އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (10)

އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (10)

އިސްވެދިޔަ ބައިގައި ދަންނަވާލެވިފައި އެވަނީ "ތާރީހަށް އައު އަލިކަމެއް" ފޮތުގައިވާ ކޮއިމަލާ ވާހަކައިގެ ހުލާސާ ނަކަލެވެ. ޝަވިއަރ ލިޔުއްވި "ދި ފޯކްޓޭލްސް އޮފް މޯލްޑިވްސް" ފޮތުގައި ވެސް ކޮއިމަލާ ވާހަކަ ބަޔާންކޮށްފައިވެ އެވެ. މި ދެ ފޮތުގައި ނަންގަނެވިގެންވާ ކޮއިމަލާ ވާހަކައިގެ މައްޗަށް ބަލާއިރު ޝަވިޔަރގެ ފޮތުގައިވާ ވާހަކައިގެ ފެށޭ ކޮޅު، ތާރީޚަށް އައު އަލިކަމެއްގައިވާ ހުލާސާ ނަކަލާއި ކުޑައިކޮށް ތަފާތުވެގެންވެ އެވެ. މިހެންކަމުން އެ ފޮތުގައިވާ ކޮއިމަލާ ވާހަކައިގެ ފެށޭ ކޮޅަށް ހުލާސާ ނަޒަރަކުން ވިޔަސް ބަލާލުމަކީ ނެތްކަމެއް ނޫނެވެ. "ދި ފޯކްޓޭލްސް އޮފް މޯލްޑިވްސް" ފޮތުގައިވާ ވާހަކައިގެ ކުރީކޮޅުގެ ހުލާސާ ތަރުޖަމާއަކީ

"މާ އިހު ޒަމާނެއްގައި އުތުރުކަރައިގެ (އިންޑިޔާގެ) ޖަންގަލީގެ މެދުގައި ހުރި ޖިފުޓި ގަނޑެއްގައި ވަރަށް ފަގީރު ދެމަފިރިއަކު ދިރިއުޅުނެވެ. އެއްދުވަހަކު ފިރިމީހާ ޝިކާރަޔަށް ދިޔަގޮތަށް އެނބުރި ގެޔަށް ނައުމުން އޭނާގެ އަންހެނުން ފިރިމާހާ ހޯދުމަށްޓަކައި ޖަންގަލީގެ ތެރެޔަށް ނިކުމެ ހިނގާން ފެށިއެވެ. އެއިރު އެ އަންހެންމީހާ އިނީ އެދެމަފިރީންގެ ފުރަތަމަ ދަރިޔަށް ބަލިވެ އެވެ. ފިރިމީހާ ހޯދުމަށްޓަކައި ހިނގަމުން ދަނިކޮށް ކުއްލިއަކަށް ވިހެއުމުގެ ވޭންވަރު ލައިގަނެއްޖެ އެވެ. ދެން އެތާހުރި ނިކަބިލީއްސަ ގަހެއްގެ ބުޑުގައި އޭނާ އިށީނދެ އެކަނި އިނދެ ވިހައިފި އެވެ. ވިހެއުމުގެ ވަރުބަލިކަމުގައި ވަނިކޮށް ކުއްލިއަކަށް އައިނައިތަނެއް ނޭނގި އައި މިނިކާވަގެއް ފުންމައިގެން އައިސް އެ އަންހެން މީހާ ކާލައިގެން ހިނގައްޖެ އެވެ. އެ މިނިކާވަގަށް އެތަނުގައި އޮތް ތުއްތު ކުއްޖާއެއް ނުފެނެ އެވެ. އެކުއްޖާ އެއިރު އޮތީ ގަހުގެ ދެމޫގަނޑު ދޭތެރޭ ފޮރުވިފަ އެވެ.

މީގެ އިރުކޮޅެއްފަހުން އެތަނަށް ގެރި އައިނެއް އަތުވެއްޖެ އެވެ. ކަން ދިމާކުރި ގޮތުން އެ ތުއްތު ކުއްޖާ އޮތް މޫގަނޑަ ދިމާއަށް ވިނަކާން އޮތް ގެރިއަކީ ދަރި މަރުވެ ކިރު އަރާފައިވާ ގެރިއެކެވެ. އިސާހިތަކު އެކުއްޖާ އެގެރީގެ ބަނޑުދަށުން ކިރު ބޯން ފެއްޓި އެވެ. މިކަމުގެ ސަބަބުން ގެރިއަށްވެސް ލިބެން ފެށި ލުޔަށްޓަކައި ކޮންމެ ދުވަހަކު އެ ނިކަބިލީއްސަ ގަސްދޮށަށް ގެރި އަންނަން ފެއްޓި އެވެ. އަދި ތުއްތު ކުއްޖާވެސް ދިޔައީ ގަވާއިދުން ގެރީގެ ބަނޑުދަށުން ކިރު ބޮމުންނެވެ. މިގޮތުގައި އެކުއްޖާ ބޮޑުވެ ފިރުކެވޭ ވަރުވުމުން ފިރުކިފާ ގެރި އައިނާ އެކީ އުޅޭން ފެއްޓި އެވެ. މިގޮތުގައި އަހަރުތައް ފާއިތުވަމުން ގޮސް ރީތި ފިރިހެން ކުއްޖެއްގެ ގޮތުގައި އެކުއްޖާ ބޮޑުވެއްޖެ އެވެ. އެހެނަސް އޭނާ ހިނގައި އުޅެނީ ހަތަރެސްފައި ޖަހައިގެނެވެ.

އެއްދުވަހަކު ވަލުތެރެޔަށް ޝިކާރަޔަށް ނިކުމެ އުޅުނު ބަޔަކަށް މި ކުއްޖާ ފެނިގެން އަވަހަށް ގޮސް އެ ޝަހަރުގެ ރަސްގެފާނަށް އެ ޚަބަރުދިނެވެ. މި ހަބަރު އައްސަވާފައި ރަސްގެފާނުން ޝޯހުވެލެއްވި ބޮޑުކަމުން އިސާހިތަކު ޢަސްކަރުންނައިގެން ޖަންގަލީގެ ތެރެޔަށް ވަޑައިގަތެވެ. އަދި އެކުއްޖާ ހިފާނެ ދަންތުރައެއް ޖެއްސެވި އެވެ. ދެން ކުއްޖާ ހިފައިގެން ކޮއްޓަކަށް ލައިގެން ގަނޑުވަރަށް ގެންނަވާ ރަށުގައި ތިބި އެންމެހައި އެދުރުންނާއި ޙަކީމުންނަށް އެތަނަށް އައުމަށް ދަޢުވަތު ދެއްވި އެވެ. މި އެންމެންމެ އެއްބަސްވީ އެއީ ފުރޭތައެއް ނޫންކަމަށާއި ހަމަ އާދައިގެ އިންސާނެއްކަމަށެވެ. ދެން ރަސްގެފާނުން އަވަހަށް އެކުއްޖާއަށް އިންސާނީ ބަސްމަގާއި އުޅުން ދަސްކޮށްދެއްވާނެ އެދުރުބޭކަލުން ޢައްޔަނުކުރެއްވި އެވެ. ރަސްގެފާނުންނަށް އެކުއްޖާގެ ރީތިކަމާއި ފުރިހަމަކަން ފެނިފައި މަލެއް ފަދަ ކޮޔޭ ވިދާޅުވެ ނަންވެސް ދެއްވި އެވެ. މާގިނަ ދުވަސްތަކެއް ނުވަނީސް މިކުއްޖާއަކީ ޙިކުމަތުން ފުރިގެންވާ ތެދުވެރިކުއްޖެއްކަމުގައި ރަސްގެފާނަށް އެނގިއްޖެ އެވެ. އަދި ދެން އިސާހިތަކު އޭނާއީ ރަސްގެފާނުން އެންމެ އިތުބާރުކުރައްވާ ފަރާތްކަމުގައވެސް ވެއްޖެ އެވެ.

މިގޮތުގައި އުޅެމުން އައިސް އެއްދުވަހަކު މަލެއްފަދަ ކޮޔާ ރަސްގެފާނުން ސުވާލު ކުރެއްވި އެވެ. ކޮއި ވަލުތެރޭގައި އުޅުނު ދުވަސްތަކުގައި ކޮއި ދުށް އެންމެ އަޖާއިބު ކުރުވަނިވި ކަމަކީ ކޮބައި ހެއްޔެވެ؟ އެކޮއި ޖަވާބު ދިނެވެ. އެއްދުވަހަކު އަޅުގަނޑު ގެރިތަކާއެކު މޮށްގަނޑު ޖަހަމުން ގޮސް ގޮނޑުދޮށަށް ނިކުތްތަނާ ވަރަށް އަޖާއިބު ކުރުވަނިވި މަންޒަރެއް ދުށީމެވެ. އަޅުގަނޑު ދުށީ ދަތުރުކޮށްފައިދާ ވަރަށް ބޮޑު ހަތް ނަވެވެ. ކުއްލިއަކަށް ކަނޑުން އެރި ވަރަށް ބޮޑު މަހެއް މި ހަތް ނަވު އެއްފަހަރާ ކައިލައިފި އެވެ. އަދި ނަވުތައް ކައިލި މަހަށް އަނބުރާ ކަނޑުގެ ތެރެޔަށް ފީނައި ނުގަނެވިގެން އުޅެނިކޮށް އައި ދޫންޏެއް އެ މަސް ކައިލާފި އެވެ. މި މަސް ކައިލައިގެން ދޫނި އުދުހިފާ ދަނިކޮށް އެތާހުރި ފަރުބަދައެއްގެ ހޮހޮޅައިން ނިކުތް ބޮޑު ހަރުފައެއް އެދޫނި ކައިލައިގެން އަނބުރާ އެހޮހޮޅައިގެ ތެރެއަށް ދެމިގެންފި އެވެ.

މި ވާހަކަ ހައިރާންކަމާއެކު އައްސަވާން އިންނަވާފައި ރަސްގެފާނު ވިދާޅުވި އެވެ. ކޮޔަށް އެ ފަރުބަދަ ދައްކާން އެނގޭނެ ހެއްޔެވެ؟......."

( ފޯކްޓޭލްސް އޮފް މޯލްޑިވްސް / ޝަވިޔަރ ރޮމީރިއޯ ފްރިއާރސް/ ސ. 23 އަދި 24 / 2012)

އާދެ! މިއީ ބުރާރަ މުޙައްމަދުފުޅު ކިޔަމުން އައިސްފައިވާ ކޮއިމަލާ ވާހަކައިގެ ހުލާސާ ނަކަލާއި ތަފާތުވެގެންވާ ކަމަށް އަޅުގަނޑަށް ފެންނަ އެންމެ މުހިންމު ބައިތަކެވެ. އެހެނަސް މިއީ ބުރާރަ މުޙައްމަދުފުޅު ކީ ކޮއިމަލާ ވާހަކައިގައި ހިމެނިފައި ނެތް ބައިތަކެއްކަމުގައި ވެސް ދަންނަވާން ދައްޗެވެ. އެހެނީ ކުރީން ވެސް ދަންނަވާލެވުނު ފަދައިން "ތާރީޚަށް އައު އަލިކަމެއް" ފޮތުގައި ނަކަލުކޮށްފައި އެވަނީ އޭނާ ކީ ވާހަކައިގެ ޚުލާސާއެއްކަމަށް ވާތީ އެވެ. އަދި ޚުލާސާނުކޮށް އޮތް އެވާހަކައިގެ އެންމެ ފުރިހަމަ ސީޣާ މިހާތަނަށް ފެނިފައިވެސް ނެތީމަ އެވެ. އެނގިވަޑައިގަންނަވާނެ ފަދައިން އެއްޗެއް ހުލާސާ ކުރުމަކީ އެ ޚުލާސާ ކުރައްވާ ފަރާތައް ފެނިވަޑައިގަންނަވާ މުހިންމު ނޫން ބައިތަށް އުނިކުރެއްވުމެވެ. ވީމާ އެވާހަކައިން އުނިކުރެއްވި ބައިތަކަކީ ކޮބައިކަންވެސް އަޅުގަނޑަށް އެނގިފައެއް ނެތެވެ. އަދި އެވާހަކައިގެ ފުރިހަމަ ގޮތް ތަނެއްގެ ތެރޭގައި އޮތްތޯ ބަލާ ހޯދުމުގެ "ކުޅަދާނަކަމެއް" ވެސް ނެތެވެ.

އެހެން ނަމަވެސް މި ދެ ފޮތުގައި (ތާރީހަށް އައު އަލިކަމެއް އަދި ފޯކްޓޭލްސް އޮފް މޯލްޑިވްސްގައި) ބަޔާންވެފައިވާ ކޮއިމަލާ ވާހަކައިގެ މައްޗަށް ފުން ނަޒަރަކުން ވިސްނާއިރު އެއީ މި ވާހަކައިގެ ދެ ސީޣާއެއްކަން ވެސް ވިސްނެ އެވެ. މިހެން ދަންނަވާން ޖެހުނު ސަބަބަކީ ވެސް ދެ ވާހަކައިން ފެންނަ މުހިންމު ތަފާތުތަކެއްގެ ސަބަބުންނެވެ. ބުރާރަ މުޙައްމަދުފުޅު ކިޔާފައިވާ ގޮތުންނަމަ ކޮއިމަލާކަލޯއަކީ ސަރަންދީބުގެ ޖަންގަލީގައި ބޮޑުވި ކުއްޖެކެވެ. ސަރަންދީބަކީ ސިލޯނު ނޫންތޯ އެވެ! މިއަދުގެ ނަމުންނަމަ ސްރީ ލަންކާ އެވެ. މެޓަ މުހައްމަދުގެ ފުށުން ފާތުމާފާނުގެ ފުށުން ޝަވިޔަރ ނަގުލުކޮށްދީފައިވާ ވާހަކައިގައި ބުނަނީ އެކޮޔަކީ އުތުރުކަރައިގެ ޖަންގަލީގައި ބޮޑުވިކުއްޖެއް ކަމަށެވެ. އުތުރުކަރަޔަކީ އިންޑިޔާ ބައްރު ނޫންތޯ އެވެ! އެއް ވާހަކައިގައި އެބުނަނީ ސަރަންދީބެވެ. އަނެއް ވާހަކައިގައި އެބުނަކީ އިންޑިޔާ އެވެ. މިފަދަ ފަރަގަކީ އެއްޗެއް ޚުލާސާ ކުރުމުގެ ސަބަބުންވެސް އަންނާނެ ފަރަގެއް ނޫނެއްނުންތޯ އެވެ.

މި ނޫނަސް އަދިވެސް ބައެއް މުހިންމު ތަފާތުތަކެއް ފެނެ އެވެ. ޝަވިޔަރގެ ފޮތުގައިވަނީ ކޮއިމަލާކަލޯގެ މަންމަޔާ ބަންޕައަކީ ޖަންގަލީގެ ތެރޭގައި ދިރިއުޅެމުން ދިޔަ ދެމަފިރިންކަމަށެވެ. އަދި އެކޮއިގެ ބައްޕަ ޝިކާރަޔަށް ނިކުތުމަށް ފަހު އަނބުރާ ނައިސްގެން އެކޮއިގެ މަންމަ ނިކުތީ އޭނާ ހޯދުމަށް ކަމަށް ވެސްވެ އެވެ. މިގޮތަށް ވަލުތެރޭގައި ހިނގަމުން ދަނިކޮށް، ވިހެއުމުގެ ވޭންވަރު އެކަމަނާއަށް ޖެހި ނިކަބިލީއްސަ ގަހެއްގެ ދަށުގައި އެކޮއި ވިހެއީ ކަމަށްވެސް އެބަވެ އެވެ. ވިހެއުމަށްފަހު ވަރުބަލިކަން ފިލުވާލުމުގެ ގޮތުން އެތަނުގައި އެކޮއިގެ މަންމަ އޮއްވާ، މިނިކާވަގެއް އައިސް ކައިލީ އެވެ. ފިރުކޭ އުމުރަށް ކޮއިމަލާ އައީ އެކަނިމާއެކަނި ނިކަބިލީއްސަ ގަސްދޮށުގައި އޮވެ ގެރިއެއްގެ ބަނޑުދަށުން ކިރުބޮއެގެންނެވެ.

ބުރާރަ މުހައްމަދުފުޅުގެ ކިޔާ ވާހަކައިގައި ނިކަބިލީއްސަ ގަހަކާއި މިނިކާވަގެއްގެ ވާހަކައެއް ނާދެ އެވެ. ބުނެފައިވަނީ އެކޮއި ވަލަށް ވަނީ މަންމަ މަރުވުމުން ކަމަށެވެ. މިހެންކަމުން ޝަވިޔަރގެ ސީޣާގައި ބުނެފައިވާ ގޮތާއި ހިލާފަށް ކޮއިމަލާގެ މަންމަ މަރުވިއިރު އެކޮއި ވަނީ ފިރުކޭ އުމުރުގެ ކުއްޖަކަށް ވެފައިކަން ވެސް އެނގެއެވެ. ފިރުކިފައި ގޮސް ވަލަށްވަދެ ގެރި އައިނަކާއެކީ އުޅޭން ފެށީ ދެނެވެ. މި ދެ ސީޣާގެ ތެރެއިން އެއް ވާހަކައިގައި ކޮއިމަލާ އުފަންވި ތަނަކީ ސިލޯނުކަމަށްވެފައި އަނެއް ވާހަކައިގައި އިންޑިޔާކަމަށް ބުނެފައިވުމާ އަދިވެސް މީގެ އިތުރަށް މި ދެންނެވިފަދަ ތަފާތުތަކަށް ބަލާއިރު މިއީ އެއް ވާހަކައެއްގެ މުޅީން ދެ ސީޣާއެއްކަމުގައި އަޅުގަނޑަށް ނިންމެނީ އެވެ. މިއީ މި ފޯކުލޯރުން ފެންނަ ތަޙުލީލީ ނަޒަރަކުން ވިސްނާލުން މުހިންމު ތަފާތުތަކެވެ.

މީގެ އިތުރަށް އަދިވެސް ބައެއް އެހެނިހެން ފަރަގުތައް އަދިވެސް މި ދެ ސީޣާއިން ފެނެ އެވެ. މިސާލަކަށް ކޮއިމަލާކަލޯ ޖަންގަލީގައި އުޅުއްވި ދުވަސްވަރު ދުށް އެންމެ ބޮޑު އަޖާއިބު ކުރުވަނިވި ކަމަކީ ކޮބައިތޯ ރަސްގެފާނު ސުވާލު ކުރެއްވުމުން އޭނާ ދެއްވި ޖަވާބަށް ބައްލަވާށެވެ. ޝަވިޔަރގެ ފޮތުގައި ބުނެފައިވަނީ، ކަނޑުގައި ދަތުރުކޮށްފައި ދިޔަ ނައުތަކެއް ބޮޑު މަހެއް ކައިލިތަން އޭނާ ދުށްކަމަށެވެ. އަދި ބާޒެއް އައިސް އެ މަސް ކާލި ކަމަށާއި ފަހުން ބާޒު ކާލީ ނާގަ ހަރުފަ ކަމަށެވެ. ރަންތައް ހޯއްދެވީ ހަރުފަ ވަތް މި ހޮހޮޅައިންނެވެ. ބުރާރަ މުޙައްމަދުފުޅު ކީ ވާހަކައިގެ ހުލާސާ ނަކަލުގައި ރަސްގެފާނުންގެ އެ ސުވާލަށް ކޮއިމަލާ ދެއްވި ޖަވާބުގައި މި ބައިތަކެއް ނުވެ އެވެ. ހަމައެކަނި ބުނެފައިވަނީ ހޮހޮޅައަށް ހަރުފައެއް ވަތް ވާހަކަ އެކަންޏެވެ. އެހެނަސް މިއީ އިސްވެ ދެންނެވުނު ތަފާތުތަކާއި ހިލާފަށް ހުލާސާ ކުރުމުގެ ސަބަބުން ވެސް އައިސްފައި އޮވެދާނެ ފަރަގެއްކަމަށް އަޅުގަނޑު ދެކެމެވެ.

މީގެ އިތުރަށް އަދި ފާހަގަކޮށްލާން ޖެހޭ މުހިންމު އެއްކަމެއްވެ އެވެ. އެއީ ޝަވިޔަރގެ ސީޣާ ހުއްޓާފައިވަނީ މާލެ އާބާދުކޮށް ރާއްޖޭގެ ރަސްކަމަށް ކޮއިމަލާ އިސްވެވަޑައިގަންނަވާ ހިސާބުންކަމެވެ. މި ގޮތާއި ޚިލާފަށް ބުރާރަ ވާހަކައިގައި ރާއްޖެ އިސްލާމުވި ގޮތާއި ގުޅޭ ބައިވެސް ގެނެސްދީފައިވެ އެވެ. މި އެންމެހައި ތަފާތުތަކާއި އެކު ވެސް ދެ ސީޣާގެ މައިގަނޑަކީ ހަމަ އެކައްޗެކެވެ. އިސްވެ ދެންނެވުނު ތަފާތުތަކުގެ އިތުރަށް ދެން ފެންނާން ހުރި ފަރަގުތަކަކީ އިންސާނީ ދުލުން ވާހަކަ ނަގުލު ކުރުމުގައި އައިސްފައިވާ ބައެއް ކުދި ބަދަލުތަކެވެ.

ފޯކުލޯރެއް ނިއުޅާލުމުގެ މަސައްކަތް ކުރުމުގެ އެންމެ ބޮޑު މަގުސަދަކަށްވެފައި ވާނީ އެ ފޯކުލޯރެއް ނިސްބަތްވާ ތަނެއްގެ ޚަބަރު އަޚުބާރު އޮޅުން ފިލުވާ ހޯދުމެވެ. މިހެންވުމުން ކޮއިމަލާ ވާހަކަތައް ފަދަ ފޯކުލޯރުތަކުން ފެންނަ ތަފާތުތަކަކީވެސް ވިސްނާނުލާ ދޫކޮށްލެވެން ނެތް ކަންކަމަށް ވަނީއެވެ. މި ދެ ސީޣާއިން ފެންނަ މިފަދަ ތަފާތުތަކާއި ތާރީޚު ޢިލްމާއި ގުޅައިދޭ ކުޑަ އެއް މިސާލު ދަންނަވާލާނަމެވެ. ކޮއިމަލާކަލޯ އުފަންވި ތަނަކާއި މެދު ދެ ސީޣާވަނީ އަރައިރުންވެފަ ނޫންތޯއެވެ. ބުރާރަ ވާހަކައިގައި ބުނެފައިވަނީ އުފަންވީ ސިލޯނަށްކަމެވެ. ޝަވިޔަރގެ ވާހަކައިގައި ބުނަނީ އިންޑިޔާއަށް ކަމަށެވެ.

ދެން ތާރީޚު ޢިލްމުވެރީންގެ ބަޙުސުތަކަށް ޖެހިލަމާ ހިންގަވާށެވެ. އެއްބައި މުއައްރިޚުންގެ ނަޒަރުގައި ދިވެހީންގެ ފެށުން ޚާލިސް ގޮތުން ގުޅެނީ ސިލޯނާ އެވެ. އަނެއްބައި މުއައްރިޚުން އެކަމަށް އިންކާރެއް ނުކުރައްވަ އެވެ. އެހެނަސް އިތުރުކޮށްލައްވަނީ ސިލޯނުގެ "ސިންގާ ދަރިކޮޅުގެ ބަޔަކު" މިތަނަށް އައުމުގެ ކުރީން ދެކުނު އިންޑިޔާގެ ތަމަޅައިންގެ ޙަޟާރަތެއްވެސް އޮތްކަމުގަ އެވެ. ވީމާ ދެ ސީޣާއިން ފެންނަ ތަފާތަކީ ތާރީޚު ޢިލްމުގެ ތެރެއިން ވެސް ފެންނަ ތަފާތަކަށް އެބަވެ އެވެ.

ޝައްކެއްވެސް ނެތެވެ! ކޮއިމަލާ ވާހަކަޔަކީ ގަދީމީ ޒަމާނުގެ މި ސަރަހައްދުގެ ޚުރާފީ ގަބޫލުކުރުންތަކާއި އަދި ދިވެހި ތާރީހުގައި ހިނގާފައިވާ ޙާދިސާތަކެއް އެއްކޮށްގެން އުފަންކޮށްފައިވާ މޮޅު ވާހަކައެވެ. މީގެ މައި "ކެރެކްޓަރ" އެއްގެ ގޮތުގައި ޚިޔާރުކޮށްފައި އެވަނީ އެދުވަސްވަރު ރާއްޖެއިން އުފެދުނު މޮޅު ބަޠަލެކެވެ. އެއީ ތީމުގޭ ކޮއިމަލާކަލޯ އެވެ. ވާހަކައިގެ މައިގަނޑު އެކުލަވާފައިވަނީ އެބޭކަލެއްގެ ފުށުން ފެށުނު ތީމުގޭ ރަސްދަރިކޮޅުގެ މައްޗަށެވެ. އަދި އެޔާ އެކުވެގެން ރާއްޖެ އިސްލާމުވީ ހާދިސާވެސް ގެނެސްދީފައިވެ އެވެ.

މި ފޯކުލޯރު ބިނާކޮށްފައިވަނީ މީލާދުން 12 ވަނަ ގަރުނު ހިނގާފައިވާ ހާދިސާތަކަކަށެވެ. ކޮއިމަލާ ކަލޯއަކީ ސޯމަވަންސަ ވަންހައިގެ ތީމުގޭ ގޮފީގެ ބާނީއެވެ. މާޅޮސްމަޑުލު ރަސްގެތީމު ކޮއިމަލާކަލޯ ދިވެހި ސިންގާ ތަޚުތަށް އިސްވެވަޑައިގެންނެވީ މީލާދުން 1120 ނުވަތަ 1121 ވަނަ އަހަރުގައެވެ. ދެން ވާހަކައިގައި ވަނީ ރާއްޖެ އިސްލާމުވީ ވާހަކަ އެވެ. ރާއްޖެ ބުދުދީނުން އިސްލާމްދީނަށް އެނބުރުނީ މީލާދުން 1152 ވަނަ އަހަރުގަ އެވެ. ވީމާ ވާހަކައިން ފެންނަނީ މީލާދުން 12 ވަނަ ޤަރުނުގެ ހާދިސާތަކެވެ. އެހެންނަމަވެސް ވާހަކަ އުފަންކުރެއްވި ބޭފުޅެއް އެވާހަކަ އުފައްދަވާފައި އެވަނީ ދުވަސްވަރަށްވުރެ މާކުރީގެ ޚަބަރުތަކެއް ވެސް "ކުރުގަޅުވަމުން" ގެނެސްދެމުންކަން ހާމަވެ އެވެ. ވަރަށް ފަނޑު ގޮތަކަށް ވިޔަސް ބުދުދީނުގެ ޒަމާނާ އެ ޒަމާނުގެ ޚުރާފީ ވާހަކަތަކުގެ އަސަރު އޭގެން ފެންނާން އެބަ ހުއްޓެވެ. ކުޑަ މިސާލަކަށް ބަލާނަމަ ކޮއިމަލާ ނިކަބިލީއްސަ ގަހެއްގެ ދަށަށް އުފަންވި ކަމަށް ބުނުމާ ބުއްދާ ވެސް އުފަންވީ ހަމަ ނިކަބިލީއްސަ ގަހެއްގެ ދަށުގައިކަމަށްވުމީ އިއްތިފާގަކަށްވުރެ ބޮޑަށް ކޮއިމަލާ ވާހަކަ އުފެއްދި މީހާ ކުރުގަޅުވަމުން ބުނެދީފައިވާ ޚަބަރެއްކަން އެބަ އެނގެ އެވެ.

ކޮއިމަލާ ވާހަކަ ފަދަ ވާހަކަތަކަކީ އިހު ތިބީންގެ މޮޔަކަމާއި ޖާހިލުކަމުން ކިޔަފައިވާ ވާހަކަތަކެއް ނޫނެވެ. ދުނިޔޭގެ ކުރިމަތީގައި މިއީ އައު ބާވަތެއްގެ ވާހަކައެއް ވެސް ނޫނެވެ. އެހެނީ ދުނިޔެ ދެކެފައިވާ ބޮޑެތި ޙަޟާރަތްތަކުގެ ތެރެއިންވެސް މިބާވަތުގެ ކިތަންމެ ވާހަކައެއް ފެންނާން ހުރީމަ އެވެ. މިފަދަ ވާހަކަތައް ދިރާސާކުރަމުން އަންނަނީ ހަމައެކަނި ފޯކުލޯރު ޢިލްމާއި ތާރީޚު ޢިލްމަށް ޚާއްސަވެގެނެއް ވެސް ނޫނެވެ. އިޖުތިމާޢީ ޢިލްމާއި ޢިލްމުއްނަފުސު ފަދަ ދާއިރާތަކަށް ވެސް މިފަދަ ވާހަކަތައް ފޯރުކޮށްދޭ އެހީޔާ މަދަދު ކުޑައެއް ނޫނެވެ. އަދި މި ދެންނެވި ދާއިރާތަކުގެ ބޭރުން ފައިލަސޫފީ ގުންޒަރުތަކުގައި ފިކުރީ ގޮތުންވެވޭ ބަޙުސުތަކުގައި ވެސް މިބާވަތުގެ ވާހަކަތައް ބޭނުންކޮށްފައި ހުއްޓަތީ ފެނެ އެވެ. އިންސާނީ ނަވްޢުން ބޭރުވެ ހައިވާނުންގެ ބެލެނިވެރިކަމުގެ ދަށުގައި ކުއްޖަކު ބޮޑުވަމުން އައިސް ފަހުން އިންސާނީވަންތަކަން ދަސްކުރާ ޚިޔާލާތުތަކަކީ ދުނިޔޭގެ މުފައްކިރުން އެމީހުންގެ ފިކުރީ ބަޙުސްތަކުގެ ތެރޭގައި ވަރަށް ގިނައިން ގެންގުޅެފައިވާ ޚިޔާލެކެވެ.

ދުނިޔޭގެ ފޯކުލޯރުގެ ތެރެއަށް ބަލާއިރު ފެންނަ އެންމެ މަޝްހޫރު އެއް ވާހަކައެއްގެ ގޮތުގައި ރޯމިޔުލަސް އާއި ރޭމަސްގެ ވާހަކަވެއެވެ. ރޯމިޔުލަސް އަކީ ރޫމީ އަންބަރާޠޫރިއްޔާ (Roman Empire) ގެ ބާނީ އެވެ. ދިވެހީންގެ ކޮއިމަލާ ފަދައިން ރޫމީންގެ ރޯމިޔުލަސް އާއި ރޭމަސް އަކީވެސް ހައިވާނެއްގެ ބަނޑުދަށުން ކިރު ބޮއެގެން ވަލުތެރޭގައި ބޮޑުވި ދެކުދީންނެވެ. މި ވާހަކައިގެ ޚުލާސާއަކީ

"އަލްބަ ލޮންގާގެ ރަސްކަމުގައި އަމީލިޔަސް ރަސްގެފާނުން ހުންނަވަނިކޮށް ފާލުބަލާ މީހެއް ކުޅަ ޚަބަރަކީ މަނިއްޕުޅު މަރާހުށީ މަނިއްޕުޅަށް ބޮޑުބޭބެ ވިދާޅުވާ ރިހޔާ ސިލްވާގެ ބަނޑުފުޅުން ރައްކައުވާ ކުއްޖެއްކަމުގަ އެވެ. މިކަމާ އެރަސްގެފާނުން ގަތް ބިރުފުޅަކުން ރިހޔާ ސިލްވާއަށް އެއްވެސް މީހަކާ ގާތް ނުވެވޭނޭހެން ކޮޓަރިކޮޅެއްގައި ބަންދުކުރެއްވީކަމުގަ އެވެ. އަދި އެކަމަނާއަށް ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަކީ ރޮމިޔުލަސް އާއި ރޭމަސްކަމުގަ އެވެ.

މި ދެކުދީން އުފަންވިކަން އަމީލިޔަސް ރަސްގެފާނަށް އެނގިވަޑައިގަތުމުން އެކުދީން ވަށިގަނޑަކަށް ލައިފާ ތިގިރިސް ކޯރަށް ދޫކޮށްލެއްވީ އެވެ. އަދި ރިހޔާ ގަތުލުކުރެއްވީ އެވެ. ކޯރުގައި ދެމެމުން ގޮސް މި ކުދީން އެއްގަމަށް ލައްވިތަނުން އެކުދީން ހޮވީ ވަލުކުއްތާއެކެވެ. މި ވަލުކުއްތާގެ ބަނޑުދަށުން ކިރުބޮއެގެން ރޮމިޔުލަސް އާއި ރޭމަސް ބޮޑުވަމުން އަ އެވެ. އަދި އޭގެ ފަހަށް ބަކަރިހުއި ހައްޕާ ދެމަފިރިންނަށް މި ދެކުދީން ފެނިގެން ހޮވައިގެން ގެންގޮސް އެމީހުންގެ ދަރިޔަކަށް ހަދައިގެން ބޮޑުކުރީ އެވެ. ރޯމަނުންގެ ދައުލަތް އުފަންކުރީ މި ރޮމިޔުލަސްއެވެ." މިއެވެ.

ފާރިސީ ދައުލަތުގެ ބާނީ އަދި މަޝްހޫރު ބަތޮލް ސައިރަސް އާއި ގުޅުވައިގެންވެސް ހަމަ މިފަދަ ވާހަކައެއް ކިޔަ އެވެ. ވާހަކައިގެ ހުލާސާއަކީ؛

އަޒްތަޔަޖީސް ރަސްގެފާނުން އަވަހާރަފުޅުގައި އޮންނަވަނިކޮށް ހުވަފެންފުޅެއް ފެނިވަޑައިގަތެވެ. އެމަނިއްޕުޅުގެ އަންހެން ދަރިކަނބަލުންގެ ހަށިގަނޑުން ކުރި ފަޅާ ބޮޑު ވެލެއް ހެދޭތީ އެވެ. އަދި އެ ވެޔޮގަނޑުން މުޅި އޭޝިޔާ ބައްރަށް ހިޔާ އެޅިގެން ދާތީ ފެނިވަޑައިގަތެވެ. ދެން އަވަހާރަފުޅުން ތެދުވެވަޑައިގެން އަވަސް އަވަހަށް ދަރުބާރު އެއްކުރެއްވި އެވެ. އަދި ވިދާޅުވި އެވެ. ތިމަން ރަސްގެފާނުންގެ ޝަހަރުގައި ހުވަފެން ތަޢުބީރުކުރާން ދަންނަ ބަޔަކު ތިބިނަމަ އެބަޔަކު އަވަހަށް ހާޒިރުކުރައްވާދެއްވާށެވެ. ދެން އިސާހިތަކު އަސްތަޔަޖީސް ރަސްގެފާނުންގެ ދަރުބާރަށް އެ ޝަހަރުގައި ތިބިހާ ހުވަފެން ތައުބީރު ކުރާ އިލްމު ދަންނަ ބަޔަކު ހާޒިރުކޮށްފޫ އެވެ.

ރަސްގެފާނުން ވިދާޅުވި އެވެ. ތިމަން ރަދުންގެ ދަރިކަނބަލުންގެ ގައިން ބޮޑު ވެލެއް ހެދޭތީ ހުވަފެންފުޅަކުން ފެނިވަޑައިގެންފި އެވެ. އަދި އޭގެ ހިޔާވަހިކަން މުޅި މި ބައްރަށް އެޅޭތީވެސް ދެކެވަޑައިގަތީމެވެ. މި ހުވަފެނުގެ ތަޢުބީރެއް ކަލޭމެން ނިކަން ބުނެ ޚަބަރުކޮށް ބަލާށެވެ. އެމީހުން ދެންނެވި އެވެ. މާތް ސާހިބާ އެވެ. މަނިއްޕުޅަށް މަތިމަތިފުށުން މިލްކުވެވަޑައިގެންފައިވާ ރަސްކަން އަތުލައްވާހުށީ މަނިއްޕުޅުގެ ގޮމާގެ ބަނޑުފުޅުން ރައްކައުވާ ފިރިހެން ބޭފުޅެކެވެ. ތިމަންމެންގެ އިލްމު ދަންނަ ތަޢުބީރަކީ މިއީ އެވެ.

އެއިރު އެރަސްގެފާނުންގެ ދަރިކަނބަލުން ދަރިކަލަކައިގެން އާލާސްވެ އިންނެވިކަމެއް އެމީހުންނަކަށް އެނގިޔެއް ނެތެވެ. ރަސްގެފާނުންގެ ދަރިކަނބަލުން ދުވަސްފުރާ ފިރިހެން ބޭފުޅަކައިގެން ރައްކައުވި އެވެ. އެކަމަނާ އެދަރިކަލުންނަށް ދެއްވި ނަމަކީ ސައިރަހަށެވެ. މި ދަރިކަލުން ހަމަ ރައްކައުވުމާއެކު އަޒްތަޔަޖީސް ރަސްގެފާނުން އޭނާގެ ވަފާތެރި ޚާދިމަކު ގެންނަވާ އެކުއްޖާ ގޮވައިގެން ވަލުތެރެޔަށް ގޮސް މަރާލުމަށް އަމުރުކުޅަ އެވެ. ވަލު ކުއްތާއެއްގެ ބަނޑުދަށުގައި ކިރު ބޮއެގެން ސައިރަސް ބޮޑުވާން މެދުވެރިވީ މިހެންވީމަ އެވެ. އަދި ފަހުން އޭނާވީ ފާރިސީ ދައުލަތް އުފެއްދި ދުނިޔެ ދުށް ވަރުގަދަ ރަސްކަލަކަށެވެ."

އަސްތަޔަޖީސް ރަސްގެފާނުން ސައިރަސް މަރާލުމަށް އަމުރު ކުރެއްވުމުން ހިނގި ކަންތައްތަކެއްގެ ނަތީޖާއަކަށްވީ ވަލު ކުއްތާއެއްގެ ބަނޑުދަށުން ކިރުބޮއެގެން ތުއްތު ސައިރަސް ބޮޑުވާން މެދުވެރިވި ސަބަބުކަމުގައި ކިޔަމުން އައިސްފައިވެ އެވެ. މިއަދުގެ ހޯދުންތަކުން އެނގޭ ގޮތުގައި ސައިރަސް ގެ ވާހަކަޔަށް ވަލުކުއްތާއެއްގެ ބައި ވަދެގެން ވަލުތެރޭގައި ބޮޑުވިކަމަށް ކިޔަމުން އައިސްފައިވަނީ އޭގެ ތެރެޔަށް ޔޫނާނީ ނުފޫޒުވަދެގެންނެވެ. ރޫމީންގެ ރޮމިޔުލަސް އާއި ރޭމަސްގެ ވާހަކައަކީވެސް ހަމަމިފަދައިން ޔޫނާނީ ނުފޫޒު ފޯރާފައިވާ ވާހަކައެއްކަމުގައި ވެސް ފޯކުލޯރު ޢިލްމުގެ ބައެއް މުއައްރިޚުން ވިދާޅުވެފައި އެބަ ހުރެ އެވެ.

ފާރިސީންނާއި ރޫމީންގެ މީހުން، އެމީހުންގެ ބަތޮލުންގެ ފެށުން ވަލުތެރެޔާ ހައިވާނުންނާއި ގުޅުވި ފަދައިން ދިވެހީން ވެސް އެވަނީ ދިވެހީންގެ ބަޠަލް ކޮއިމަލާކަލޯގެ ފެށުން ހައިވާނުންނާއި ވަލުތެރެއާ ގުޅުވާފަ އެވެ. ޔޫނާނީ-ރޫމީ ފޯކުލޯރުތަކުގެ ތެރެއިން ހައިވާނީ ތަރުބިއްޔަތުން އިންސާނުން ބޮޑުވާ ޒާތުގެ ގިނަ ވާހަކަތައް ފެނެ އެވެ. އަދި އިންޑިޔާ ސިލޯނުގެ ފޯކުލޯރުތަކުން ވެސް ހަމަ މި ސީޣާ ފެނެ އެވެ. އަދި ގިނަ ފަހަރު އެފަދައިން ޙައިވާނީ ބެލެނިވެރިކަމުގެ ދަށުގައި ބޮޑުވާ ކުދީން ވެފައިވަނީ ކޮންމެވެސް ޒާތެއްގެ ބަޠަލަކަށެވެ. ނޫނީ ދައުލަތެއްގެ ބާނީއަށެވެ. ނޫނީ ރަސްދަރިކޮޅެއްގެ ފެށުމަށެވެ. ދިވެހީންގެ ފޯކުލޯރުންވެސް ހަމަ ފެންނަނީ މި އުސޫލެވެ. ކޮއިމަލާ ބޮޑުވީ ގެރިއެއްގެ ބަނޑުދަށުން ކިރުބޮއެގެން ވަލުތެރޭގަ އެވެ. އަދި ރޫމީންގެ ރޮމިޔުލަސް އާއި ފާރިސީންގެ ސައިރަސް ފަދައިން ކޮއިމަލޯއަކީ ވެސް ފަހުން ވެފައިވަނީ ރަސްކަލަކަށެވެ. މިހެންކަމުން ކޮއިމަލާ ވާހަކަ އުފެއްދެވި ބޭފުޅަކު އެވާހަކަ އުފައްދަވާފައި އެވަނީ އެ ޒަމާނުގެ ދުނިޔޭގެ ބޮޑެތި ޙަޟާރަތްތަކުގެ ބަޠަލުންގެ ވާހަކަ ވެސް ކިޔަމުން އައިސްފައިވާ ސީޣާގެ މައްޗަށެވެ. ހަމަ އެއް ތަރަހައެއްގެ މަތީގަ އެވެ.

ޖާރނަލް އޮފް ފޯކްލޯރ ރިސާރޗުގައި މައިކަލް ކެރޯލް ލިޔުއްވި "ދި ފޯކްލޯރިކް އޮރިޖިންސް އޮފް މޮޑަރން އެނިމަލް ޕޭރަންޓެޑް ޗިލްރަން ސްޓޯރީޒް" ބަޙުސުގައި އޭނާ ވިދާޅުވަނީ

"ޙައިވާނީ ބެލެނިވެރިކަމުގެ ދަށުގައި ބޮޑުވާ ކުދީންނާއި ގުޅޭ ޒާތުގެ ވާހަކަތަކަކީ ގްރިކޯ-ރޯމަން މެތޮލޮޖީގެ ތެރެއިންނާ އުތުރު އެމެރިކާގެ "އިންޑިޔަން" ވާހަކަތަކުގެ ތެރެއިން ގިނައިން ފެންނަ ޒާތެއްގެ ވާހަކަތަކެކެވެ."

މީގެ އިތުރަށްވެސް މައިކަލް ކެރޯލް ވިދާޅުވަނީ "ދުނިޔޭގެ އެހެނިހެން ބައެއް ދިމަދިމާތަކުގައި މިފަދަ ވާހަކަތަކަކީ ވަރަށް މަދު އެއްޗެއްކަމުގަ އެވެ." މި ބަހަށް ހެކި ދެއްކެވުމުގެ ގޮތުން ޕޮލިނީޝިޔާގެ ގައުމުތަކުގެ ފޯކުލޯރު ވާހަކަތައް އެއްކުރެއްވި ކާރޓްލީ ދެއްވާފައިވާ އިންޑެކްސްއަށް ޙަވާލާ ދެއްވާ އޭނާ ވިދާޅުވަނީ އޭގެން މިފަދަ އެންމެ ވާހަކައެއް ނޫނީ ނުފެންނަކަމުގަ އެވެ. ހަމަމިހެންމެ ޖަޕާނުގެ ފޯކުލޯރުތައް އެއްކުރެއްވި ބޭފުޅެއްގެ އިންޑެކްސްއަށް ޙަވާލާދެއްވަމުން ވެސް ވިދާޅުވަނީ އެތަނުގެ ލިޓްރޭޗަރގެ ތެރެއިންވެސް މިފަދަ އެންމެ ދެ ވާހަކައެއް ނޫނީ ނުފެންނަ ކަމަށެވެ. މައިކަލް ކެރޯލްގެ ނަޒަރުގައި ޙައިވާނީ ބެލެނިވެރިކަމުގެ ދަށުގައި ބޮޑުވާ ކުދީންނާއި ގުޅިފައިވާ ޒާތުގެ ވާހަކަތަކަކީ އޭގެ ތެރެޔަށް ކޮންމެވެސް މިންވަރަކަށް ޔޫނާނީ ނުފޫޒާއި އަސަރު ފޯރައިގެން އުފަންވާ ވާހަކަތަކެކެވެ.

މައިކަލް ވިދާޅުވާ ފަދައިން ކޮއިމަލާކަލޯ ފޯކުލޯރަކީ ވެސް ޔޫނާނީ ނުވަތަ ރޫމީ ނުފޫޒާއި އަސަރު ފޯރާފައިވާ ވާހަކައެއް ކަމަށް ބަލާނީތޯ އެވެ؟ ނުވަތަ އެފަދަ ބެލުމަކުން ބެލުމަށް މި ސަރަޙައްދުގެ ތާރީޚާއި ދިވެހީންގެ ތާރީޚު ޖާގަ ތަނަވަސްކޮށްދޭތޯ އެވެ؟

ކޮންމެ ބޭފުޅަކު ވެސް އިއްޔެއާއި މިއަދުގެ ދުނިޔެ ހާސް ބައި ފަރަގުން ތަފާތުކަމަށް އެއްބަސްވެލައްވާނެ އެވެ. މިއަދުގެ ދުނިޔެއަކީ ޒަމާނުގެ ކުރިއެރުންތަކާއެކު ހޯދާފައިވާ ވަސީލަތްތަކުގެ މޮޅުކަމާއެކު ގުޅިލާމެހިފައިވާ ތަނެއްކަމާމެދަކު އިންކާރެއްނެތެވެ. މިހެންވުމުން ބައެއްގެ ތެރެޔަށް އަނެކުންގެ ޚިޔާލާ އަސަރުތައް މިއަދު ފޯރާން އޮތް ހަމައެކަނި މަގަކީ އެބަޔަކާ އަނެކުންނާއި ދެމެދު ސީދާ ގާތް ގުޅުންތަކެއް އުފެދުންކަމުގައި ބެލެވޭކަށް ނޯވެ އެވެ. އެހެނަސް އިއްޔެ ތަފާތެވެ. އިއްޔެއަކީ މިފަދަ ވަސީލަތުގެ ކުރިއެރުންތައް ނެތް ޒަމާނެވެ. ބަޔަކު މީހުންގެ ތެރެޔަށް އަނެކުންގެ ނުފޫޒު ވަނުމަށްޓަކައި އެބަޔަކާ ދެމެދު ކޮންމެވެސް ކަހަލަ ސީދާ ގުޅުންތަކެއް އޮތުން އިއްޔެގައި އެއީ ލާޒިމު ކަމެކެވެ. ނޫނީ އެ ނުފޫޒެއް ވަނުމަށްޓަކައި އެބަޔަކު ގުޅުން އޮތް ބަޔަކާ އަނެއްބަޔަކު ވެސް ގުޅުން އޮތުން އިއްޔެ މަޖުބޫރުކުރެ އެވެ. ވީމާ މާ އިހުޒަމާނެއްގައި ދިވެހީން ކިޔަމުން އައިސްފައިވާ ކޮއިމަލާކަލޯ ވާހަކައިގެ ތަރަހަޔަކީ ޔޫނާނީ-ރޫމީ ފޯކުލޯރުތަކުގެ ތަރަހަކަމުގައި ބެލުމުގެ ޖާގަ އެބަ އޮތްތޯ އެވެ.

ގަދީމީ ޒަމާނުގެ އިންޑިޔާ މައި ބައްރުގައި އުފެދުނު ބޮޑެތި ދައުލަތްތަކާއި ރޫމީންނާ ދެމެދު ވިޔަފާރީގެ ގުޅުންތައް ގާއިމުވެފައި އޮތްކަމީ ޢިލްމުލް އާސާރުގެ ތެރެއިން ހޯދިފައިވާ ކަންކަމެވެ. މި ސަރަޙައްދުގެ އާސާރީ ދިރާސާތަކުގެ މައްޗަށް ބަލާއިރު "އާކިއޮލޮޖިސްޓުން" އެންމެ ބޮޑަށް ވާހަކަ ދައްކަވާފައިވާ އެއް ދާއިރާއަކީ ފެނިފައިވާ ރޫމީންނާއި ގުޅޭ ހިފާ ގެންގުޅޭ ސާމާނުގެ ދާއިރާ އެވެ. ރާއްޖޭގެ އާސާރުތަކުގެ ތެރެއިންވެސް ރޫމީންނާއި ގުޅޭ ޖާޑިޔާއި ރުނބާފަދަ ތަކެތި ފެންނަމުންދެ އެވެ. މި ސަރަޙައްދަށް ވަކީން ޚާއްސަ ގޮތެއްގައި ބަލާނަމަ ޕާންޑިޔަން ދައުލަތާ ރޫމީންނާ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ހިނގަމުން އައިސްފައިވާކަމީވެސް ފެންނާން އޮތް ތާރީޚީ ހަގީގަތެކެވެ. ރޫމީންނާ ވިޔަފާރީގެ ގުޅުން އޮތް ޕާންޑިޔަނުންގެ ވިޔަފާރި ބަނދަރުތަކަކީ ދިވެހީންވެސް މާ އިހު ޒަމާނުއްސުރެ ވިޔަފާރިކުރާން އައިސް ގޮސްވެ އުޅުނު ބަނދަރުތަކެއްކަންވެސް މިހާރު އޮންނާނީ މި ސިލްސިލާގެ ތެރެއިން ސާފުވެލައްވާފަ އެވެ.

ޕާޑިޔަނުންގެ ބަނދަރުތައް އެކަންޏެއް ނޫނެވެ. އެފްރިކާގެ ބައްރުގެ މަޝްހޫރު ވިޔަފާރި ބަނދަރުތަކަކީ ވެސް ދިވެހީންގެ މުދާ ބޭރު ކުރަމުންދިޔަ ބަނދަރުތަކެވެ. މީލާދުގެ ކުރިންވެސް އިންޑިޔާ ކަނޑުގެ ވިޔަފާރީގެ ތެރެއިން އެފްރިކާ ބައްރާއި މި ސަރަޙައްދާއި ވަނީ ގުޅިލާމެހިފަ އެވެ. ގަދީމީ ޒަމާނުގައި އެފްރިކާގައި އޮތް ރޫމީންގެ ބާރުގެ ދަށުގައިވާ އެންމެ ބޮޑު އެއް ޝަހަރަކީ މިސްރެވެ. އެއިރުގެ މިސްރާއި މިއަދުގެ އެތިއޯޕިޔާ އާއި އެރީޓްރިޔާ އަދި ސޯމާލިޔާ އޮތް ސަރަޙައްދުތަކާ ވިޔަފާރީގެ ގޮތުން ވަނީ ގުޅިފަ އެވެ. ސޯމާލިޔާ ފަދަ ތަންތަނުގެ ބަނދަރުތަކަކީ ދިވެހީންގެ މުދާ ވެސް ބޭލެމުން ދިޔަ ބަނދަރުތަކެވެ. ވީމާ އިންޑިޔާ ކަނޑުގެ ވިޔަފާރީގެ މައްޗަށް ފުޅާކޮށް ވިސްނަމުން އެ ވިޔަފާރީގެ ތެރޭގައި ޝާމިލުވެ ތިބި ދިވެހީންނާ މެދު ވެސް ފުން ނަޒަރެއް ހިންގާލަން ޖެހެ އެވެ. ވިޔަފާރިކަމު ގޮސް އުޅޭ ބަނދަރުތަކުން ދަސްކުރާނެ ވާހަކަތަކަށްވެސް ވިސްނާލަން ޖެހެ އެވެ. ފޫހިފިލުވާން ކިޔާނެ ޅެންޅެމާއި ލަވަޔަށްވެސް ވިސްނާލަން ޖެހެ އެވެ. އަދި ކުޅޭނެ މިއުޒިކަށް ވެސް ކަޅިއެއް އެއްލާން ޖެހެ އެވެ. މިހުރިހާ ކަމަކާއި މަގަކުން އައިސް ޔޫނާނީ-ރޫމީ ނުފޫޒެއް ދިވެހީންގެ ތެރެޔަށްވެސް އައިސްފައި އޮވެދާނެކަމަށް މަންޠިގީ ހަމަޔަކުންވެސް ބަލާލަން ޖެހެ އެވެ.

ޕާންޑިޔަނުންނާއި އެފްރިކާ ބައްރުގެ ވިޔަފާރީގެ ވާހަކަ ދެންނެވިއްޖެ އެވެ. ދެން މީގެ އިތުރަށް ސާސާނީންގެ (ފާރިސްކަރަ، މިއަދުގެ އީރާނުގެ) މަޝްހޫރު ވިޔަފާރި ބަނދަރަށް ޖެހިލަމާ ހިނގާށެވެ. ސާސާނީންގެ ޝަހަރުގައިވާ ސިރަފް އަކީ ސީނުކަރައިގެ އޮޑިފަހަރާއި ޢަރަބީންގެ އޮޑިފަހަރާއި އަދި ދިވެހިރާއްޖޭގެ އޮޑިފަހަރު ވެސް ދަތުރުކުރި ކާރޫބާރޫ ބޮޑު ވިޔަފާރި ބަނދަރެކެވެ. މީލާދުން 300 ގެ އަހަރުތަކުގެ ކުރީކޮޅު ސާސާނީންގެ ރަސްކަން ވެއްޓި ފާރިސްކަރަ ރޫމީންގެ ބާރުގެ ދަށަށް އަ އެވެ. ހަމަ އެދުވަސްވަރު ދިވެހީންގެ ރަސްގެފާނުގެ ފަރާތްޕުޅުން ރޫމީންގެ އަންބަރާޠޫރަށް ވެދުން ފޮނުއްވެވިކަން ވެސް ތާރީޚުން ފެނެ އެވެ. ބޭނުމަކީ ކޮބައިތޯ އެވެ؟ ވިޔަފާރީގެ ގުޅުން ނޫންތޯ އެވެ! އަލަށް އިސްވި ރޫމީންގެ ރަސްކަމާ ގުޅުން ގާއިމުކޮށްގެން ދިވެހީންގެ ވިޔަފާރި ދެމެހެއްޓުން ނޫންތޯ އެވެ. މިއީ ގަދީމީ ރޫމީންނާއި ދިވެހީންނާއި ދެމެދު ސީދާ ގޮތުންވެސް ގުޅުން އުފެދިފައިވާކަމުގެ އަލިގަދަ ދަލީލެކެވެ.

ރޫމީންގެ ތެރޭގައި ފާދިރީއަކަށް އުޅުއްވި ތިއޯފީލިސް ކޮބައިތޯ އެވެ؟ ތިއޯފީލިސްއަކީ މީގެ 1800 ވަރަކަށް އަހަރު ކުރީން ރޫމީންގެ ތެރޭގައި އުޅުއްވި ދިވެއްސެއްކަމަށް ބުނެވެ އެވެ. އޭނާއަށް ރޫމީންގެ ތެރެޔަށް ދެވުނު ގޮތާއި ބެހޭ ގޮތުން ތަފާތު ގޮތްގޮތަށް ތާރީޚު ފޮތްފޮތުގައި ލިޔެފައިވާތީ ފެނެ އެވެ. އަޅެއްގެ ގޮތުގައި ވިއްކާލީމާ ކަމަށާއި އޭނާ ހުރި އޮޑި ރޫމީންގެ ބަޔަކު ފޭރިގެން އަޅެއްގެ ގޮތުގައި ވިއްކާލީމާކަމަށް ވެސް ލިޔެފައި ހުއްޓަތީފެނެ އެވެ. އަރި އަތޮޅު ތޮއްޑޫ ދާގަބާ ކޮނެގެން ނެގުނު މީލާދުގެ ކުރީގެ ދުވަސްވަރެއްގެ ރޫމީ ފައިސާ ވެސް ހަނދާންކޮށްލާން ވާނެ އެވެ. މުއައްރިޚުންގެ ނަޒަރުގައި އެއީ މުގައްދަސް ހަދިޔާއެއްގެ ގޮތުގައި ދާގަބާއަށް ހަދިޔާކޮށްފައި އޮތް އެއްޗެކެވެ. ދިވެހީންނާއި ރޫމީންގެ ގުޅުމުގެ މައްޗަށް މިފަދަ ކިތަންމެ ހެއްކެއް އަދިވެސް ދެއްކިދާނެ އެވެ.

ކޮއިމަލާ ވާހަކަޔަކީ މި ދެންނެވި އެންމެހައި ގުޅުންތަކުގެ ތެރެއިން ދަސްކުރި ތަރަހައެއްގެ މައްޗަށް އުފަންކޮށްފައިވާ ވާހަކައެއްކަމުގައި ސީދާ ދަންނަވާކަށް ނެތީމެވެ. އެހެންނަމަވެސް މި ބާވަތުގެ ވާހަކަތަކަކީ ޔޫނާނީ-ރޫމީ ނުފޫޒާއި އަސަރުން ދަސްވާ ތަރަހައެއްގެ މަތީގައި އުފަންވާ ވާހަކައެއްކަމުގައި ވާނަމަ އެ ނުފޫޒެއް ދިވެހީންނާއި ހަމަޔަށް ވެސް ފޯރާފާނެ ކިތަންމެ މަގެއް މި ސަރަޙައްދުގެ ތާރީޚުންނާއި ދިވެހި ތާރީޚުގެ ތެރެއިން ވެސް އެހެރީ ފެންނާށެވެ. ދިގު ދަތުރުކޮށްފައި ދުރު ބަނދަރުތަކަށް ގޮސް މުދާކޮޅު ވިއްކައިގެން ދެތިން ދުވަހުން އަންނަނީއެއް ނޫނެވެ. އެއިން ކޮންމެ ބަނދަރެއްގައި އެތައް ދުވަހެއް ހޭދަކުރާނެ އެވެ. އެހެން ތިބޭ ތިބުމުގައި ފޫހިފިލުވުމުގެ ގޮތުން ކިތަންމެ ކަމެއްވެސް ކުރާނެ އެވެ. އަދި ބާޒާރުމަތީން އިވޭ ކިތަންމެ އަޑެއްވެސް ހުންނާނެ އެވެ. ބޭރު ކަރަކަރައިން ފެންނަ މިފަދަ ކަންކަމާއި އެފަދަ އަޑުތަކުގެ ޚަބަރު އަނބުރާ ގައުމަށް އައިސް ދައްކާނެ އެވެ. ޚިޔާލާތުތައް އެކަންކަމުގެ މަތީން އުފަންވާނެ އެވެ. ވީމާ ކޮއިމަލާ ވާހަކައިގެ ތަރަހަޔަކީވެސް ޔޫނާނީ-ރޫމީ ތަރަހައެއްގެ މަތީގައި އުފެދިފައި އޮތް ފޯކުލޯރު ވާހަކައެއްކަމުގައި ވުމީވެސް ދުރުގައި އޮތްކަމެއް ނޫނެވެ.

ކޮއިމަލާކަލޯ ވާހަކަޔަކީ ތަނެއް ދޮރެއް ނުދަންނަ ޖާހިލަކު އުފައްދާފައިވާ ވާހަކައެއް ކަމުގައި ދެންނެވޭކަށް ނެތެވެ. އެވާހަކަ އުފެއްދި ބޭފުޅަކީ ދުނިޔޭގެ އެހެނިހެން ކަރަކަރައިގެ ޚަބަރުތައް ވެސް ކޮންމެވެސް މިންވަރަކަށް ފިލާހުރި ބޭކަލެއްކަން ޔަގީނެވެ. ދިވެހި އުޑުދަށުން އުފެދުނު ބަޠަލެއްގެ މައްޗަށް މުޅި މި ސަރަޙައްދާއި ދިވެހި ގަދީމީ ތާރީޚަށް އަލިއަޅުވަމުން އޭނާ އެވަނީ މޮޅު ވާހަކަޔެއް އުފަންކުރައްވާފަ އެވެ. ވާހަކައިގެ ޚިޔާލު ބިނާކޮށްފައި އެވަނީ އެހެނިހެން ވެސް ޙަޟާރަތްތަކުގައި އެފަދަ ބަޠަލުންގެ ވާހަކަ ބިނާކޮށްފައި ހުރި ބިންގަލުގެ މަތީންނެވެ.

ޙައިވާނިއްޔާތުގެ ތެރޭގައި އިންސިއަކު ބޮޑުވަމުން އަންނަ ސީޣާގެ ވާހަކަތަކަކީ ހަމައެކަނި ދުނިޔޭގެ ފޯކުލޯރުގެ ތެރޭގައި ހިމެނިފައިވާ ބާވަތެއްގެ ވާހަކައެއް ނޫނެވެ. ކުރީންވެސް ދަންނަވާލެވުނު ފަދައިން އެއީ މުފައްކިރުންގެ ޢިލްމީ ގުންޒަރުތަކުން ވެސް ފެންނަ ސީޣާއެކެވެ. އިސްލާމީ ފަލްސަފާވެރީންގެ ޢިލްމީ ބަޙުސުތަކުގެ ތެރެއިން ވެސް މިފަދަ ގިނަ ގުނަ ވާހަކަތައް ފެނެ އެވެ. މިސާލަކަށް އިބްނު ތުފައިލުގެ ޙައްޔު ބުނު ޔަޤްޟާން ވާހަކައަށް ބައްލަވާށެވެ. އެ ވާހަކައިގެ ކުރީކޮޅަކީ ވެސް ހަމަ ކޮއިމަލާ ވާހަކަ އާއި ދާދި އެއްގޮތް ވާހަކައެކެވެ. އިބްނު ތުފައިލުފަދަ އިސްލާމީ ގިނަ ފަލްސަފާވެރީންގެ ފަލްސަފީ މައި ތަރަހަވެސް ބިނާވެފައި އޮތީ ގަދީމީ ޔޫނާނީ ފަލްސަފާގެ މައްޗަށްކަންވެސް މި ފުރުސަތުގައި ހަނދާންކޮށްލާން ވާނެ އެވެ. (ނުނިމޭ)

Newsletter

Get the latest news delivered straight to your inbox