެ ތެރެއިންވެސް މަލެއްފަދަ ކޮއެއް ފެންނަން އޮތް އޮތުމާއި މެދު ތާރީޚުގެ ކަންކަން ހޯދާ ބަލާ މީހަކަށް ވިސްނާލެވޭނެކަން ގައިމެވެ.

ކޮއިމަލާ ވާހަކަ އާއި މި ސަރަޙައްދުގެ ފޯކުލޯރުތަކާއި ގުޅައިދޭ އެހެން ކަންކަމުގެ މައްޗަށް ބަލާއިރު މީލާދުން 1070 ގެ ތެރޭގައި ސޯމަދޭވަ ލިޔުނު ސަތަސަރިސަގަރަ ވާހަކަތަކުގެ ތެރޭގައި ހިމެނޭ ވާހަކައެއް ފާހަގަކޮށްލެވެ އެވެ. އެއީ ގުނަސާގަރަ ރަސްގެފާނުންގެ އަންހެން ދަރިކަނބަލުންގެ ވާހަކަ އެވެ.

There is a Dvipa named kataaha, the home of all felicities. In in there is a king rightly named Gunasaagara. He had born to him by his principal Queen a daughter named Gunavati, whom by her beauty produced astonishment even the creator who made her. And holy seers announced that she should have for a husband the lord of seven dvipas

Whereupon her father the king deliberated with his counsellors, and came to conclusion

“king vikramaaditya is a suitable husband for my daughter so I will send her to marry him”

Accordingly the king made his daughter embark in a ship on the sea, with her retinue and wealth, and sent her off. But it so happened that when the ship came near Suvarnadvipa it was swallowed by a large fish. But that monstrous fish was carried by the current of the sea as if the course of the destiny and thrown up on the coast near that dvipa and there stranded . And the people of the neighbourhood the moment they saw it ran with many weapons and killed that marvelous fish and cut open its belly, and then there came out of it the great ship full of people….”

މި ވާހަކައިގެ ޚުލާސާ ތަރުޖަމާއަކީ

" ކަތާހަ އޭ ކިޔުނު ޖަޒީރާއަކީ ދުނިޔޭގެ އެންމެހައި އުފާތަކުން ފުރިފައިވާ ޝަހަރެއްކަމުގައިވެ އެވެ. އެ ޝަހަރުގެ ވެރިކަމުގައި ހުންނަވަނީ ގުނަސާގަރަ އޭ ކިޔުނު ރަސްކަލެކެވެ. މި ރަސްގެފާނުންގެ އިސް ރާނީގެ ބަނޑުފުޅުން ގުނަވަތީއޭ ކިޔުނު ވަރަށް ރީތި ދަރިކަނބަލަކު އެ ރަސްގެފާނަށް ލިބިވަޑައިގެންފައިވެ އެވެ. އެ ދަރިކަނބަލުން ރައްކައުވި ދުވަހުގައި އެ ޝަހަރުގައި ތިއްބެވި ފާލުބަލާ މީހުން ރަސްގެފާނަށް ދަންނަވާފައިވަނީ އެކަމަނާ އާއި ކައިވެނިފުޅު ވެވޭނީ ހަތް ޖަޒީރާގެ މިލްކުވެރި ސާހިބަކަށްކަމެވެ.

މިހެންކަމުން އެކަމަނާ ފިރިފުރާވަރަށް އަރާވަޑައިގެންނެވުމުން ގުނަސާގަރަ ރަސްގެފާނުން އެ ޝަހަރުގެ ބޮޑުންނާ އެކަމާ މަޝްވަރާ ކުރެއްވި އެވެ. އެ މަޝްވަރާގެ މަތީން ނިންމެވީ އެކަމަނާ އާއި ކައިވެނިފުޅު ވެވޭ ވަރުގެ ބޭފުޅަކީ ވިކްރަމާއްދީއްތިޔަ ރަސްގެފާނުންކަމެވެ. މިހެންކަމުން ބޮޑު ނަވެއް ތައްޔާރު ކުރައްވާ އެޔަށް ގިނަ މުދަލާ ގަހުރަމާނުން ލައްވާފައި އެނަވަށް އެކަމަނާވެސް ލެއްވި އެވެ. އަދި ވަދާޢުގެ ސަލާމު ކުރައްވާފައި އެނައު ފުރުވާލި އެވެ. ނަވު ދަތުރުކުރަމުން ގޮސް ސްވަރުނަދީޕާއޭ ކިޔުނު ޖަޒީރާގެ ކައިރީން އެ ނަވު ދަތުރުކުރަމުން ދަނިކޮށް ބޮޑު މަހެއް އެ ނަވު ކާލި އެވެ. އެހެނަމަވެސް ތަޤުދީރު ނިޔާކުރި ގޮތުން މޫދުގެ އޮއިވަރު އެމަސް ގެނެސް އެ ޖަޒީރާގެ ގޮނޑުދޮށަށް ބީއްސާލީ އެވެ. މި މަންޒަރު ސްވަރުނަދީޕާގެ ރައްޔިތުން ދެކެފައި އަވަހަށް ޚަންޖަރުތަކާ އާލާތްތަށް ހިފައިގެން ގޮސް އެމަސް މަރާފައި އޭގެ ބަނޑު ފަޅާލި އެވެ. ހަމަ އެހިނދު އޭގެ ބަނޑުތެރެއިން އެނަވާ އޭގައި ތިބި މީހުން ސަލާމަތްވެގެން ނިކުތެވެ........."

ދިވެހީންގެ އެވޭލާ ތާރީޚުގެ މައްޗަށް ވިސްނާލަން މުހިންމު ނުކުތާތަކެއް މި ވާހަކައިންވެސް ފެނެއެވެ. މިގޮތުން ވާހަކައިގައި ބުނެފައިވާ lord of seven dvipas އެއް ކަމަކަށް ފާހަގަކޮށްލަމެވެ. މި ނުކުތާ ވަކީން ޚާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ކަމަކީ އިހު އެވޭލާ ދިވެހި ރަސްކަލުން ގެންގުޅުއްވާފައިވާ ލަޤަބުފުޅުތަކާ އެއްގޮތްކަމެއް އޭގެން ފެންނާތީ އެވެ. އެހެނީ ދިވެހި ތާރީޚުގައި މަޝްހޫރުވި " ކާފަރުވި ނުވަވަނަ ހަސަން ރަސްގެފާނު" އެރަދުންގެ ލަޤަބުފުޅެއްގެ ގޮތުގައި ލިޔުއްވާފައިވަނީ

titledesc

މި ލަޤަބުފުޅުގެ ތެރެއިން seven Islands of pullobay ފާހަގަކޮށްލެވެ އެވެ. މިތަނުގައި ބުނެފައި ވަނީ ފޯޅަވައްސޭ ކިޔުނު ހަތް ޖަޒީރާގެ ވެސް ސާހިބާކަމެވެ. މި ލަޤަބުފުޅުން އެނގޭ ގޮތުގައި ގަދީމީ ޒަމާނުގައި ފޯޅަވައްސަކީ ދިވެހި ރަސްރަސްކަލުންގެ ވެރިކަމުގެ ދަށުގައިވާ ސަރަޙައްދެކެވެ. ހަމަމީގެ އިތުރަށް އިސްވެ ދެންނެވުނު ވާހަކައިން ފެންނަ lord of seven dvipas މި އިބާރާތާއި އެއްގޮތްކަމެއްވެސް އެ ލަގަބުފުޅުން ފެނިގެންދެ އެވެ. މި ވާހަކައިން ފެންނަ ކޮއިމަލާ ވާހަކަ އާއި ގުޅޭ ނުކުތާއަކީ ކަނޑުން އެރި ބޮޑު މަހެއް ދަތުރުކޮށްފައި ދިޔަ ނައުތަކެއް ކާލިކަމަށް ބުނާ ނުކުތާ އެވެ. ކޮއިމަލާ ވާހަކައިގައިވެސް އެކޮއި ދުށް އަޖާއިބުތަކުގެ ތެރޭގައި ހަމަ މިފަދަ ވާހަކައެއް ބުނެފައިވެ އެވެ.

މި ނޫނަސް ދިވެހީންގެ ކޮއިމަލާ ވާހަކަ އާއި އެއްގޮތް ކަންތައްތަކެއް ފެންނަ ކިތަންމެ ވާހަކައެއް އިންޑިޔާގެ މައި ޙަޟާރަތުގެ ފޯކުލޯރުތަކުން ފެނެ އެވެ. އިސްވެ ދެންނެވިފައި އެވަނީ އޭގެ ވަރަށް މަދު މިންވަރެކެވެ. މިކަންކަމުގެ މައްޗަށް ވިސްނާއިރު ދެންނެވެން އަންނަނީ މުޅި ވާހަކަ އުފައްދާފައިވަނީ މި ސަރަޙައްދުގެ ތެރޭގައި މަޝްހޫރުވެފައި ހުރި އެހެނިހެން ފޯކުލޯރުތަކުގެ އެހީޔާ މަދަދުވެސް ލިބިގެންކަމެވެ. އަދި އެއީ ވާހަކައެއްގެ ސީޣާއިން ޚުލާސާ ގޮތެއްގައި ގެނެސްދީފައި އޮތް މި ސަރަޙައްދުގެ ތާރީޚީ ފިލާވަޅެއްކަމެވެ (ނުނިމޭ)

Newsletter

Get the latest news delivered straight to your inbox