ކުޅުދުއްފުށީގައި ކަނބޯރަނިން ހެދި މޮޅު ފަންޑިތަ

ފިލާގެ ކުރެހުމެއް. -- އަދަދު އާޓްވޯކް: އަހުމަދު އިހުސާން (އަރަކަ)

ފިލާގެ ކުރެހުމެއް. -- އަދަދު އާޓްވޯކް: އަހުމަދު އިހުސާން (އަރަކަ)

ދާދި ފަހުން އަހަރެން މި އައީ ރާއްޖޭގެ އުތުރުގައި އޮންނަ އެންމެ އާބާދީ ބޮޑު ސަރަޙައްދުކަމަށްވާ ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތްކޮށްފަ އެވެ. ފެންނަ ފެނުމަށް، ތަރައްޤީ އާއި ތަރިކަ އެމުނި އެކުލެވެމުންދާ މަންޒަރު، ޢިމާރާތްތަކުންނާއި ރަށުތެރެއިން ފެންނަ އާދަކާދަތަކުން ދައްކަ އެވެ. އެއާޕޯޓުން ނިކުމެގެން ކާރުގައި ރަށުތެރެއަށް ވަދެގެންދާއިރު އަދިވެސް ގިނައިން ފެންނަނީ ހިރިގަލުން ރާނާފައި ހުރި ފާރުތަކެވެ. އެހެންނަމަވެސް އެ ފާރުތަކުގެ ކުރިމަތީ ޒަމާނީ ބޮޑެތި ސައިކަލުތައް ޕާކުކޮށްފައި ހުރެ އެވެ. މިއީ މި ރަށުގައި ދޭތެރެއަކުން ބާއްވާ ރޭސްތަކުގައި ވާދަކުރާ ސައިކަލުތަކެވެ. ދުވާލުގެ ދިލަ އަވީގައި ވަޒީފާ އަދާކުރުމަށް އަތްދިގު ގަމީހާއި ޓައީގައި އަދި ނަލަ ބުރުގާ އަޅައިގެން އުޅުމަށްފަހު ހަވީރުގެ ވަގުތުތަކުގައި ފަރަށްގޮސް ނަގާ ބޯވަ އާއި ގޮޅާ ނަގައިގެން އައިސް، އެ ތަކެތި ފިހެގެން ކަނީ ރޭގަނޑު ގޯތިތެރޭ ބާބަކިއު ހަދައިގެންނެވެ.

ހުކުރު ދުވަހު ހެނދުނު މަގުމައްޗަށް ނިކުތުމާއެކު ނޭފަތުގައި ޖެހެނީ، މެދު އުމުރުގެ އަންހެންވެރިން ބައިސްކަލުތަކުގެ ވަށިގަނޑުގައި ގެންދާ މަސްބޮނޑިތަކުގެ މީރު ވަހެވެ. ހޮނިހިރު ދުވަހު ހެނދުނު ކުޅުދުއްފުށީގެ ކުޅީގެ އެކި ދިމަދިމާލުން އެއް ހަމައަކަށް އިވެނީ އަންހެންވެރިން ބައިބަޔަށް ތިބެ ބޮނބިތަޅާ އަޑެވެ. އެއަށްފަހު، ފިރިހެންވެރިން ފަލުގެ ތިލަ ދިމަ ދިމާއަށް ގާ އަޅައިގެން ހަދާފައި ހުންނަ "ގާފާލަންތަކުން" ލާފައި ގޮސް، އެ ދުވަހު ތަޅައި ދޮވުނު ބޮނބިތައް ގެންގޮސް ފަލުގައި އަޅާ މަންޒަރެވެ. އެއްބަޔަކު ބޮނބިނަރުތައް އަތްގާޑިޔަލުގައި ގެންދާއިރު، އަނެއް ބަޔަކު އެ ގެންދަނީ ސައިކަލު ވަށިގަނޑުގަ އެވެ.

1.	ކަނބޯރަނި ލިޔުނު ކަމަށް ބުނާ ފިލާ: މިހާރު ފިލާ ބަހައްޓާފައި ހުންނަނީ ކުޅުދުއްފުށި ސިޓީގެ ހުކުރު މިސްކިތުގެ ގުދަނުގައި
1. ކަނބޯރަނި ލިޔުނު ކަމަށް ބުނާ ފިލާ: މިހާރު ފިލާ ބަހައްޓާފައި ހުންނަނީ ކުޅުދުއްފުށި ސިޓީގެ ހުކުރު މިސްކިތުގެ ގުދަނުގައި

ކަނބޯރަނި ލިޔުނު ކަމަށް ބުނާ ފިލާ: މިހާރު ފިލާ ބަހައްޓާފައި ހުންނަނީ ކުޅުދުއްފުށި ސިޓީގެ ހުކުރު މިސްކިތުގެ ގުދަނުގައި.

ބަނދަރުމައްޗަށް ނިކުތުމާއެކު ރަށުގެ މަލަމަތި ފަޅުފިލުވާލަނީ ޢުމްރާނީ މަސައްކަތްތަކުގައި އަވަދިނެތި އުޅޭ "ހައިމާކުތަކުގެ" ނެށުމުންނާއި ސޯޝަލް މީޑިއާ އަޕްޑޭޓުކުރަން ފޮޓޯ ނަގަން އުޅޭ ފުރާވަރުގެ ދެ ޖިންސުގެ ކުދިންގެ އެކި ޕޯސްތަކުންނެވެ. ހަމަ އެދިމާ ހުޅަނގުން، އޮޑިހަރުގެތަކުގައި އެއްބަޔަކު މަސައްކަތްކުރަމުންދާއިރު، ހޮޅުއަށީގައި ވަރުބަލި ފިލުވައި އަނގަމަޖާކޮށްލަން އަނެއް ބަޔަކު މަޑުޖެހިލަ އެވެ. ގެއަކަށް ވަނުމާއެކު "ބިލެތްތަޅާލަން" ލިބޭ ދަޢުވަތާއެކު ދިއްކޮށްލާ ފޮށީގައި އޮންނަނީ ގޭ ވެރިފަރާތުގެ ނަން ކަނޑާނަގާފައި އޮންނަ ފޯށްވަޅިއެކެވެ.

މި ހުރިހާ މަންޒަރެއް އާވެ، ހިތްގައިމުވެގެން، ފަތުރުވެރި ޖާހިލުކަމެއްގައި ކެމެރާ-ދަބަސް ހިފައިގެން ހުރެ އަހަރެންވެސް މަސައްކަތްކުރީ މިތަނުގެ މީހުންގެ އާދަކާދަތަކާއި މި ރަށު މީހުން ކިޔައި އުޅޭ ވާހަކަތައް ހޯދުމަށެވެ. އަވަށްޓެރި ރަށެއްގެ ރަޙުމަތްތެރިއެއް ގާތު އަހާލުމުން އޭނާ އަހަރެންނާ ސުވާލު ކޮށްފި އެވެ. އުތުރުގައި މިހިރަ ހުރިހާ ރަށްތަކުގެ ތެރެއިން ކުރީ ޒަމާނުގެ މަޢުލޫމާތުތަކަށް ބަރޯސާވާއިރު، ނިސްބަތުން މީސްކޮޅު މަދު، ވަޞީލަތްތައް މަދު، ފަންނުވެރި އަދި ޢިލްމީ މީހުން އޭރު މަދު ރަށެއް، މީހުން އެރަށަށް ހިޖުރަކުރުމެއް ނެތި ކުއްލިއަކަށް މުޅި އުތުރުގައި އޮތް އެންމެ އާބާދީ ބޮޑު ރަށަށް ވެގެން ދިޔައީ ކިހިނެތް ހެއްޔެވެ؟ އެ ކަމާ ބެހޭގޮތުން ދައްކާ ވާހަކަތައް ދަންނަމު ހެއްޔެވެ؟

ކާސިންކަލޭގެ އާއި ދޮން ޢުމަރުކަލޭގެގެ މަހާނަކަމަށް ކުޅުދުއްފުށި ސިޓީގެ އިސްރަށްވެހިން ބުނާ ދެ މަހާނަ
ކާސިންކަލޭގެ އާއި ދޮން ޢުމަރުކަލޭގެގެ މަހާނަކަމަށް ކުޅުދުއްފުށި ސިޓީގެ އިސްރަށްވެހިން ބުނާ ދެ މަހާނަ

ކާސިންކަލޭގެ އާއި ދޮން ޢުމަރުކަލޭގެގެ މަހާނަކަމަށް ކުޅުދުއްފުށި ސިޓީގެ އިސްރަށްވެހިން ބުނާ ދެ މަހާނަ

އަހަރެންގެ ޝަޢުޤުވެރިކަން އެ ދިމާއަށް ހުއްޓިއްޖެ އެވެ. އެންމެ ފުރަތަމަ ސުވާލު ކުރީ އެ ރަށުގައި ތިބި އަހަރެންގެ އެކުވެރިންނާއެވެ. ވިހި ތިރީސް އަހަރުގެ ކުދިންވެސް ކޮންމެވެސް ވަރަކަށް މިވާހަކަ ދަނެ އެވެ. އެހެންނަމަވެސް ތަފްޞީލެއް ނޭނގެ އެވެ. "ކަނބޯރަނިން ލިޔުނު ފިލާ" ދަންނަ މީހުން އުޅެ އެވެ. އެހެންނަމަވެސް އެ ވާހަކަ ކިޔައިދޭން ދަންނާނީ އިސްރަށްވެހިންނަށް ކަމުގައި ބުނުމުން، މީހުން ގާތު އަހައިގެން އެ ވާހަކަ ދަންނަ މީހުން ތިބޭ ގޯތިތައް ހޯދައިގެން އެ ތަންތަނަށް ގޮސް ސުވާލުކޮށްފީމެވެ. ކޮންމެވެސް ފަންޑިތަވެރިކަމެއްގެ ވާހަކަ އެމީހުން ދައްކަން ފަށައިފި އެވެ. ފަތްތޫރަ ހާވައިގެން މަޢުލޫމާތުކޮޅެއް ހޯދިއްޖެ އެވެ. މަޝްހޫރު ދިރާސާވެރިޔާ މުޙައްމަދު އިބްރާހިމް ލުޠުފީ ލިޔުއްވާފައިވާ މަޒުމޫނެއް ފެނިއްޖެ އެވެ. މި ވާހަކަ ވަރަށް ތަފްޞީލުކޮށް ލިޔުއްވާފައިވެ އެވެ.

ލުޠުފީގެ ލިޔުއްވުމުގައި ހަވާލާދެއްވަނީ މި ވާހަކައިގައި މުހިއްމު ދައުރެއް އަދާކުރައްވާ ބޭފުޅެއްކަމަށްވާ ކުޅުދުއްފުށީ ކާސިންކަލޭގެގެ ހަތަރު ވަނަ ކާފަ ދަރިކަލެއް ކަމަށްވާ ކުރަހާގޭ ޢަބްދުﷲ އަބޫބަކުރަށެވެ. މި ވާހަކަ ޚުލާސާކޮށްލެވޭތޯ މަސައްކަތްކުރާނަމެވެ. ކޭލަކުނު ތަޅާލި ވިއްސާރައިގައި ކުޅުދުއްފުއްޓަށްވެސް ވަރަށް ބޮޑުވަރު ވީކަމަށް ވެ އެވެ. އެއްބަޔަކު ރަށުން ފައިބައިގެން ގޮސް، އަނެއް ބަޔަކު މަރުވެދިޔައީ އެވެ. ވިއްސާރަގަނޑު މައިތިރިވީއިރު، ރަށުގައި މީހުން ތިބީ "ހަ ކައިވެނީގެ" ނުވަތަ ހަ ކައިވެނި ކުރެވޭވަރަށް އެކަންޏެވެ. ވިއްސާރަ އައި އިރު ވެރިއަކަށް ހުރީ އަބޫބަކުރެވެ. ވިއްސާރަގަނޑުގައި އޭނާއަށް ވީނުވީއެއް ނޭނގުނެވެ. ވިއްސާރައަށްފަހު ވެރިއަކަށް ހުރީ އޭނާގެ ދަރި ކާސިންކަލޭގެ އެވެ. ވިއްސާރައަށްފަހު މާލެއިން ޚަބަރު ދަބަރު ބަލަން އައި މީހުން ނިންމީ، މީސްކޮޅު މަދުކަމުން، ކުޅުދުއްފުށިން މީހުން ބޭލުމަށެވެ. އެހެންނަމަވެސް ކާސިންކަލޭގެގެ އެދުމަށް، އެ ނިންމުން ބަދަލުކުރީ އެވެ. ކާސިންކަލޭގެގެ ބައްޕަގެ ވެރިކަމުގައި ރަށް އާބާދުނުވާތީ ނ. ބަޑައިދިއްދޫ އަށް އޭރު އައިސް އިން ކަނބޯރަނި ކިޔާ މީހަކު ގެނެސް، ރަށަށް ފަންޑިތަ ހެދިކަމަށް ވެ އެވެ. އޭނާ ރައްޔިތުންނާ، ”ރައްޔިތުން ބޭނުންވަނީ ރަށުގައި ގުއި ގިނަވުންތޯ އާއި ގުއި މަދުވުންތޯ" ސުވާލުކުރުމުން، ވާނުވާއެއް ނޭނގި ތިބި ރައްޔިތުން "ބޭނުންވަނީ ގުއި މަދުވުމަށޭ" ބުނި ބުނުމުގެ މައްޗަށް ފިލައެއް ލިޔެ، އެ ފިލާ ހުކުރު މިސްކިތުގެ ޤިބުލަ ކިބައިގައި ބެހެއްޓިކަމަށްވެ އެވެ.

ކުރީގެ ހުކުރު މިސްކިތް ހުރި ތަނުގައި މިހާރު އަޅާފައި ހުންނަ އާ މިސްކިތް
ކުރީގެ ހުކުރު މިސްކިތް ހުރި ތަނުގައި މިހާރު އަޅާފައި ހުންނަ އާ މިސްކިތް

ކުރީގެ ހުކުރު މިސްކިތް ހުރި ތަނުގައި މިހާރު އަޅާފައި ހުންނަ އާ މިސްކިތް

އެއީ ހިޖުރައިން 1197 ވަނަ އަހަރުގަ އެވެ. އެހެންނަމަވެސް އާބާދީ ދިޔައީ މަދުވަމުންނެވެ. ބޮޑު ވިއްސާރައަށްފަހު ކާސިންކަލޭގެ ވިސްނީ، އަނެއްކާވެސް އެ ފަންޑިތަވެރިޔާ ހޯދާށެވެ. މިހެން ހިތައި ނ. ބަނޑައިދިއްދުއަށް ގޮސް ކަނބޯރަނިން ގާތު ސުވާލުކުރުމުން، "ރަށުގެ ރައްޔިތުން އެދުނީ ރަށަށް ގުއި ގިނަނުވުމަށް ފަންޑިތަ ހަދާށެވެ. ވީމާ ފަންޑިތަ ހެދީ އެގޮތަށް" ކަމަށް އޭނާ ބުނިކަމަށްވެ އެވެ. ދެން ކާސިންކަލޭގެ ކަނބޯރަނިން ގޮވައިގެން ކުޅުދުއްފުއްޓަށް އެނބުރި ގޮސް، ފިލާ ފުހެ، އަލުން ފިލާ ލިޔުއްވީ އެވެ. އެހެންނަމަވެސް ތާރީޚު ބަދަލެއް ނުކުރެ އެވެ. އަދި އެއަށްފަހު، ކުޅުދުއްފުށީގެ އާބާދީ އިތުރުވަމުންދިޔައީ ކަމަށް ބުނެވެ އެވެ. ކުޅުދުއްފުށި އޭރު ބެހިފައި އޮތީ ތިން އާއިލާއަކަށެވެ. އެއީ ދޫނިއަލިކަލޭގެ އާއިލާ އާއި، ބައްދު އާއިލާ އާއި ކާސިންކަލޭގެ އާއިލާ އެވެ.

ކުޅުދުއްފުށީ ދާރުއްސަލާމް ޙުސައިން އަޙުމަދު: މިސްކިތް ތަޅާލަން ގަސްދުކުރާކަން އެނގުމުން އެ ފިލާ ކައިރީ ނެގި ފޮޓޯ ހިފަހައްޓައިގެން
ކުޅުދުއްފުށީ ދާރުއްސަލާމް ޙުސައިން އަޙުމަދު: މިސްކިތް ތަޅާލަން ގަސްދުކުރާކަން އެނގުމުން އެ ފިލާ ކައިރީ ނެގި ފޮޓޯ ހިފަހައްޓައިގެން

ކުޅުދުއްފުށީ ދާރުއްސަލާމް ޙުސައިން އަޙުމަދު: މިސްކިތް ތަޅާލަން ގަސްދުކުރާކަން އެނގުމުން އެ ފިލާ ކައިރީ ނެގި ފޮޓޯ ހިފަހައްޓައިގެން

މި މަޢުލޫމާތުކޮޅުން ރޯނުއެދުރުވެގެން އަހަރެން ދެން ހިނގަންފެށީ މުސްކުޅިފުރައިގެ މީހުން އުޅޭ ގޭގެއަށެވެ. އެއްބަޔަކު ވާހަކަ ކިޔައިދެނީ ހަމަ އަކުރުން އަކުރަށް، ލުޠުފީ ވިދާޅުވާ މޭރުމުންނެވެ. އަނެއް ބައެއްގެ ވާހަކަ ކުޑަކޮށް ތަފާތެވެ. ތަފާތު ގޮތަކަށް ވާހަކަ ކިޔާ މީހުން ބުނަނީ، ކުޅުދުއްފުށީ އާބާދީ ކުއްލިއަކަށް މަދުވެގެން ދިޔައީ ބޮޑު ބަލިމަޑުކަމެއް އައިސްގެންކަމަށެވެ. ދެ ގޮތަކަށް މި ވާހަކަ ކިޔާއިރު އެހެންނަމަވެސް ހަނދާންކޮށްލަން ޖެހެނީ، މިހާރު ވާހަކަ ކިޔައިދޭ މީހުންނަށް ވާހަކަ އަޑުއިވިފައި ހުންނާނީ އެއް ޖީލުން އަނެއް ޖީލަށް ތުންތުންމަތިން ވާހަކަ ކިޔައިދީ އުޅުނު ގޮތަށް ކަމަށެވެ. އެހެންނަމަވެސް އެ އެންމެންވެސް، ކަނބޯރަނިން ލިޔުނު ފިލާގެ ވާހަކަ އާއި ކުޅުދުއްފުށީގެ މިހާރުގެ އާބާދީ ނިސްބަތްވާ ތިން އާއިލާގެ ވާހަކައިގައި ޚިލާފެއް އޮތްކަމަކަށް ނުފެނެ އެވެ.

މިހާ ހިސާބުން އަހަރެން މަސައްކަތް ފެށީ އެ ފިލާ ފެނޭތޯ ބެލުމަށެވެ. ސިޓީ ކައުންސިލުގައި އެއްފަހަރު އެދުމުން، އެކަން ހަމަޖެހިއްޖެ އެވެ. އެ ދުވަހު ހަވީރު، މިސްކިތު ގުދަނުގައި އޮތް ބަރު ބޮޑު ފިލާ، މިސްކިތުގެ ތެރެއަށް ގެނެސްދީ، އޭގެ ފޮޓޯ ނެގޭނޭ ގޮތް ހަމަޖެހިއްޖެ އެވެ. ފިލަޔާ ގުޅޭ ގޮތުން އުފެދުނު ބައެއް ސުވާލުގެ ޖަވާބު ހޯދުމަށް އަހަރެން ހޯދީ، މިސްކިތު މުދިންކަމުގައްޔާއި އިސްލާމް ޓީޗަރުކަމުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އެ ސިޓީގެ ދާރުއްސަލާމް، ޙުސައިން އަޙުމަދުގެ އެހީތެރިކަމެވެ. ޙުސައިން އަޙުމަދުވެސް އެ ވާހަކަ ވިދާޅުވީ، ލުޠުފީ ވިދާޅުވެފައިވާ ގޮތަށެވެ. އެހެންނަމަވެސް ޙުސައިން އަޙުމަދުގެ ފަރާތުން، ވަރަށް އަގުހުރި ފޮޓޯއެއް ލިބުނެވެ. ޙުސައިން އަހުމަދު ވިދާޅުވީ، އެއީ މިސްކިތް ތަޅާލަން އުޅޭކަމުގެ ޚަބަރު ލިބުމުން، އޭގެ ކުރިން ކަނބޯރަނި ފިލާ ކައިރީގައި ފޮޓޯއެއް ނަންގަވާނަމޭ ހިއްތަވައިގެން މުސްކުޅި މިސްތިކުގައި ނެންގެވި ފޮޓޯއެއްކަމެވެ.

ކުޅުދުއްފުށީ ދާރުއްސަލާމް ޙުސައިން އަޙުމަދު: މިސްކިތް ތަޅާލަން ގަސްދުކުރާކަން އެނގުމުން އެ ފިލާ ކައިރީ ނެގި ފޮޓޯ
ކުޅުދުއްފުށީ ދާރުއްސަލާމް ޙުސައިން އަޙުމަދު: މިސްކިތް ތަޅާލަން ގަސްދުކުރާކަން އެނގުމުން އެ ފިލާ ކައިރީ ނެގި ފޮޓޯ

ކުޅުދުއްފުށީ ދާރުއްސަލާމް ޙުސައިން އަޙުމަދު: މިސްކިތް ތަޅާލަން ގަސްދުކުރާކަން އެނގުމުން އެ ފިލާ ކައިރީ ނެގި ފޮޓޯ

ރަށާ ގުޅުންހުރި ވަރަށް ތަފާތު ވާހަކައެކެވެ. އެހެންނަމަވެސް ދެ ތިން ސުވާލެއް އުފެދުނެވެ. އެހާ ދުވަސްވަންދެން މިސްކިތުގައި އެ ފިލާ ބާއްވާފައި އެ އޮތީ ހަމަ ޙަޤީޤަތުގައިވެސް އެ ފިލާ ނެތިއްޔާ އާބާދީ މަދުވެދާނެތީ ބާވަ އެވެ؟ އެ ފިލާ އެ ރަށުން ބާލައި، ދާރުލްއާސާރަށް ނުގެނެސް އެ އޮތީވެސް އެ ސަބަބަށްޓަކައި ބާވަ އެވެ؟ ނުވަތަ ޘަޤާފީ ތަރިކަ ލާމަރުކަޒުކުރުމުގެ ގޮތުން ބާވަ އެވެ؟ މިކަމާ ހިސާބުގަނޑުގެ އެހެން ރަށްރަށުގެ މީހުން ދެކެނީ ކިހިނެތްބާވަ އެވެ؟ ދެތިން ދުވަހުގެ ދަތުރަކުން ޖަވާބު ލިބޭނޭ ސުވާލުތަކެއް ނޫނެވެ. އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ތުން ތުން މަތިން މި ކިޔައިދޭ ހާދިސާ ހިނގިކަމުގެ ހެކި ފެންނާން އެބަހުއްޓެވެ. ސިޓީގެ މިހާރުގެ ހުކުރު މިސްކިތު ގުދަނުގައި އޮތް ހައެއްކަ ފޫޓު ދިގު ފިލައިން އެކަންޏެއް ނޫނެވެ. ކުޅުދުއްފުށީ ސިޓީގެ ވަރުގަދަ އާބާދީ އާއި އެ އާބާދީގެ ސަބަބުން އެ ސިޓީއަށް އަމާޒުވަމުންދާ ތަރައްޤީވެސް މި ކަމަށް ހެކިވެ އެވެ.

Newsletter

Get the latest news delivered straight to your inbox