އޭނާ ފެނުމުންވެސް، އޭނާގެ އަޑުޖެހުމުންވެސް ހެއަށް ގޮތްވާ "ފޭނުން" ދިވެހިންގެ ތެރޭގައި އުޅެ އެވެ. އެކި "ޕަރީން"ގެ ވާހަކަ ދައްކާ އަމުނާލާފައި ހުންނަ ލޯބީގެ ލަވަތައް އެ، ފިރިހެންވަންތަ، ބަރު އަޑުން ކިޔަމުންދާއިރު، ހިތްތައް ކުދިކުދިކުރެ އެވެ. އަޑަށް ގެންނަ ބަނޑިތަކަކީ މަސްނޫޢީ އެހީތެރިކަމަކާ ނުލައި ހަމަ އަސްލުވެސް ގެނެވިދާނޭ ފަދަ ބަނޑިތަކެއްތޯ ސުވާލު އުފެދޭހާ ފުރިހަމަ އެވެ. މިއުޒީޝަނުންގެ ތެރޭގައި އޭނާ މަޤުބޫލުވެފައިވަނީ މި ޒަމާނަށް ފެތޭ، ތަފާތު ވައްޓަފާޅިއެއްގެ ދިވެހިވަންތަކަމެއް އޭނާގެ ރާގުތަކުން ދައްކުވައިދޭ ފަންނާނެއްގެ ގޮތުގަ އެވެ. މި އެންމެން ފަދައިން، އަހަރެންނަކީވެސް އިސްމާއިލް އައްފާންގެ ފޭނެކެވެ. މަދަރުސީ ދައުރުގައި ސްކޫލް ކުދިންގެ ލަވަ މުބާރާތެއްގައި މުޅީން އަލަށް ބައިވެރިވެ، އެ ސްޓޭޖަށް ފަރިތަ އެތައް ނަމެއްގެ މައްޗަށް ކުރި ހޯދީއްސުރެންނެވެ. އެހެންނަމަވެސް މިއަދު، އަހަރެން މި ތަޢާރަފުކުރަނީ ޅެންވެރިޔާ އައްފާނެވެ. ފަލްސަފާވެރިޔާ އައްފާނެވެ. އިޖުތިމާއީ މުފައްކިރު އައްފާނެވެ.
ސުވާލު އުފެދޭނެ އެވެ. އައްފާންގެ ޅެންވެރިކަމޭ ތޯ އެވެ؟ އަޅުގަނޑުގެ ހިތުގައި އައްފާންގެ ލަވަތަކުގެ ޅެންވެރިކަމާމެދު ޝައުޤުވެރިކަން އުފެދުނީ "ބިންދާލީ ރާޅެއްހެނެވެ". ކުއްލިއަކަށް، އަވަސްކޮށް، އެއްކޮށް ސަމާލުކަން އަތުލައިގަންނަމުންނެވެ. ފުން ސިފަކުރުންތަކެއްގެ ނިވަލުގައި އެ ތިލަކުރަނީ ކޮން ޚިޔާލުތަކެއްތޯ ސުވާލުއުފައްދަމުންނެވެ. ބިންދާލިރާޅެއްހެން ޅެންވެރިޔާގެ ހިތުތެރެއަށް އެ ބިންދާލީ ލޯބިވެރިއެއް ބާވަ އެވެ؟ ސިންގާއެއްހެން ތެޅެމުން ފޮޅެމުން އަންނަނީ ކަމަށް ބުނެ އެ ސިފަކުރަނީ ކޮންކަހަލަ މީހެއް ބާވަ އެވެ؟ މި ސިފަކުރަނީ އެދުންވެރިކަން ގަދަ ލޯތްބެއްގެ ވާހަކަ ހެއްޔެވެ؟ ނުވަތަ މުދާވެރިކަމަށް އޮންނަ އެދުންވެރިކަމެއްގެ ވާހަކަ ބާވަ އެވެ؟ ފައިސާ އާއި ނުފޫޒާ ދިމާއަށް ބިންދާ ރާޅުތަކުގެ ވާހަކަ ބާވަ އެވެ؟
ހަމަ އެ އަލްބަމް "ގެނބެންދެން"ގެ އެހެން ލަވައެކެވެ. ވަރަށް ވައިގައި ހިފާލި، މަޝްހޫރުވި ލަވައެކެވެ. "ޗަކަ" މި ވާހަކައަކީ މޫސަގެ ވާހަކަ އެވެ. މޫސަ ގޮސް ޗަކަވަޅަކަށް ވެއްޓޭ ވާހަކަ އެވެ. އޭނާގެ އާދަތަކުގެ ވާހަކަ އެވެ. އޭނާ އުޅޭ ގޮތުގެ ވާހަކަ އެވެ. "ބުޅަލެއްގެ" އުޅުން ހުންނަ މި މޫސަ "ކުރަކައްޔެއް" ދާހެން ހަލަނިކަމާއެކު އެނބުރެމުން ސެނބުރެމުންދަނިކޮށް ޗަކަ ވަޅުގަނޑަކަށް ވެއްޓި، ފުއްކިބައިން ފުންނާބާ ހަމައަކަށް އޭނާ ޗަކަހުން ތަތްތެޅޭ ވާހަކަ އެވެ. މި މޫސަ އަކީ ކާކު ހެއްޔެވެ؟ މޫސަ އެ ޝަޚްޞިއްޔަތުގެ އެހީގައި ޅެންވެރިޔާ އެ ސިފަކުރަނީ މަސްތުވާތަކެއްޗާއި، ވަޒީފާ ނެތުމާއި އެ ނޫންވެސް އިޖުތިމާޢީ މައްސަލަތަކުގެ ތެރޭ ގެނބިގެން ގޮސް ގޮތްހުސްވެފައި ތިބޭ މި ޒަމާނުގެ ޒުވާނުންގެ ޙާލަތުކަމަށް ބެލެވިދާނެ ހެއްޔެވެ؟ އެ ލަވައިގައި "ޗަކަ" އިން އެ ސިފަކުރަނީ އޭނާގެ ގެއްލުނު ފުރާވަރު ހެއްޔެވެ؟ އޭނާގެ މުޑުދާރުވަމުންދާ ނަން ހެއްޔެވެ؟ ކިލަނބު ވަމުންދާ ޙަޔާތް ހެއްޔެވެ؟ "ކުރަކައްޔެއް" ހެން ދަނީއޭ ބުނުމުން، އެ މަހުގެ އުޅުން ދަންނަ މީހަކަށް އެ މީހާގެ ޙާލަތު ސާފުވެ އެވެ. "ފުއްކިބައިން ފުންނާބަށް" ކަމަށް ސިފަކުރުމުން، އޭނާ އެ މާޔޫސީގެ ތެރެއަށް ގެއްލިފައިވާ މިންވަރަށް ބާރު އަޅަ އެވެ. ފުރަތަމަ އޭނާ ބޭ އިޚުތިޔާރުގައި "ކައްސާލީ" އެވެ. ފަހުން އޭނާ "ފުއްމާލީ" އެވެ. މަޖުބޫރީ އާއި ޙާލަތު އޭނާއަށް ދެއްކި އަނދިރިކަމުގެ ތެރޭ ގޮތްހުސްވެ، އާޚިރުގައި އޭނާ އެ ދިރިއުޅުން އިޚުތިޔާރު ކުރިކަން ސިފަކޮށްދޭން މިއަށް ވުރެ ވަކި ރީތި ސިފަކުރުމެއް ބޭނުންވޭ ހެއްޔެވެ؟
ޅެންވެރިކަމަކީ އަދަބިއްޔާތުގެ ގޮފިތަކުގެ ތެރެއިން، އިޖުތިމާޢީ ކޮމެންޓަރީ ދިނުމަށް އެންމެ މުނާސަބު ގޮފިކަމަށް ގިނަ ބަޔަކު އިއްތިފާޤުވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ފޮތްފޮތުގައި ލިޔެ ރައްކާކޮށްފައި ހުންނަ މޮޅެތި ލިޔުންތައް ކިޔާނޭ މީހުން ނިސްބަތުން މަދެއްކަމަކު، އިވޭ ލަވައަކުން ނުވަތަ ރާގަކުން ސަމާލުކަން އަތުލައިގަނެވެ އެވެ. ގިނަ ފަހަރަށް އަދަބީ ފެންވަރު މިނާ ނާޅިއަކީ ބަސްކޮށާރާއި ކުރީގެ މޮޅެތި އަދީބުންގެ މިސާލެވެ. މޮޅު ކަމަށް މި ބުނެވެނީ އެއް ތައްގަނޑަކަށް ލިޔެފައި ހުންނަ ލިޔުންތަކެވެ. އަދަބިއްޔާތުގެ އޮނިގަނޑުތަކުގެ ތޭރިތަކުގައި ބަނދެވިފައި ހުންނަ ޚިޔާލުތަކެވެ. ޤަބޫލުކުރަން ބޭނުންނުވާ ޙަޤީޤަތަކީ ބަހާއި އަދަބިއްޔާތަކީ ޒަމާނާ އެއްގޮތަށް ބަދަލުވަމުން އަންނަ އެއްޗެއްކަމެވެ. މިއަދުގެ އިޖުތިމާޢީ ކޮމެންޓްރީ ދޭ ލިޔުންތެރިޔާ ނުވަތަ ޅެންވެރިޔާގެ ވައްޓަފާޅި ނުވަތަ ގެންގުޅޭ އޮނިގަނޑަކީ މީގެ އެއް ޤަރުނު ކުރީގެ ސްޓޭންޑަޑެއް ކަމުގައިވާނަމަ، އޭގެ ޖަޒުބާތު މި ޒަމާނުގެ އޯޑިއަންސަށް ކުރާނެ ހެއްޔެވެ؟ މި ޒަމާނަށް ބޭނުންވަނީ މި ޒަމާނުގެ މީހުން ބަލައިގަންނާނޭ ބަސްކޮށާރެކެވެ. ސިފަކުރުންތަކެކެވެ. މަންސައެކެވެ.
އައްފާންގެ ޅެންވެރިކަން ތިލައެއް ނޫނެވެ. އިންތިހާއަށް ފުނަށް ފީނާނޭ ޖާގަ، އެ ޅެންވެރިކަން ދެ އެވެ. "ގެނބެންދެން" އަލްބަމުގެ އެހެން ލަވައެކެވެ. މި ފަހަރު، ކުރިން މި ބުނި ލަވަތަކާ އެއްވަރަށް މަޝްހޫރުވި ލަވައެއް ނޫނެވެ. އެހެން ނަމަވެސް މި ލަވައަށް އަހަރެން ތަޢާރަފުވުމާއެކު މި ލަވައިގެ ޚިޔާލުގެ މޮޅުކަމަށް ސާބަސްދެވުނެވެ. "ހަތަރު އަނގޮޅި" މި ލަވައިގައި ދައްކާ ވާހަކަތަކަށް ނަޒަރު ހިންގާލަމާތޯ އެވެ.
"ހުސް ވަގުތުތައް ގިނަ ވެފައި، ހުންނަ އިރު ބިރު ހީވެފައި
ފުސް ގަނޑެއް ކުރިމަތިވެފައި، ހުންނަހެން ގޮތް ހުސްވެފައި
ކުރިމަގާމެދު ވިސްނެނީ، ނުލިބޭ އުފަލަށް ބެލެނީ
ހުށިޔާރު ނުވެވި އިނދެވެނީ، ހުރިގޮތް މިއީ ވާށޭ އެހީ
ހަތަރު އަނގޮޅި ކަންމަތީ މަ
ޚަބަރު ހުސްވެފައިހުރީ މަ
އަބަދު ވާކަމެއް ވީމަ
މަކަރު މި ނަފުސަށް ހެދީމާ
ގެއްލުން ލިބޭނޭ ފަހުން، ވެއްޓިގެން އަދު ތަދުވުމުން
ހެއްވާލިޔަސް މަ ވަގުތުން، ކެތްވާނެހޭ ބޭހަކުން"
މި ފަހަރު ޅެންވެރިޔާ އިޚުތިޔާރުކޮށްފައިވާ ނަޒަރިއްޔާއަކީ، "ހަތަރު އަނގޮޅި ކަންމަތީ ޚަބަރު ހުސްވެފައި" ތިބޭ މީހުންގެ ނަޒަރިއްޔާ އެވެ. އެފަދަ މީހުން، ނުވަތަ މަސްތުވާތަކެއްޗަށް ދެވި ހިފާފައި ތިބޭ މީހުންނަށް ފާޑުކިޔުމަކީ އަހަރެމެންނަށް ވަރަށް ފަސޭހަ ކަމެކެވެ. އެހެން ނަމަވެސް، އެ ފަދަ މީހެއްގެ ހިތުގައި އެނބުރޭ ޝުޢޫރުތައް އަހަރެމެންނަށް އެނގޭބާވައެވެ. މާޔޫސީގެ އިންތިހާ މި ލަވައިން ފެނެ އެވެ. އުޅެވޭ ގޮތާމެދު ދެރަވާ ކަމާއި އޭނާއަށް އިޚުތިޔާރުކުރެވިފައި މި ވަނީ ރަނގަޅު ގޮތް ނޫންކަން އޭނާ ދަންނަކަން ހާމަކޮށްދެ އެވެ. އެ ތަކެތީގެ އަވައިގައި ޖެހިފައި ހުންނައިރު، އޭނާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އޭނާއަށް ވަނީ ފުސްވެފައެވެ. ކުރާނެ ކަމެއް ނެތި، އިސްލާޙު ވާން ބޭނުންވިޔަސް އެކަމަށްވެސް މަގެއް ނެތި ހުންނައިރު، އަނެއްކާވެސް ގޯހެއް ހެދިދާނެތީ ސިހި ސިހި ހުރެ އެވެ. ނުލިބި ހުރި އުފާތަކާއި، ކިލަނބުވެފައިވާ ކުރިމަގާ މެދު ވިސްނާނޭ ހިތްވަރުވެސް ނެތި ހުންނައިރު، އިސްލާޙު ވާނަމޭ ހިތާހިތުން އެ ކުރެވޭ އުއްމީދަކީވެސް އަމިއްލަ ނަފުސަށް ހަދާ ދޮގަކަށް ނުވަތަ މަކަރަކަށް ނޫނީ ނުވާ ވާހަކައެވެ. ވަގުތީ ހައްލެއް ނެތް، ބޭސްގުޅައަކުން އެކަނި ފިލަން ނެތް ތަދެއްގެ ވާހަކައެވެ.
ތިލަ ބަސްކޮށާރެކެވެ. ފުން އިހުސާސްތަކެކެވެ. "ފުސްވުން"، "ކެތްވުން" މިއީ މި ޒަމާނުގައި އަތްމަތީ ލަފުޒުތަކެވެ. މި ލަވަ ދޭހަކުރަން ރަދީފުގެ ބޭނުމެއް ނުވެ އެވެ. އެހެންނަމަވެސް އެންމެ ލަފުޒަކުންވެސް އެތައް އިހުސާސެއް ފަވާ ނަގަ އެވެ.
ކުރިން މި ބުނި، ޒަމާނުގެ ކަންފަތުން އަޑުއަހައި، އެ ސިކުނޑިތަކުން ބަލައިގަންނަ ސާދާ ޅެންވެރިކަމުގެ ނުފޫޒު، ބަހަވީ އަދި އަދަބީ ކޮށްޓެއްގެ ތެރޭ ބަނދެވި، ބޯދާ ބަހުގެ ގަހަނާ އަޅައިގެން ހުންނަ ޅެންވެރިކަމަށް ވުރެ ގަދަ އެވެ. އައްފާނުގެ ލަވަތައް މަޤްބޫލުވަނީ ހަމައެކަނި އޭނާ އޭނާއަށް ވީތީ އެއް ނޫނެވެ. އަދި ކިއެއްތަ، އޭނާގެ އަޑުގައި ހުންނަ ހިތްގައިމުކަމަކުން އެކަންޏެއްވެސް ނޫނެވެ. އޭނާގެ ބަސްމަގާއި ޚިޔާލުތައް އަހަރެމެންނާ ގާތްކަމުންނެވެ. ޅެމުގައި ކިޔާ އެއްޗަކާއި އަޑަށް އެގެންނަ ބަދަލުތައް އެކުވެގެންދާ ބުގިސްކަމުންނެވެ. އަދުގެ މުޖުތަމަޢު އައްފާންގެ ލޮލުން ބަލާއިރު، ފެންނަ ޙަޤީޤަތްތައް ގިނަކަމުންނެވެ.








