"އެއްސަހަރެއްގައި": ލުޖައިން ރަޝީދު ވިރުވައި އަޅާލި ޝުޢޫރުތަކެއް

"އެއްސަހަރެއްގައި" ގެ ކަވާ އާޓް.

"އެއްސަހަރެއްގައި" ގެ ކަވާ އާޓް.

މުޙައްމަދު ވަހީދު (މަޑުލު) ގެ މަޝްހޫރު ވާހަކަ "އަމިއްލަ ވަޒަނުގައި ބީރައްޓެއްސަކަށް ވެފައި" ގެ ބަޠަލު އޭނާގެ ހިޔާވެއްސަކަށް ރާއްޖެ ނުވާ ސަބަބު ބަޔާންކުރަމުން ބުނެ އެވެ.

"ދިވެހިރާއްޖެއަކީ އަހަރެންގެ އަމިއްލަ ޤައުމު ނަމަވެސް އަހަރެންގެ އަހުލެއް ވަހުލެއް ޔާރެއް އިޔާރެއް އެތަނަކު ނެތެވެ. އަމިއްލަ ގެދޮރެއް ނެތެވެ. ލޯބިވެގެން އުޅުނު މީހަކު ނެތެވެ. ވެރިކަން ބަދަލުވަމުން ޒަމާން ބަދަލުވަމުންދިޔަ ނަމަވެސް ރައްޔިތުންގެ އަޣުލަބިއްޔަތު މިހާރުވެސް އުޅެނީ އިބުނު ބަޠޫޠާގެ ޒަމާނުގެ ހާލަތްތަކުގައެވެ. އެ ފަސްގަނޑުދެކެ އަހަރެން ލޯބިވެ އެވެ. އެހެންނަމަވެސް ޖިސްމާނީގޮތުން އެ ފަސްގަނޑާ އަހަންނާ ގުޅުވައިދޭނޭ ކުޑަވެސް ވާފަށެއް ނެތެވެ. ރޫޙާނީ އަސަރުތަކަކަށްޓަކައި މިއޮއްފަދަ މާއްދީ ޒަމާނުގައި އަހަރެން ބޭނުމީ ގުނބޯލަކަށް ވާކަށެއް ނޫނެވެ."

ލުޖައިން ރަޝީދުގެ ޅެންވެރިކަން ފެންނަ ރީތި ލަވަ "އެއްސަހަރެއްގައި" ފުރަތަމަ އަޑުއިވުނީ، އޭނާގެ އެއްބަނޑުއެއްބަފާ ދައްތަ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ފާތިމަތު ލުބައިނާ ރަޝީދު (ލުބާ) ގެ "ފޭން" އެއްގެ ހައިސިއްޔަތުން، މި ފަހަކަށް އައިސް ދެބެއިން އެކުގައި ރިލީޒްކުރައްވަމުން ގެންދަވާ ލަވަތައް އަޑުއަހަމުންދިޔުމުގެ ތެރޭގަ އެވެ. ފުރަތަމަ އަޅައިގަތީ ލަވައިގެ ނިންމުންތަކެވެ. ދިވެހި ޅެންވެރި އެދުރުންގެ ކުޅަދާނަކަން ފެންނަ އެއް ވައްޓަފާޅިކަމަށްވާ، ނުދެމޭ، ހުއްޓޭ އަކުރުތަކަށް ހުންނަ ނިންމުންތައް ފަދަ ނިންމުންތަކެއް މި ފަދަ ޒަމާނީ ލަވަޔަކުން ފެންނަނީ މަދުންނެވެ. "އައްސަވާށޭ ދަންނަވަން މި އުޅޭ ޚަބަރު" ފަދަ ކުރު، ބާރުގަދަ، އޮމާން ނިންމުންތަކެކެވެ. އަދި ކިއެއްތަ، ގިނައީ ސުކުން ނުކުރެވޭ އަޑުތަކަކަށް ހުރި ހުއްޓުންތަކެކެވެ. ރާގާ ނުބައްދަލު ދެމުންތަކެއް ނެތި އެވެ.

މި ނިންމުންތަކާ ހިސާބަށް އަންނަނީ، ދިވެހިވަންތަ މަންޒަރުތައް އަދި ދިވެހި ވެށީގެ ކުލަތައް ސިފަކުރުވަމުންދާ މުއްސަނދި ބަސްކޮށާރެއްގެ އެހީގަ އެވެ. ދޫންޏެއްގެ ވާހަކަ ދައްކާފައިވާނަމަ، ދިވެހި ވަޒަނަށް ފަރިތަ ދޫންޏެކެވެ. މަލެއްގެ ވާހަކަ އޮތް ނަމަ، ދިވެހި ބިމުން ފަޅާ ގަސްގަހުގައި އަޅާ މަލެކެވެ. އަހަރެމެންގެ ދުވަހީ ތަޖުރިބާތަކާ ގުޅިފައިވާ ސާދާ ސިފަކުރުންތަކެކެވެ.

އަޅުގަނޑުގެ ސަމާލުކަން ސުކުންތަކާއި ސިފަކުރުންތަކަށް ގެއްލިފައި ވަނިކޮށް ކަންފަތުގައި ޖެހުނީ މިއިން ދުވަހަކު އަޑު ނާހާ ފަދަ ޝައުޤުވެރިކުރުވަނިވި ޢިބާރާތެކެވެ.

"އެއްސަހަރެއްގައި ކަލެއާ އެކު ނެށިން"

ވަގުތުން އެ ޢިބާރާތް އަޅުގަނޑުގެ ސިކުނޑީގައި ކަނޑާނެގިއްޖެ އެވެ. ސުވާލުތަކެއް އުފެދިއްޖެ އެވެ. މި ރީތި ސިފަކުރުންތަކުގެ ތެރޭ ފޮރުވިފައި މިވަނީ ކޮން ވާހަކައެއް ހެއްޔެވެ؟ ޅެންވެރިޔާ އެ ދައްކަވަނީ ކާކާ އެކުގައި ނަށާ ވާހަކައެއް ބާވަ އެވެ. އެ ހަނދާން އެހާ މުހިއްމު އެވަނީ ކީއްވެގެން ބާވަ އެވެ. ދިރާސާ ކުރަން ފަށައިފީމެވެ. ލަވަޔާ ގުޅޭ ގޮތުން އިތުރު ތަފްޞީލުތައް ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން، ލަވައިގެ "އިސްބަހުގައި" ލުޖައިން ރަޝީދު ސުވާލުކުރައްވާފައިވެ އެވެ.

"ތިމާގެ ހިޔާވައްސަކީ ކޮބައިތޯ އަހައިފިނަމަ ޔަޤީންކަމާއެކު ޖަވާބު ދޭން އެނގޭނެ ހެއްޔޭ؟

އަހަރެންގެ ހިތް ބުނަނީ، ފަހަރެއްގައި، އެ ޖަވާބު ޔަޤީން ޖަވާބަކަށް ނުވެދާނެއޭ.

އެއީ އެކި މީހުން ހިޔާވަހި މާނަ ކުރާނީ އެކި ގޮތަށް ކަމަށް ވާތީއޭ.

އަހަރެންގެ ހިތަށް އަރާ، އަހަރެންގެ ހިޔާވައްސަކީ ގެއެއް ނޫނޭ، ތަނެއް ނޫނޭ. އެއްޗެއްވެސް ނޫނޭ.

ސަތާރަ-އަށާރަ އަހަރު ވެގެންދިޔަ އިރުވެސް އަހަރެންގެ ހިތަށް ނުހުއްޓާ އަރާ، އަހަރެންގެ ހިޔާވައްސަކީ މީހެކޭ، މީހެއްގެ އަތުތެރެޔޭ، މީހެއްގެ ބީހުމޭ"

ޅެންވެރިޔާ ބަޔާންކުރައްވާ ފަލްސަފާ އޭނާގެ ޢުމުރަށްވުރެ ދޮށްޓެވެ. ރަދީފު ބުނާގޮތުން ހިޔާވައްސަކީ، ހިޔާކަން ލިބިފައިވާ ތަނެވެ. ރައްކާތެރިކަމެވެ. ގެދޮރެވެ. ހިޔާވައްސަކީ ހަތަރުފާރުލީ ޢިމާރާތަކަށް ވާކަން ނުޖެހެ އެވެ. އަމުދުން މުވާސަލާތާއި ދަތުރުފަތުރު ފެނަށްވެފައިވާ ތަރައްޤީގެ މި ޒަމާނުގައި ތިމާގެ ގެދޮރަކީ މާއްދީ އެއްޗަކަށް ވުން ލާޒިމެއް ނޫނެވެ. ލިޔުމުގެ ފެށުމުގައި ހަވާލާދެއްވާފައި އެވާ މަޑުލު ވަހީދުގެ ވާހަކައިގެ ބަޠަލު ބުނާ ފަދައިން ގުނބޯލެއް ފަދައިން ވަޅުލެވިގެން އޮންނާނޭ ފަސްގަނޑެއް އެއީ ހިޔާވައްސަކަށް ވާކަށް ނުޖެހެ އެވެ. ބަދަލުގައި ތިމާގެ "ގެދޮރު" ކަމުގައި މިވަނީ ތިމާގެ ރައްކާތެރިކަމާއި ހިމާޔަތް އެ މީހަކަށް ބަރޯސާވާ މީހެކެވެ.

ލުޖެއިންގެ ޅެން
ލުޖެއިންގެ ޅެން

ލުޖައިން ރަޝީދުގެ ޅެން

އެއްސަހަރެއްގައި ކަލެއާއެކު ނެށީމޭ ވިދާޅުވުމުން، އެ ލަފުޒުގައި "ނެށުމުގެ" ހަރަކާތް އެހާ މުހިއްމު ވަނީ ކީއްވެގެންތޯ ސުވާލު އުފައްދާނޭ ޖާގަ އެބައޮތެވެ. އެ ލަފުޒަކީ ހަމަ އިއްތިފާޤަކުން ބޭނުންކުރައްވާފައިވާ ލަފުޒެއްކަމަކަށް ބަލާކަށް އަޅުގަނޑުގެ ހިތް އިޒުނައެއް ނުދެ އެވެ. އަދަބިއްޔާތާއި ފަލްސަފާގައި ނެށުމަކީ، ވަރަށް ފުން މާނަތަކެއް އެއާ ގުޅި ލާމެހިފައިވާ ކަމެކެވެ. މަޝްހޫރު ފިލޯސޮފަރު އަދި ޅެންވެރިޔާ ޖަލާލުއްދީން ރޫމީގެ ބަސްކޮޅެއް ތަރުޖަމާ ކުރެވޭތޯ އަޅުގަނޑު މަސައްކަތްކުރާނަމެވެ.

"ތިމާ ހަލާކުވެގެންގޮސް ހުޅުވިގެން ދާހިނދު ނަށާށެވެ. ތިމާގެ ގައިގައި ހުރި މަލަންގަނޑު އަމިއްލައަށް ވީދާލާ ހިނދު ނަށާށެވެ. ތަޅާފޮޅަމުންވެސް ނަށާށެވެ. ތިމާގެ ލޭގެ ތެރޭގައިވެސް ނަށާށެވެ. ތިމާއަށް ފުރިހަމަ މިނިވަން ލިބޭ ހިނދު ނަށާށެވެ."

ޖަލާލުއްދީން ރޫމީ ނެށުން ސިފަކުރައްވަނީ "މެވްލެވިއްޔާ" އަށް އިޝާރާތްކުރައްވަމުންނެވެ. އެތް އަތް މައްޗަށް ނަގައިގެން އަނެއް އަތް ތިރިކޮށްލައިގެން ހުރެ އެނބުރެމުން ނަށާ، އެ ނެށުމަކީ އެ ނެށުމުގެ ތެރެއިން ނެށުންތެރިޔާ އެނބުރެމުންދާ މިންވަރަކުން ދުނިޔަވީ ކަސްތޮޅުތައް ދޫކުރަމުން ގޮސް ޙަޤީޤަތާ ހަމައަށް ތިމާ ހުސްކޮށްލާ ހުސްކޮށްލުމެއްކަމުގައި އެ ސިފަކުރުންތަކުން ސިފަކުރައްވަ އެވެ.

ލުޖައިން ރަޝީދުގެ ލަވައިގައި އެ ވިދާޅުވާ ނެށުމަކީ މެވްލެވީ ސަމާއާ ގުޅުމެއް ނެތް ނެށުމެއްކަމަށް ވެދާނެ އެވެ. އެހެންނަމަވެސް ނެށުމަކީ ދެ މީހެއްގެ ވަރަށް ޒާތީ، ގައިގޯޅި ހަރަކާތެކެވެ. އެ ޢިބާރާތުގެ ކުރިން ސިފަކުރައްވާ ސިފަކުރެއްވުމުންވެސް، އެ ދެމީހުންގެ ނެށުމުގެ ތެރެއިން އެހެން ހުރިހާ ކަމެއް ފަނޑުވެގެން ގޮސް، ހުވަފެނީ މަންޒިލެއް ސިފަވެގެންދާކަމަށް މާނަކުރާނޭ ޖާގަ ލިބެ އެވެ. އަނގުރު ކަޅާއި ރީނދުލާއި މުށި މުލައިން ފަތަނގު މަލެއްގައި ބަޅިނދެއް ޖައްސާ މަންޒަރު ސިފަވާނޭ ފަދައިން، އޭނާ އޭނާގެ ބައިވެރިއާއެކު އެއް ސަހަރެއްގައި ނެށީމޭ ޅެންވެރިޔާ ވިދާޅުވެ އެވެ.

"އަނގުރު ކަޅާ ރީނދުލާ އަދި މުށިން

ފަތަނގުމަލާ ބަޅިނދާ އެކު ދުށިން

ހުވަފެނެއްހެން ކުލަވަރު ބަލަން ފެށިން

އެއްސަހަރެއްގައި ކަލެޔާއެކު ނެށިން"

ލަވައިގެ މި ޢިބާރާތުގައި ދެން އަޅުގަނޑަށް އެންމެ ޚާއްޞަ ވަނީ "ކަލޭ" އެ ލަފުޒު ބޭނުންކޮށްފައި އޮތް އޮތުމެވެ. ޚާއްޞަކޮށް މި ޖީލުގެ ޅެންވެރިންނާ ބީރައްޓެހި ލަފުޒެކެވެ. އެހެންނަމަވެސް ލުޖައިން ރަޝީދު އެ ހުށަހަޅުއްވާ ޚިޔާލާ މުނާސަބު، ސާދާ ލަފުޒެކެވެ. "ކަލެ" އޭ ބުނުމުން، "ކަލާ" ފަދަ ޖަމާލިއްޔަތުގެ ފޮނިތޮށި ކާފުރުތޮޅި އަޅާފައިވާ ލަފުޒުތަކުން މީހަކާ ކުރާ އިޝާރާތަކަށް ވުރެ މާ ބޮޑު ގާތްކަމެއް އިހުސާސްކުރެވެ އެވެ. "ތީނަ-މީނައިގެ" މި ޒަމާނުގައި މިފަދަ ދުލަށް ލުއި ބީދައަކުން "ކަލޭ" ބޭނުންކުރައްވާފައި އޮތުމަކީ، ދިވެހި ބަސްމަގަށް ޖެހުނު އަރާމު، ތާޒާ، ފިނި ވައިރޯޅިއެއް ފަދަ އެވެ.

ދެން އޮތީ ލަވައިގެ އެންމެ މުހިއްމު ޢިބާރާތެވެ. ލަވައިގެ ނަންކަމުގައިވެސް ކަނޑައަޅާފައިވާ ޢިބާރާތެވެ. "އެއްސަހަރެއްގައި" މި ލަފުޒަކީ ދިވެހި ވާހަކަ ކިޔުމުގެ ފަންނަށް ޚާއްޞަ ޢިބާރާތެކެވެ. ތުންތުންމަތިން ކިޔައިދޭ ކުޑަކުދިންގެ ވާހަކަތައް ފެއްޓުމުގައި މި ޢިބާރާތް ގެނެސްފައި މިވަނީ އިނގިރޭސި ވާހަކަތަކުގައި "once upon a time" ބޭނުންކުރާ ގޮތަށެވެ. ތަފާތަކީ ދިވެހި ވާހަކަތަކުގައި، ޒަމާނުގެ ބަދަލުގައި ތަނަކަށް އިޝާރާތްކުރާކަމެވެ. އެއް ސަހަރެއްގައޭ ބުނުމުން، އެއީ ކޮން ތަނެއްކަން ފާޅެއް ނުވެ އެވެ. އެހެންކަމުން އެ ޢިބާރާތުން އެކަނިވެސް، ޅެންވެރިޔާ އިސްބަހުގައި ތިމަންނާގެ "ހިޔާވައްސަކީ ގެއެއް ނޫނޭ، ތަނެއް ނޫނޭ. އެއްޗެއްވެސް ނޫނޭ" އެ ވިދާޅުވާ ވިދާޅުވުމަށް ބާރުލިބެ އެވެ.

ޖުމުލަކަށް މުޅި ލަވައަށް ނަޒަރު ހިންގާލާއިރު މި ދެކެވެނީ ހިޖުރަވެރި ހިތެއްގެ ވެރިއަކު، އޭނާގެ ގެދޮރު ބިނާކުރަން އިޚުތިޔާރު ކުރާ މަންޒިލެއްކަމުގައި މީހަކު ކަނޑައަޅާ ވާހަކަ އެވެ. ހިޖުރަވެރިއެއްގެ ނުތަނަވަސްކަން ސިފަކުރެއްވުމަށް ޅެންވެރިޔާ ވަރަށް ފަރުވާތެރިކަމާއެކު ބޭނުންކުރައްވާފައިވާ ދޫނީގެ އާދަތައް، މި ލަވައިގެ ޚިޔާލާ ވަރަށް މުނާސަބެވެ. ފުރަތަމަ މައިގަނޑަށް ބަލާލަމާތޯ އެވެ.

"ދޮންދީނި އުދުހިގެންފައި އެ އައި ހިސާބު

މާލެއާ ނުރައްޓެއްސޭ އެބަ ބުނޭ ކިތާބު"

ދޮންދީންޏަކީ ވަކި ވެއްޓަކަށް ޚާއްޞަ ދޫންޏެކެވެ. ދޫނިސޫފާސޫފީގެ ޢިލްމުވެރިން އިއްތިފާޤުވާ ގޮތުން ދޮންދީންޏާއި ދަނޑިފުޅުދޫނި ފަދަ "ޓަރން" އާއިލާގެ ދޫނިތައް އޭގެ މާހައުލުން އެހެން މާހައުލަކަށް ގަދަކަމުން ގެންދެވިދާނެ އެވެ. އެހެން ނަމަވެސް އެ މާހައުލުގައި އެއަކަށް އޭގެ ފުރިހަމަ ޤާބިއްލިއްޔަތެއް، ސިއްޙަތެއް ނުލިބޭނެއެވެ. އިސާހިތަކު، ދޫނި ބަލިވެ، މަރުވެގެންދެ އެވެ. މި ޒަމާނުގެ ޢިލްމުގެ އަލީގައި އެ ދޫންޏަށް މަސްނޫޢީ މާހައުލެއް އުފެއްދުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެހެންނަމަވެސް އެ މާހައުލު އޭގެ އުފަން ވެއްޓާ އެއްގޮތެއް ނުވާނެ އެވެ. އެ މާހައުލުގައި އެ ދޫނި ނިކަމެތިވާނެ އެވެ.

މި ލަވައިގައި އެ ސިފަކުރައްވާ ގޮތަށް، ސީނު އަތޮޅުގެ ވެއްޓަށް އެޑެޕްޓުވެފައިވާ ދޮންދީންޏެއް މާލޭގެ ވެށީގައި އަބަދުވެސް ވާނީ ބީރައްޓެއްސަކަށެވެ. އެއާ ޚިލާފަށް ކޮތަރަކީ ވަރަށް ގިނަ މާހައުލުތަކުގައި ދިރިއުޅުމަށް ހަލުވިކަމާއެކު ހޭނޭ ދޫންޏެކެވެ. އެހެންކަމުން އެއިން ދޫންޏެއް، މާޅޮހާއި ފެލިދޫ ހުރަސްކޮށް ދިޔަ ނަމަވެސް، އެއް ފިޔަ ހިއްލާލާ ފިޔަ ތެންމާލުމަށްފަހު އުދުއްސައިގަންނަން ޖެހިލުމެއް ނުވާނެ އެވެ.

މި ލަވައިގެ ސިފަކުރެއްވުމުގައި ދެން ބޭނުންކުރައްވާފައިވަނީ މާމަލެވެ. ބޮކަރުމަލަކީ ބޮކަރު ގަހުގައި އަޅާ، މީރު ވަސްދުވާ މަލެކެވެ. އަތަރު ހެދުމާއި، ދުން އެޅުމަށް އަދި ބޭސްފަރުވާއަށް ބޭނުންކުރާ، އަގުހުރި މަލެކެވެ. ލުޖައިން ރަޝީދުގެ ސިފަކުރެއްވުމުގައި "ބޮކަރުމާ ބިނދެ ހަދާލަން ދެން ވީ" އޭ ވިދާޅުވެފައި އޮންނަ އޮތުމުން، އެ ސިފަކުރައްވަނީ ފާގަތިކަން ހޯދަން މަސައްކަތް ކުރަންވީ ވަގުތު ޖެހުނުކަން ކަމަށް ބެލެވިދާނެ އެވެ. މި ގޮތުން، ދޫނިތައް ދަތުރުކުރަމުން އައިސް ޖެއްސި ފާލަން ފީ ނުވަނީސް، ކޮތަރެއް އުދުއްސައިގަތުމުގެ ކުރިން ފިޔަ ތެންމާލާ ބީދައިން ތައްޔާރުވެގެން ލިބެން ހުރި ފައިދާއެއް ހޯދަން ވީ ވަގުތު ޖެހުނީކަމަށް ސިފަކުރައްވަނީ ކަމަށްވެސް ބެލިދާނެ އެވެ.

އިންސާނުންގެ މިލިއުޅުމަށް މި މިސާލު ތަރުޖަމާކުރެވޭތޯ ބަލަމާތޯ އެވެ. ހިޖުރަވެރިން ހިޖުރަ ކުރަނީ ކޮންމެވެސް ފައިދާއެއް ހޯދަން، ކޮންމެވެސް ހުވަފެނެއް ކުލަ ކުރުމުގެ މަޤްޞަދުގަ އެވެ. މިފަދަ އެއްބަޔަކު ކޮތަރު ތަކެއް ފަދައިން އެއް ތަނުން އަނެއް ތަނަށް ހިޖުރަ ކުރުމުގެ ތެރޭ އެހުރިހާ ވެއްޓަކަށް ހޭނި، އެއިން ކޮންމެ ތަނެއްގައިވެސް އޭނާގެ އަމިއްލަ ބިން ފަދައިން މޫލައެވެ. ދެން އުޅެނީ ދޮންދީނީގެ ދިރިއުޅުން ދެކޭ މީހުންނެވެ. މި މީހުންނެކޭ މުލުން ލުހެލާފައި ގެނެސް އަލުން ނުއިންދާ ގަހެކޭ އެއްފަދަ އެވެ. އާ މާހައުލަކަށް ހޭނޭކަށް ދަހެއް ނުވެ އެވެ. އާ މާހައުލެއްގައި އޭނާގެ ގެދޮރު މާއްދީގޮތުން ބިނާކުރާކަށް ދަހެއް ނުވެ އެވެ.

ލުޖައިން ރަޝީދު އެ ވިދާޅުވާ ޚާއްޞަ މީހާއަކީ ހިޔާވައްސެއްކަމަށް، ގެދޮރު ކަމަށް ކަނޑައަޅަނީ ފަހުން މި ދެންނެވި ފަދަ މީހުންނެވެ. ތިމާގެ "ހިޔާވެއްސާ" ދިމާވުމުން އޭނާގެ އަތު ތެރޭ ތިމާގެ ދިރިއުޅުން ފަރުމާކުރެވެ އެވެ. އޭނާގެ އަތުތެރޭ ތިމާއަށް ހިމޭންކަމާއި ހަމަޖެހުން ލިބެ އެވެ. އޭނާގެ ހިމާޔަތުގައި ތިމާއަށް ވަޒަންވެރިވެވެ އެވެ.

ލުޖެއިންގެ ޅެން
ލުޖެއިންގެ ޅެން

ލުޖައިން ރަޝީދުގެ ޅެން

މޮޅު އަދަބީ މަސައްކަތެއް އެތައް ގޮތަކަށް ޝަރަހަކުރެވިދާނެ އެވެ. މިއީ އަޅުގަނޑަށް "އެއްސަހަރެއްގައި" މި ލަވަ ޝަރަހަކުރެވޭ ގޮތެވެ. ދިވެހިން ޢާއްމުކޮށް ހުށަނާޅާ ނަޒަރަކުން ހުށަހަޅާފައިވާ ލޯބީގެ ލަވައެކެވެ. އެއީ ކޮންކަހަލަ ލޯތްބެއްކަމެއް ނިންމަން އަޑުއަހާ މީހާއަށް ދޫކޮށްލައްވާފައިވެ އެވެ. އަޅުގަނޑަށް ސިފަވަނީ އަޅުގަނޑުގެ ފިރިމީހާއާއި ދަރީންނެވެ. މައިންބަފައިންނާއި ޢާއިލާ އެވެ. އެހެން މީހަކަށް އެ "ހިޔާވައްސަކީ" އެކުވެރިއަކަށް ވެދާނެ އެވެ. ރަޙުމަތްތެރިއަކަށް ވެދާނެ އެވެ. އަޅުގަނޑުގެ ހަނދާނަށް އަނެއްކާވެސް އަންނަނީ ޖަލާލުއްދީން ރޫމީގެ ބަސްކޮޅެކެވެ.

"ލޯބިވެރިން އެންމެފަހުން ދިމާވަނީ ވަކި މަންޒިލަކުން ނޫނެވެ. އެމީހުން ދިރިއުޅެމުން ގޮސްފައިވަނީ އެކަކު އަނެކެއްގެ ނަފްސުގެ ތެރޭގަ އެވެ."

މި ލަވައަކީ ހަމައެކަނި ލޯބީގެ ލަވައެއް ނޫނެވެ. ފަލްސަފާއެކެވެ. ހިޔާވައްސެއްގެ ހިމާޔަތުގެ އުއްމީދުގައި ހަމަޖެހުމެއް ނެތި އެއްތަނުން އަނެއްތަނަށް ހިޖުރަކުރާ ހަލަނި ހިތްތަކަށް އޮތް ތަސައްލީއެކެވެ. މާއްދީ ހަމަޖެހުމަށް ކުރާ ދަތުރުގައި ވާ ވަރުބަލި ފިލުވާލައި ރޫޙު ތާޒާކޮށްލުމަށް ކޮށާލެވޭ މަގެކެވެ.

ޅެންވެރިކަމުގެ އޮނިގަނޑަށް ބަލާލާއިރު، ރާގާއި ލަފުޒުތަކުގެ ދެމުންތަކާއި ހުއްޓުންތައް ގެތިފައިވާ ބަދަހިކަމުން، މުއްސަނދި ބަސްކޮށާރަކުން ބަރާވެފައިވާ ޢިބާރާތްތައް އަޑުއަހާލަން ލުއިފަސޭހަވެގެންދެ އެވެ. ބޭނުންކުރައްވާފައިވާ ކޮންމެ މިސާލެއް އަދި ކޮންމެ ސިފަކުރެއްވުމެއްގެ ފަހަތުގައި ޢިލްމާއި ދިރާސީ ވިސްނުން ގެންގުޅުއްވާފައިވާކަން، މި ޅެމުގެ ތެރެއަށް ފީނަމުންދާ މިންވަރަކަށް ތިލަވަމުންދެ އެވެ.

މި ޖީލުގެ ޅެންވެރިކަން ފަޤީރޭ ވިދާޅުވާ ފަރާތްތަކަށް ދަންނަވާލަން އޮތީ އެންމެ ވާހަކައެކެވެ. އާނދޮގޭ! އެއްސަހަރެއްގައި ލުޖައިން ރަޝީދުގެ މި ލަވަ، ހުޅުވިފައިވާ ސިކުނޑިއެއްގެ އެހީގައި އަޑުއައްސަވާލައްވާށެވެ!

Newsletter

Get the latest news delivered straight to your inbox