ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިސްނަގައި ވޮލީ އަށް ޝައުގުވެރިވާ ޒުވާން ކުދިންނަށް ހާއްސަކޮށް ފުރުސަތު ފަހިކޮށްދިނުމުގައި ކުރިއަށްގެންދާ "މައި ހުޅުމާލެ ވޮލީބޯލް ކޭމްޕް" ފަށައިފި އެވެ.
މިއީ އެޗްޑީސީ އާއި ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)، މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް އަދި ޕޮލިސް ކްލަބް ގުޅިގެން ހިންގާ ކޭމްޕެކެވެ. އިއްޔެ ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ފެށި މި ކޭމްޕަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.
ވޮލީގެ ބޭސިކްގެ މުހިއްމު ކަންތައްތައް ކިޔައިދިނުމާއި ވޮލީގައި ދަސްކުރަން ޖެހޭ މުހިއްމު ކަންތައްތައް އުނގަނައިދީ ވޮލީގައި ކުރިއަށްދާއިރު ބޭނުންހިފޭނެ މުހިއްމު ކަންކަން ވެސް އޮޅުންފިލުވައިދޭ މި ކޭމްޕްގައި ބައިވެރިވަނީ 12-15 ދެމެދުގެ ކުދިންނެވެ.
އިއްޔެ ކޭމްްޕް ފެށިއިރު، ފިރިހެން 33 ކުދިންނާއި އަންހެން 19 ކުދިން ވަނީ ބައިވެރިވެފަ އެވެ.
އެޗްޑީސީގެ އޮފިޝަލަކު "އަދަދު" އަށް ބުނީ ސްކޫލްތަކުގެ ޝެޑިއުލާއި ޓެސްޓްތައް އޮންނާތީ މި ކޭމްޕްގައި ބައިވެރިވިމުގެ ޝައުގުވެރިކަން ހުރި ގިނަ އަދަދެއްގެ ކުދިންނަށް ބައިވެރިނުވެވޭ ކަމަށެވެ.
މި ކޭމްޕް އޮގަނައިޒްކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އެޗްޑީސީގެ ކޮމިއުނިޓީ ސްކިލްސް ޑިވެލޮޕްމަންޓް ކޯޑިނޭރުގެ މަގާމު އަދާކުރަމުން އަންނަ ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އާއި ވޮލީބޯލް ވެޓަރަންސްގެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ސައްޔިދު އަލީ އެވެ.
މައި ހުޅުމާލެ ކޭމްޕްގައި ކުދިންނަަށް ދަސްކޮށްދޭން ހަރަކާތްތެރިވަމުން އަންނަ ކޯޗުންނަށް ބަލާއިރު، ޕޮލިސް ކްލަބްގެ ތަޖުުރިބާކާރު ކޯޗުން ކަމަށްވާ ފަތުހުﷲ ވަހީދު (ފައްލޯ) އާއި މުހައްމަދު ނަދީމް (ނަދީމްބެ)ގެ އިތުރުން ކުރިން ގައުމީ ޓީމުގައި މަސައްކަތްކުރި ކޯޗު މުހައްމަދު ރިޝްވާން ހިމެނެ އެވެ.
އެޗްޑީސީން ނިންމާފައި އޮތީ ފެސްޓިވަލެއްގެ ގޮތުގައި ވަރަށް ކުލަގަދަކޮށް ގިނަ ހަރަކާތްތަކެއް ހިމެނޭ ގޮތަށް މި ކޭމްޕު ނިންމާލުމަށެވެ. އަދި އޭގެ ތެރެއިން އެއް ދުވަހުގެ މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ. ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަންއާ ގުޅިގެން މި ކޭމްޕް ކުރިއަށްގެންދާއިރު، މީގެ ކުރިން ވެސް އެޗްޑީސީން ވަނީ ވީއޭއެމާ ގުޅިގެން ހުޅުމާލޭގައި މުބާރާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.











