މަޑުލު ވަހީދުގެ ކުރުވާހަކަތައް: އެންމެ ފުން އިހުސާސްތަކަށް ދިއްކޮށްލާ ލޯގަނޑެއް

މަޑުލު ވަހީދުގެ ކުރުވާހަކަތައް: އެންމެ ފުން އިހުސާސްތަކަށް ދިއްކޮށްލާ ލޯގަނޑެއް

މަޑުލު މުޙައްމަދު ވަހީދުގެ ވާހަކަތަކަށް އަޅުގަނޑު ތަޢާރަފުވެފައިވަނީ ފުރާވަރުގަ އެވެ. "ރިހި ސިލިންޑަރު" ވާހަކަ ކިޔުމުގެ ނަޞީބު ލިބުނީ މަދަރުސީ ދައުރުގަ އެވެ. ދިވެހި މުދައްރިސް ވިދާޅުވީތީ، މަންޙަޖު މަޖުބޫރު ކުރާތީ ކީ ވާހަކައެއް ގޮތަށެވެ. އެހެން ނަމަވެސް އެ ވާހަކަ ވެގެންދިޔައީ މަޑުލު ވަހީދުގެ ކުރު ވާހަކަތަކާއި އަޅުގަނޑާ ދެމެދު އުފެދިފައިވާ ޒަމާންވީ ގުޅުމުގެ ފެށުން ކަމުގަ އެވެ. އެހެން ނަމަވެސް މިއަދު، އަޅުގަނޑު ދަންނަވަން މި އުޅެނީ، ސްކޫލް ދައުރުގައި، ދޭހަ ފިލާވަޅުން ތިލަ ނުކުރާ ވާހަކަތަކެކެވެ. އަޅުގަނޑުގެ ތަޖުރިބާ ނެތް ހޮއި ސިކުނޑިއަށް، އޭރު ފަހުމު ނުވި ކަންތައްތަކެއްގެ ވާހަކަ އެވެ.

މުޞައްނިފު އަމިއްލަފުޅަށް، އެމަނިކުފާނުގެ ލިޔުންތެރިކަމާމެދު ވިދާޅުވެފައިވެ އެވެ.

"އެކި ދުވަސްވަރު، އަޅުގަނޑު ލިޔުނު ވާހަކަތައް އެއް ތަނަކުން ފެނި އެ ވާހަކަތައް ކިޔާލުމުން އެނގުނީ، އަޅުގަނޑުގެ ވާހަކަތަކުގައި އުފާވެރިކަން ކުޑަކަމެވެ. ގިނައިން އަޅުގަނޑަށް ލިޔެވިފައިވަނީ ބޭރަށް ނުފެނި އިންސާނުން އެތެރެއަށް އަޅާ ވޭނުގެ ވާހަކައެވެ. މީހެއްގެ ގާތު ނުބުނެ، އަމިއްލަ ނަފުސަށް އެކި މީހުން ކުރާ އުއްމީދުތަކުގެ ވާހަކައެވެ."

Advertisement

މަޑުލު ވަހީދުގެ ލިޔުއްވުންތައް މިއަދު އަޅުގަނޑަށް ޚާއްޞަ ވަނީވެސް މި ސަބަބާ ހުރެ އެވެ. ޑައެލޮގުގެ ކަސްތޮޅާ ނުލައި އިންސާނާގެ އިހުސާސްތައް ތިލަކުރައްވަމުންގެންދަވާއިރު، އެކަނިވެރިކަމާއި، ކުށްވެރިކަމާއި، ވޭނާއި، ހިތާމަ އަދި ދިރިއުޅުގެ އަފުސޫސުތައް ދެލިގަނޑުގެ ތެރެއިން ކޯދުލާއަރާ ފަދަ އެވެ. މި އިހުސާސްތައް ވަހީދު ހާމަކުރައްވަނީ ފުރިހަމަ ސިފަކުރެއްވުންތަކުގެ ޒަރިއްޔާއިންނެވެ. ވާހަކައިގެ ޝަޚުޞިއްޔަތުގެ ނަޒަރުން، އޭނާއަށް ކުރެވޭ އިހުސާސްތައް ސިފަކުރައްވައިގެންނެވެ. މައިގަނޑު ޝަޚުޞިއްޔަތުގެ ތަޖުރިބާތަކާއި އިހުސާސްތައް ކިޔައިދޭ ނެރޭޓަރެއްގެ ނަޒަރުންނެވެ. ހަށިގަނޑާ ވަކިވަމުންދާ ފުރާނައެއްގެ ނަޒަރުންނެވެ. ބުއްދި އޭނާއަށް ކެހިދީ އަމިއްލަ ޙަޔާތުގެ ހަނދާންތައް ނެތެމުންދާ މީހެއްގެ ނަޒަރުންނެވެ. ތިމާގެ މާޒީއާ މެދު ދެރަވެ، ވީރާނާވެފައިވާ މުސްތަޤުބަލަކަށް އަމިއްލައަށް ހުށަހެޅޭ މީހާގެ ނަޒަރުންނެވެ. ނެތް އުއްމީދެއްގެ ހުޅުކޮޅު ހިމާޔަތްކުރުމުގައި އެކަނިވެރިކަމުގެ ޘަޤާފަތެއް އުފަންކޮށްފައިވާ މީހެއްގެ ނަޒަރުންނެވެ. ދަހިވެތިކަމުގެ ކަނުކަމާއެކުގަ އެވެ.

އިންސާނާގެ ހިތުގައި އުފެދޭ އިހުސާސްތައް ކަރުދާހަށް ތިރިކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި އަމުދުން މި އިހުސާސްތައް ސިފަކުރުމުގައި ތެދުވެރިވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ވަހީދުގެ ކުރު ވާހަކަތަކުގައި މި ފަދަ އިހުސާސްތައް ލުއި ފަސޭހަކަމާއެކު ސިފަކުރައްވާފައިވާއިރު، ޢާއްމުކޮށް ލިޔުންތެރިން އިޚުތިޔާރު ނުކުރާ މައުޟޫޢުތަކަކަށް އިންސާފުކުރައްވާފައިވެ އެވެ. އެ ގޮތުން، ނަފުސާނީ ދުޅަހެޔޮކަމުގެ މަޢުޟޫޢުގެ ދަށުން، ހަނދާން ނެތޭ ބަލި، މުސްކުޅި ބައްޔޭ މި ކިޔާ ނަފުސާނީ އުނދަގޫތައް އަދި އޮބްސެޝަން ހިމެނެ އެވެ.

"ގެއްލުނު ބުއްދި" މި ވާހަކައަކީ މި ފަދަ ލާމަސީލު މިސާލެކެވެ. ވާހަކަ ހުށަހަޅުއްވާފައިވަނީ ފުރަތަމަ މީހާގެ ނަޒަރުންނެވެ. އޭނާއަކަށް އޭނާގެ ނަމެއްވެސް ހަނދާނެއް ނުހުރެ އެވެ. އޭނާގެ ނަން ހަނދާން ނުހުންނަ ކަމާއި، އޭނާ މި ވަގުތު އެ ހުރީ ކޮން ކަހަލަ ތަނެއްގައި ކަމާއި، އޭނާ އާ އެކު އެ ތަނުގައި މި އުޅެނީ ކޮން ބައެއް ކަމާއި، އޭނާގެ ޙަޤީޤީ ހާލަތަކީ ކޮބައިކަން ސިފަކޮށްދެއްވުމަށް ވަހީދު ބޭނުންކުރައްވަނީ ހަމައެކަނި ވާހަކައިގެ މައިގަނޑު ޝަޚުޞިއްޔަތުގެ، އޮޅުންބޮޅުންވެފައިވާ ޚިޔާލުތަކާއި، އޭނާއަށް ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކެވެ. އޭނާ ހުރި ތަނެއްގެ ނަން ވިދާޅުނުވެމެ، މި ސިފަކުރުންތައް މެދުވެރި ކުރައްވައިގެން، ވާހަކައިގެ ޝަޚުޞިއްޔަތު ހުރީ ނަފްސާނީ ބަލިމަޑުކަން ހުންނަ މީހުންނަށް ޚާއްޞަ މަރުކަޒެއްގައިކަން ސާބިތުވެ އެވެ. އޭނާގެ ބަލިމަޑުކަމުގެ ސަބަބުން، އޭނާ މާޔޫސްވެފައިވާ މިންވަރު، އޭނާގެ ޙާލަތު ސިފަކުރުމުގެ ތެރެއިން ފާޅުވެ އެވެ.

"ލޯ ހުޅުވެމުން އައި އިރު، އަތެއް ފައެއް ގުޑުވައެއް ނުލެވެއެވެ. އޮތް އެނދާއެކު ހަތަރެސްފައި ވަނީ ބަނދެފައެވެ. އޮޅާފައިވާ ފޮތިގަނޑެއް އަނގައަށް ލައްވާފައިވެއެވެ. ކަރުހިއްކައިގަނެގެން ހީވަނީ މަރުވެދާނެހެންނެވެ. ކަރުތެރޭގައި އުފެދިފައިވާ ދަވައިގެ ސަބަބުން ކޮށިއަރައިގެން ގޮސް ކަޅި ހުއްޓިދާ ވަރު ވެއެވެ."

އެހެން މިސާލެކެވެ. މި ފަހަރު ވާހަކަ ހުށަހަޅުއްވާފައިވަނީ މައިގަނޑު ޝަޚްޞިއްޔަތު އެނގޭ ނެރޭޓަރެއްގެ ނަޒަރުންނެވެ. "މުޅިން އެހެން ދުނިޔެއެއްގައި" މި ވާހަކައިގައި "އެދުރުބޭ" އޭނާގެ ފަންޑިތަވެރިކަމާމެދު އުފައްދަމުންދިޔަ ސުވާލުތަކުގެ ވާހަކައާއި، އޭނާގެ ސުވާލުތައް، ހަމަ ބުއްދިއަށް ކެތްކުރެވޭ މިންވަރަށް ވުރެ އިތުރުވެގެންދިޔަ ގޮތުގެ ވާހަކަ އެވެ. މުއްސަނދިކަމާއި މީހުންގެ އިޙުތިރާމުގެ ފިޔަގަނޑުގެ އެހީގައި އުދުހެމުންދިޔަ އެދުރުބެ މީހުންގެ ހަމްދަރުދީ ހޯދަން ޖެހޭ މިންވަރަށް ނިކަމެތިވެގެންދިޔަ ގޮތް، ކުރުކޮށް ބަޔާންކުރައްވަނީ މި ފަދައިންނެވެ.

"އެދުރުބެގެ ވިސްނުމާއި ހަމަތައް ސިކުނޑިއަށް އޮބި އޮންނަ ވަރަށް ވުރެ ބޮޑުވީއެވެ. އޭނާގެ ކުރިމަތީގައި އަޅުވެރިންނާއި، ޙައްޖުވެރިން އެދެމުން ދިޔަ ކަންތައްތަކުން، ކުޅަދުންވަންތަކަމާއި، ވޮޑިގެންވުމާމެދު އޭނާއަށް ޝައްކު އުފެދުނީއެވެ. އެ ހިސާބުން އޭނާ ވަނީ ފަންޑިތަ ފޮތްތަކާއި، އޭނާ އެކު އުޅުނު މީހުންނާ ވަރަށް ދުރުގައެވެ. އޭނާ މިހާރު ވަނީ މުޅިން އެހެން ދުނިޔެއެއްގައެވެ."

ހަމަ މި ފަދަ އެހެން ވާހަކައެކެވެ. ކަމަކަށް ގޮސް ހުސްވުމުގެ ސަބަބުން ނުވަތަ މަޤުބޫލު ނޫން ފިކުރަކަށްޓަކައި މުޅި ދިރިއުޅުން ހަލާކުކޮށްލި މީހެއްގެ ވާހަކަ އެވެ. "އެ ގޮތުގައި..." މި ވާހަކައިގެ މައިގަނޑު ޝަޚްޞިއްޔަތު ނުވަތަ "ކަނދުފަތީގައި އޮތް މީހާ"ގެ ވާހަކަ އެވެ. އޭނާގެ ޙަޔާތުގެ އެކި މަރުޙަލާތައް ސިފަކޮށްދެއްވާފައިވަނީ ފޮރުވުމެއް ނެތް، ސީދާ، ސާދާ ސިފަކުރުންތަކަކުންނެވެ. އޭނާގެ އާދަޔާ ޚިލާފު ފަލްސަފާގައި ހިފަހައްޓަން ބޭނުންވާތީ އޭނާ އިޚުތިޔާރުކޮށްފައިވާ އެކަނިވެރިކަން ސިފަކުރައްވަމުން ވަހީދު ވިދާޅެވައިވެ އެވެ.

"އޭނާ ބުނާ ގޮތުގައި، ޒުވާނުން ހަރުދަނާ ކުރަނީވެސް، ހަލާކު ކުރަނީވެސް، އެމީހުން އުޅެންޖެހިފައިވާ ނިޒާމުންނެވެ. އުޞޫލުތަކުންނެވެ. އޭނާގެ އިންޤިލާބީ ޚިޔާލުތައް ބުނާގޮތުގައި، ގެއްލުން ހުރި ބަދަލުތަކަށް މީހުން ތެދުވަނީ މަޖުބޫރު ކުރަނިވި ޙާލަތެވެ."

ހަމަ މި ވާހަކަ އެވެ. އޭނާގެ ގޮތްދޫނުކުރުމާއި ބޯ ހަރުކަން ސިފަކުރައްވަން ވަހީދު ވިދާޅުވެފައިވެ އެވެ.

"ހަރިކަށި އެއްޗަކަށް ލިބޭ އިތުރު ހަރުކަށިކަމަކުން ވާނެ ކަމަކީ މުރަނަވުމެވެ. މުރަނަކަމަކީ ފުނޑުފުނޑުވުމަށް ފަސޭހަ ހަރުކަމެކެވެ. މުރަނަވެފައިވާ އެއްޗަކަށް އިތުރަށް ހޫނުކަން ލިބެން ފަށައިފިނަމަ، އޭގެ ޒާތުގައިވެސް ފުނޑުފުނޑުވުން ދުރެއް ނޫނެވެ."

ވަހީދުގެ ކުރުވާހަކަތަކުގައި ދެން އެންމެ ގިނައިން ތަކުރާރުވާ އެއް ޝިޢާރަކީ މަރެވެ. "ތާ އަބަދު" މި ވާހަކައިގައި ވިހެއުމުގެ ތެރޭގައި މަރުވާ އަންހެނެއްގެ ރޫޙު ހަށިގަނޑާ ވަކިވެ ދާ ހިނދު އޭނާގެ ތުއްތު ދަރިފުޅާ މެދު ކުރާ އުއްމީދުތަކުގެ ވާހަކަ ޚިޔާލަށް ގެނެސްދެއްވާފައިވެ އެވެ. ބަލިމަޑުކަމެއްގެ ސަބަބުން މަރަށް ތައްޔާރުވެ، އޭނާގެ ބަލިމަޑުކަމުގެ ބުރަ އެހެން މީހުން އުފުލުމަށް ނޭދޭ މީހުންގެ އިހުސާސްތައް، "މާ ލަސްވެއްޖެ" މިވާހަކައިން، އަދި "އަމިއްލަ ވަޒަނުގައި ބީރައްޓެއްސަކަށް ވެފައި" މި ދެ ވާހަކައިން ފެނެ އެވެ. މީގެ އިތުރުން، މަރު ތަންމަތީ، އެހެން މީހުންގެ އެހީއަށް ބަރޯސާވާން މަޖުބޫރުވެފައިވާ މީހުންގެ އިހުސާސްތައް "ވަކިވާން ޖެހުމުން"، "ނުކުޅެދޭ އަސަރު" އަދި "ގެއްލުނު ބުއްދި" މި ވާހަކަތަކުން އަސަރާއެކު ސިފަކޮށްދެއްވައެވެ. "ނުކުޅެދޭ އަސަރު" މި ވާހަކައިގައި ވެ އެވެ.

"ކަނޑުގައި އޮޔާ ދެމޭ ފީ ލަކުޑިގަނޑެކެވެ. މީހަކު ނުވެސް ނެގިއެވެ. އަޑިއަކަށްވެސް ނުދިޔައެވެ. އަދި ގޮނޑުދޮށަކާ ހަމައަށްވެސް ނުދެވުނެވެ. އަހަރެންގެ ދަރިންނާއި ގާތްތިމާގެ މީހުން އަހަރެން މަތިން ފޫހި ނުވަނީސް މަރުވާނެނަމައޭ ހިތަށް އާރާތާވެސް އެތައް ދުވަހެކެވެ."

އެންމެ ދެ ފޮޅުވަތެވެ. ޢުމުރު ދުވަހެއްހާ ބުރަ، ބޮޑު، އިހުސާސްތަކެކެވެ. މާޔޫސީގެ އިންތިހާ އެވެ. ލަދުވެތިކަމާއި އަފުސޫސުގެ އަސަރުތަކެވެ.

މި ވާހަކަތައް ކިޔަމުންދާއިރު، ކިޔުންތެރިޔާގެ އަމިއްލަ ނަފުސާމެދު ވިސްނާލައި، އޭނާގެ ދަތުރުގެ މިސްރާބާމެދު ސުވާލު އުފައްދާނޭ ފުރުޞަތު ފަހިވެގެންދެ އެވެ.

ކުރު، ރީތި ވާހަކަތަކެކެވެ. ޑައިލޮގު ތައް މަދުކުރައްވައިގެން، މައިގަނޑު ޝަޚުޞިއްޔަތުގެ އިހުސާސްތައް ނިއުޅާލާނޭ ޖާގަ، ވަހީދު ހޯއްދަވާފައިވެވެ. މުޖުތަމަޢުގައި އެންމެން ދަންނަ، ބޮޑެތި ސިއްރުތައް، ހާމަކުރައްވާފައިވެ އެވެ. ފަލްސަފީ ނަޒަރަކުން ބުއްދީގެ އިންތަކާ މެދު ބަހުސްކުރައްވާފައިވެ އެވެ. ބަލިމަޑުކަމާއި މަރުގެ ރަހަ އެކި މީހުންނަށް އިހުސާސްކުރާ ގޮތުގެ ތަފާތު ހުށަހަޅުއްވައިދެއްވާފައިވަނީ ވޭންހުރި، ދިގުލައިގެންދާ ބަލިތައް ތަޙައްމަލުކުރުމުގެ ބުރަ އުފުލާ މީހުން ކުރާނޭ އިހުސާސްތަކުގެ ތެރެއިންނެވެ. މި ވައްޓަފާޅި ފައްކާކުރައްވާފައިވަނީ ކިހިނެތް ތޯ އުފެދޭ ސުވާލުގެ ޖަވާބު ހޯދުމަށް، ޚުދު ވަހީދު ވިދާޅުވެފައިވާ ބަސްފުޅެއް ހަނދާންކޮށްލަމާތޯ އެވެ.

"އަޅުގަނޑު އިހުސާސްކުރި އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމުގެ ހިތާމަތަކާއި އުފާތައް އަމިއްލައަށް ނުލިޔުނު ނަމަވެސް އަޅުގަނޑުގެ ވާހަކަތަކުގައި ކޮންމެވެސް ވަރަކަށް އެ ކަންކަމުގެ ކުލަ ހޭކިފައިވެއެވެ."

ދިވެހި ކުރުވާހަކައިގެ މާހިރުންގެ ތެރެއިން އިބްރާހިމް ޙުސައިން މަނިކަކީ އިޖުތިމާޢީ ކޮމެންޓޭޓަރު ކަމުގައިވާނަމަ، މުޙައްމަދު ވަހީދަކީ އިހުސާސްތަކާއި ޖަޒުބާތުތަކުގެ ކޮމެންޓޭޓަރޭ ދެންނެވިދާނެ އެވެ. ކޮންމެއަކަސް ދިވެހި އަދަބީ ގުލްޝަނަށް ވަހީދު ވެދުންކުރައްވާފައިވާ ވާހަކަތަކުގެ އެހީގައި ތިމާގެ އިހުސާސްތައް ތަހުލީލުކޮށްލާނޭ ފުރުޞަތު ތަނަވަސްވެގެންދެ އެވެ.

Newsletter

Get the latest news delivered straight to your inbox