"އަލިފު ލައިލާ ވާހަކަ" އޭ ދެންނެވުމުން، އެއީ ކޮން ވާހަކައެއްކަން ނޭނގޭ މީހަކު މަދުވާނެ އެވެ. "ޑިޒްނަރޑްސް" ގެ ޖީލު އަލާއުއްދީން ދަންނާނެ އެވެ. ބޫމަރުން ސިންދުބާދާއި އަލީ ބާބާ ދަންނާނެ އެވެ. އެއަށްވުރެ ދޮށީ މީހުންނާއި އަދަބިއްޔާތަށް އަހުލުވެރި މީހުން "އަލްފި ލައިލާ ވަ ލައިލާ" ވާހަކަ ފޮތްބައި ދަންނާނެ އެވެ.
އަޅުގަނޑަށް އެ ވާހަކަތައް ފުރަތަމަ ތަޢާރަފުވެފައިވަނީ ގޭގެ ފޮތް ހަރުގަނޑެއްގައި އޮތް، އިނގިރޭސި ބަހުން ލިޔެފައިވާ ހައެއްކަ ކުރު ވާހަކަ ހިމެނޭ ފޮތަކުންނެވެ. ފޮތަށް ދީފައިވާ ނަމަކީ "އެރޭބިއަން ނައިޓްސް" އެވެ. މި ފޮތް ކިޔަމުންދިޔަ އިރު، މީގެ ދިވެހި ތަރުޖަމާއެއް އޮންނަ ކަމާއި، މިއީ އަސްލު އަލިފްލައިލާ ވާހަކައިގެ ބައެއްކަން، އަޅުގަނޑުގެ ދޮންދައްތަގެ ފަރާތުން އެނގުނެވެ. އެހެން ނަމަވެސް އޭރު، ހިޖުރައިން 1366 ވަނަ އަހަރު ބާޑީގޭ މުޙައްމަދު އަޙުމަދު ދީދީ ލިޔުއްވި، ދިވެހި ތަރުޖަމާގެ ފޮތްބައި ފެނިފައި އަޅުގަނޑު ގަތީ ބިރެވެ. ދެން ސްކޫލުގެ ލައިބްރަރީ އާއި އެނޫން ވެސް ގޮތްގޮތުން އޭގެ އިނިގިރޭސި ޚުލާސާތައް ފެނޭތޯ ބަލަމުންދިޔައީ އެވެ.
އެހެން ނަމަވެސް، އަދަބިއްޔާތާއި ބަހަވިއްޔާތުގެ ތެރެއަށް ފީނަމުންދިޔަ މިންވަރަކަށް، "އަލިފް ލައިލާ" ވާހަކައަކީ، ދިވެހި ބަހާއި ޘަޤާފަތުން އެ ފޮތެއްގެ ނުފޫޒު ފެންނަ، ތަރުޖަމާ ވާހަކައެއްކަން ޤަބޫލުކުރެވި، އެ ފޮތްބައިވެސް، ކިޔާ، އެ ފޮތް ދިރާސާ ކުރަން ފެށީމެވެ. މިއަދު މި ހިއްސާ ކޮށްލަނީ، މި ފޮތް ދިރާސާކުރަމުންދިޔައިރު، އަޅުގަނޑުގެ ސަމާލުކަން އަތުލައިގަތް އެއް ކަންތަކެވެ.
މިއީ ދުނިޔޭގެ އަދަބިއްޔާތުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ، އެންމެ ގިނަ ބަސްބަހަށް ތަރުޖަމާ ކުރެވިފައިވާ ފޮތްތަކުގެ ތެރެއިން ހިމެނޭ ފޮތެއްކަން، އަޅުގަނޑުމެން އެންމެންނަށް ވެސް ދަންނަމު އެވެ. "އެރޭބިއަން ނައިޓްސް" ގެ ނަމުން މަޝްހޫރުވެފައިވާތީ އާއި، ޢަރަބި ކަރައިގެ ވާހަކަތަކެއް ސިފަކުރާތީ، މިއީ ޢަރަބި މަސްދަރެއްގެ މައްޗަށް ބިނާކޮށްފައިވާ ފޮތެއްކަން ވެސް އަހަރެމެން ދަންނަމު އެވެ. އެހެން ނަމަވެސް، މިއީ ޢަރަބީން އެކަހެރި ކުރި ވާހަކައެއްކަން އެނގެނީ ކިތައް މީހުންނަށް ބާވަ އެވެ؟
"އެރެބްސް އެންޑް ދި އާޓް އޮފް ސްޓޯރީ ޓެލިން: އަ ސްޓްރޭންޖް ފެމިލިއާރިޓީ" މި ފޮތުގައި ޢަބްދުލްފައްތާޙު ކިލީތޯ އަދި މުބާރިކް ސްރައިފީ އަދި އެރިކް ސެލިން ވިދާޅުވާފަދައިން، 'އަ ތައުސަންޑް އެން ވަން ނައިޓްސް'، ޚުދު އެ ވާހަކައިގެ އަޞްލަކީ ވެސް ތުންތުންމަތިން، ވާހަކަ ކިޔުންތެރިންގެ ފަރާތުން އައި ވާހަކަތަކެކެވެ. މި ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، ޢަރަބީންގެ ތެރޭގައި އޮންނަ ވާހަކަކިޔުމުގެ ޘަޤާފަތަކީ ޢަރަބި ދުސްތޫރާއި، އާދަކާދަތަކާއި، އަގުކުރުންތައް ބިނާކުރުމުގައިވެސް މުހިއްމު ދައުރެއް އަދާކޮށްފައިވާ ފަންނެކެވެ.
"އަލްފި ލައިލާ ވަ ލައިލާ" މި ވާހަކައަކީ، އޭގެ އިނގިރޭސި ތަރުޖަމާ "ދަ އެރޭބިއަން ނައިޓްސް" (ރިޗަރޑް ބަރޓަން، 1885) އާއި ފަރަންސޭސި ތަރުޖަމާ "ލު މީލޭ ޔޫން ނުއީތު" (އެންތުއާން ގަލާންދް، 1704-1706) މަޤުބޫލުވުމުގެ ކުރިން ޢަރަބީންގެ ތެރޭގައި މާ ބޮޑު އަހައްމިއްޔަތެއް ދީފައި އޮތް މަސައްކަތެއް ނޫންކަން ސާބިތުވާ އެއް ގޮތަކީ، އޭގެ ކުރިން އެ ފޮތް ޢަރަބި ނުވަތަ ފާރިސީ ބަހުން ލިޔެވިފައިނުވުންކަމަށް ދިރާސާވެރިން އިއްތިފާޤުވެވަޑައިގަންނަވަ އެވެ.
މީގެ އިތުރުން، ޢަރަބި ބަހުން އެ ވާހަކަތައް ލިޔެ އެކުލަވާލާފައިވަނީ، ގަލާންދާއި ބަރޓަން އެ ވާހަކަތައް ތަރުޖަމާކޮށް އެކުލަވާލުމުގެ ދެ ޤަރުނު ފަހުން ކަމީ ވެސް ޢަރަބި އަދަބިއްޔާތުގެ އަހުލުވެރިންނަށް އެ ވާހަކަ މުހިއްމު ނުވިކަމުގެ އަލާމާތެއް ކަމަށް ދިރާސާވެރިން ދެކިވަޑައިގަންނަވަ އެވެ. ބުނެވޭ ގޮތުގައި މި ފޮތްބައިގައި ހިމެނޭ ކުރު ވާހަކަތަކުގެ އަސްލަކީ ތުންތުންމަތިން ކިޔައި އުޅުނު ޢަރަބި ވާހަކަތަކެވެ. އަދި މި ވާހަކައިގައި ހިމެނޭ "ފްރޭމް ޕްލޮޓު" (ޝެހެރިޔާރާއި ޝެހެރުޒާދު) ގެ ވާހަކައަކީ ފާރިސީ ވާހަކައެއްކަމުގައިވާ "ހަޒާރް އަފްސާން" އިން އައިސްފައިވާ ވާހަކައެކެވެ.
މި މަޢުޟޫޢަށް ފުން ދިރާސާ ތަކެއް ކުރައްވާފައިވާ ފްރާންސުއާ ޕުއްޔޯން އާއި ޖޯން ކްލޯދް ވާޓިން 2015 ވަނަ އަހަރު ވިދާޅުވެފައިވަނީ، އެ ވާހަކަތައް އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ ޢަރަބި ފިރިހެނުންގެ ތެރޭގައި، ބެރެކި ޅެންތަކެއްގެ ސިފައިގައި ކަމަށާއި، އޭގައި އަންހެނުންނާ މެދު އެ ފެންނަ ނާއީޖާބީ ތަޢައްޞަބުތަކަކީ ވެސް މީގެ ނަތީޖާއަކަށް ވުން އެކަށީގެންވާކަމަށެވެ. އަދި އެއީ ފިރިހެނުން އަޑުއެހުމަށް ޚާއްޞަ، ބެރެކި ޅެންބައިތުތަކެއްގެ ގޮތުގައި ތުންތުންމަތިން ކިޔެމުންދިޔަ ވާހަކަތަކެއް ކަމުން، އޭގައި ގަސްދުގައި ބާޒާރުމަތީ ބަހުރުވަ ބޭނުންކޮށްފައިވާނޭކަމަށް ވިދާޅުވެ އެވެ. އެ ވާހަކަތަކަކީ ލިޔަންކިޔަން ނުދަންނަ، ނާތަހުޒީބީ ބަޔަކަށް އަމާޒުކޮށްގެން ހަދާފައިވާ ވާހަކަތަކެއް ކަމުން، އެ އޯޑިއަންސް އަޖާއިބުކުރުވުމުގެ ނިޔަތުގައި އާދަޔާ ޚިލާފު މުއްސަނދިކަމާއި ގަނޑުވަރުތަކާއި ޖަވާހިރުގެ ވާހަކަ ދައްކައިގެން، އޮރިއެންޓްގައި ޙަޤީޤަތުގައި ނެތް ފަދަ ޚިޔާލީ ތަޞްވީރެއް ކުރަހައިދޭކަމަށްވެސް މި ދެ ބޭފުޅުން ވިދާޅުވެ އެވެ.
ޢަރަބިންގެ ދަށު ފަންތީގެ، އަދި ކިއެއްތަ "ބެރެކި" ވާހަކައެއް، ދުނިޔޭގެ އަދަބިއްޔާތުގެ އެންމެ އުހުގައި އުދުހެން ފެށީ ކިހިނެތްތޯ ސުވާލު އުފެދެ އެވެ. މި ސުވާލަށް ދެވިދާނެ އެއް ޖަވާބަކީ ގޮނޑުން ހޮވިޔަސް ޖަވާހިރެއް ވާނީ ޖަވާހިރަކަށް ކަމެވެ. ވާހަކަ އަޑުއަހާމީހާގެ ޝައުޤުވެރިކަން އަތުލައިގަންނަނީ އަޚުލާޤީ މިންގަނޑަކުން ނޫންކަމެވެ. ހުށަހެޅުންތެރިކަމާއި ޚިޔާލުގެ މުއްސަނދިކަމުން ކަމެވެ. މިއަށް ދެން އޮތް ޖަވާބަކީ، އެ ވާހަކައަށް އޮތް ޝަޢުޤުވެރިކަން އިތުރުވެފައިވަނީ ތަޢައްޞަބުތަކާއި ތަފާތުކުރުންތަކުގެ ތެރެއިންކަމެވެ. އޭރުގެ އިސްތިޢުމާރީ ޤައުމުތަކުން ޢަރަބި އަދި އިރުމަތީގެ ޤައުމުތައް އެ ޤައުމުތަކުގެ މީހުންނަށް ސިފަކޮށްދިނުމަށް ގެންގުޅުނު ތަޢައްޞަބުގެ ދުރުމީތަކުގެ ސަބަބުން ކަމެވެ. "އަލިފް ލައިލާ" ވާހަކައަކީ ޢަރަބި އަދި އިރުމަތީ މީހުންގެ އިންސާނިއްޔަތުކަން ގެއްލުވާލައި، އެ މީހުންނަކީ ޖާހިލު، ނޭއްގާނީ، އުޅުމެއް ނެތް، ނާތަހުޒީބު ބައެއްގެ ގޮތުގައި ހުޅަނގުގެ އާބާދީއަށް ސިފަކޮށްދޭން ގެންގުޅުނު ކުރެހުންތަކާއި އަދަބިއްޔާތުގެ ތެރޭގައި ހިމެނުނު އެއްޗެކެވެ. އެ ވާހަކަ ފަރަންސޭސި ބަހުންނާއި އިނގިރޭސި ބަހަށް ތަރުޖަމާ ކުރެވިގެން ދިޔައީ، މި މަޤްޞަދުގައޭ، ޚާއްޞަކޮށް "އޮރިއެންޓަލިޒަމް" ގެ ތިއަރީއަށް ތާއީދުކުރައްވާ ދިރާސާވެރިން އިއްތިފާޤުވެވަޑައިގަންނަވަ އެވެ. އެ ފޮތްތައް ޢަރަބި އަދި ފާރިސީ އަށް ތަރުޖަމާ ކުރެވުނީ، މީގެ މާ ފަހުންނެވެ.
ކޮންމެއަކަސް، ވާހަކައިގެ މާޒީގައި ލައްތަކެއް ޖެހިފައިވާނަމަވެސް، މި ވާހަކައަކީ ޚުދު އަހަރެމެންގެ ދިވަހި ބަހާއި އަދަބިއްޔާތަށް ވެސް ބޮޑެތި ނުފޫޒެއް ފޯރުވާފައިވާ މަސައްކަތެކެވެ. ދިވެހިންގެ ލިޔެވިފައިވާ ފޯކްލޯރާއި ވަރބަލް ފޯކްލޯރުގައި ވެސް މުހިއްމު މަޤާމެއް ދެވިފައިވާ މަސައްކަތެކެވެ. އެ ވާހަކައަކަށް ދޭ ހަވާލާތަކުން މަޖާޒާއި މިސާލުބަސް އުފެދިފައިވާ ދިވެހި އަދަބީ ތަރިކައެކެވެ. މަސްދަރުގެ ފަސްބައިގައި ކިތައްމެ ލަކެއް ހުއްޓަސް، މިއަދު މިއީ ހަމަ އަދަބީ ޖަވާހިރެކެވެ.








