އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (9)

އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (9)

ދިވެހީންގެ ދައުލަތުގެ ދޮށިކަމާއި މިސަރަޙައްދުގެ އެހެނިހެން ދައުލަތްތަކާއި ދެމެދު، އެވޭލާ ޒަމާނުގައި ދެމެހެއްޓި ގުޅުންތަކަކީ ކޮބައިކަމުގެ މައްޗަށް ޚުލާސާ ގޮތެއްގައި ނަމަވެސް ބަލައިލެވިއްޖެ އެވެ. މި ސަރަޙައްދުގެ ބޯދާ ސިޔާސަތުގެ ތެރޭގައި ދިވެހީން ޝާމިލުވެގެން ތިބި މިންވަރާއި އެކަމުން ދިވެހި މުޖުތަމަޢަށް ފޯރާފައިވާ ނުފޫޒުތަކުގެ މައްޗަށްވެސް އަލިއަޅުވާލެވިއްޖެ އެވެ. ހަމަމިހެންމެ އިހު އެވޭލާ ދިވެހި މުޖުތަމަޢުގައި މުސްކުޅި މަލާބާރުކަރައިގައި އޮތްފަދަ ކާސްޓު ނިޒާމެއްކަމަށް އެކުލެވިފައި އޮތްކަމަށް ބެލެވޭކަމުގައިވެސް ދެންނެވިއްޖެ އެވެ. ދަންނަވާލެވިފައިވާ މިފަދަ ތާރީޚީ ނުކުތާތަކުގެ އަލީގައި ކޮއިމަލާއިންނަކީ ކޮބައިކަމާއި އެއީ ކޮން ގިންތިއެއްގެ ކޮން ފަންތިއެއްގެ ބަޔެއްކަންވެސް މިހާރު ސާފުވެފައިވާނެ އެވެ. އަދި މުޖުތަމަޢެއްގެ ތެރޭގައި އެބަޔަކު އަދާކޮށްފައިވާ ދައުރަކީ ކޮބައިކަންވެސް އޮޅުންފިލުވާދެވިފައިވާނެ އެވެ. ދިވެހި ރަސްރަސްކަލުންނަކީ ވެސް މި ސަރަޙައްދުގެ އެހެނިހެން ގައުމުތަކުގެ ރަސްކަލުން ފަދައިން ޝަތުރިޔަ ވަރުނައިގެ ރަސްކަލުންކަމާއި ކޮލީ ނަންފުޅުތަކުން ފެންނަ "ކައްތިރި ބަވަނަ" އަކީ އެކަމުގެ މައްޗަށް ކުރަމުން އައިސްފައިވާ ނިސްބަތެއްކަމުގައިވެސް ދެންނެވިފައިވާނެ އެވެ. ޝަތުރިޔަ ވަރުނައިގެ ތަފުސީލުތައް މި މަގާލަތުގައި އިސްވެ ހިނގައްޖެ އެވެ.

ދިވެހީންނަކީ މުސްކުޅި ތަމަޅަގަމު ޙަޟާރަތުގެ ތާރީޚީ ކުޑައިގެ ދަށުގައިވާ ބައެއްކަން މި ސަރަޙައްދުގެ ތާރީޚު ބުނެ އަންގައިދެ އެވެ. ހަމައެހެންމެ އެ ގައުމުތަކުގެ ތާރީޚުގެ އަލީގައި ދިވެހި ބޯދާ ތާރީޚުގެ މައްޗަށް ވެސް ކޮންމެވެސް މިންވަރެއްގެ އަލިކަމެއް ލިބިގެންދެ އެވެ. އިސްވެ ދެއްކިފައިވާ ގިނަ ވާހަކަތަކުން އެކަން ހާމަވާނެ އެވެ. މިގޮތުން މިފަދަ ލިޔުންތަކުގެ މައްޗަށް ބުރަވެހުރެ، ތީމުގޭ ކޮއިމަލާކަލޯގެ ކުރިޔަށް ދިވެހި ތަޚުތު ފަޅުފިލުއްވެވި ރަސްދަރިކޮޅަކީ ކޮބައިކަމާމެދު އަޅުގަނޑަށް ފެންނަ ނަޒަރެއް އެވަނީ ހާމަކޮށްލެވިފަ އެވެ. ތީމުގޭގެ ކުރިޔަށް ދިވެހި ރަސްކަން މިލްކުވެ އޮތީ ޕާންޑިޔަނުންގެ އާރިޔަން ދަރިކޮޅަކަށް ކަމަށް ޕާލީ ބަހުގެ ރަދީފުގައިވާ ވާހަކަތަކަށް ރިޢާޔަތްކޮށް ދެންނެވިއްޖެ އެވެ. މިފަދައިން މި މަގާލަތުގައި ބަޔާންވެ ދިޔަ ހުރިހާ ތާރީޚީ ވާހަކަތަކަކީ ވެސް ކޮއިމަލާކަލޯގެ ފޯކުލޯރު ނިއުޅާލުމުގެ ކުރީގައި ހަމަ ކޮންމެ މީހަކަށްމެ އެނގިފައި އޮތުން ލާޒިމް ނުކުތާތަކެވެ. އެއިރަށް އެވާހަކައިގެ މައްޗަށް ދައްކަމުންދާ ވާހަކަތައް ސިކުނޑީގައި ފަހުމުކޮށް ގަތުމަކީ ފަސޭހަ ކަމަކަށް ވާނެތީ އެވެ. އެހެނީ ކޮއިމަލާކަލޯގެ ފޯކުލޯރަކީ ވާހަކައެއްގެ ސީޣާއިންވާ ތާރީޚީ ފިލާވަޅަކަށް ވާތީ އެވެ. އެ ވާހަކައިގައި "ކުރުގަޅުވަމުން" ފުން މާނަތަކެއް އެކުލެވޭ ޖުމްލަތަކަކުން ބުނެދީފައި އެވަނީ އެވޭލާ ތާރީޚުގެ ބޮޑު ބާބެކެވެ. ވީމާ މިފަދަ ބޮޑު ވާހަކައެއްގެ ތެރެޔަށް މީހަކު ފީނައިގަންނައިރު، އޭނާގެ ވަށަވަށައިގެންވާ ސަރަޙައްދުތަކުގެ ޚަބަރުތައް އެނގިފައި އޮތުން މުހިންމެވެ.

ޝައްކެއްވެސްނެތެވެ! މުޅި އިންސާނީ ދަރިފަސްކޮޅު މިއަދާއި ހަމަޔަށް އައިސްފައި ވަނީ އެތައްގޮތަކަށް ފުރޮޅި ތަރުތީބުވަމުންނެވެ. ބޯދާ ޒަމާނުގެ ދުނިޔޭގެ ކަންތައްތައް ހިނގަމުން އައިސްފައިވާ މަގަކީ މިޒަމާނުގެ ދުނިޔޭގެ ކަންކަމާ ހާސްބައި ފަރަގުން ތަފާތު މަގެކެވެ. މިހެންކަމުން ގަދީމީ ފޯކުލޯރެއްގެ މައި ތަރަހައިގެ މައްޗަށް ވިސްނާ އޭގެ އަސްލު ހޯދަން ފެށުމަށްޓަކަށް އެންމެ ފުރަތަމަ ކަމަކަށް މުޅި އިންސާނީ މުޖުތަމަޢު ތަރުތީބުވަމުން އައިސްފައިވާ ގޮތަކީ ކޮބައިކަންވެސް ބަލާންޖެހެ އެވެ. ހަމަމިހެންމެ ކިޔައި އުޅޭ ވާހަކަތަކާއި އިންސާނުންނާ ހުރި އަސާސީ ގުޅުމަކީ ކޮބައިކަންވެސް ބަލާންޖެހެ އެވެ. ކޮންމެ ޒަމާނެއްގައިމެ ދިރިއުޅެމުން އައިސްފައިވާ އިންސާނުން އެބައިމީހުންގެ ޠަބީޢަތުގެ ސިފަތަކާއި އަށަގެންފައިވާ އުސޫލުތަކާ އެއްގޮތްވާނޭ ގޮތުގެ މަތީން ވާހަކަތައް އުފަންކުރަމުން ގޮސްފައިވެ އެވެ. މިފަދަ ބައެއް ވާހަކަތަކަށް މުސްތަގުބަލުގައި ފޯކުލޯރުގެ ދަރަޖަ ދެވެމުންދެ އެވެ. މި ބީދައިން އުފަންކުރަމުން ދާ ވާހަކަތަކުގައި ފޮރުވިފައިވަނީ އެބަޔެއްގެ ތަބީޢަތާއި ވިސްނުން ހުންނަ ގޮތްތަކާއި އެބަޔަކު ތަޙައްމަލު ކުރި ކަންކަމާއި ލޮލުން ދުށް ހާދިސާތަކާއި އަދި ތަޖުރިބާކުރި ތަޖުރިބާތަކެވެ. ފޯކުލޯރަކީ އެބާގައެއްގެ އައިޑެންޓިޓީއޭ ބުނެވެނީވެސް މިހެންވީމަ އެވެ.

ދުނިޔޭގެ ދިގު މާޒީއަށް ފަސް އެނބުރި ބަލާއިރު އެންމެ ދުރުން ފެންނަނީ ބާރުގަދަ ދައުލަތްތަކާއި އަންބަރާޠޫރީ ވެރިކަންތައް ތަޢާރަފުވުމުގެ ކުރީގައި، ކުދިކުދި ގަބީލާތަކެއްގެ މައްޗަށް އިންސާނުން ދިރިއުޅެމުން އައިސްފައިވާތަނެވެ. އެއީ ބާރުގަދަ ގަބީލާތަކުން ބާރުދެރަ ބައިގެ މައްޗަށް ގަދަވެ ގަންނަމުން ދިޔަ ދުވަސްވަރެކެވެ. މިއީ މިހާރުވެސް އިންސާނުންގެ ކިބައިން ފެންނަ ޠަބީޢަތެއްނޫންތޯ އެވެ. މި ސަބަބަށްޓަކައި ކޮންމެ ގަބީލާއެއްގެ ތެރޭގައިވެސް އެބަޔަކަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ބަޔަކު ތިބެ އެވެ. ކުޅަދާނަ ހަނގުރާމަވެރިން ތިބެތެވެ. ގިނަ ފަހަރު މިފަދަ ހަނގުރާމަވެރީންގެ ކޮމާންޑަރަކީ އެ ގަބީލާއެއްގެ ވެރިޔާވެސްމެ އެވެ. ނޫނީ ވެރިކަން އެމީހަކާ މަތިވަނީ އޭނާ ދެއްކި ކުޅަދާނަކަމެއްގެ ސަބަބުންނެވެ. ދެއްކި ކުޅަދާނަކަމަށްޓަކައި އެފަދަ ވެރީންނަށް ބަޠަލެއްގެ ލަގަބު ލިބިދެވެ އެވެ. މިފަދަ ބަޠަލުންނަކީ އިންސާނުންގެ ހިތްތަކުގައި ވަރަށްމަތީ ދަރަޖައިގެ އިހުތިރާމާ ގަދަރު އެބަޔަކަށް ލިބިދީފައިވާ ބަޔެއްވެސްމެ އެވެ.

ބަޠަލުންގެ ވާހަކަތަކަކީ އެކެއްގެ ދުލުން އަނެކެއްގެ ދުލަށް ނަގުލުކުރަމުންދާ އެއްޗެއްވެސްމެ އެވެ. އެތައް ޒަމާނަކަށް އެބައިމީހުންގެ ނަންތައް ދެމިގެންދެ އެވެ. ޒަމާންތަކަށް ދެމިގެންދާ ބަޠަލުންގެ ވާހަކަޔަކީ އަނެއް ބަޠަލު އުފަންކުރުވުމުގެ އެއް ވަސީލަތްވެސްމެ އެވެ. ގައުމީ ޖޯޝާ ފޯރި ނެގުމަށްޓަކައި ކޮންމެ ބަޔަކުމެ ބޭނުންކުރާ "ހަތިޔާރަކީ" ވެސް މިފަދަ ވާހަކަތައްކަމަށްވެފައި ވަނީ އެހެންވީމަ އެވެ. އެއްބަޔެއްގެ ބަޠަލަކީ އަނެއްބަޔެއްގެ ދުޝްމިނާވެސްމެ އެވެ. މިސާލަކަށް ފަރަންސޭސިންގެ ބަޠަލް ބޮނަޕާޓޭ ނަޕޯލިއަނަށް ބައްލަވާށެވެ. އެއީ އިނގިރޭސިންގެ ދުޝްމިނެވެ. އިނގިރޭސި ތަޢުލީމުގެ މީހުންނަށްވެސް އޭނާ ސިފަވެފައިވަނީ ނުބައިކަން ބޮޑު ނުލަފާ މީހެއްގެ ގޮތުގައެވެ. ކަންނަންނޫރު ޢަލީ ރާޖާއިންނަކީ މަލާބާރުކަރައިގެ މުސްލިމުންނަށް ބަޠަލެކެވެ. އެހެނަސް އެއީ ކޮންމެ ދިވެއްސެއްގެ ދުޝްމިނެވެ. ވީމާ ބަޠަލުންގެ ގިނަ ވާހަކަތަކަކީ ވަކި ވަކި ގައުމުތަކުގެ އައިޑެންޓިޓީތަކާއި ގުޅިފައިވާ އެބަޔެއްގެ ގައުމިއްޔަތުގެ ރަމްޒުތަކެވެ.

ވަކި ވަކި ގައުމުތަކުގެ އައިޑެންޓިޓީ ރައްކުރެވިގެން އުފަންކޮށްފައިވާ ބަޠަލުންގެ ވާހަކަތަކީ އެވޭލާ ޒަމާންތަކުގެ ތަރުބަވީ ނިޒާމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރި އެކައްޗެވެ. ތުއްތު ކުދީންނާއި ގުޅޭ ފޯކުލޯރުތަކުން ފެށިގެން ބޮޑެތި މީހުންނާއި ގުޅޭ ފޯކުލޯރުތަކަށް ދާންދެން އުފަންވެފައި އެހުންނަނީ ވެސް މިސަބަބަށްޓަކަ އެވެ. ގައުމިއްޔަތުގެ އެއް ތަނބުކަމުގައި ވާތީ އެވެ. ދުނިޔޭގެ އެކި ދިމަދިމާއިން ކޮންމެ ބަޔަކުވެސް އެބަޔެއްގެ މުޖުތަމަޢުގެ ތެރޭގައިވާ އެފަދަ ވާހަކަތަކަށް ހަދާފައިވާ ފިލްމުތަކާއި ޑޮކިއު ޑްރާމާތައް ފެންނާން ހުރެ އެވެ. ހުރިހާ ޢުމުރުފުރަޔަކަށްވެސް ޚާއްސަވާނޭ ގޮތުގެ މަތީންނެވެ.

ޒަމާނުގެ ފުރޮޅުމާއެކު ގަބީލާތަކުގެ ޒަމާން އޮބައިގޮސް ދައުލަތްތަކާއި އަންބަރާޠޫރީ ވެރިކަންތަން އިންސާނުނަށް ތަޢާރަފުވި އެވެ. އޭގެ ކުރިން ގަބީލާގެ ވެރިން އަދާކުރި ދައުރު ދެން އަދާކުރަން ފެށީ ރަސްރަސްކަލުންނާއި އަންބަރާޠޫރުންނެވެ. ހަނގުރާމައިގެ މައިދާނުގައި ރަސްކަލަކު ދައްކާ ކުޅަދާނަކަމަކުން އެ ރަސްކަލަކު ނޫނީ އަންބަރާޠޫރަކު ބަޠަލަކަށްވެދެ އެވެ. ނޫނީ އެ ކުޅަދާނަކަމެއްގެ ސަބަބުން މީހާއަށް ރަސްކަން މިލްކުވުމުގެ ފުރުސަތު ފަހިވެގެން ދެ އެވެ. މިހެންކަމުން ދައުލަތްތަކުގެ ޒަމާނަށް ދުނިޔެ އެނބުރުމުން ދެން އިންސާނުން ވާހަކަތައް އުފަން ކުރާން ފެށީ "އެއް ސަހަރެއްގައި އުޅުއްވިޔޯ ރަސްކަލެއް..." ގެ ސީޣާއިންނެވެ. ދުނިޔޭގެ ކޮންމެ ދިމާއެއްގެ އިހުގެ އަދަބިއްޔާތަށް ބަލައިފިނަމަ އޭގައި އެކުލެވިފައިވާނީ މި ސިފަ އެވެ. އެ އަދަބީ ވާހަކަތަކުގެ "ކެރެކްޓަރ" އެއްގެ ގޮތުގައި ވަރަށް ގިނައިން ރަސްކަލުން ފެންނާނެ އެވެ. ހެއްވާ މަޖާ ވާހަކައެއްކަމުގައި ވިޔަސް ހެވެ. މިސާލަކަށް އެންމެ އާއްމުކޮށް ކިޔާ އުޅޭ ޖުހާ ވާހަކަޔަށް ވިސްނާލައްވާށެވެ. ބީރުބޮލު ވަޒީރާއި އަކުބަރު "ރަސްގެފާނު" ގެ ވާހަކަޔަށް ބައްލަވާށެވެ. ނޫނީ އަދަބީ މަތީ ފަންތީގެ ވާހަކަތަކުގެ ގޮތުގައި ބެލެވޭ އަލިފު ލައިލާ ފަދަ ވާހަކަތަކަށް ބައްލަވާށެވެ. ރަސްކަލަކު ނެތިވާ ވާހަކައެއް މަދުވާނެ އެވެ. މިހެންގޮސް އެވޭލާ އަދަބިއްޔާތުގެ ކޮންމެ ކަމަކަށް ބެއްލެވިޔަސް މުޅި ވާހަކަ އެނބުރި ވަށާ ޖެހޭނީ ރަސްކަލަކާ އެވެ.

އާދެ! ދަންނަވާން މި އުޅޭ ނުކުތާއަކީ އެވޭލާ ޒަމާނުގެ އިންސާނީ މުޖުތަމަޢުގެ ބިންގަލަކީ ކޮބައިކަމެވެ. އިންސާނާ އެނބުރެމުން ފުރޮޅެމުން އައިސްފައިވާ ގޮތެވެ. އޭނާގެ މުޖުތަމަޢުތައް އެކުލެވެމުން ބަދަލުވަމުން އައިސްފައިވާ މަގެވެ. އެވޭލާ މުޖުތަމަޢު ބިނާވެ އޮންނަނީ ވެރިޔާގެ ވަށަ އެވެ. ގަބީލާތަކުގެ ޒަމާނުން ފެށިގެން އެކަން ހިނގަމުން އައިސްފައިވާ އުސޫލެވެ. މިހެންކަމުން ކާބަފައިންގެ ޒަމާނަކީ ވެރީންނަށް ބޮޑު އަހަންމިއްޔަތެއް ދީފައިވާ ޒަމާނެއްކަމުގައި ދަންނަވާންޖެހެ އެވެ. މިފަދަ ޚާއްސަކަމެއް އެބައިމީހުންނަށް ލިބިދިން ސަބަބަކީ ކޮބައިތޯ އެވެ؟ ހަނގުރާމަތަކެވެ. މީހަކަށް ތަގުލީދު ކުރުމުގެ ޠަބީޢަތެވެ. ގަބީލާތަކުގެ ޒަމާނުން ފެށިގެން ބަޔެއްގެ ސަލާމަތާއި ރައްކައުތެރިކަން ގުޅިފައިވަނީ ވެރީންނާއިކަމަށް ދެކެމުން އައިސްފައިވާ އައުމެވެ. ވީމާ ދައުލަތްތަކުގެ ޒަމާނަށް ދުނިޔެ އަލިވިލުމުން އެއްކަލަ ފޯކުލޯރުތައްވެސް އެމަގުން ބަދަލުވާންފެށީ އެވެ. ވާހަކަތައް ރަސްކަލެއްގެ "ކެރެކްޓަރ" ހިމަނައިގެން އުފަންކުރީ އެވެ. މިފަދައިން އަބަދުވެސް އެޔަށް ބަދަލުތައް އާދެ އެވެ. އަދި ދާނީ ވެސް އަންނަމުންނެވެ.

އާދެ! ދިވެހީންނަކީވެސް މުސްތަގިއްލު ދައުލަތެއްގެ ވެރި އަމިއްލަވަންތަ ބަޔެއްކަން ދަންނަވާލެވިއްޖެ އެވެ. ދުނިޔޭގެ ސުންނަތުން މި ދަރިކޮޅުވެސް ވަކި އެއްކިބާވާކަށް ނުޖެހެ އެވެ. އަދި ވެފައިވެސް ނެތެވެ. ދިވެހީންގެ ތެރޭގައި، ޒަމާނުއްސުރެ އުފެދިފައިވާ ހަރުދަނާ ބަޠަލުންގެ ވާހަކަތައް ދިވެހީންވެސް އައިސްފައިވަނީ އެކި ސީޣާތަކުން ޖީލުތަކަށް ވާރުތަކޮށްދެމުންނެވެ. މިފަދައިން ދިވެހި މުޖުތަމަޢުން ފެންނަން ހުރި ވާހަކަތަކަކީ ގިނަ އެއްޗެއްކެވެ. މަޢުޟޫ އާއި ގުޅޭ ގޮތުން ބަލާނަމަ ކޮޅުމަޑުލު ދިޔަމިނގިލީ ތޮށަލި ކަލޯގެ ދެދަރީންގެ ވާހަކަޔާއި ތިލަދުންމަތީ އުތީމު ތިން ބެއިންގެ ވާހަކަޔަކީ ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފޯކުލޯރުތަކެކެވެ. މިއީ ހައްތަހާވެސް ބަޠަލުންނާއި ގުޅިފައިވާ ވާހަކަތަކެކެވެ. ރަސްރަސްކަލުންގެ ވާހަކަތަކެވެ.

ކޮޅުމަޑުލު ދިޔަމިނގިލީ ތޮށަލިކަލޯގެ ވާހަކަ ނިސްބަތްވަނީ މަޝްހޫރު ދިޔަމިނގިލީ ބޮޑު ބަންޑާރައިންނަށެވެ. އެއީ ޣާޒީއެކެވެ. އުތީމު ތިންބެއިންގެ ވާހަކަ ނިސްބަތްވަނީ އުތީމު ބަންޑާރައިންނަށެވެ. އެވެސް ޣާޒީއެކެވެ. މި ދެ ވާހަކަ ނިސްބަތްވަނީ ހަނގުރާމައިގެ ގަދަ ފަހުލަވާނުންތަކަކަށެވެ. އެއީ އުފެދުނު ހަރުދަނާ ރަސްދަރިކޮޅުތަކެއްގެ ބާނީންވެސްމެ އެވެ. އެބައިމީހުންގެ ޒަމާން ކުރިމަތި ކުރުވި ހާދިސާތަކެއްގެ ސަބަބުން އެބައިމީހުންނަށް ރަސްކަމުގެ ތަޚުތާއި ހަމަޔަށް ވާސިލުވެވިފައިވަނީ އެވެ. އަދި ނިޔާކުރި ހާލަތުގެ ސަބަބުން ޣާޒީގެ މަތިވެރި ލަޤަބު ވެސް އެރުވުނީ އެވެ. ބަޠަލުންނަށްވީ އެވެ. މި ވާހަކަތަކަށް ވިސްނާލައްވަމުން ހަމަ މި އުސޫލުން ރަސްގެތީމުން ވަޑައިގެންނެވި ކޮއިމަލާ ކަލޯގެ ފޯކުލޯރަށް ވެސް ވިސްނާލައްވާށެވެ. އިސްވެ ދެންނެވުނު ޝަޚުސިއްޔަތުންނާއި ގުޅޭ ފޯކުލޯރުތަކުން ފެންނަ ތަރުތީބުތައް އެވާހަކައިން ނުފެނޭތޯ އެވެ؟

ކޮއިމަލާކަލޯ އަކީވެސް ރަސްދަރިކޮޅެއްގެ ބާނީކަމާއި މެދަކު ޝައްކެއްނެތެވެ. އެއީ ސްވަސްތީ ސްރީ މާނާބާރުނަ މަހާރަދުންގެ ނަންފުޅުގައި ތީމުގޭ ދަރިކޮޅުން ދިވެހި ތަޚުތަށް އިސްވެވަޑައިގެންނެވި ފުރަތަމަ ރަސްގެފާނެވެ. އާދެ ދިޔަމިގިލީ ތޮށަލި ކަލޯގެ ހަގުކަލޯ ދިޔަމިގިލީ ބޮޑު ބަންޑާރައިންނަށްވީ ފަދައިން އަދި އުތީމު މުހައްމަދު ތަކުރުފާނުން އުތީމު ޣާޒީ ބަންޑާރައިންނަށްވި ފަދައިން ހަމަ ކޮއިމަލާކަލޯވެސް ވެފައި އެވަނީ "ރަސްގެތީމު ބަންޑާރައިން" ނަށް ނޫންތޯ އެވެ. ކޮއިމަލާ ކަލޯގެ ވާހަކައަކީ މިދެންނެވި ބޮޑުތަކުރުފާނު ވާހަކަޔާއި ދިޔަމިގިލީ ތޮށަލިކަލޯ ވާހަކަ ފަދައިން ކިޔަމުން އައިސްފައިވާ ވާހަކައެއްކަމާއި މެދަކު އެއްވެސް ޝައްކެއްނެތެވެ. އެހެނީ ދިވެހިރާއްޖޭގެ ކޮންމެ ރަސްދަރިކޮޅެއްގެ ފެށުމާއި ގުޅުވައިގެން ކިޔަމުން އައިސްފައިވާ އެފަދަ ކޮންމެ ވާހަކަޔަކުން ފެންނަ ހުރިހާ ތަރުތީބުތަކެއް އެވާހަކައިގައި ވެސް ހަމަވާތީ އެވެ. އިސްވެ ދެންނެވުނު ވާހަކަތަކުގެ އިތުރަށް ބުރާރަ މުހައްމަދުފުޅު ކިޔައިފައިވާ ހިލާލީ ދަރިކޮޅުގެ ވާހަކަޔަށްވެސް ވިސްނާލައްވާށެވެ. އެވާހަކަ ފެށެނީ ކޮން ހިސާބަކުންތޯ އެވެ؟ ހުޅުލޭގައި ވަޒަންވެރިވެ އުޅުނު ފަގީރު ދެމަފިރިންކަމުގައިވާ ހިލާލީކަލޯ އާއި ގޮޅާވެހިކަނބުލޯ އާއި ހިސާބުންނޫންތޯ އެވެ. ހިލާލީ ދަރިކޮޅުގެ ރަސްކަން ފެއްޓެވި ހަސަނާއި ހުސައިނުގެ ވާހަކަ ގެނެސްފައި އެވަނީ މައިމީހާ ބަލިވެއިން ހިސާބުން ފެށިގެން ހަސަނާއި ހުސައިނު އުފަންވެ، އެއް ކުއްޖެއް ލަންދޫގައި، އަނެއް ކުއްޖެއް މާލޭގައި ބޮޑުވަމުން އައި ގޮތުންސުރެ ނޫންތޯ އެވެ. މިފަދައިން އެވާހަކަ ކިޔަމުން އައިސް ރަސްކަމަށް އިސްވާ ހިސާބަށް އާދެ އެވެ.

ކުރީން ދެންނެވި ދިޔަމިގިލީ ތޮށަލިކަލޯގެ ދެދަރީންގެ ވާހަކަވެސް ހަމަ މިފަދަ ނޫންތޯ އެވެ. ވާހަކަ ފަށަނީ ތޮށަލިކަލޯގެ ދޮށީކަލޯ އާއި ހަނގުކަލޯ އެކުދީންގެ ރަށުގައި ބޮޑުވަމުން އައި ގޮތުގެ ހިސާބުންނެވެ. އެޔަށްފަހު މާލެ އައިސް އުޅެންފެށި ގޮތާއި އަދި ހަގުކަލޯ ރަސްކަމަށް އިސްވި ގޮތާއި ހަމަޔަށް ވާހަކަ ކިޔަމުން އައިސްފައިވެ އެވެ. އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރު ބޮޑުތަކުރުފާނު ވާހަކަޔަށް ވިސްނަވާށެވެ. ވާހަކަ ކިޔަމުން އައިސްފައިވާ ގޮތުން އުތީމު ތަކުރުފާނާއި ހަމަޔަށް އަންނަނީ އަބޫބަކުރު ރަސްގެފާނު ޒަމާނުގައި ބާރަށުގައި ވަޒަންވެރިވެ ހުރި ހިލާލީ ދަރިކޮޅުގެ ކަޅު ހަސަން ޚަޠީބު ތަކުރުފާނާއި ހިސާބުން ކިޔަމުންނެވެ. މި ގޮތުން އައިސް ތަކުރުފާނުމެން އުފަންވެ ބޮޑުވަމުން އައިގޮތާއި އަދި ފަހުން ޕޯޗުގީޒުންނާއި ހަނގުރާމަކޮށް ރަސްކަމަށް އިސްވެވަޑައިގެންނެވި ހިސާބަށް ކިޔަމުން އައިސްފައިވެ އެވެ.

މަލެއްފަދަ ކޮއި .....ކޮއިމަލާކަލޯގެ ވާހަކަވެސް ފަށައިފައި ވަނީ އިންޑިޔާ ނުވަތަ ސިލޯނުކަރައިގެ ވަލުތެރޭގައި ބަކަރިއެއްގެ ބަނޑުދަށުން (ނޫނީ ގެރިއެއްގެ ބަނޑުދަށުން) ކިރު ބޮމުން ބޮޑުވި ކުއްޖަކާ ހިސާބުންނެވެ. އެގޮތަށް ބޮޑުވަމުން އައި ތުއްތު ކުއްޖާ ފަހުން އިންސާނުންގެ ތެރެޔަށް ގެނެސް، އިންސާނީ ބަހުރުވަ ދަސްކޮށްދީ އޭގެ ފަހަށް ދިމާވި އެތައް ކަމަކަށްފަހު ރާއްޖެ އައިސް ރަސްކަމަށް އެރި ހިސާބާއި ހަމަޔަށް ކިޔަމުން އައިސްފައިވެ އެވެ. އިސްވެ ދަންނަވާލެވުނު ރާއްޖޭގެ ރަސް ދަރިކޮޅުތަކާއި ބެހޭ ގޮތުން ކިޔަމުން އައިސްފައިވާ ހުރިހާ ވާހަކަތަކުން ވެސް ފެންނަނީ މިފަދައިން އެއް ތަރުތީބެއްވާތަނެވެ. އެއް ހަމައެކެވެ. ހަމައެހެންމެ ދިވެހިރާއްޖޭގެ މައި ކޮންމެ ރަސްދަރިކޮޅަކަށް ވާހަކައެއް ޚާއްސަ ކުރެވިފައިވާތީވެސް އެބަފެނެ އެވެ. މިގޮތުން ކޮއިމަލާ ކަލޯގެ ވާހަކައަކީ ސޯމަވަންސަ ތީމުގޭ ދަރިކޮޅަށް ޚާއްސަކުރެވިފައިވާ ވާހަކަކަމުގައި އަޅުގަނޑު ދެކެމެވެ. އަދި އެއީ ރަސްދަރިކޮޅުތަކާއި ގުޅުވައިގެން ކިޔަމުން އައިސްފައިވާ ވާހަކަތަކުގެ ތެރޭގައި ހިމެނޭ އެންމެ މުސްކުޅި ވާހަކަކަންވެސް ބަޔާންކޮށްލަމެވެ.

މީލާދުން 1000 ގެ އަހަރުތަކާއި ހަމަޔަށް ދުނިޔެ ވާސިލުވި އިރު މި ސަރަޙައްދު އޮތީ ބޮޑު ކޯޅުންގަނޑެއްގެ ތެރޭގައިކަމަށް ދެންނެވިފައިވާނެ އެވެ. މި ކޯޅުމުގެ ސަބަބުން ދިވެހި ދައުލަތަށްވެސް ދިޔައީ އެތައް ލޮޅުމެއް އަރަމުންނެވެ. މިފަދަ ލޮޅުންތަކުގެ ތެރެއިން ޗޯޅާއިންގެ ފަރާތުން ދެ ފަހަރެއްގެ މަތީން ރާއްޖެ ހިފުމަށް އައި ހަމަލާ ފާހަގަކޮށްލެވެ އެވެ. އަދި މި ނޫނަސް ދިވެހީންގެ ވަށައިގެންވާ ވިޔަފާރި ބަނދަރުތައް ހަނގުރާމައިގެ މައިދާންތަކަކަށް ބަދަލުވެގެން ގޮސްފައިވުމުން ދިވެހި އިގުތިޞާދަށް އަންނާނެ ހީނަރުކަންވެސް ވިސްނަވާލައްވާށެވެ. ރާއްޖޭގެ ދެމިއޮތުން މުޅިންހެން ގުޅިފައިވަނީ ވިޔަފާރިއާ އެވެ. ވީމާ މީލާދުން 1000 ގެ އަހަރުތަކުން ފެށިގެން 1120 ވަނަ އަހަރާއި ދެމެދަށް ބަލާއިރު ފެންނަނީ ދިވެހި ދައުލަތް އެދުވަސްވަރު ކުރަމުން ގޮސްފައިވާނީ ދަތި އުނދަގޫ ދަތުރެއްކަމެވެ. ބޯމަތީގައިވަނީ ހަނގުރާމައިގެ ވިލާގަނޑުތައްކަމެވެ. މުޅި އިގުތިސާދު އޮންނާނީ ހީނަރުވެފައިކަމެވެ.

ވީރަދޭވަ ރަދުން ދިވެހި ލަޝްކަރައިގެން ސިލޯނަށް ވަޑައިގެން އެތަނުގައި ފަނާވެ އެ ދިޔައީ މި ދަތި ދުވަސްވަރުގެ ތެރޭގަ އެވެ. ހަނގުރާމައިގެ ބިރުވެރި ދުވަސްވަރެއްގައި، ދުޝްމިނު ދައުލަތްތައް ވަށައިލައިފައިވާ އިރެއްގައި، ރަދުންނާއި މުޅި ލަޝްކަރު ފަނާވެ ދިޔުމަކީ އެއިރު ގައުމަށް ދިމާވާނެ ބޮޑު ހާސްކަމެކެވެ. ވީރަދޭވަ ގަތުލުވީ މީލާދުން 1114 ނުވަތަ 1115 ވަނަ އަހަރުގެ ތެރޭގަ އެވެ. ތީމުގޭ ކޮއިމަލާކަލޯގެ ރަސްކަން ފެށުނީ އޭގެ ފަސްހަވަރަކަށް އަހަރުފަހުން މީލާދުން 1120 ނުވަތަ 1121 ވަނަ އަހަރުގަ އެވެ. މި ތާރީޚަށް ބަލާއިރު ކޮއިމަލާކަލޯގެ ރަސްކަން ފެށުމަށް މެދުވެރި ކުރުވި ޙާލަތަކީ ވީރަދޭވަގެ ހާދިސާކަމަށް ބުރަވެވެ އެވެ. އެ ހާދިސާއަށް ފަހު މުޅި ދައުލަތް އޮޔާދަމުން ދިޔަ ނާމާން ދުވަސްވަރެއްގައި، ދިވެހި ވެރިކަމާ ހަވާލުވާނެ ފަރާތަކީ ގައިމު ވެސް ހަނގުރާމައިގެ ފަހުލަވާނަކަށް ވާނެ އެވެ.

އާދެ! ކޮއިމަލުންނަކީ ހަނގުރާމައިގެ ގަދަފަދަ ގާއިދުންކަން ދެންނެވިފައިވާނެ އެވެ. އެއީ ނާޔަރުންގެ އެންމެ މަތީ ފަންތީގެ ބޭކަލުންނޫންތޯ އެވެ. އަދި އެބޭކަލުންނަކީ ރަސްކަލަކު ނެތް ހިނދެއްގައި ރަސްކަލެއްގެ ގާއިމުމަގާމުގައި ތިއްބަވާ ބޭކަލުންކަން ވެސް ވާނީ ދެންނެވިފަ އެވެ. މިހެންކަމުން ފޯކުލޯރު ވާހަކައިގައި ކިޔާ ކޮއިމަލާ ކަލޯއަކީ ގައުމަށް ބޮޑު ލޮޅުންގަނޑެއް ދުވަސްވަރެއްގައި، ގައުމުގެ މިނިވަންކަން ނެގެހެއްޓި ކުޅަދާނަ ބަޠަލެއްކަމުގައި ވިސްނެ އެވެ. އަދި އެބޭކަލަކީ އެ ހާލަތު ނިޔާކުރި ގޮތުން އައު ދަރިކޮޅެއްގެ ރަސްކަން ފެއްޓެވި ބާނީކަން ވެސް ދިވެހި ތާރީޚުން ޔަގީންކުރެވެ އެވެ. ވީމާ އިސްވެ ދެންނެވިފައިވާ ފޯކުލޯރުތައް ފަދައިން ތީމުގޭ ދަރިކޮޅުގެ ރަސްކަން ފެށުނު ހާދިސާގެ މައްޗަށް މަލެއްފަދަ ކޮއި..ކޮއިމަލާ ކަލޯގެ ވާހަކަ އުފަންވެ ދިޔައީ އެވެ. އަދި ގައުމީ ފެންވަރުގެ ފޯކުލޯރަކަށް އެވާހަކަ ބަދަލުވެފައި ވަނީ އެވާހަކަ ނިސްބަތްވަނީ ގައުމީ ބަޠަލަކަށްވެސް ވުމުންނެވެ.

އާދެ! ފޯކުލޯރު ޢިލްމަކީ އަދި ދިވެހި މުޖުތަމަޢުގައި ހިނގައިގަނެފައިވާ ޢިލްމެއް ނޫނެވެ. މިހެންކަމުން ދިވެހީންގެ ތެރޭގައި ފޯކުލޯރުގެ މައްޗަށް އާއްމުކުރެވިފައިވާ މާގިނަ ދިރާސާތަކެއް ފެންނާކަށްނެތެވެ. އެހެނަސް އެފަދަ ޒަމާނެއް އުފަންވެދާނެކަމުގެ ފޮނި އުއްމީދެއްގައި ދިވެހި މުއައްރިޚުންވަނީ ކުޅަދާނަވީ މިންވަރަކުން ފޯކުލޯރުތައް ލިޔެ ރައްކާކުރުމުގެ މަސައްކަތް ކުރައްވާފަ އެވެ. މިގޮތުން ދިވެހީންގެ ތެރޭގައި ކިޔައި އުޅުނު ސަގަލަ ސަންފާގެ ވާހަކަ ގެނެސްދެއްވަމުން ޢަބްދުލްޙަކީމު ޙުސައިން މަނިކު ލިޔުއްވަނީ

"....މިއީ ފުލޯކު ވާހަކައެއްކަމުގައި ނަމަވެސް ދިވެހިވަންތަކަމާއި ދިވެހިވަންތަކަމާއި ގަދީމީ ތާރީޚުގައިވެސް ރާއްޖޭގެ އިގުތިޞާދީ މިނިވަންކަން ފެންނަން އޮންނާނެ އެވެ. ފުލޯކު ވާހަކަ ކަމޭހިތައިގެން ޢިލްމުވެރީން ލިޔަނީ އޭގެ ތެރެއިންވެސް ނެގޭ މައުލޫމާތު ހުންނާތީ އެވެ. އެހެންވީމާ ބޮޑު ބިޔަ ދިގު ފުލޯކު ވާހަކަ އޭގެ ތެރޭގައި ކުޑަކުޑަ ހަގީގަތެއް އޮންނަ، ލިޔެފައި ހުރީ މަދަކުން ނޫނެވެ. މިދެންނެވި ބާވަތުގެ އެއް ވާހަކައަކީ އުރުދޫ ބަހުން އޮންނަ (އަމީރު ހަމްޒާ) ވާހަކަ އެވެ. އަނެއް ވާހަކައަކީ އޮރުދޫ ބަހުން އޮންނަ ( އިރްޖީ) ވާހަކަ އެވެ. އަދި އަލިފުލައިލާގެ ވާހަކަތައްވެސް އެހުންނަނީ ކުޑަކުޑަ ހަގީގަތާއިއެކު ފުލޯކު ވާހަކަ އެވެ.

ރާއްޖޭގައި ކިޔައި އުޅުނު ދޫނިމަނާ ލަވަޔާއި، ދޮން ހިޔަލަ އާއި އަލިފުޅު ވާހަކަޔާއި، މިބާވަތުގެ އެތައް ބައިވަރު ވާހަކައެއް ހުރެއެވެ. މިގޮތުން އުސްތާޛު މަނިކުފާނުގެ ކުޑަކުޑަ ޕޮއިންޓު ކޮޅަކުން މި ވާހަކަ ލިޔެލީ އެވެ..."

ފޯކުލޯރަށްޓަކައި މުއައްރިޚުން ކުރެއްވާފައިވާ މަސައްކަތްތަކުގެ ތެރެއިން ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނު ލިޔުއްވި "ދިވެހީންގެ ވާހަކަ" މި ފޮތާއި ޒެވިޔަރ ރޮމީރިއޯ ފްރިއާރސް ލިޔުއްވި "ދި ފޯކްޓޭލްސް އޮފް މޯލްޑިވްސް" އޭ ކިޔުނު ފޮތް ފާހަގަކޮށްލެވެ އެވެ. އަދި އަލްމަރުޙޫމު މުޙައްމަދު އިބްރާހިމް ލުޠުފީ ފަތްތޫރައިގައި ލިޔުއްވާފައިވާ ގިނަ ވާހަކަތަކާއި އަލްމަރުޙޫމު ނ.ތ ހަސަންދީދީ "ކުރީގެ ހުވަދޫ އަތޮޅު" ނަމުގައި ލިޔުއްވާފައިވާ ފޮތް ވެސް ފާހަގަކޮށްލަމެވެ. ހަމަމިފަދައިން ތޯ ހައިދާލުގެ "މޯލްޑިވްސް މިސްޓްރީ" ފޮތުގައްޔާއި އަލްމަރުހޫމު ކޮލި ޙަސަން މަނިކުގެ ލިޔުއްވުންތަކުން ވެސް ދިވެހީންގެ ބައެއް ފޯކުލޯރު ވާހަކަތައް ފެންނާން ހުރެ އެވެ. އަދި މި ނޫނަސް އެތައް ލިޔުންތެރީންނެއް ވަނީ މިފަދަ ކިތަންމެ ފުލޯކު ވާހަކައެއް ލިޔުއްވާ އާއްމުކުރައްވާފަ އެވެ.

ދިވެހި ފޯކުލޯރުގެ "ލެޖެންޑަކީ" މަޝްހޫރު ބުރާރަ މުޙައްމަދުފުޅުކަމާއި މެދަކު ޝައްކެއްނެތެވެ. އޭނާގެ ފުށުން ރިވާވެފައިވާ މުހިންމު ކިތަންމެ ވާހަކައެއްވެ އެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރުކަން ހޯދާފައިވާ ދެ ވާހަކައަކީ ބޮޑުތަކުރުފާނު ވާހަކަޔާއި ކޮއިމަލާކަލޯގެ ވާހަކަ އެވެ. ބުރާރަ މުޙައްމަދުފުޅު ކިޔާފައިވާ ވާހަކަތަކަކީ ރަސްރަސްކަލުންގެ "ސިޔަރަތުނާމާ" އެކެވެ. ނުވަތަ އެއީ ތަފްސީލު "ރާދަވަޅި" އެކޭވެސް ދެންނެވިދާނެ އެވެ. ބުރާރަ މުޙައްމަދުފުޅު ކިޔަމުން އައިސްފައިވާ "ރާދަވަޅީގައިވާ" ވާހަކަތަކަކީ ދިވެހީންގެ އައިޑެންޓިޓީ އާއި ގަބޫލުކުރުންތަކާއި ދިރިއުޅުމުގެ ވައްޓަފާޅިޔާއި އަދި މިޒާޖާއި ޠަބީޢަތާއި އެއްކޮށްގެން ކިޔަމުން އައިސްފައިވާ ވާހަކަތަކެއްވެސްމެ އެވެ.

ކޮއިމަލާކަލޯގެ ވާހަކައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަމުން އައިސްފައިވާ ގަދީމީ ފުލޯކު ވާހަކައެކެވެ. މި ވާހަކައިގެ އެކި ސީޣާތައް ވާހަކަ ކިޔާ މީހުންގެ އަމިއްލަ ބޭނުމަށްޓަކައި އިހުގައި ލިޔެފައި ހުރިކަމަށް ބުނެވެ އެވެ. އެ ލިޔުންތަކަކީ ޓެކުނޮލޮޖީގެ ވަސީލަތްތައް ނެތް ޒަމާނުގައި މުނިފޫހި ފިލުވުމުގެ ގޮތުން ވާހަކަ ކިޔާ މީހުން އެމީހުންނަށް އިވިފައިވާ މަގުން ލިޔެފައި ހުރި އެއްޗެހިކަމުގައި ބުނެވެ އެވެ. އެހެނަސް މިކަންކަން ހޯދާ ބެލުމުގެ ނިޔަތް ގަނެގެން އަޅުގަނޑަށް މި މަސައްކަތް ފަށައިގަނެވުނު އިރު މިފަދަ އެއްވެސް ލިޔުމެއް ފެންނާކަށް ނެތެވެ. ރަށްރަށުން މުޅީންވެސް އިވިފައި ހުރީ "އިހުގައި މިގޭގައި އޮތޭ...އެކަހަލަ އެއްޗެހި ދެން މިހާރު ހުންނާނެހޭ...އަންދައިފިއޭ...އެއްލައިލާފިއޭ...ނެތޭ.." މިފަދަ ބަސްތަކެވެ.

ދިވެހި ފޯކުލޯރުގެ "ލެޖެންޑު" ބުރާރަ މުޙައްމަދުފުޅު ކިޔަމުން އައިސްފައިވާ ކޮއިމަލާކަލޯ ވާހަކައިގެ ސީޣާއަކީ މި ވާހަކައިގެ ރިވާޔަތްތަކުގެ ތެރެއިން އެންމެ މަޝްހޫރަކަން ބޮޑު ސީޣާ އެވެ. ބުރާރަ މުޙައްމަދުފުޅުގެ ރިވާޔަތާއި މެދު މުޙައްމަދު އިބްރާހިމް ލުޠުފީ ލިޔުއްވާފައި ވަނީ

"....ބުރާރަކޮއި ( ބުރާރަ މުޙައްމަދުފުޅު) ދިވެހިރާއްޖެ އިސްލާމުވި ގޮތާއި ކޮއިމަލާކަލޯ އާއި މެދު ކިޔަމުން އައި ވާހަކަ އެވެ. މިވާހަކަ އެތައް ގޮތަކަށް ލިޔެވިފައިވެ އެވެ. އޭގެ ތެރެއިން ދިރާސަތުކުރުމަށް އެންމެ އެކަށީގެންވަނީ ވުޒާރަތުއް ދާޚިލިއްޔާއިން ނެރުއްވި " ދިވެހި ތާރީޚަށް އައު އަލިކަމެއް" މިނަން ކިޔާ ފޮތުގެ 67 ވަނަ ސަފްޙާއިން ފެށިގެން ލިޔެފައިވާ އެވާހަކައިގެ ޚުލާސާ އާއި އަދި އެމް އައި ޑީ ލައިބްރަރީގައި އޮތް އެވާހަކައިގެ ކޮޕީ އެވެ. މި ދެ ފޮތުގައި ލިޔެވިފައިވާ ވާހަކައަށް ތަޙުލީލީ ނަޒަރަކުން ބަލާއިރު އެދެ ފޮތަކީ އަޅުގަނޑުގެ މި މަސައްކަތަށް މާ ބޭނުންތެރި ލިޔުމެއްކަމަކަށް ނުދެކެމެވެ.

( ދިވެހިރާއްޖެޔަށް އިސްލާމީ ހިދާޔަތު ގެނެސްދެއްވީ ކޮންބޭކަލެއްބާ؟ / މުހައްމަދު އިބްރާހިމް ލުޠުފީ/ ސ. 25 / ފަތްތޫރަ 43 )

ލުޠުފީ ބަޔާންކޮށްފައިވާ އެމްއައިޑީ ލައިބްރަރީގައި އޮތް ކޮއިމަލާކަލޯ ވާހަކައިގެ ކޮޕީ، އަޅުގަނޑަށް އަދި ފެނިފައެއް ނުވެ އެވެ. މި ދިރާސާގައި ބަލާފައިވާނީ "ފޯކްޓޭލްސް އޮފް މޯލްޑިވްސް" ފޮތުގައި ބަޔާންކޮށްފައިވާ ކޮއިމަލާކަލޯ ވާހަކައިގެ ރިވާޔަތާއި ވުޒާރަތުއް ދާޚިލިއްޔާއިން ނެރުއްވި "ތާރީޚަށް އައު އަލިކަމެއް" މި ފޮތުގައި ލިޔުއްވާފައިވާ އެވާހަކައިގެ ޚުލާސާ އެވެ. މީގެ ތެރެއިން ތާރީޚަށް އައު އަލިކަމެއްގައި ލިޔުއްވާފައި ވަނީ ބުރާރަ މުޙައްމަދުފުޅު ކިޔަމުން އައިސްފައިވާ ސީޣާގެ ޚުލާސާއެކެވެ. އެއްޗެއް ޚުލާސާކުރާއިރު އޭގެން ކިތަންމެ ބައެއް އުނިވެގެންދާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. މިހެންކަމުން މި މަސައްކަތް ފަށައިގަތް އިރު ބުރާރަ މުޙައްމަދުފުޅު ކިޔައިފައިވާ ކޮއިމަލާކަލޯ ވާހަކައިގެ އަސްލު ފުރިހަމަ ރިވާޔަތެއް އަޅުގަނޑަށް ފެނިފައެއް ނުވެ އެވެ. މިހެން މިކަން މެދުވެރިވި ސަބަބު މިފަދަ މަގާލަތެއްގައި ބަޔާންކުރުމަކީ އެކަށޭނަކަމަކަށް ނުވާތީ އެވާހަކަ ކުރުކުޅައީމެވެ.

ތިރީގައި މި ހިމަނާލަނީ "ދިވެހި ތާރީޚަށް އައު އަލިކަމެއް" މި ފޮތުގައި ޚުލާސާގޮތެއްގައި ނަކަލުކޮށްފައިވާ ބުރާރަ މުޙައްމަދު ކިޔައިފައިވާ ކޮއިމަލާކަލޯ ވާހަކަ އެވެ.

"ވަރަށް އިހު ޒަމާނުގައި ސަރަންދީބުގައި ރަސްކަލަކު ހުންނެވި އެވެ. އެރަސްގެފާނުންގެ އެންމެ ޚާއްޞަ މަސައްކަތްޕުޅަކީ ސަހަރުން ގެރިމަދުވީމާ ވަރުގަދަ މީހުން ޖަންގަޔަށް ފޮނުއްވައިގެން ދައުއަޅައިގެން ގެރި ހިއްޕެވުމެވެ. މިހެން ހިފާ ގެރިތައް ތަޅާ ބަލިކޮށްގެން ސަހަރަށް ގެންދަނީ އެވެ.

އެދުވަސްވަރު ސަރަންދީބުގައި، މީހުން އުޅޭ ހިސާބުން ބޭރުގައި ވަރަށް ފަގީރު ދެމަފިރީން އުޅެ އެވެ. އެދެމީހުން އެތަކެއް ދުވަހު ފަގީރު ޙާލަށް ކެތްކުރުންމަތީ ދެމިތިއްބާ ފިރިކަލޭގެ މަރުވެއްޖެ އެވެ. އޭރު އެކަނބުލޭގެވަނީ ބަލިވެ އިނދެ ތިންމަހަށް އަޅައިގެންފަ އެވެ. ހައެއްކަ މަސްފަހުން އެކަބުލޭގެ ފިރިހެން ކުއްޖަކު ވިހާފައި ، އެކުއްޖާއަށް ފިރުކި އުޅެވޭވަރުވިތަނާ މަންމަ މަރުވެއްޖެ އެވެ. މަންމަ އާއި ބައްޕަ މަރުވެފައިވާ މި އެކަނިވެރި ފިރިހެންކުއްޖާ ފިރުކެމުން ފިރުކެމުން ނިކުމެވުނީ ޖަންގަލީގެ ތެރެޔަށެވެ. އެތަނުން އޭނާއަށް ވަދެވުނީ ބޮޑު ގެރި އައިނެއްގެ ތެރެޔަށެވެ. މިތާގައި އޮތް ކިރުގެރިއެއްގެ ކައިރިން މިކޮއި އާދަވެގެން ކިރުބޯން ފައްޓައިފި އެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެކޮއިވެސް ގެރިތަކުގެ ތެރޭގައި އުޅުމުގެ ސަބަބުން އެސޮރުމެން ހިނގާގޮތަށް ހިނގާ ކުދި ގެރިތަކާއިއެކު ހަތަރެސްފައި ޖަހައިގެން ދުވެއުޅެން ފަށައިފި އެވެ.

އެއްދުވަހަކު ހުރިހާ ބޮޑެތި ގެރިތައް ކުއްލިއަކަށް އެންގީ ހަރުކޮށްދުވެ އަވަހަށް ކުރިއެރުމަށެވެ. އެ ދުވަހު އެކޮއި ވެސް ޅަގެރިތަކާއެކުގައި، ކަޑަބޮށްޖަހާފައި ދުވެ ކުރިޔަށް އެރި އެވެ. މި ވަގުތު ވަރަށް ގަދައަޑެއް އިވިގެން ދިޔުމާއެކު، އެޖަންގަލީން ނިކުތް ވަރުގަދަ ނާގަ ހަރުފައެއް އަނެއް ޖަންގަލީގައިވާ ފަރުބަދައެއްގެ ހޮހޮޅައަށް ވަދެ ދެމިގަތްތަން ކޮއި ދުއްޓެވެ. މިގޮތަށް އެކޮއި ގެރިތަކުގެ ތެރޭގައި ބޮޑުވަމުން އާދެ އެވެ.

ދުވަސްކޮޅެއްވީ ފަހުން އަނެއްކާވެސް ސަރަންދީބުން ގެރި މަދުވުމުގެ ސަބަބުން އެތާގެ ރަސްގެފާނު، ޖަންގަންޔަށް ބަޔަކު ފޮނުއްވައިފި އެވެ. މިދިޔަ މީހުންނަށް އެއްކަލަ ކޮއި ގެރިތަކާއި އެކުގައި ދިރިއުޅޭތަން ފެނިގެން ރަސްގެފާނު އަރިހުން އަމުރު ހޯދައިގެންގޮސް އެކޮއި ހިފައިގެން ގެނެސްފި އެވެ. އަދި ޙަކީމުން ލައްވާ ފިލާބަދެ ތެޔޮ އުނގުޅުވުމުގެ މަސައްކަތް ކުރަން ފަށައިފި އެވެ. މީނާއަށް ދެފައި ޖަހައިގެން ހިނގޭވަރުވީ އަހަރެއްހައި ދުވަސްވީ ފަހުންނެވެ. ދެން ސަރަންދީބުގެ ރަސްގެފާނުގެ އަމުރުފުޅަށް އާދަމުގެދަރީންގެ ބަހުން ވާހަކަދެއްކޭތޯ އަހަރެއްހާ ދުވަހު މަސައްކަތްކޮށްގެން އެބަހުން ވާހަކަ ދެކެވޭވަރުވުމަށްފަހު އެކޮއި ރަސްގެފާނުންގެ އަރިހަށް ގެނެސްފި އެވެ. ކޮއިގެ އަމަޔަކު ބަޔަކުވޭތޯ ރަސްގެފާނު ސުވާލު ކުރެއްވީމާ ދެންނެވި އެވެ. މަނިއްޕުޅު އަޅުގަނޑު ތިޔަގެންނެވީ އަޅުގަނޑުގެ މައިންބަފައިންގެ ކައިރީގައި އުޅެނިކޮށެވެ. ރަސްގެފާނު ދެން ސުވާލުކުރެއްވީ ކޮއި ޖަންގަލީގެ ތެރޭގައި މިހާ ދުވަހު އުޅުނުއިރު ކިހާ ބޮޑު ޢަޖާއިބެއް ދުށީން ހެއްޔެވެ. އެކޮއި ދެންނެވީ އެއްކަލަ ދުވަހު ގެރި އައިނުގެ ތެރޭގައި އުޅެނިކޮށް ވަރުގަދަ އަޑެއް އިވިފައި އެއްޖަންގަލީގެ ތެރެއިން ނުކުމެގެން ގޮސް އަނެއް ޖަންގަލީގައިހުރި ފަރުބަދައެއްގެ ހޮހޮޅަށް ދެމިގަތް ހަރުފައިގެ ވާހަކަ އެވެ. މިވާހަކަ ދެންނެވުމުން ރަސްގެފާނު ވިދާޅުވި އެވެ. ކޮޔަކީ ޖަންގަންޔަށް މަލެއްފަދަ ކޮޔެވެ. ތިޔަ ބުނާ ފަރުބަދަ ދައްކާން ހިނގާށެވެ.

ސަރަންދީބުގެ ރަސްގެފާނު ވަރަށް ގިނަ މީހުނާއެކު އެކޮއި ދެއްކި ފަރުބަދައިގެ ކައިރިއަށް ވަޑައިގެންފި އެވެ. ނަމަވެސް އެބުނާވަރުގެ ބޮޑު ހަރުފައެއް ވަން ހޮހޮޅައެއްކަމަށްވުމާއެކު މިތަނަށް އެރޭން ކެރުނު ހަމަ އެކަކުވެސް ނެތެވެ. ދެން މި ކޮއި ދެންނެވި ގޮތުގެ މަތީން އެ ހޮހޮޅައިގެ ތެރެއަށް ފުރޭންދެން ދަރު އަޅާފައި އަންދައިފި އެވެ. މިގޮތަށް އެންދުމަށްފަހު ވެސް އެ ހޮހޮޅައިގެ ތެރެއަށް އެރެން ކެރުނު ހަމަ އެކަކުވެސް ނެތެވެ. ދެން އެންމެ ފަހުން އެ ހޮހޮޅައިގެ ތެރެއަށް އެރުނީ އެކޮއި އެވެ. އޭނާ އެރުމަށްފަހު އެތާގެ އަޑީގައި ހުރި ވެލިތައް ވެލިތައް ހިފައިގެން މައްޗަށް އަރާ ސަރަންދީބުގެ ރަސްގެފާނަށް ދައްކައިފި އެވެ. ރަސްގެފާނު ބެއްލެވިއިރު މިތަކެއްޗަކީ މިތަކެއްޗަކީ މުތީލާލުފަދަ އަގުމާތް ޖަވާހިރާއި އަސްރަފީ އެވެ. އެ ހޮހޮޅައިގެ ތެރޭގައި މިތަކެތި އަދަދެއްނެތްހާ ގިނައިން ހުރި ވާހަކަ ދެންނެވީމާ ދެން ފައިބާން ނުކެރުނު ހަމަ އެކަކުވެސް ނެތެވެ.

ކޮންމެއަކަސް އެ ހޮހޮޅައިގެ ތެރެއިން ނަގާ ރަންތަކާއި ޖަވާހިރުތަކުން ސަހަރުގެ އެތަން މިތަން ފުރިގެން މަސައްކަތް ހުއްޓާލައްވައިފި އެވެ. އަނެއް ދުވަހު ޝަހަރުގެ ދަންނަ ބޭކަލުންނާއި ރަސްކަމުގެ ބޮޑުން ބަލާ ފޮނުއްވައިގެން ގެންނަވާފައި މި މުދަލަކީ ތިމަންނާގެ އެއްޗެއްތޯ ރަސްގެފާނު ސުވާލު ކުރެއްވި އެވެ. އެމީހުން ދެންނެވީ އެއީ ޖަންގަންޔަށް މަލެއްފަދަ ކޮއިގެ މުދާކަމުގަ އެވެ.

ދެން ރަސްގެފާނު ސުވާލު ކުރެއްވީ އެމުދާ ރަސްގެފާނަށް ޚާއްސަވާނެ ގޮތަކީ ކޮބައިތޯ އެވެ؟ އެއްބަޔަކު ދެންނެވި އެވެ. ވާރުތަވެރިޔަކު ނެތް މުދަލަކީ ސަރުކާރުގެ މުދަލެވެ. ވީމާ އެކޮއި މަރާލައްވަނިކޮށް ތިޔަމުދާ ރަސްގެފާނަށް ލިބިވަޑައިގަންނަވާނެ އެވެ. އަނެއް ބަޔަކު ދެންނެވީ އެކޮޔާ ރަސްގެފާނުގެ ދަރިކަނބަލުން ދެވަނިކޮށް ތިޔަމުދާ ރަސްގެފާނަށް ޚާއްސަވެދާނެކަމަށެވެ.

ކޮންމެއަކަސް ރަސްގެފާނުގެ ދަރިކަނބަލުންނާއި ކޮއިގެ ކާވެނި ކުރެވިއްޖެ އެވެ. އެކަމަކު އެކޮއި ހުންނަވަނީ މާދުރު ބަގީޗާއެއްގަ އެވެ. އެކަމަނާ އިންނަވަނީ މާދުރުގައި ހުންނަ ގަނޑުވަރެއްގަ އެވެ. އެކަކު އަނެކަކާ ބައްދަލުވުމެއް އެއްގޮތަކަށްވެސް ނެތެވެ. މިކަން ބޮޑުވެގެން ޝަހަރުގެ ދަންނަބޭކަލުން ގަނޑުވަރަށް ދުރުވެ މިކަން މިހެން ހުރުމާއެކު، ރަސްގެފާނަށް އެމުދާތައް ޚާއްސަ ނުވާ ވާހަކަ ދަންނަވައިފި އެވެ. ރަސްގެފާނު މިފަހަރު އެކޮއި ބަލާ ގެންނަވާފައި އެމުދާތައް ރަސްގެފާނަށް ޚާއްސަވާނެ ގޮތަކީ ކޮބައިތޯ ސުވާލުކުރައްވައިފި އެވެ. އެކޮއި ދެންނެވި އެވެ. ތިޔަ މުދަލުން ހޭދަކުރައްވައިގެން ދެނައު ބަންނަވާށެވެ. އަދި އަޅުން ލައްވާފައި ދެނާ ފުރެންދެން މުދާ ލައްވާ ދެއްވާށެވެ. އެތަނުން އެއްނަވަށް މަނިއްޕުޅުގެ ދަރިކަނބަލުން ލައްވާ ދެއްވާފައި ދަނައު މި ޝަހަރުން ފުރުވާލަނިކޮށް ދެން ހުރި ހުރިހާ މުދަލަކީ މަނިއްޕުޅުގެ މުދަލެވެ.

ސަރަންދީބުގެ ރަސްގެފާނު މިގޮތާއި ގަބޫލުވެވަޑައިގެން ދަނައު އެގޮތުގެ މަތީން ތައްޔާރުކުރައްވާފައި ފުރުވާ ލައްވައިފި އެވެ. މި ދެނައު އެކޮއިގެ ދެމަފިރިކަނބަލުން ގޮވައިގެން ދަތުރުކޮށް ދަނިކޮށް ފެނުނު ކުޑަކުޑަ ދެރަށުން އެއްރަށުގައި ޖައްސައި އެރަށުގައި، ފޭލިގެއެއް ޖައްސަވައިފި އެވެ. މިފޭލިގެއަށް އެކޮއި އަނބިކަމަނާ ގޮވައިގެން ފައިބަންނަވައިފި އެވެ. ދެނައުގެ ފަޅުވެރީންނަށް އަމުރު ކުރެއްވީ ޖެހިގެން އޮތް އަނެއްރަށަށް ދިއުމަށެވެ. ޖަންގަންޔަށް މަލެއްފަދަކޮއި ބުނުއްވި އެވެ. އަހަރުމެން މިތިބޭރަށުގެ ނަމަކީ ރަސްގެތީމު އެވެ. ކަލޭމެން ހުރިހާ ފަޅުވެރީން ތިބެންވީރަށުގެ ނަމަކީ އަޅުގެތީމެވެ.

ޖަންގަންޔަށް މަލެއްފަދަކޮއި ރަސްގެތީމަށް ދުރުވިއިރު އެހިސާގަޑުގައި ހުރި އެކިއެކި ރަށްރަށުގައި މަދުމަދުން މީހުން ތިއްބެވެ. އެމީހުންނަށް ޖާފަތެއް ދެއްވަން ގެންނަވާފައި އެންމެން މަރާލެއްވީ އެވެ. މީގެ ފަހުން މިތާގެ ރަސްކަލަކީ ޖަންގަންޔަށް މަލެއްފަދަ ކޮޔެވެ.

ދުވަސްކޮޅެއްވުމަށް ފަހު އެކޮއި ރަސްގެތީމުގައި ފެންގަނޑެއް ކޮނުމުގެ މަސައްކަތް ފައްޓަވައިފި އެވެ. ކޮންނާނެ މިން ދެއްކެވުމުން މަސައްކަތް ކުރަނީ އަޅުގެތީމުގައި ތިބި އަޅުންނެވެ. އެއްދުވަހު ފެންގަނޑު ކޮންނަން ތިއްބާ ކިރުދޫނީގެ ހަތްދޫނި އެކޮޔަށް ފެނިގެން ބަލަންހުއްޓާ ރަށްމައްޗަށް އަރާ ގޮވާލާފައި އެނބުރިގޮސް އޮބާލައިފި އެވެ. ހަމަ މިވަގުތު އެކޮއި އެންގެވީ މަސައްކަތް ހުއްޓާލާފައި އެމީހުން އަޅުގެތީމަށް ދިޔުމަށެވެ. ދުވަސްކޮޅަކަށް ފަހު އަނެއްކާ ވެސް އެ ފެންގަނޑު ކޮނުމުގެ މަސައްކަތް ފަށައިފި އެވެ. މިދުވަހު ކިރުދޫނީގެ ފަސްދޫނި ކުރީ ދުވަހެކޭ އެއްދުވަހެއް ފަދައިން އުދުހިފައި އައިސް ރަށްމަތީން ގޮވާލާފައި ހިނގައްޖެ އެވެ. ދޫނިތައް އޮބާލުމާއެކު ކުރީ ދުވަހެކޭ އެއްފަދައިން މަސައްކަތް ހުއްޓާލައިފި އެވެ. ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ފެންގަނޑު ކޮންނަން ފައްޓަވައިފި އެވެ. މަސައްކަތް ފެށިތާ ގިނައިރެއްނުވެ އެންމެ ކިރުދޫންޏެއް އައިސް ރަށްމަތީން ގޮވާލާފައި ހިނގައްޖެ އެވެ. އެވަގުތު މަލެއްފަދަ ކޮއި އެންގެވީ މަސައްކަތް ހުއްޓާލާފައި ބޮޑު ނައުގެ ބައްތެލި ތައްޔާރުކޮށްގެން އަވަހަށް ފުރުމަށެވެ. މިހާރު އެކޮޔާ އަނބިކަނބަލުންނާ ހުރިހާ އަޅުން ބޮޑުނަވުގެ ބައްތެލީގައި ރަސްގެތީމުން ފުރައިފި އެވެ. ދަތުރުކޮށްފައި ދަނީ އެކޮއި އަންގަވާފައިވާ ފަދައިން ކުރިމަތީގައި އޮތް އެއްކަލަ ދޫނި އުދުހެމުންދާ ދިމާއަށެވެ. އެތައްރޭ އެތައް ދުވާލަކަށް ފަހު އެދޫނި ގޮސް އިށީނީ މާލެ އަތޮޅު ދޫނިދޫގަ އެވެ. މިރަށާ ބައްތެލި ކައިރިކޮށްލުމުން ދޫނި އުދުއްސައިގެން އައިސް އިށީނނީ މާލެ ފިނޮޅުގަ އެވެ. އޭރު މާލެއަކީ ކުޑަކުޑަ ފިނޮޅެކެވެ. ބަނޑަހަ ޖަހައިގެން މަހަށްދާން ތިބި ބަޔަކު މާލޭ ފިނޮޅުގައި ތިއްބެވެ. އެއީ ފުރޭތައިގެ މޮށުން މޮށޭ ބައެކެވެ. އެކޮއިމެން މާލޭ ފިނޮޅުގައި ވަޒަންވެރިވެ ތިބުމުގެ އަމުރު އެދުމުން އެމީހުން ދެންނެވި އެވެ. މީ ބަޔަކު މީހުން ވަޒަންވެރިވެ ތިބޭނޭ ރަށެއް ނޫނެވެ. މީ މިކަނޑުގައި މަސްހެދުނީމާ އަހަރުމެން މަހަށްދާން އަންނަ ލޭ ފިނޮޅެވެ. މިޔަށްވުރެ ބަޔަކު މީހުން ވަޒަންވެރިވެ ތިބޭން މާރަނގަޅު ރަށްރަށް މިތާ ކައިރީގައި ވެސް މިހިރީ އެވެ. ނަމަވެސް މީންއެރަށާވެސް ގަބޫލެއްނުވި އެވެ. ކޮންމެއަކަސް އެމީހުންގެ އަމުރު އަތުލައްވައިގެން އެރަށަށް އެކޮއި ފައިބަންނަވައިފި އެވެ. އަދި ފަޅުވެރީން ފޮނުއްވައިގެން ރަސްގެތީމުގައި އޮތް ނައުވެސް ގެންނަވައިފި އެވެ. ޖަންގަންޔަށް މަލެއްފަދަ ކޮއި ސަރަންދީބުގެ ރަސްގެފާނަށް ވަރަށް ޚާއްސަ ސިޓީފުޅެއް ލިޔުއްވައިފައި ފޮނުއްވައިފި އެވެ. މީގައި އެދިވަޑައިގެންފައިވަނީ ތަނެއްގައި ރަސްކަމެއް ފަށާގަންނާނެ މުދާކޮޅަކާ ކުޑަ މީސްކޮޅެއް ފޮނުއްވުމަށެވެ. މި ސިޓީފުޅުގެ ޖަވާބުގައި، ސަރަންދީބުގެ ރަސްގެފާނު ދިވެހިރާއްޖެޔަށް ފޮނުއްވީ ދާދިކުޑަ ފޮތިކޮޅަކުން ލަނގޮޓިމަރައިގެން ތިބި ބައެކެވެ. އެއީ ސިންގާ ދަރިކޮޅުގެ މީހުންނެވެ.

ޖަންގަންޔަށް މަލެއްފަދަ ކޮއި ދެކެފައިވަނީ ސަރަންދީބުގެ ރަސްގެފާނު ޣައިރުދީނަށް ރަސްކަން ކުރެއްވިތަނެވެ. އެހެންކަމުން އެކޮއިވެސް މިރަށުގައި ރަސްކަން ފަށައިގަތީ ޣައިރުދީނަށެވެ. ރަސްކަން ފައްޓަވާފައި މިރަށުގައި ބޭރު ބުދުކޯލާއި އެތެރެބުދު ކޯލު ބެހެއްޓެވިއެވެ. އަދި ވަދެ ނުކުމެވާން ބޭރު ދޮރާއްޓަކަށްވެސް ބެހެއްޓެވީ ވަރަށް ބޮޑު ބުދެކެވެ.

ޖަންގަންޔަށް މަލެއްފަދަކޮއި މިރަސްކަން ފައްޓަވާފައި އޭނާގެ ނަންފުޅަކީ ކޮއިމަލާ ރަސްގެފާނުކަން ރާއްޖެޔަށް އެންގެވި އެވެ.

ކޮއިމަލާ ރަސްގެފާނު، ރަސްކަންކުރައްވާތާ ދުވަސްކޮޅެއްވީ ފަހުން ކޮންމެ މަހެއްގެ ސާދަ ފަނަރާގައި ކަނޑުން އެއްޗެއް އަރަން ފައްޓައިފި އެވެ. މިއެރުމަށް އެރޭގެ އަލިވިލޭއިރު ހުރިހާ ޒުވާން އަންހެންކުދީން ތިބެނީ މަރުވެފަ އެވެ. އެއްވެސް ފިރިހެނަކަށް ކަމެއް ނުވެ އެވެ. މިކަން ބޮޑުވާން ފެށުމުން ކޮއިމަލާ ރަސްގެފާނު އެންގެވީ ދޮން އަދަރާދަ މަގުގެ އަތިރިމަތީގައި ހުރަގެއެއް ތައްޔާރު ކުރުމަށެވެ. އަދި ކޮންމެ މަހަކު އެފުރޭތަ އަރާރެއަށް، ޒުވާން އަންހެން ކުއްޖަކު އެހުރަގޭގައި ބަދެފައި ބޭންދުމަށެވެ. މި ޤަވާޢިދުން ކަންތައް ކުރަމުން ދަނިކޮށް ރަށުގެ މީހުން މިކަމާ ނުޤަބޫލުވެގެން ހަޅޭއް ލަވައިގެންފި އެވެ. މީގެ ފަހުން ކުއްޖަކު ހޮވަނީ ޤުރުޢަތުލައިގެންނެވެ. މިގޮތަށް ކަންތައް ކުރަމުން ގެންދަނިކޮށް މާތް ވަލީވެރި ބޭކަލަކު ދިވެހިރާއްޖެޔަށް ދުރުވެއްޖެ އެވެ. މިކަލޭގެފާނުގެ ނަމަކީ ޔޫސުފު ޝަމްސުއްދީނުއް ތަބްރޭޒީ އެވެ. ކޮންމެއަކަސް މިބޭކަލަކު ހުންނަވަނީ ކާޅުގުއިރޭ މަގުގައި ހުރި ފަޤީރު ދެމަފިރިއެއްގެ ގޭގަ އެވެ.

ދެން އައިމަހު ފުރޭތައަށް ދައްކާނެ އަންހެން ކުއްޖަކަށް ޤުރުޢަތުން ނެގުނީ ތަބްރޭޒުގެފާނު ހުންނެވި ގޭގައި ތިބި ދެމަފރިންގެ އަންހެން ދަރިފުޅެވެ. މިކަމާއިމެދު މި މީހުން ހިތާމަކޮށް ރޯން ފެށުމުން އެރޭ ބުދުކޯލަށް އަންހެން ކުއްޖާގެ ބަދަލުގައި ވަޑައިގެންނެވީ އެކަލޭގެފާނެވެ. އެކަލޭގެފާނު ބުދުކޯލުގައި ހުންނަވަނިކޮށް މެންދަމެއްހައި އިރުފަހުން އުދަރެހާއި ދިމާއިން ނަވެއްގެ މިސާލުގައި، އެއްޗެއް އަންނާތީ ދެކެލެއްވި އެވެ. މިނައު ދުވަމުން ހުރަގެޔާ ދިމާއަށް އާދެ އެވެ. އެކަލޭގެފާނު ޤުރުއާން ކިޔަވާ ވިދާޅުވުން މަތީގައި އިރު އަރަންދެން ހުންނެވި އެވެ. ކިޔަވާ ވިދާޅުވާ އަޑު އިވުމާއެކު އެނައު އައިކޮޅަށް ގޮސް އޮބައިލައިފި އެވެ. އިރުއެރުމުން ކޮއިމަލާ އެކަލޭގެފާނުގެ ޚަބަރު ބެއްލެވުމަށް ހުރަގެދޮށަށް ވަޑައިގެންނެވި އެވެ. އޭރު އެކަލޭގެފާނު ހުންނެވީ ސަލާމަތުންނެވެ.

ކޮއިމަލާ ރަސްގެފާނު މިކަމާ ސުވާލުކުރެއްވުމުން އެކަލޭގެފާނު ދެންނެވި އެވެ. އަޅުގަނޑު ސަލާމަތްވީ މާތް ރަސްކަލާނގެ ބަރަކާތް ލެއްވި ކީރިތި ޤުރުއާނުގެ ސަބަބުންނެވެ. މަނިއްޕުޅު ވެސް އިސްލާންވެވަޑައިގަންނަވާށެވެ. އެއިރުން މިރަށަށް މި ނުރައްކާތެރިކަން ކުރިމައްޗެއް ނުވާނެ އެވެ. ރަސްގެފާނު ވިދާޅުވީ މިއަންނަމަހު އެފުރޭތައިގެ ސަބަބުން ރާއްޖެ ސަލާމަތްކޮށްދެއްވައިފިނަމަ އިސްލާމްވެ ވަޑައިގެންފާނެ ކަމުގަ އެވެ.

ކޮންމެއަކަސް ދެން އައިމަހު ހުރަގޭގައި ބަނީ ކޮއިމަލާ ރަސްގެފާނުގެ ދަރިކަނބަލުންނެވެ. އެއިރު ސިއްރިއްޔާތުގައި ތަބްރޭޒުގެފާނު ދުރުވެ އެކަމަނާ ސަލާމަތް ކުރައްވާ އިސްލާމުވެވަޑައިގެންނެވުމަށް އެންގެވުމުން އެކަމަނާ އިސްލާމުވެވަޑައިގެންފި އެވެ. މިފަހަރު ވެސް އެކަލޭގެފާނު އެދިލެއްވީ ރަސްގެފާނު ވެސް އިސްލާމުވެވަޑައިގެންނެވުމަށެވެ. ރަސްގެފާނު ވިދާޅުވީ ތިޔަ އަންނަ ނުރައްކައުތެރިކަން ދެއްކެވުމަށް ފަހު އިސްލާމުވެވަޑައިގެންފާނެކަމަށެވެ.

އަދި ތަބްރޭޒުގެފާނު، އެދިވަޑައިގަތުމުގެ މަތީން މާލޭގެ ގޮނޑުދޮށަށް ގެންނަހާ ކަރުގޮހޮރު މޫދަށް ނާޅައި އެއްތަނަކަށް އެއްކުރައްވައިފި އެވެ. މި ހުރިހާ ގަރުގޮހޮރު އެޅީ ރަންޖިހި ގަނޑުވަރާ ދިމާ އަތިރިމައްޗަށެވެ.

އެރޭ ފަހެއް ޖެހީމާ ދަރުމަވަންތަ ރަސްގެފާނު ގޮވައިގެން ރަށުތެރެ ބެއްލެވުމަށް ތަބްރޭޒުގެފާނު ނުކުމެވަޑައިގެންފި އެވެ. މިހެން ހިންގަވަނިކޮށް ރަށްޑިބާ މަގާ ދިމާ ދެކުނުން ކުޑަކުއްޖަކު އަންނަތަން އެ ކަލޭގެފާނު ދެކެލެއްވި އެވެ. އެކުއްޖާ އައިސް މިހާރު މާންދޫގޭ ދޮށުގައި އެއޮތް ރަށްމެދު ގަލާ ހަމަޔަށް އައިސްފައި ވަށައިގެން ހޯދާ ބެލުމަށްފަހު މީހަކު ފެންނާން ނެތްކަން ކަށަވަރުވުމުން އެކުއްޖާ ބޮޑުވާން ފަށައިފި އެވެ. ބޮޑުވަމުން ބޮޑުވަމުން ގޮސް މޫނުވީ ހިސާބެއް ނޭނގެންދެން ބޮޑުވެފައި ގަސްތަކާ ރުއްތަކުގެ މަތީން ގުދުވާން ފަށައިފި އެވެ. މިގޮތަށް ގުދުވެގެން ގޮސް ރަންޖިހި ގަނޑުވަރާ ދިމާގައި ހުރި ކަރުގޮހޮރު ފުނި ކާލައިގެން ތެދުވެ ހިންދަމާލާފައި އައިކޮޅަށް ހިނގައިގެންފި އެވެ. ތަބްރޭޒުގެފާނު ކޮއިމަލާ ރަސްގެފާނު ގޮވައިގެން އޭތީގެ ކުރިމައްޗަށް ނިކުންނެވީ މިހާރު ހަތަރުއަވަށުގައި އޮތް ބޮޑު މަގާ ހަމައިންނެވެ. ކުއްލިއަކަށް އެކަލޭގެފާނު އެންގެވީ އެއެތި ބޮޑުވުމަށެވެ. އެސޮރު ހަމަ އެވަގުތުމެ އަމުރުކުރީ އެކަލޭގެފާނު ބޮޑުވުމަށެވެ. އަދި ވަރަށް ރުޅި އައިސްފައި އެކަލޭގެފާނާ ދިމާއަށް ބުންޏެވެ. މީހަކު ހަމަ ފެންނަ އިރަށް ބޮޑުވާށޭ ކިޔާފައި ހަޅޭއްލަވައިގަތުމީ މިރަށުގައި އޮންނަ ޤާނޫނެއް ހެއްޔެވެ. މީގެ ޒުވާބުގައި އެތައް އިރަކު ދެމިތިބެއްޖެ އެވެ.

ތަބްރޭޒްގެފާނަކީ އަބަދުވެސް ޖިންނިއެއް ގެންގުޅުއްވާ ބޭކަލެކެވެ. އެހެންކަމުން މިފަހަރު ކުރިމަތީގައި ހުރި ފުރޭތަ ބޮޑު ނުވާންވެގެން ގަދަ ދައްކާން ފެށީމައި، އެކަލޭގެފާނު ގެންގުޅުއްވާ ޖިންނިއަށް ބޮޑުވުމަށް އެންގެވި އެވެ. ޖިންނި ބޮޑުވާތަން ފެނުމުން ފުރޭތައަށް ހިސާބަކަށް ޖިންނި ކާލާފާނެކަމުގެ ބިރުވެރިކަން ލިބިއްޖެ އެވެ. މިހާރު ޖިންނިއާ އެކު ފުރޭތަ ވެސް ބޮޑުވަނީ އެވެ. ދެން ތަބްރޭޒުގެފާނު ފުރޭތައަށް އެންގެވީ ކުޑަވުމަށެވެ. ދެން ފުރޭތަ ކުޑަވަމުން ގޮސް އިހަށް ހުރި އިސްކޮޅަށް އައިސްފައި ދެން ނުވާނޭ ދަންނަވައިފި އެވެ. ތަބްރޭޒުގެފާނު ކޯފާ އިސްވެފައި އަދިވެސް ކުޑަވާށޭ އެންގެވުމުން ނުވަރޭ ފެނުތެރޭގެ ކުއްޖަކާ އެއްވަރުވެފައި އަނެއްކާ ވެސް ނުވާނެއޭ ދަންނަވައިފި އެވެ. ތަބްރޭޒުގެފާނު އަދިވެސް ކަލެޔަށް ކުޑަވެވޭނޭ ވިދާޅުވުމުން، ފަންޏަކަށް ވެއްޖެ އެވެ. އެވަގުތު އެކަލޭގެފާނު ނަރުފުޅިއެއް ދައްކާފައި އެއަށްވަނުމަށް އަމުރު ކުރައްވައިފި އެވެ. އެސޮރު ޖިންނިއަށް ބިރުން ފުޅީގެ ތެރެއަށް ވަދެފައި އެކަލޭގެފާނަށް ދެންނެވި އެވެ.

"މިއީ އަޅުގަނޑުގެ މަތިމަތިފުށުން އައި ރަސްކަމެކެވެ. އެހެންވެ އަޅުގަނޑުވެސް މިރަސްކަމުގެ ދާނަށް މަހަކު އެއްރޭ އަންނަނީ އެވެ. އެހެނަސް މިއަދު އަޅުގަނޑުގެ އަތުން ކަލޭގެފާނު ރަސްކަން އަތުލައްވައިފީމު އެވެ. ވީމާ ކަލޭގެފާނު މިރަސްކަމުގައި ނެތި އެންމެ ދުވަހެއްވީ ނަމަވެސް އަޅުގަނޑަށް އަންގަވަން ވާނެ އެވެ. އެދުވަހަކުން މިރަސްކަމަށް އެނބުރި އަންނާނަމެވެ."

އެކަލޭގެފާނު ދެއަތްޕުޅުން ފިނދުކިބަފުޅުގައި ލަވައެއް ޖައްސާލައްވާފައި ބުނުއްވި އެވެ. ތިންރޭ ވަންދެން އިއަޑު އިވުނުނަމަ ކަލޯއެރިޔަސް އެންމެ ރަނގަޅެވެ. މިހެން އަންގަވާފައި އެ ސޮރުލާފައިވާ ފުޅި ރަނގަޅަށް ބަންދު ކުރެއްވުމަށްފަހު ފެއްތެވީ ކުމެރީގެ ކައިރިއަށެވެ. ކުމެރީދޮށް އެހާ ގަދަ ކުރެއްވީ އެސޮރު އެތަނަށް ފެއްތެވުމަށްފަހުގަ އެވެ. މިކަން ކުރައްވާފައި ތަބްރޭޒުގެފާނު އެންގެވީ ރަސްގެފާނު އިސްލާމު ވެވަޑައިގަތުމަށެވެ. ކޮންމެ އަކަސް މިފަހަރު ހަމަ އެވަގުތުމެ ރަސްގެފާނު އިސްލާމު ވެވަޑައިގެންފި އެވެ. ރަސްގެފާނު އިސްލާމުވެ ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ އިސްލާމު ކުރެއްވީ ބޮޑުވަޒީރެވެ. ދެން އެކަލޭގެފާނުގެ އިރުޝާދުގެ މަތީން ރަސްކަމުގެ ބޮޑުންގެ ތެރެއިން ރެއަކު މީހެއް އިސްލާން ކުރެއްވީ އެވެ. އެންމެ ފަހުން ރައްޔިތުން ވެސް އެދީނަށް ވަދެ މުޅި ރާއްޖެ އިސްލާމުވެއްޖެ އެވެ. މިކަން ހިނގީ ކޮއިމަލާ ރަސްގެފާނު ޣައިރުދީނަށް ރަސްކަން ކުރައްވާތާ 15 އަހަރުވީފަހުންނެވެ. މިރަސްގެފާނު އިސްލާމުވެވަޑައިގެންނެވުމަށްފަހު މުޅި ރާއްޖެޔަށް މަޝްހޫރުވީ ދަރުމަވަންތަ ރަސްގެފާނު ނަންފުޅުންނެވެ.

ލަސްތަކެއްނުވެ ހުރިހާ ބުދުކޯލުތަކެއް ތަޅައި މިސްކިތްތައް ޢިމާރާތް ކުރަން ފަށައިފި އެވެ. ގަނޑުވަރު ތެރޭގައި ހުރި އެތެރެބުދުކޯލު ހުރިތާގައި ވެސް މިސްކިތެއް ޢިމާރާތް ކުރެއްވި އެވެ.

ތަބްރޭޒުގެފާނު ހުންނެވީ ދިވެހިރާއްޖޭގެ ފަނޑިޔާރުކަމުގަ އެވެ. ދަރުމަވަންތަ ރަދުން ރަސްކަން ހިންގަވަނީ އެކަލޭގެފާނުގެ ފުރިހަމަ އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. ތަބްރޭޒުގެފާނު މާލޭގައި އަވަހާރަވީ ރަޖަބު 6 ވަނަ ދުވަހުގަ އެވެ. އެކަލޭގެފާނު ތަބްރޭޒީގައި އަވަހާރަވީ އެމަހު 9 ވަނަ ދުވަހު އެވެ.

ދަރުމަވަންތަ ރަސްގެފާނު އޭގެ ފަހުން އެއް ދުވަހަކު ހުކުރަށް ވަޑައިގަންނަވަނިކޮށް ކުއްޖަކު ބިންމަތީގައި ކުރަހައިގެން އިން ނަވެއް ދެކެވަޑައިގެންފައި އެކުއްޖާ ކައިރީގައި އެތައް ފަހަރަކު ވިދާޅުވެގެން 40 ފައިސާ ދެއްވާފައި އެނައު ބައްލަވައިގެންފައި ގަނޑުވަރަށް ވަޑައިގެންފި އެވެ. އެދުވަހު ރަށުގެ އެންމެނަށް އެންގެވީ އަހަރެން ގަތް ނަވެއް ރަށުގެ ބަނދަރުގައި ތައްޔާރަށް އޮންނާނެ އެވެ. ނައު ދުއްވާން ދާން ބޭނުން މީހަކުވާނަމަ އެރަސްގެފާނަށްވުރެ ކުރީގައި ނަވަށް އެރުމަށެވެ. ކޮންމެއަކަސް އެދުވަހު ރަދުންނަށްވުރެ ކުރީގައި ނަވަށް އެރުނީ އެންމެ މީހަކަށެވެ. ރަސްގެފާނު ނަވަށް އަރައިވަޑައިގަތުމާއެކު ނައުވީނުވީތަނެއް އެކަކަށްވެސް ނޭނގުނެވެ. ކުއްލިއަކަށް އެއޮތްތާގައި އޮވެފައި ޣާއިބުވެއްޖެ އެވެ. އަދި އަދަށް ދާންދެންވެސް ދަރުމަވަންތަ ރަސްގެފާނުގެ އެއްވެސް ޚަބަރެއް ނުވެ އެވެ. ދަރުމަވަންތަ ރަސްގެފާނަކީ ދީންވެރި ޚުލްޤުހެޔޮ އަދަބު ދެނެވަޑައިގަންނަވާ ރަސްކަލެކެވެ. ހިއްޕުޅު މަޑުމޮޅި ނިކަމެތީންނަށް އެހީވެވަޑައިގަންނަވާ ދުނިޔެއަށްވުރެ އާޚިރަތުގެ ބާއްޖަވެރިކަން ހޯއްދެވުމަށް މަސައްކަތް ކުރެއްވި ރަސްކަލެކެވެ. އިންސާފު ކުރެއްވުމުގައި ތިމާގެ މީހުނާ ހީލޭ މީހުން ހަމަހަމަ ކުރައްވަ އެވެ. ދީނާ ދުނިޔޭގެ ކަންތައް ފުރިހަމަޔަށް ހިންގެވި ރައްޔިތުނަށް އޯގާވެރި ލޯބިވެރި ރަސްކަލެކެވެ. (ނުނިމޭ)

titledesc

Newsletter

Get the latest news delivered straight to your inbox