ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންޓަރެކްޓިވް ފެންއަރުވާ ވަޑާމެއް ތަރައްގީކޮށް މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.
ޕާކުގެ އިރު އުތުރު ސަރަހައްދުގައި ހެދި މި ތަނުގައި ފެންގަނޑުގެ ހަރަކާތްތައް ޕްރޮގްރާމްކުރެވިފައިވަނީ މިއުޒިކާއި ލައިޓާ އެއްވަރަކަށް ހަރަކާތްކުރާ ގޮތަށެވެ. ޖުމްލަ 20،021 އަކަފޫޓުގެ ސަރަހައްދެއްގައި ހަދާފައިވާ މިތަނުގެ ފެންގަނޑު 15 މީޓަރާ ހަމައަށް މައްޗަށް އަރާނެ އެވެ.
މިތަނުގެ ދެ ފަޅިން ބަޔެއް ހުޅުވާލައި ކުޑަކުދިންނަށް ފެންގަނޑު ކައިރިއަށް ގޮސް ކުޅެވޭނެ ފުރުސަތު އޮންނާނެ އެވެ. އަދި ފެން އަރުވާ ވަޑާމުގެ މެދުގައި ފާލަމެއް ހަދައި އެތަނުން، މަންޒަރު ބެލޭނެ ގޮތަށް ވެސް ވަނީ ހަދައިފަ އެވެ. ތުރުކީ ކުންފުންޏަކާ ހަވާލުކޮށްގެން ބިނާކުރި މިތަން ކޮންމެ ރެޔަކު ވެސް އޮޕަރޭޓްކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ހުޅުވުމުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި އެކި ބޭނުންތަކަށް ޒިޔާރަތްކުރާ މީހުންނަށް މި ބިނާ ވަރަށް ފުރިހަމަ ހިތްގައިމު ތަނަކަށް ވެގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ހުޅުމާލެ އަކީ އާއިލާ އާއި ގާތް ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަކޮށްލާ ހިތްހަމަޖައްސާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
"ހުޅުމާލޭ މާސްޓާޕްލޭނާ އެއްގޮތަށް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ފަސޭހައިން ބޭނުންކުރެވޭނެ ހުސް ޖާގަތަކެއް ވަނީ ކަނޑައެޅިފައި. މި ހުސް ޖާގަތައް އަޅުގަނޑުމެން ރައްޔިތުންނާ ގުޅުންހުރި އަދި ފައިދާކުރާނެ ވަސީލަތްތައް ހިމަނައިގެން ބޭނުންކުރުމަށް މިހާރު ދަނީ ކުރެވެމުން،" ސުހެއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމުގެ އެންމެ ބޮޑު އެއް މިސާލަކީ ސެންޓްރަލް ޕާކު ކަމަށާއި ޖުމްލަ 8 ހެކްޓަރުގެ މި ސަރަހައްދަކީ ދުޅަހެޔޮ އަދި ހިތްފަސޭހަ ދިރިއުޅުމެއް އުޅެން ފަހިކޮށްދެވޭ މުހިއްމު ސަރަހައްދެއް ކަމަށެވެ.
"ސެންޓްރަލް ޕާކް އެކި ޒޯންތަކަށް ބަހާލައިގެން ތަރައްގީ ކުރެވެމުންދާއިރު، މިއަދު ހުޅުވިގެންދާ ފައްވާރު ނުވަތަ އިންޓަރެކްޓިވް ވޯޓާ ފައުންޓެއިން އަކީ މި ޕާކުގައި ހިމެނިފައިވާ ޒޯންތަކުން ފާހަގަކޮށްލެވޭ ޕްރޮޖެކްޓެއް،" އޭނާ ވިދާޅުވި އެވެ.
ސުހެއިލް ވިދާޅުވީ ހުޅުމާލެ އަކީ އެންމެ ބޮޑު އާބާދީއެއް އެއް ފަހަރާ ހިޖުރަކުރަމުންދާ ރަށް ކަމަށާއި އާބާދީއަށް އަންނަމުންދާ އަވަސް ބަދަލާއި އެކު އެއްވެސް ފަރާތެއް ބާކީނުކޮށް ހުރިހާ ރައްޔިތުންގެ ބައިވެރިވުމާ އެކު މަޝްރޫއުތައް ހިންގުމަކީ އަމާޒެއް ކަމަށެވެ.
"ރައްޔިތުންނަށް ކޮންމެހެން ބޭނުންވާނެ އަސާސީ ހިދުމަތްތަކުން ފެށިގެން ގޮސް މުނިފޫހިފިލުވުމާއި ހިތްފަސޭހަ ދިރިއުޅުމެއް އުޅުމަށް ބޭނުންވާނެ ގިނަ ހިދުމަތްތަކާއި ވަސީލަތްތައް އަޅުގަނޑުމެން މިދަނީ ގާއިމުކުރަމުން. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ގިނަ މަސައްކަތްތަކެއް މި ކުންފުނީގެ ފަރާތުން ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" ސުހެއިލް ވިދާޅުވި އެވެ.
ސެންޓްރަލް ޕާކު ސަރަހައްދަކީ ވަށައިގެން ބޮޑު ބަޔެއްގެ ވިނަ ހައްދާފައިވާ ސަރަހައްދެކެވެ. މިތަނުގައި މީހުން އިށީނދެ ތިބޭނެ ބެންޗުތަކާއި ކަސްރަތަށް ދުވާނެ ޖާގަ އާއި ބައިސިކަލް ދުއްވާނެ ޖާގަ އާއި ސްކޭޓްޕާކަކާއި އައުޓްޑޯ ޖިމެއް ހުރެ އެވެ.











