ސިޓީއެއް ފޮނުވަން ވެއްޖެއްޔާ ޖެހެނީ ލިޔަން އެނގޭ މީހެއްގެ ގާތަށް ގޮސް ލިޔުއްވާށެވެ. ސިޓީއެއް ލިބިއްޖެއްޔާ ޖެހެނީ ކިޔަން އެނގޭ މީހެއްގެ ގާތަށް ގޮސް ކިޔުއްވާށެވެ. އެއީ އޭރު ރާއްޖޭގެ ވަރަށް ގިނަ ބަޔެއްގެ ހާލަތެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމް 1978 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެން އެކަން ބަދަލުކޮށްލައްވަން އަސާސީ ތައުލީމުގެ ނަމުގައި ބޮޑު މަޝްރޫއެއް ފެށްޓެވި އެވެ. އެކަމަކު ލިޔަންކިޔަން ދަސްކޮށްދޭ އެ މަޝްރޫއު ފުރަތަމަ ހިނގައިގަތީ ފިނިހަކަ ދުވެލީގަ އެވެ. އެއީ ކިހާ މުހިއްމުކަމެއް ކަމަށް ގިނަ ބަޔަކަށް ވަޒަނެއް ނުކުރެވުނެވެ.
އެގޮތުގައި ދަނިކޮށް އެ މަޝްރޫއު ބާރަށް ހިނގައިގަތީ ލިޔަންކިޔަން ދަތުމުގެ މުހިއްމުކަމާއި ބޭނުންތެރިކަމުގެ ނަސޭހަތް ދެމުން، އެކަމަކު ޖޯޝު އުފައްދައިދިން ލަވަތަކެއް ރޭޑިއޯ އިން ފޮނުވަން ފެށުމުންނެވެ. "ތިމާ އެދޭ ދިމާލަކުން ތިމާގެ ގަލަމުން ސިޓީ ލިޔެލުމަކީ ކިހާ އުފާ ލިބޭ ކަމެއްތޯ" އާއި "ވަޑައިގަންނަވާށޭ ކްލާހަށް އަސާސީ" އަދި "ނޭގި ނުތިބެމާހޭ މިތުރުންނޭ އުނގެނެމާހޭ" ފަދަ ލަވަތައް ދޯނިފަހަރުތަކާއި ހޮޅުއަށިތަކުގައި ޖަހަން ފެށުމުން، ކިޔަވަން ދާން އުފައްދައިލީ ވަރުގަދަ ރޫހެކެވެ.
"އެ ލަވަތަކުން ވަރަށް ފުން އަސަރުތަކެއް ކުރުވި. އެއީ އަސާސީ ތައުލީމުގެ މަޝްރޫއުގެ ތެރެއަށް މީހުން ވަނުމަށް ހުޅުވުނު ދޮރެއް،" މަޝްހޫރު ޅެންވެރިޔާ އުތީމު އާދަމްއަބްދުއްރަހްމާން (އާދަމްބެ) "އަދަދު" އަށް ވިދާޅުވި އެވެ.
އަޅުގަނޑުމެން ދިވެހިން އިއްޔެ އާއި މިއަދު މި އާކުރަނީ އެ ލަވަތައް ވިދާޅުވެދެއްވި އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) ގެ ހަނދާންތަކެވެ. ބަލި އެނދުގައި ވަރަށް ގިނަ އަހަރުތަކެއްގައި އޮންނެވުމަށް ފަހު އިއްޔެ ހެނދުނު އަބްދުﷲ މި ދުނިޔެ ދޫކުރެއްވީ، އޭނާގެ ހަނދާންތައް އާކުރެވޭނެ ވަރަށް ރީތި ލަވަތަކެއް ދިވެހިންނަށް ވެދުންކުރެއްވުމަށް ފަހު އެވެ. އަބްދުﷲ އާ އެއްވަރަށް ހުނަރުވެރި އަދި އަބްދުﷲ އާ އެއްވަރަށް މަޝްހޫރުވި ލަވަކިޔުންތެރިންތަކެއް ދިވެހިރާއްޖެ ދުށް ނަމަވެސް، އަބްދުﷲ ހާއްސަވާ އެތައް ސަބަބެއް ވެ އެވެ. އޭނާގެ ގައުމީ ލަވަތަކުން ޖޯޝު އިތުރުނުވާ, އޭނާގެ ލޯބީގެ ލަވަތަކުން އަސަރުނުކުރާ، އޭނާގެ އިޖުތިމާއީ ލަވަތަކުން ރޫހު ތާޒާނުވާ, އޭނާގެ މަދަހަތަކުން ހިތަށް ތަސައްލީ ނުލިބޭ ދިވެއްސަކު މަދުވާނެ އެވެ.
ނ. ހޮޅުދުއަށް އުފަން އަބްދުﷲ ލަވަ ވިދާޅުވާން ފެށްޓެވީ އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި، އުމުރުން 15 ވަރަކަށް އަހަރުގަ އެވެ. އެންމެ ފުރަތަމަ ކައިރި ރަށްރަށުގަ އެވެ. "ނަވާ ހުވަފެން ދުށީމޭ" ފަދަ ލަވަތައް އެކްޓާ އެކު ވިދާޅުވެ އޭނާ ވަރަށް ޅަ އުމުރެއްގައި ވަރުގަދަ ފަންނާނަކަށް ވި އެވެ.
އޭގެ ފަހުން މާލެ ވަޑައިގެން ސިނެކޯ ރޭޑިއޯ އަށް ލަވަ ރެކޯޑްކޮށްދެއްވި އެވެ. އެއާ އެކު އަބްދުﷲ ގެ އަޑު މުޅި ރާއްޖެ އަށް މަޑުމަޑުން ފެތުރެން ފެށި އެވެ. އެއީ ނުހަނު އުނދަގުލާއި ތުރާލާ އެކު ލަވަތައް ރެކޯޑްކުރަން ޖެހުނު ދުވަސްވަރެކެވެ. ސްޓޫޑިއޯ ނެތުމުން ލަވަ ރެކޯޑްކުރީ ގ. މާޖެހިގޭ ޕިންޕޮން ހޯލުގަ އެވެ. އެކަމުގައި އިސްކޮށް ހުންނެވީ ސައިކުރާ އިބްރާހިމް ނައީމެވެ.
"ގ. މާޖެހިގޭ ޕިންޕޮން ހޯލްގެ ފުރާޅުމައްޗަށް އޮންނަނީ، އެގޭ ޖަނބުރޯލުގަހުގެ ގޮފިތައް ފެތުރިފަ އެވެ. ފުރާޅުމައްޗަށް ޖަނބުރޯލެއް ވެއްޓޭ ކޮންމެ ފަހަރަކު ޖެހޭނީ، ރެކޯޑްކުރުން ހުއްޓާލާށެވެ. އަދި އަލުން ސުމަކުން ފަށަނީ ކަމަށް ނައީމް ބުނުއްވި އެވެ،" ރޭޑިއޯގެ ހިދުމަތްތެރިޔާ ބަދުރުއްނަސީރު ލިޔުއްވާފައިވެ އެވެ.
ފަހުން ލަވަ ރެކޯޑްކުރުން ބަދަލުވީ ފަރީދީސިނަމާގެ ގޯތިތެރެ އަށެވެ. ބަދުރު ލިޔުއްވާފައިވާ ގޮތުގައި ރެކޯޑްކުރާއިރު އަޑުތައް އެއްވަރުކުރަނީ، ގްރޫޕުގެ މީހުން އެ މީހުން ކުޅޭ އެއްޗެއްގެ އަޑު ބާރުމިނާއި މަޑުމިނުގެ ނިސްބަތުންނެވެ. އެންމެ އަޑުމަޑު އިންސްޓްރޫމަންޓް ކުޅޭ މިއުޒީޝަން މައިކާ އެންމެ ކައިރީގައި ބައިންދަން ޖެހޭއިރު އެންމެ އަޑުގަދަ އިންސްޓްރޫމަންޓް ކުޅޭ މިއުޒީޝަން ބައިންދަން ޖެހެނީ އެންމެ ދުރުގަ އެވެ. އެގޮތަށް ގޯތިތެރޭގައި ހުރިހާ އެންމެން އެތުރުމަކީ ކުޑަކަމެއް ނޫން ކަމަށް ބަދުރު ލިޔުއްވި އެވެ.
ފުޓްބޯޅައިގެ ތާރީހީ މުބާރާތަކާ ގުޅިފައިވާ ކުޅުންތެރިއެއް
ހިންދީ ލަވަތައް ފޮނުވަމުން އައި ރޭޑިއޯ އިން ދިވެހި ލަވަތަކަށް ޖާގަ ލިބެން ފެށުމުން މާލޭގައި މިއުޒިކް ބޭންޑުތައް އުފެދެން ފެށި އެވެ. އަބްދުﷲ ގުޅިވަޑައިގަތީ މާލޭ ޒަމާނީ މިއުޒިކް ކްލަބާ އެވެ. އޭރު އެ ކްލަބުން ފުޓްބޯޅައިގައި ވެސް ވާދަކުރެ އެވެ. އެހެންވެ އެ ގްރޫޕުގެ ތެރެއިން އަބްދުﷲ އަށް ވަނީ ފުޓްބޯޅައިގެ ހާއްސަ ޝަރަފެއް ލިބިވަޑައިގަންފަ އެވެ. އޭނާ އަކީ މާލޭން ބޭރުގައި ކުޅުނު ފުރަތަމަ ގައުމީ ފުޓްބޯޅަ މުބާރާތް ކަމަށްވާ، 1970 ވަނަ އަހަރު އައްޑު އަތޮޅުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ މުބާރާތުގައި ކުޅުއްވި ކުޅުންތެރިއެކެވެ. އައްޑޫ ޑީއެންސީއާ 1-1 އިން އެއްވަރުވެ ޒަމާނީ މިއުޒިކް ކްލަބުން ޖޮއިން ޗެމްޕިއަންކަން ހޯދިއިރު އަބްދުﷲ ކުޅުއްވީ ވާތު ވިންގަށެވެ.

އަބްދުﷲ (އިށީނދެގެން ވާތް ފަރާތުގައި) 1970 ވަނަ އަހަރުގެ ފައިނަލަށް ފަހު ޑީއެންސީ އާއި ޒަމާނީ މިއުޒިކް ކްލަބުގެ ކުޅުންތެރިންނާ އެކު. --ފޮޓޯ: ނެޝަނަލް އާކައިވްސް
ފަހުން އަބްދުﷲ ފެނިގެން ދިޔައީ އޭގެ ދުވަސްކޮޅެއް ފަހުން އުފެދުނު ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ތެރެއިންނެވެ. ކުޅުންތެރިއެއްގެ ގޮތަކު ނޫނެވެ. ވަރުގަދަ ސަޕޯޓަރެއްގެ ގޮތުގަ އެވެ. ވިކްޓްރީގެ ކުރީގެ ކުޅުންތެރިޔާ އަދި ރާއްޖެ އަށް ފުޓްބޯޅައިން ފުރަތަމަ ފަހަރަށް މެޑެއްޔެއް ހޯދައިދޭން 1984 ވަނަ އަހަރުގެ ސާފް ގޭމްސްގެ ލޯ މެޑަލް މެޗުގައި ބޫޓާން ކޮޅަށް ހަމައެކަނި ގޯލް ޖެހި އިބްރާހީމް ފާއިގަކީ އަބްދުﷲ އަށް ބޮޑުބޭބެ ވިދާޅުވާ ކުއްޖެކެވެ.
ދިވެހިރާއްޖޭގެ ގައުމީ އަޑު
އަބްދުﷲގެ އެންމެ ހާއްސަ ދާއިރާއަކީ ގައުމީ ލަވަތައް ވިދާޅުވުމެވެ. މުހައްމަދު އަމީން ދީދީ ހެއްދެވި "ވަތަން އެދޭ ގޮތަށް" އަދި މުހައްމަދު ޖަމީލް ދީދީ ހެއްދެވި "ގައުމަށް އައި މިނިވަން ނޫރާނީ" ފަދަ ލަވަތަކެވެ. މީގެ ތެރެއިން "ވަތަން އެދޭ ގޮތަށް" ލަވައަކީ އެމްޑީޕީ އިއްތިހާދުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ބޭނުންކުރި ތީމް ލަވަ އެވެ. އެހެންވެ ރައީސް މައުމޫނުގެ ވެރިކަމާ ދެކޮޅަށް ފެށި އިސްލާހީ ހަރަކާތްތަކުގެ ހަނދާންތައް ފަހުގެ ޖީލަށް އާވާނެ ލަވައަކަށް ވީ ވެސް އަބްދުﷲގެ ވިދާޅުވި ލަވައެކެވެ.
ހަގީގަތުގައި މިދިޔަ ސާޅީހަކަށް އަހަރު ބަލާއިރު ގައުމުގައި ހިނގި ބޮޑު ކޮންމެ ކަމެއްގެ ހަނދާންތައް އާކޮށްދެނީ އަބްދުﷲގެ ލަވަތަކުންނެވެ. ކޮންމެ މަޝްރޫއަކަށް ދުވެލި ލިބިފައި ހުރީ އަބްދުﷲގެ ލަވަތަކުން އުފައްދައިދޭ ޖޯޝުންނެވެ. އަސާސީ ތައުލީމުގެ މަޝްރޫއުގެ އިތުރުން އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ވެސް ފާހަގަކުރެވެ އެވެ. އަދި ރާއްޖޭގައި އެންމެ ފުރަތަމަ މަސްވެރިންގެ ދުވަހެއް ފާހަގަކުރަން ބޭއްވި ހަރަކާތްތަކުގައި ވެސް އަބްދުﷲ ގެ ހިތްގައިމު އެތައް ލަވައެއް އަޑުއިވިގެންދިޔަ އެވެ. އަދި 1979 ވަނަ އަހަރު ފާހަގަކުރި ހިޖުރީ އާ ގަރުނުގެ ފެށުމަށް ވެސް އަބްދުﷲ އަޑުން ރީތި ލަވަތަކެއް ގެނެސްދެއްވި އެވެ.
"އޭރު ކޮންމެ މަޝްރޫއަކަށް ނެރޭނެ ލަވަ ސެޓެއް. އެ ސެޓު ފުރިހަމަވާނީ އަބްދުﷲގެ އަޑުން ވިދާޅުވުމުން،" އުތީމު އާދަމްބެ ވިދާޅުވި އެވެ.
އެފަދަ ކަމެއް ލައިގަތުމުން ޅެންވެރިއަކު ލަވައެއް ހަދާލުމާ އެކު އަބްދުﷲގެ އަޑުން އެއަށް ފުރާނަ އެޅެން ލަހެއް ފަހެއް ވެފައެއް ނެތެވެ. ނޮވެމްބަރު ތިނެއްގައި ބާގީން އަރައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާއާ ގުޅޭގޮތުން، އެ ވަގުތު އައި.ޑީ ކާޑު ޔުނިޓާ އެކު ނ. ވެލިދޫގައި ހުންނެވި ސައިކުރާ ނައީމް ހެއްދެވި ލަވައަކީ އޭގެ މިސާލެކެވެ. ރާއްޖެ އަށް ނަސްރު ލިބިއްޖެކަން ރައީސް މައުމޫން އިއުލާންކުރެއްވުމާ އެކު އެ ރަށުގައި އެ ލަވަ ގުގުމަން ފެށީ، ހޭލާހުންނަވާ ނައީމް ހެއްދެވި އެ ލަވަ އެ ދުވަހުން އެ ދުވަހަށް އަބްދުﷲ ރެކޯޑްކުރެއްވުމުންނެވެ.
"އަބްދުﷲގެ އެއްވެސް ބޮޑާކަމެއް ނުހުންނާނެ. އެހެން ބައެއް ލަވަކިޔުންތެރިންނާ ހިލާފަށް އަބްދުﷲ ރަށްރަށަށް ވަޑައިގެން ވެސް އިންސްޓްރޫމަންޓްތައް އުފުލާ އެހެން އުޅުއްވާނީ،" އުތީމު އާދަމްބެ ވިދާޅުވި އެވެ. "އަބަދުވެސް ހިނިތުންވުމަކާ އެކު، ހުންނަވާ ހިތްތިރި މީހެއް އޭނާ އަކީ."
ދީނީ ލަވަތަކާއި މަދަހަތައް ވިދާޅުވުމުގައި ވެސް އަބްދުﷲ ފަދަ ދެ ވަނަ އެއް ނެތެވެ. އިއްޔެ ވެސް މިއަދު ވެސް ރޯދައަށް ހަނދުބަލަން ގާތްވުމާ އެކު އިވެން ފަށާނީ އަބްދުﷲގެ "ނަފްސު ހޭލައްވާލަދޭށޭ އަންނަނީ ރަމްޟާން ކަރީމް" މަދަހަ އެވެ. އެންމެ ފާހަގަކުރެވެނީ ދިވެހިރާއްޖޭގެ އަޑުން ފޮނުވި ކީރިތި ރަސޫލާގެ ސީރަތުގެ ތެރެއަށް ލެއްވުމަށް ޔޫސުފް މުހައްމަދުފުޅު (އެދުރުބެ) ހައްދަވައި އަބްދުﷲ އަޑުން ވިދާޅުވި ސީރަތުގެ މަދަހަތަކެވެ.
އެދުރުބެ އަކީ އަބްދުﷲ އެންމެ ގަޔާވާ ޅެންވެރިޔާ ވެސް މެ އެވެ. އަބްދުﷲ އެންމެ ހިތްހަމަޖެހުމާ އެކު ވިދާޅުވެފައިވަނީ އެދުރުބޭގެ ލަވަތަކެވެ. އޭގެ ތެރޭގައި އަސާސީ ތައުލީމުގެ ލަވަތައް އެންމެ ކުރީގައި ގުނާލެވެ އެވެ. ދެބޭފުޅުން އަޑުގެ ގޯތިތެރޭ ތިއްބަވައިގެން، އެދުރުބޭ މަދު މިނެޓުތަކެއްގެ ތެރޭގައި ހައްދަވާ ލަވަ، އެރެއިން އެރެއަށް އަބްދުﷲ ރެކޯޑްކުރައްވާނެ އެވެ. ކޮންމެ ރާގަކަށް ދިނަސް، އުނދަގުލެއް ނެތި، އޭނާ އެކަން ފަސޭހަކަމާ އެކު ކޮށްލައްވަ އެވެ.
"އަޑުން ގޮވާލައިފިއްޔާ އަބްދުﷲ ވަގުތުން ވަޑައިގަންނަވާނެ،" ބަދުރު "އަދަދު" އަށް ވިދާޅުވި އެވެ. "އަބްދުﷲ އަކީ އޭރު އަޑުގެ އެންމެ އިތުބާރު ލަވަކިޔުންތެރިޔާ."
އަބްދުﷲ ވެސް އަމިއްލައަށް ލަވައެއް ރެކޯޑްކުރައްވަން ބޭނުންވެއްޖެ ނަމަ ވަޑައިގަންނަވަނީ ވެސް އަޑަށެވެ. އޭގެ ރީތިކަމާއި މަޝްހޫރުކަން ޖީލުތަކަށް ދެމިގެން ގޮސްފައިވާ "ގަސްކުރުން މަލަ ފެވޭ" ނުވަތަ "އޯ ވަޒަން" އަކީ ވެސް އެގޮތަށް ރެކޯޑް ކުރެއްވި ލަވައެކެވެ. އިނގިރޭސި ރާގަކަށް އަނބިކަނބަލުން މއ. މާގަސްދޮށުގޭ އައިޝަތު އަނީސް ހެއްދެވި އެ ލަވަ އަބްދުﷲ އަށް އަޑުއިވުމުން އެންމެ ފުރަތަމަ ލިބިވަޑައިގަތީ ހައިރާންކަމެކެވެ.
"މީ ކޮންކަހަލަ ވަޒަނަކަށް، ކޮން ކަހަލަ ރާގަކަށް ހަދާފައި އޮތް ލަވައެއްތޯ؟" އަބްދުﷲ އެއްސެވި އެވެ.
ޓީވީއެމްގެ "ހޭޔަންބޯ" އަށް ދެއްވި އިންޓަވިއުއެއްގައި އަބްދުﷲ ވިދާޅުވީ އެ ލަވަ ވިދާޅުވާން ލިބިވަޑައިގެން އިރު ވެސް އޭނާ ވެސް ހުންނެވީ ޒަމާން ބަދަލުވެ، އިނގިރޭސި ރާގަކަށް ދިވެހި ލަވައެއް ވިދާޅުވެވިދާނެތޯ ބެއްލެވުމުގެ ޝައުގުވެރިކަމުގައި ކަމަށެވެ. އެ ލަވަ އަޑުގެ ސްޓޫޑިއޯގައި ރެކޯޑްކުރުމަށް ފަހު އެތަނަށް ހަދިޔާކުރެއްވީ އެވެ. ފަހުން ޓީވީއެމުން ވީޑިއޯ ހަދައި ދުރަށް ފޮނުވަން ފެށި އެވެ.
އެ ލަވައަކީ މިއަދުގެ ޖީލާ އަބްދުﷲ އާ ގުޅުވައިދޭ ލަވަ އެވެ. ރާއްޖޭގެ ރީތިކަން ސިފަކޮށްދޭން، ރާއްޖެއަށް ލިބިފައިވާ މިނިވަންކަމާއި އިސްލާމް ދީނުގެ ހިދާޔަތުގެ ވާހަކަތައް ކިޔައިދޭން، ރާއްޖޭގެ މޫސުން ހިތަށް ވައްދައިދޭ މި ލަވަ ވަރެއް ނެތެވެ. އެ ލަވައަކީ މި ރާއްޖެ، އޭގެ ގޮތުގައި ސިފަކޮށްލަދޭން މިއަދު ބޭނުންކުރާ އެންމެ ފުރިހަމަ ކެޕްޝަން ވެސް މެ އެވެ.
އަބްދުﷲ ގެ ލަވަތަކުގައި އެފަދަ އެތައް އިހުސާސްތަކެއް ވެސް ވެ އެވެ. އޭގެ ތެރެއިން ލޯބީގެ އިހުސާސްތަކާއި ލޯބި ގެއްލުމުގެ ވޭނާއި ރިހުމުގެ ވާހަކަތައް ހިމެނޭ "އަސްރު ދިޔައީ ގެއްލިގެން" އެއީ ވަރަށް ވެސް ހާއްސަ ގޮތެއްގައި ފާހަގަކުރެވޭ ލަވަ އެކެވެ. މ. ބަގީޗާގޭ މަރިޔަމް ސައީދު، އެކަމަނާގެ ކުރީގެ ފިރިކަލުން، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާސިރަށް ހެއްދެވި ކަމަށް ބުނެވޭ އެ ލަވަ އަހަރެމެންގެ ކަންފަތްތަކަށް އެ އިހުސާސްތަކާ އެކު އިއްވައިދެއްވީ އަބްދުﷲ އެވެ.
މަރިޔަމް ސައީދަށް ބޮޑުދައިތަ ވިދާޅުވާ މުހައްމަދު މުއިއްޒު އަދުނާން ވަނީ އެކަމަނާ އެ ޅެން ހައްދަވާ ނިމުނު ދުވަހު އަބްދުﷲ ދުރުވެ ދެތިން ރާގަކަށް ވިދާޅުވެ އުޅުއްވި ހަދާން އިއްޔެ އާކުރައްވައިފަ އެވެ.
"އެއަށް ފަހުގެ ދުވަހެއްގައި އަބްދުﷲ ވަޑައިން މިހާރު މިޅެން އަޅުގަޑުމެން އަހަމުން ދާ ރާގަށް ތިއްތައްތަ (މަރިޔަމް ސައީދު) އަރިހުގައި ކިޔުއްވި. އަދި ޅެން ރެކޯޑުކުރަން އުޅޭ ކަމަށާއި ދިގުކަމުން ހަތަރު ބައިތު ނުލާ ރެކޯޑު ކުރަން ނިންމާފައިވާ ކަމަށް ވެސް އަބްދުﷲ ވިދާޅުވި،" މުއިއްޒު ލިޔުއްވި އެވެ.
އެ ރީތި ލަވަ ވެގެންދިޔައީ އަޑުގެ އޭރުގެ އެއް ވަނަ ހޮވުމަށެވެ. އެ ލަވައިގެ އިތުރުން ބުއްދިގޭ ސީދީގެ ތުއްތު ސިއްތި އާއި އޭނާގެ ފިރިކަލުން މއ. ވައިމަތީގޭ ހާލިދު ހަސަން ދީދީ އެއް ދުވަހެއްގައި އަވަހާރަވުމުގެ ހިތާމައިގައި އިބްރާހިމް ޝިހާބު ހެއްދެވި "ގުދުރަތުގެ ރަހުމަތް" ވެސް އަބްދުﷲގެ އަސަރުގަދަ ލަވަތަކުގެ ލިސްޓުގެ ކުރިން ޖާގަ ހޯދަ އެވެ. އަބްދުﷲ އަކީ އެގެޔަށް ވަޑައިގެން އެދެކަނބަލުންނަށް "ނުރޯށެ ކަލޭ މައި ޑިއަރު މިތުރާ" ފަދަ ލަވަތައް ވިދާޅުވެދެއްވި ބޭފުޅެކެވެ. އަބްދުﷲގެ އަޑުން އެ ލަވަ ރެކޯޑްކުރެވި އިވިގެންދިޔައީ މަންމަ އާއި ބައްޕަ އެއް ދުވަހެއްގައި އަވަހާރަވުމުގެ ހިތާމައިގައި ތިއްބެވި އެގޭ ބޭފުޅުންނަށް "މަގޭ މިތުރާއޭ، ނުރޯށޭ" ވިދާޅުވެ، ހިތަށް ތަސައްލީއެއް ދެއްވި ލަވައެއްގެ ގޮތުގަ އެވެ.
އެފަދަ އެހެން ލަވައެކެވެ. މި ފަހަރު އަމިއްލަ އާއިލާއާ ގުޅޭ ލަވައެކެވެ. އަބްދުﷲގެ ބޭފުޅަކު ބަންދެއްގައި ހުންނެވި ދުވަސްވަރެއްގައި، އަނބިކަނބަލުން ހެއްދެވި "އިސްލާހު ވާން އެދޭ ނަމަ ފުރުސަތު ނަގާ ނުލާ" ލަވަ ވެގެންދިޔައީ އެ ދަރިފުޅަށް ފުން އަސަރުތަކެއް ކުރުވި ލަވައަކަށެވެ.
އެފަދަ ލަވަތަކުން އަހަރެމެން އެންމެންގެ ހިތްތަކަށް އަބްދުﷲ ދިން ފިނިކަމާ އެއްވަރަށް އޭނާ ވަނީ ގައުމަށް ވެސް ހިދުމަތްކުރައްވައިފަ އެވެ. އެގޮތުން ދިވެހިރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒުގައި ހުންނެވި ދުވަސްވަރު އަޑު މެދުވެރިކޮށް އެތަނުން މީހުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް އޭނާ އުފެއްދެވި އެވެ. އަދި އެޓޯލްސް މިނިސްޓްރީގައި އަތޮޅުވެރިޔާގެ ބަދަލުގެ ގޮތުގައި ހުންނަވައި ވަރަށް ގިނަ އަތޮޅު އޮފީސްތަކެއް ބަދަލުގައި ހިންގެވި އެވެ.
ގައުމީ ހިދުމަތްތެރިއެއް
އަބްދުﷲ ގެ ހިދުމަތްތަކަށް 1981 ވަނަ އަހަރު ސަރުކާރުން އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ދިނެވެ. އޭނާ އަކީ ދިވެހި ލަވަކިޔުމުގެ ރޮނގުން އެ އިނާމު ހާސިލްކުރެއްވި ފުރަތަމަ ބޭފުޅާ އެވެ. އޭގެ ފަހުން އެތައް އަހަރެއްގައި އެކަން ކުރިއަށް ގެންދެވި ނަމަވެސް ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިނުގަންނަވަ އެވެ. މިއަދު އެފަދަ އިނާމެއް އަރުވަން އަބްދުﷲ އެއް ނުމެ ނެތް މެ އެވެ.
އަނބިކަނބަލުން ހެއްދެވި ޅެމަކަށް އަބްދުﷲ ވިދާޅުވި އަސަރުން ފުރިފައިވާ ލަވަ "ވިންދަކީ" ގައި ބުނާ ފަދައިން ވިންދަކީ ދާދި ފަސޭހައިން ނެތޭ ބާރެކެވެ. ނެތިގެންދާ ހަށިގަނޑު، ހިތަށް ތަސައްލީ ދޭން ހޯދޭނެ ގޮތެއް ނޯންނާނެ އެވެ. އެހެނަސް.. "ފަސްދާނު ލެވުނު ކަށިތައް ނެތިގެން ދިޔަ" ނަމަވެސް، "މާޒީގެ އުޖާލާ މަންޒަރުތަކާއި މާރީތި އުފާވެރި ކުރެހުންތައް" މިއަދު އަލުން ހާމަވަމުންދާއިރު، އަބްދުﷲ ފަދަ ހިދުމަތްތެރިންނަށް އަހަރެމެން "ދޭ ގަދަރު ފަނޑުވެގެން ދާނެ" ހެއްޔެވެ؟








