އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (8)

އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (8)

ކޮޅުމަޑުލު ވޭމަންޑޫއިން ފެނުނު ރަން ފަތްކޮޅަކީ އަދި މިހާތަނަށް ރާއްޖެއިން ފެނިފައިވާ އެންމެ ދުވަސްވީ ޝާހީ ލިޔުންކަމަށް ޑަރ ރަގުޕަތީ އާއި ނަސީމާ ބަޔާންކުރައްވަ އެވެ. މީގެ އިތުރަށްވެސް ވިދާޅުވެފައިވަނީ

titledesc

ޚުލާސާ ތަރުޖަމާ:" ރަން ފަތްކޮޅުގެ ޛަރީޢާއިން ލިބުނު އެންމެ މުހިންމު މައުލޫމާތަކީ އޭގެން ހޯދުނު ނިޝާންކަމުގައި ވެދާނެ އެވެ. ކޮންމެ ގޮތަކަށް ބެލިކަމުގައި ވިޔަސް އެ ފޮއްޓަކީ ޝާހިއްޔަތާއި ގުޅުން ހުރި އެއްޗެއްކެވެ. ފަތްކޮޅުގައި ރަސްކަލަކަށް މުޚާތަބުކޮށްފައި އޮތް އޮތުމުގެ އިތުރުން އެ ފަތްކޮޅަކީ ރަނުން އޮތް ފަތްކޮޅެއްކަމުގައި ވުމީވެސް، ޝާހިއްޔަތުގެ މައްޗަށް ލިބޭ ދަލީލެކެވެ."

ފަތްކޮޅުގެ އިތުރަށް ދެން ދަންނަވާލެވިފައިވާނީ ނިލަންދޫއިން ފެނުނު ހިރިގަލު ފޮއްޓެއްގެ ވާހަކަ އެވެ. އޭގައިވެސް ލިޔުންތަކެއް ލިޔެފައިވެ އެވެ. އެ ލިޔުންތަކުގައި ވަނީ ރަސްކަލަކަށް ހުރި ހެޔޮ ބަސްތަކާއި އެރަސްކަލެއްގެ ހަނދާނުގައި ބިނާކުރެވުނު ދީނީ އިމާރާތެއްގެ ވާހަކަ އެވެ. ލިޔުމަކީ މުސްކުޅި ދިވެހި ބަހުން ހުރި ލިޔުމެއްކަމުގައިވެސް ވެ އެވެ. އެ ބަސްތަކުގެ އިނގިރޭސި ތަރުޖަމާއަކީ

titledesc

ފޮށީގައި ލިޔެފައިވާ ލިޔުމަކީ މުސްކުޅި އިރުމަތީ ޗަލޫކީންނާއި ހުޅަނގުގެ ޗަލޫކީންގެ އަކުރުތަކަކާއި ތަމަޅަ ބްރަހުމީ އަދި ވައްޓަލެއްޓު ފަދަ އަކުރުތައް މަސްހުނިކޮށްގެން ލިޔެފައިވާ ލިޔުމެއްކަމުގައިވެސް ޑރ ރަގުޕަތީ ފާހަގަކުރައްވާފައިވެ އެވެ. ހަމައެހެންމެ ރަންފަންކޮޅުގައިވެސް ވާފަދައިން ތިން މަސް ޖެހި ނިޝާން އޭގައިވެސް ވެ އެވެ.

މި ފާހަގަކޮށްލެވުނު ނުކުތާތަކަށް ބަލާއިރު މި ދެ އާސާރަކީވެސް ގަދީމީ ދިވެހި ޝާހިއްޔަތާ ގުޅުން ހުރި އާސާރުތަކެއްކަން ޔަގީންކުރެވެ އެވެ. އޭގައިވާ ވާހަކަތަކަށް ރިޢާޔަތްކުރާއިރު ލޮޓަސް މަލެއްގެ މަތީގައި "ތްރިރަތުނައިގެ" ރަމްޒުވާގޮތަށް މަސްތަކެއް ބޭނުންކޮށް ފަރުމާކޮށްފައި އެވާ ނިޝާނަކީ ބޯދާ ދިވެހި ޝާހީ ނިޝާންކަމުގައިވެސް ޔަގީންކުރެވެ އެވެ. މީގެ މައްޗަށް އަޅުގަނޑު ދޫކުރަމުން އައިސްފައިވާ ސުވާލަކީ އެއީ ޕާންޑިޔަނުންނާއި ދިވެހީންނާއި ދެމެދު އޮތް ގުޅުމެއްގެ ރަމްޒަށްވެދާނެތޯ އެވެ. މި ސުވާލުގެ ޖަވާބަކަށް އެދި މި ސަރަޙައްދުގެ ބޯދާ ތާރީޚަށް ޖެހިލާން ޖެހެ އެވެ. ތަމަޅަ ސަންގަމު ޢަސްރުގެ ޒަމާނަށެވެ.

ސަންގަމު ޢަސްރަކީ ތަމަޅައިންގެ ޙަޟާރަތް، އާދެ! ތަމަޅަގަމުގެ ރަންޒަމާނެވެ. ތަމަޅަގަމް ނުވަތަ ތަމިޅަކާމޭ މި ކިޔެނީ އެދުވަސްވަރު ދެކުނު އިންޑިޔާގެ ތަމަޅައިންގެ ގައުމަށެވެ. މުޅި ތަމަޅަގަމަކީ ތިން ދައުލަތެއްގެ މައްޗަށް ބެހިފައި އޮތް ދެކުނު އިންޑިޔާގެ ބޮޑު ސަރަޙައްދެކެވެ. އެއީ ޗޭރާއިންނާއި ޗޯޅާއިންނާއި އަދި ޕާންޑިޔަނުންގެ ދައުލަތްތަކެވެ. ދެކުނު އިންޑިޔާގެ އެއިރުގެ މައި ތިން ބާރަކީވެސް އެއީ އެވެ. އަދި އޭގެ ތެރެއިންވެސް އެންމެ ނަން އަރާހުރި ބަޔަކީ ޕާންޑިޔަނުންގެ ދައުލަތެވެ. ސަންގަމޭ މިކިޔޭ ޒަމާނުގެ ކުރިއެރުން އެންމެ ބޮޑަށް ގުޅިފައިވާ އެއް ބަޔަކީވެސް ޕާންޑިޔަނުންނެވެ.

ތަމަޅަ ފޯކުލޯރުގައިވާ ގޮތުން ސަންގަމު ޢަސްރުގެ ތިން ޒަމާނެއްވެ އެވެ. މީގެ ތެރެއިން ތިންވަނަ ސަންގަމް ޢަސްރަކީ ތާރީޚު ޢިލްމުގައި ބުނާ ސަންގަމު ޒަމާނެވެ. އެއީ ޢީސާގެފާނު އުފަންވެވަޑައިގަތުމުގެ ގަރުނުތަކެއް ކުރީން ފެށިގެން މީލާދުގެ 5 ވަނަ ގަރުނާއި ހަމަޔަށް ދެމިގެން ގޮސްފައިވާ ޒަމާނެއްކަމުގައިވެސް ބުނެވެ އެވެ. އެ ޒަމާން ފާހަގަކުރެވިފައިވަނީ ތަމަޅައިންގެ މުސްކުޅި އަދަބިއްޔާތުގެ ރަންޒަމާނުގެ ގޮތުގަ އެވެ. އަދަބީ ޢާލިމުން އުފަންކުރުވި ޒަމާނެއްގެ ގޮތުގަ އެވެ. ޢިލްމާއި ފަންނުތަކުގެ ޒަމާނެއްގެ ގޮތުގަ އެވެ. ޢިލްމީ މުނާގަޝާތައް ވެވެމުންދިޔަ ޒަމާނެއްގެ ގޮތުގަ އެވެ. ލޯބީގެ ވާހަކަތަކާއި، ބަހަވީ ދަރެސްތަކާއި، އަދި ތާރީޚީ ޚަބަރުތައްފަދަ އެތައް ފިލާވަޅުތަކެއް އާއްމުކުރެވުނު ޒަމާނެއްގެ ގޮތުގަ އެވެ. އިންޑަސްވާދީގެ ޙަޟާރަތަށްފަހު މި ސަރަޙައްދުގެ ތާރީޚު ދުށް އެންމެ ޙަޟާރީ އެއް ދުވަސްވަރަކީވެސް އެއީކަމުގައި ދަންނަވާންޖެހެ އެވެ.

ދިވެހީންނަކީވެސް ދެހާސް ފަސްސަތޭކަ އަހަރަށްވުރެ ދޮށީ ތާރީޚެއްގެ ވެރިބައެކެވެ. ހަމައެހެންމެ ތަމަޅަގަމުގެ ޙަޟާރަތާއި "ކޮއްޓާލެވޭހާ" ގާތުގައި އޮތް ދައުލަތެއްވެސްމެ އެވެ. މިހެންކަމުން ތަމަޅަގަމާއި ދިވެހީންނާއި ދެމެދު ގާތްގުޅުންތަކެއް އުފެދިފައިވާނޭކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެ ޙަޟާރަތުގެ ޢިލްމީ ލިޔެކިޔުންތަކުގެ ތެރެއިން މިފަދަ ގުޅުމެއްގެ އިޝާރަތެއް ލިބިއްޖެކަމުގައިވަނީނަމަ، ދިވެހީންނާއި ޕާންޑިޔަންނުނާއި ދެމެދު އޮތް ގުޅުމެއްގެ ވިސްނާލުމަކީވެސް މާ ދަތިކަމަކަށް ނުވާނޫ އެވެ. ތަމަޅަގަމުގެ އެންމެ ނަންއަރާހުރި ބަޔަކީ ޕާޑިޔަނުންކަމަށްވުމާއި އަދި އެއީ ސަންގަމު ޒަމާނުގެ ދިރުންކަމުގައިވެސްވާތީ އެވެ.

އާދެ! ސަންގަމު ޢަސްރުގެ ފެށުން ގުޅިފައިވާ ދުވަސްވަރަކާއި ބެހޭ ގޮތުން އަދަބީ މުއައްރިޚުންގެ މެދުގައި އިޚުތިލާފު އުފެދިފައިވެ އެވެ. އެއްބައި ބޭކަލުން އެއީ ޢީސާގެފާނުގެ މީލާދުގެ ދެތިން ގަރުނު ކުރީގެ ދުވަސްވަރެއްކަމަށް ބުނަމުން އަންނަ އިރު އަނެއްބައި ބޭކަލުންގެ އަރިހުގައި އެއީ މީލާދުގެ ހަވަރަކަށް ގަރުނު ކުރީގެ ދުވަސްވަރެއްކަމުގައިވެސް ބުނެ އެވެ. އަދި މި ނޫނަސް ކިތަންމެ ތަފާތު ރަޢުޔުތަކެއްވެ އެވެ. މިއިން ކޮންމެ ރަޢުޔަކަށް ބެއްލެވިކަމުގައިވިޔަސް އެއްބަސްވެވޭ ހަގީގަތަކީ، ސަންގަމަކީ މީލާދުގެ ކުރީގެ ދުވަސްވަރެއްކަމެވެ. އެ ދުވަސްވަރެއްގެ ހަގީގަތް ހޯއްދެވުމަށްޓަކައި އަދަބީ މުއައްރިޚުންގެ ދިރާސާތައް މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ އެ ޒަމާނުގެ ލިޔުތަކުގެ މައްޗަށެވެ.

ސަންގަމު ޢަސްރަށް ނިސްބަތްކުރެވޭ ގިނަ ލިޔެކިޔުންތަކެއް މިއަދުވެސް ފެންނާން އެބަހުއްޓެވެ. ތޮލްކައްޕިއަމާއި ޕުރަނަނުރު އާއި އަދި ތިރުއްކުރަލް ފަދަ އެދުވަސްވަރުގެ ގަސީދާތަކަކީ މިފަދައިން މިހާރުވެސް ފެންނަން ހުރި މަޝްހޫރު ގަސީދާތަކެކެވެ. މިފަދަ ގިނަ ލިޔުންތައް ލިޔެފައި ހުރީ ތަމަޅަ މުސްކުޅި ޅެން ބަހުރުވަޔަކުންނެވެ. މިހެންކަމުން އޭގައިވާ ވާހަކަތައް ދެނެގަނެ ފަހުމުކުރުމަށްޓަކައި އަދަބީ "ކޮމެންޓުރީ" އެއް އޮތުން ލާޒިމުވެ އެވެ. ބަހަވީ މުއައްރިޚުންނާއި އަދަބިއްޔާތުގެ މާހިރުންގެ އެތަކެއްޗަށް މިފަދައިން ދެއްވާފައިވާ "ރިވިޔު" ތަކަކީވެސް ގިނަ އެއްޗެކެވެ. ދިވެހި ބަހުގެ ފުނަށް ފީނަމުން ގެންދަވާ ކޮންމެ ބަހަވީ މުއައްރިޚެއްގެ ކުރިފުޅުމައްޗަށްވެސް ހުށައެޅޭނެ އެންމެ އަގުހުރި އެއް ތަރިކައަކީވެސް ސަންގަމު ޢަސްރުގެ ލިޔުންތަކުގެ މައްޗަށްވާ އަދަބީ ކޮމެންޓްރީތައްކަމުގައި ދެކެމެވެ. ހަމަމިހެންމެ ތާރީޚީ މުއައްރިޚުންގެ ކުރިމަތީގައިވެސްވާ އެންމެ އަގުހުރި އެއް ތަރިކައަކީ އެއީ އެވެ. އެހެނީ މުސްކުޅި ތަމަޅަގަމާއި ބެހޭ ގޮތުންނާއި އަދި އެތަނުގެ ވަށައިގެންވާ ގައުމުތަކާއި ބެހޭގޮތުން ގެނެސްދީފައިވާ ޚަބަރުތަކުގެ ގިނަކަމަށްޓަކަ އެވެ. އޭގައި ރިކޯޑުކުރެވިފައިވާ ފޯކުލޯރުތަކުގެ ސަބަބަށްޓަކަ އެވެ.

މީލާދުން 14 ވަނަ ގަރުނުގައި އުޅުއްވި ނައްސިނަރުކިއުއްނިޔަރާއި އަދި މިނޫންވެސް އެހެނިހެން މުއައްރިޚުންގެ ތަޙުލީލީ ކޮމެންޓްރީތަކުގެ ޛަރީޢާއިން މިއަދު ތާރީޚީ އެތަކެއް ސަފުޙާތަކެއް އަންނަނީ ހުޅުވުމުންނެވެ. ސަންގަމު ޢަސްރުގެ ލިޔުންތަކާއި ހަވާލާދީ އާއްމުކޮށްފައިވާ ތަޙުލީލުތަކުން އެނގޭ ގޮތުގައި މުސްކުޅި ތަމަޅަގަމަކީ ބާރަ "ނާޑަށް" ބެހިފައިވާ ސަރަޙައްދެކެވެ. މި ބާރަ ގަމަކީ ތަމަޅަބަހުގެ ބާރަ ބަހުރުވައިން ވާހަކަދައްކާ ތަންތަނެވެ. މި ބާރަ ނާޑަށް ޖުމުލަގޮތެއްގައި ތަމަޅަނާޑޭ (ތަމަޅައިންގެ ގައުމޭ) ވެސް ކިޔަތެވެ. ނާޑަކީ ކޮބައިކަމާއި ނާޑުތަކުގެ ވެރީންނަށް ތިބޭ ނާޑުވާޅިންނަކީ ކޮބައިކަން މި ސިލްސިލާގެ ހަވަނަބައިގައި ތަފްސީލުކުރެވިފައިވާނެ އެވެ.

ހަމަ އެހެންމެ ތަމަޅަގަމު ބެހިފައިވާ ބާރަ "ގަމު" ގެ އިތުރަށް އެތަންތަނާއި ވިޔަފާރީގެ ގުޅުން އޮތް އެހެނިހެން "ނާޑުތަކެއް" ގެ ޚަބަރުވެސް އެނގެން އޮވެ އެވެ. ތިރީގައި އަޅުގަނޑު މި ނަކަލުކޮށްލަނީ މުސްކުޅި ތޮލްކައްޕިޔާމު-ކޯލައްޓިކާރަމުގެ މައްޗަށް މީލާދުން 14 ވަނަ ގަރުނުގައި އުޅުއްވި ނައްސިނިޔަރުކިޔުއްނިޔަރު ދެއްވާފައިވާ "ކޮމެންޓްރީގައި" ބަޔާންކޮށްފައިވާ ތަމަޅަގަމާއި ވިޔަފާރީގެ ގުޅުން އޮތް ބާރަ ނާޑުގެ ނަންތަކެވެ.

  • ސިންކަލަމް
  • ޕަޅަމްތީވު
  • ކޮއްލާމު
  • ކޫޕަމް
  • ކޮންކަނަމް
  • ތުލު
  • ކުޓަކަމް
  • ކަރުނަޓަމް
  • ކޫޓަމް
  • ވަޓުކު
  • ޓެލުންގު
  • ކަލިންކާމް
  • ސޭނަވަރަޔަރް

މި ލިސްޓުގެ އެންމެ ކުރީގައި އެވަނީ ސިންކަލަމެވެ. އެއީ ދިވެހީންގެ އަވައްޓެރި ސިލޯނެވެ. ނަމުންވެސް އެއީ ސިންގަޅަކަން އެނގެ އެވެ. ދެން އެޔަށްފަހު އެވަނީ ޕަޅަމްތީވެވެ. ނުވަތަ އަޅުގަނޑުމެންގެ ދިވެހިރާއްޖެ އެވެ. މަލާބާރުކަރައިގެ މުސްކުޅި ލިޔުންތަކުންނާއި އަދި ސިލޯނުކަރައިގެ މުސްކުޅި ލިޔުންތަކުގައި ދިވެހިރާއްޖެޔަށް ނިސްބަތްކޮށް ދީފައި އޮންނަ ނަމަކީ "ޕަޅަމްތީވް" އެވެ. ޗޯޅާއިންގެ މާފާނުތަކުންގައި ރާއްޖެޔަށް ޙަމަލާކުރި ވާހަކަ ބަޔާންކޮށްފައިވާއިރު ދިވެހިރާއްޖެޔަށް ނިސްބަތްކޮށްފައިވަނީ "ޕަޅަންތީވު"ގެ ނަމުންނެވެ. މިނަމަކީ ދިވެހިރާއްޖެއަށް ނިސްބަތްކޮށް އުޅުނު ނަމެއްކަން ބުނެ ހާމަކޮށްދިނުމުގެ ގޮތުން މި ސިލްސިލާގެ 4 ވަނަ ބަޔާއި 5 ވަނަ ބައިގައި ކޮންމެވެސް މިންވަރެއްގެ ވާހަކަތަކެއް ދެއްކިފައިވާނެ އެވެ. ވީމާ އަލުން އެވާހަކަތައް ތަކުރާރު ކުޅައުމުގެ ބޭނުމެއް އޮތްކަމަށް އަޅުގަނޑު ނުދެކެމެވެ.

ތޮލްކައްޕިއާމު-ކޯލައްޓިކާރަމުގައި ތަމަޅަގަމާއެކު ވިޔަފާރީގެ ގުޅުންތައް އޮތް 12 ނާޑުގެ ތެރެއިން އެއް ނާޑުގެ ގޮތުގައި "ޕަޅަންތީވު" (ދިވެހިރާއްޖެ) ބަޔާންކޮށްފައި އޮތް އޮތުމުން ވަރަށް މުހިންމު ބައެއް ނުކުތާތަކެއް ފާހަގަކޮށްލެވެ އެވެ. ތަމަޅަގަމުގެ ބާރަ ނާޑާއި ސިންކަލަމް (ސްރީ ލަންކާ) އާއި ވަކިން "ޕަޅަންތީވު"ގެ ނަން އޮތް އޮތުމަކީ އެއިރުވެސް ރާއްޖޭގެ މުސްތަގިއްލުކަން ދޭހަކޮށްދޭކަމެކެވެ. ހަމަމިހެންމެ އެޒަމާނުގެ އެންމެ މައި އެއް ދައުލަތްކަމުގައިވާ ޕާންޑިޔަން ދެމެދު ގުޅުންތަކެއް އޮވެދާނެކަމަށްވެސް ބެލެވޭ ސަބަބެކެވެ. ވީމާ ޕާޑިޔަން ވަންހަޔާއި ގުޅުންހުރި އަލޫޕާއިންނާއި ކަރަވައިން އެމީހުންގެ ނިޝާންތަކުގައިވެސް މަސް ބޭނުންކުރި ފަދައިން ދިވެހީންވެސް ބޭނުންކުރީބާވަ އެވެ؟

ދެކުނު އިންޑިޔާގެ ގައުމުތަކާ ވިޔަފާރީގެ ގޮތުން ދިވެހިރާއްޖެ ގުޅިފައިވާކަން ޔަގީންކުރެއްވިއްޖެވެ. ހަމަމިބީދައިން ސިލޯނާ ދެމެދުވެސް އެގުޅުން އޮންނާނެކަން ގައިމެވެ. ސިލޯނަކީވެސް ސަގާފީ ގޮތުންނާއި ބަހަވީ ގޮތުންނާއި އަދި ތާރީޚީ ގޮތުން ދިވެހީންނާ ގުޅުން ބޮޑު ގައުމެކެވެ. ސިންގަޅައިންގެ ގިނަ ބޭކަލުން ދެކެލައްވާ ގޮތުގައި ދިވެހީންނަކީވެސް "ސިންގަޅައިން" ނެވެ. އާރިޔަން ނަސްލުގެ (ސިންގާ ދަރިކޮޅުގެ) ގައުމެކެވެ. މިއީ ކަލަ ކީރިތި ވިތަރަނަ އާއި ޕްރޮފެސަރު ޕަރަނަވިތަރަނަ ފަދަ އެކަރައިގެ ގިނަ މުއައްރިޚުން ދިވެހީންގެ އަސްލާމެދު ބުނުއްވާ ގޮތެވެ. ހަމަމިހެންމެ ދިވެހި ބައެއް މުއައްރިޚުންގެ ނަޒަރުވެސްމެ އެވެ.

ކޮއިމަލާކަލޯ ފޯކުލޯރަކީ ދިވެހީންގެ އަސްލާއިމެދު ވެވެމުން އަންނަ ބޮޑު ބަޙުސަށް ފުރިހަމައަށް ތަންދޭ ވާހަކައެކެވެ. އެވާހަކައިގެ އެއްބައި ސީޣާތަކުގައި އެއީ އިންޑިޔާއިން ވަޑައިގެންނެވި ބޭކަލެއްކަމަށް ބުނާއިރު، އަނެއްބައި ސީޣާތަކުގައި އެއީ ސިލޯނުން ވަޑައިގެންނެވި ބޭކަލެކޭ ކިޔަމުން އަންނަކަމަށް ދެންނެވިފައިވާނެ އެވެ. މިއީ އެބަހުސަށް ކޮއިމަލާ ވާހަކަ ތަންދޭ ނުކުތާއެވެ. މިފަދަ ތަފާތުތަކުގެ ސަބަބަކީ ދިވެހީންގެ މައިގަނޑު ދެ އަސްލެވެ. އެއީ ދެކުނު އިންޑިޔާ އާއި "ސިންގަޅަ ދަރިކޮޅު" ކަމުގައި އަޅުގަނޑު ދެކެމެވެ.

ސިލޯނުކަރައިގެ މުސްކުޅި ތާރީޚީ ވާހަކަތަކާއި ފޯކުލޯރުތައް ލިޔެ ރައްކާކޮށްފައިވާ ބައެއް ފަތްފުށްތަކަކީ މަހަވަންސާ އާއި ދީޕަވަންސާ އެވެ. އަދި މިނޫން އެހެނިހެން ފަތްފުށްތައްވެސް ވެ އެވެ. މި ފަތްފުށްތަކަކީ އެބައިމީހުންގެ ވެރިކަމާއި ހަނގުރާމަތަކާއި އަދި ނަސްލުގެ ފެށުމާއި ގުޅޭ (ފޯކުލޯރު) ވާހަކަތައް ފަދަ ތާރީޚީ މުހިންމު ރެކޯޑުތަކެކެވެ. އަޅުގަނޑު ދޫކުރަމުން އައިސްފައިވާ ސުވާލުގެ ޖަވާބެއް ހޯދުމަށްޓަކައި ސިންގަޅައިންގެ ބާނީ ޕްރިންސް ވިޖާޔާގެ ފޯކުލޯރަކީ މުހިންމު ވާހަކައެކެވެ. އާދެ! ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ. ސިންގަޅަ ފޯކުލޯރު ބުނާ ގޮތުންނަމަ ޕްރިންސް ވިޖާޔާއަކީ ސިންގާ ނަސްލުގެ މަނިއްޕުޅެކެވެ. ސިންހަބާހޫގެ ދޮށީ ދަރިކަލުންނެވެ. ސިންހަބާހޫއަކީ އިންޑިޔާގެ ސިންހަޕޫރުގެ ރަސްގެފާނެވެ. ސިންހަޕޫރުގެ މާނައަކީ ސިންގާގެ ޝަހަރެވެ. މިއަދުވެސް ދުނިޔޭގައި ހަމަ މިނަމުން ނަންދީފައިވާ ގައުމެއްވެ އެވެ. މެލޭ ބައްރުގެ ތެރޭގައި ހިމެނޭ "ސިންގަޕޫރު" ގެ އަސްލަކީވެސް ސިންހަޕޫރެވެ. ނުވަތަ އިނގިރޭސި ބަހުންނަމަ Lion city އެވެ. ސިންގަޕޫރުގެ އެކި ދިމާތަކުން ސިންގާގެ ނިޝާން ފެންނަނީވެސް މިހެންވީމަ އެވެ.

ދުނިޔޭ ބޮޑެތި ރަސްކަންތަކުގައި އެބައިމީހުންގެ ތަޚުތުތަކަށް އެކި ނަންނަން ދީފައިވެ އެވެ. މިގޮތުން ފާރިސީންގެ އެމީހުންގެ ތަޚުތަށް ސާމަރާދޫނި ތަޚުތުކޮޅޭ ކިޔަ އެވެ. ޖަޕާނުގެ އަންބަރާޠޫރީ ތަޚުތަށް ކްރެސެންތިމަމު ތަޚުތުކޮޅޭ ކިޔަ އެވެ. މި އުސޫލުން ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚުތުކޮޅަށް "ސިންގާސަނާ" އޭ ކިޔަ އެވެ. މާނައަކީ ސިންގާ ތަޚުތެވެ. އިނގިރޭސި ބަހުން ދަންނަވާނަމަ The Lion throne” " އެވެ. "ސިންހަޕޫރާއި" ސިންގަޅައިންގެ ފޯކުލޯރު ބުނާ "ސިންގާގެ ދަރިކަލުން ޕްރިންސް ވިޖާޔާ" އަކީ ދިވެހި ތާރީޚާއި ކޮންމެވެސް ގުޅުމެއްހުރި ވާހަކަތަކެއްކަމުގައި ބެލެވޭ އެއް ސަބަބަކީވެސް މިއީ އެވެ. މި ދެންނެވި ޕްރިންސް ވިޖާޔާ ފޯކުލޯރުގެ މައްޗަށް ކުރެވިފައިވާ ދިރާސާތަކުގެ ތެރޭގައި އެއީ ޕާންޑިޔަން އަމީރެއްކަމުގައިވެސް ބުނެފައި ހުރެ އެވެ. މިއީ މި މަޢުޟޫގައި އަޅުގަނޑުމެންނަށް އެވާހަކަ މުހިންމުވާ އަނެއް ސަބަބެވެ.

ތިރީގައި މި ހިމަނާލަނީ ގްރެއިގަރ ވިލްހެމް ކުރައްވާފައިވާ ޕްރިންސް ވިޖާޔާ ފޯކުލޯރުގެ ތަރުޖަމާއިން އަޅުގަނޑު އެކުލަވާލި ކުރު ޚުލާސާ ބަޔާނެކެވެ.

ސިންގާގެ ދަރިކަލުން ސިންހަބާހޫއަކީ އޭނާ އަމިއްލައަށް ވުޖޫދުކުޅަ ސިންހަޕޫރުގެ ރަސްގެފާނެވެ. މިރަދުންގެ ރަނިކިލަގެ އަކީ ސިހާސްވައްޔެވެ. ސިހާސްވަލި ރަނިކިލަގެ ބަނޑުފުޅުން ސިންހަބާހޫއަށް ރައްކައުވަނީ ހައްތަހާވެސް އެއްމާބަނޑު ކުދީންކަމުގައިވެ އެވެ. މިގޮތަށް ސޯޅަފަހަރު އެކަމަނާ ރައްކައުވިއެވެ. ވިޖާޔާއަކީ އޭގެ ތެރެއިން އެންމެ ދޮއްޓަށް ރައްކައުވި ދަރިކަލުންނެވެ.

މި ދަރިކަލުންގެ ސިޔާސަކަން ބޮޑުވެ ސިންހަޕޫރުގެ ރައްޔިތުންނަށް ކުރިމަތިވަމުން ދިޔަ ނުކުސާންތައް ބޮޑުވެ ރައްޔިތުން ސިންހަބާހޫ ރަސްގެފާނަށް ވިޖާޔާގެ ޝަކުވާ ތަކުރާރުކޮށް ހުށައަޅަމުން ގެންދިޔަ އެވެ. މި ޝަކުވާތަކުގެ އާޚިރު ނަތީޖާއަކަށްވީ ސިންހަބާހޫ އޭނާގެ ދަރިކަލުން ނަވަކަށް ލާ ފައްސާލެއްވުމެވެ. ވިޖާޔާ އާއި އޭނާގެ އަޢުވާނުންގެ 700 މީހުންނާއި އެމީހުންގެ އަނބީންނާއި އަދި ދަރީންވެސް ފައްސަވާލެއްވި އެވެ. މި އެންމެން ފައްސަވާލެއްވީ ފިރިހެނުންނާއި އަންހެނުންނާއި އަދި ކުޑަކުދީން ވަކި ކުރައްވާފަ އެވެ. ކުޑަކުދީންތައް ތިބި ނަވަށް ދެވުނީ ނައްގަދީޕާއަށެވެ. އަންހެނުންތިބި ނަވަށް ދެވުނީ މަހިލަދީޕާއަށެވެ. އަދި ވިޖާޔާއެކު ތިބި ފިރިހެނުންގެ ނަވަށް ދެވުނީ ލަންކާގެ ތަމްޕަރާނި އަށެވެ.

އެ ޝަހަރުގައި ވިޖާޔާ ވަޒަންވެރިވެ އެއިރު އެ ޝަހަރުގެ ރަނިކަމަނާއަކަށް ހުންނެވި ކުވެނި އޭ ކިޔުނު ބޭކަނބަލަކާ ކައިވެނިފުޅު ބައްލަވައިގަތެވެ. މި ކައިވެންޏަށްފަހު ޝަހަރުގެ ރަސްގެފާނަށް ވިޖާޔާ ވެވަޑައިގަތެވެ. މީގެ އަހަރުތަކެއް ފަހުން އެކަމަނާ ދޫކުރައްވާ ދެކުނު އިންޑިޔާގެ ޕާޑިޔަން ރަސްގެފާނުގެ ދަރިކަނބަލަކާ ވިޖާޔާ ކައިވެނިފުޅު ބައްލަވައިގަތެވެ. މި ކައިވެނުފުޅުގެ މައްޗަށް ހުންނަވާ ވިޖާޔާ އަވަހާރަވީ އެކައިވެނީން ބޭފުޅަކު ލިބިވަޑައިނުގެންނެވެ. ވީމާ ވިޖާޔާގެ ރަސްކަމުގެ ތަޚުތުގެ ވާރިސުންނަކީ ސިންހަޕޫރުގައި ތިއްބެވި އެރަދުންގެ އެކުބަނޑު އެކުބަފާ ބޭފުޅުންކަމުގައިވި އެވެ. ވިޖާޔާ އަވަހާރަވުމުން ސިންހަޕޫރަށް އެ ޚަބަރުކޮށް އެރަދުންގެ އާއިލާއިން ބޭފުޅަކު ސިންގާ ތަޚުތަށް އިސްވުމަށް ދެންނެވުނެވެ. އެ ތަޚުތަށް އިސްވުމަށް ޚިޔާރު ކުރެވުނު ބޭފުޅަކީ ވިޖާޔާގެ ކޮއްކޯފުޅު ސުމިއްތަގެ ދަރިކަލުން ޕަޑުވަސުދޭވައެވެ. މި ޕަޑުވަސުދޭވަ އެ ޝަހަރަށް (ސިލޯނަށް) ވަޑައިގަތީ ޕަންޑު އޭ ކިޔުނު ރަސްކަލެއްގެ ދަރިކަނބަލަކާއި ކައިވެނިފުޅު ބައްލަވައިގެންނެވެ.

މިއީ ޢީސާގެފާނުގެ މީލާދުން ފަސް ގަރުނު ކުރީގެ ހާދިސާއެއްގެ މައްޗަށް ބިނާވެފައިވާ ފޯކުލޯރެކެވެ. އެއީ ސިލޯނުކަރަޔަށް އާރިޔަނުންގެ ނުފޫޒު ފޯރަން ފެށުނު ދުވަސްވަރާއި ގުޅޭ ހާދިސާއެއްކަމުގައިވެސް ދެކެ އެވެ. ވާހަކައިގައިވާ ގޮތުން ޕްރިންސް ވިޖާޔާގެ ޖަމާއަތުގެ އެކި ބައި މީހުންނަށް ދެވުނީ އެކި ތަންތަނަށެވެ. މިގޮތުން ވިޖާޔާ އާއި އޭނާގެ އެކުވެރީންނަށް ދެވުނު ތަމްޕަރާނިއަކީ މިއަދުގެ ސްރީ ލަންކާ އެވެ. ކުޑަކުދީންނަށް ދެވުނު ނައްގަދީޕާ އަކީ މިއަދުގެ "ނިކޮބާ އަދި އަންޑަމަން އައިލަންޑްސް" އެވެ. "ނައްގަދީޕާ" މި ނަމުގެ މާނައަކީ އޮރިޔާމުން ތިބޭ މީހުންގެ ރަށެވެ. އަޅުގަނޑުމެންގެ އާއްމު މުހާވިރާގައި ކިޔަމުން އަންނަ "އޮރިޔާންބުޑު ނައްކަވާރަކީ" ވެސް ނައްގަދީޕާއަށް ނިސްބަތްކޮށް ކިޔަމުން އަންނަ ނަމެކެވެ. ވާހަކައިގައި ބުނެފައިވާ އަންހެނުންނަށް ދެވުނު މަހިލަދީޕާއަކީ ދިވެހިރާއްޖެއެވެ. މިއީ ޕްރޮފެސަރު ގްރެއިގަރ ވިލްހެމްގެ ގައުލެވެ.

ޕްރިންސް ވިޖާޔާ ވާހަކައަކީ ސިލޯނުކަރައިގެ ބިމަށް އިންޑިޔާ ބައްރުން "ސިންގާ ދަރިކޮޅު"ގެ ބަޔަކު ކުޅަ ހިޖުރައިގެ ވާހަކަ އެވެ. އޭގައި ދިވެހިރާއްޖެޔަށްވެސް "ސިންގާ ދަރިކޮޅުގެ" ބަޔަކަށް އާދެވުނުކަމަށް ބުނެފައި އެބަވެ އެވެ. މިހެންކަމުން މިވާހަކައަކީ ދިވެހީންނާއިވެސް ގުޅުން ހުރި ވާހަކައެއްކަމާމެދަކު ޝައްކެއްނެތެވެ. މި ވާހަކައިން ފާހަގަކޮށްލެވޭ އެއް ކަމަކީ ޕްރިންސް ވިޖާޔާ އާއި ޕާންޑިޔަން ދަރިކޮޅާ އޮތް ގާތް ގުޅުމެވެ. އެހެނީ އެ މަނިއްޕުޅު ޚިޔާރު ކުރެއްވި ދެވަނަ އަނބިކަނބަލަކީ ޕާންޑިޔަން ގޮމަޔަކަށްވާކަމެވެ. ވިޖާޔާއަށްފަހު ސިންގަޅަ ތަޚުތަށް އިސްވެވަޑައިގެންނެވި ޕަންޑުވަސުދޭވަ ރަދުންގެ އަނބިކަނބަލުންނަކީވެސް "ޕަންޑު" ރަސްގެފާނުގެ ދަރިކަނބަލެއްކަމަށް ބުނެފައިވާކަމެވެ. "ޕަންޑު" މިއީ ޕާލީ ބަހަށް "ޕާންޑިޔަ" ފުރޮޅުނީމާ އޮންނަ ސީޣާކަމުގައިވެ އެވެ. މި ނުކުތާތަކަކީ ހޯދަން މިއުޅެވޭ ދިވެހި ޕާންޑިޔަ ގުޅުމުގެ މައްޗަށް ހުރި ތާރީޚީ މުހިންމު ގަރީނާތަކެއްވެސްމެ އެވެ.

ވިޖާޔާ ފޯކުލޯރާއި ސިންގަޅަ ޙަޟާރަތުގެ ތަރަހައިގެ މައްޗަށް މުޙައްލިލުން ދައްކަވާފައި ހުރި ވާހަކަތަކަކީ ގިނަ އެއްޗެކެވެ. މި ގޮތުން ބައެއް ބޭފުޅުން ވިދާޅުވަމުން އައިސްފައިވާ ގޮތުގައި ސިންގަޅައިންގެ މައި ތަރަހައަކީ ގަދީމީ ޕާންޑިޔަނުންނެވެ. ވިޖާޔާ ޕާންޑިޔަނުންގެ ގޮމަޔަކާއި ކައިވެނިފުޅު ކުރެއްވުމާއި، އެ މަނިއްޕުޅަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޯފުޅަށް "ޕަނޑުވަސުދޭވަ" ގެ ނަން ނިސްބަތްކޮށްފައި އޮތް އޮތުމާއި އަދި އެރަދުންވެސް ކައިވެނިފުޅު ކުރެއްވީ ޕަންޑު ރަސްގެފާނުގެ ދަރިކަނބަލަކާއިކަމަށް ބުނެފައިވާ ވާހަކަތަކަކީ އެ ބަހުގެ މައްޗަށް ހުރި ގަރީނާތައްކަމުގައިވެ އެވެ. މީގެ އިތުރުން ސިލޯނުގެ ގަދީމީ ނަން "ތަމްޕަރަނި" އަކީވެސް ޕާންޑިޔަނުންނާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުމުގެ ތެރެއިން އުފަންވި ނަމެއްކަމުގައިވެސް ބައެއް މުޙައްލިލުން ބުނެފައި ހުރެ އެވެ.

ތަމަޅައިންގެ ބައެއް މުސްކުޅި ލިޔުންތަކުގައިވާ ގޮތުންނަމަ "ޕަޅަންތީމު" (ދިވެހިރާއްޖެ) އަކީ ތަމަޅަ ބަހުން ވާހަކަ ދައްކާ ގައުމެއްގެ ބަޔެކެވެ. ސަންގަމު ޢަސްރުގެ އަދަބީ ލިޔުމެއްކަމަށްވާ ނަންނޫލު އޭ ކިޔުނު ލިޔުމުގެ ކޮމެންޓްރީގައި އެޒަމާނުގައި އޮތް ތަމަޅަ ބަހުގެ ބަހުރުވަތަކުން ވާހަކަ ދައްކާ ތަންތަނުގެ ތެރޭގައި ޕަޅަމްތީވު އާއި ސިންގަލަމު ހިމަނާފައިވެ އެވެ. މީގެ ކުރިން ފާހަގަކޮށްލެވުނު ސަންގަމު ޢަސްރުގެ ތޮލްކައްޕިޔަމު ލިޔުމުގައި ދިވެހިރާއްޖެ ފާހަގަކޮށްފައި ވަނީ ތަމަޅައިންނާ ވިޔަފާރީގެ ގުޅުން އޮތް ބައެއްގެ ގޮތުގަ އެވެ. މިފަދަ ހެކިތަކުގެ އަލީގައި ދެކުނު އިންޑިޔާއަކީ ސިންގަޅައިންނާއި ދިވެހި ޙަޟާރަތުގެ މައި ތަރަހަކަމުގައި އިންކާރު ކުރެވޭކަށްނެތެވެ. އާރިޔަނުންގެ ނުފޫޒެއް ސިލޯނާއި ރާއްޖެޔަށް ފޯރުމުގެ ކުރީގައި ތަމަޅައިންގެ ޙަޟާރަތެއް އޮތްކަމަކީ ތާރީޚީ އެތައް ގޮތަކުން ވަރަށް ބޮޑަށް ޔަގީންކުރެވޭކަމެއްވެސްމެ އެވެ. ވީމާ ބައެއް މުއައްރިޚުންގެ ބަހުގައިވާ ފަދައިން ވިޖާޔާ ފޯކުލޯރަކީ ސިލޯނަށް އާރިޔަނުންގެ ނުފޫޒު ފޯރަމުންދިޔަ ދުވަސްވަރުކަމުގައި ބަލާނަމަ، އެއީ ދިވެހިރާއްޖޭގައި އޮތް ތަމަޅަ ޙަޟާރަތުގެ މައްޗަށްވެސް އެ ނުފޫޒު ފޯރި ދުވަސްވަރުކަމުގައި ބަލާންޖެހެ އެވެ. އެހެނީ ވިޖާޔާ އާއިއެކު ފައްސާލި އެއްބަޔަކަށް އާދެވުނީ ރާއްޖެޔަށްކަމުގައި އެވާހަކަ ބުނަމުން އައިސްފައި ވާތީ އެވެ.

ސަންގަމު ޢަސްރުގެ ލިޔުންތަކާއި ސިންގަޅައިންގެ ފޯކުލޯރުން އެނގޭ ގޮތުގައި ސިންގަލަމާއި (ސިލޯނާއި) ޕަޅަންތީވަކީ (ރާއްޖެއަކީ) މުސްކުޅި ތަމަޅަ ޙަޟާރަތުގެ ގޮފިތަކެވެ. އަދި މި ދެ ގައުމަކީވެސް މުސްތަގިއްލު ދެ ދައުލަތްކަންވެސް އެ ލިޔުންތަކުން ހާމަކޮށްދެ އެވެ. ސިންގަޅައިންގެ ތާރީޚު ބިނާކުރަނީ ވިޖާޔާ ފޯކުލޯރުގެ މައްޗަށްކަމުގައި ވަނީނަމަ ދިވެހިރާއްޖެއަކީ ސިލޯނުން ބަޔަކު އައިސް ވަޒަންވެރިވި ތަނެއް ނޫންކަމުގައިވެސް އެ ފޯކުލޯރުގެ އަލީގައި ގަބޫލުކުރަން ޖެހެ އެވެ. އަދި ކިއެއްތަ މިއީ އެއްބަނޑު އެއްބަފާ ދެ ގައުމު ކަމުގައި ބަލަންޖެހެ އެވެ. އެއް ވަންހަޔަކުން ނެއްޓުނު ދެ ގައުމެއްކަމުގަ އެވެ. ވީމާ ޕްރިންސް ވިޖާޔާ އާއި ޕާންޑިޔަނުންނާއި ދެމެދު އޮތް އާއިލީ ގާތްކަމެއް ދިވެހީންނާ އެބައިމީހުންނާ ދެމެދުވެސް އޮންނާނެކަމަށް ދުށުމަކީ ހަމަނުޖެހޭ ކަމެއް ނޫނެވެ.

ތާރީޚު ޢިލްމުގެ ބައެއް ޢާލިމުން ދެކެވަޑައިގަންނަވާ ގޮތުގައި ވިޖާޔާ ރަދުން ޕާންޑިޔަ ގޮމަޔަކާއި ކައިވެނިފުޅު ކުރެއްވީ ޚުދު ވިޖާޔާ އަކީވެސް ޕާންޑިޔަ މަތިފުށުގެ ބޭފުޅަކަށް ވާތީ އެވެ. މި ބަހަށް އޮތް އިތުރު ދަލީލަކީ އެރަދުންނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޯފުޅަށް ޕަނޑުވަސުދޭވައޭ ކިޔާފައިވާކަމެވެ. މާނައަކީ ޕާންޑިޔަ ދަރިކޮޅުގެ ދޭވަ (ރަދުން) އެވެ. އަދި މިނޫނަސް ސިލޯނުގެ އެކި އާސާރުތަކާ އެހެނިހެން ތާރީޚީ ލިޔެކިޔުންތަކުގެ އަލީގައި ޕްރިންސް ވިޖާޔާގެ މައި އެއް އަސްލަކީ ޕާންޑިޔަނުންކަމުގައި ބުނެ އެވެ. އަނެއް އަސްލަކީ ކަލިންގާ އެވެ. ސިންގަޅަ ތާރީޚުގެ މައްޗަށް ބަލާލިޔަސް ފެންނަނީ ސިންގަޅައިންގެ ޝާހީ ދަރިކޮޅު އޮތީ މި ދެ އަސްލުގެ ތެރޭގައި ކުރެވެމުންދިޔަ ކައިވެނިތަކުގެ ސަބަބުން މަސްހުނިވެފައިކަމެވެ. ހަމަ މި ނަޒަރުން ދިވެހިރާއްޖެޔަށްވެސް ވިސްނާލަމާތޯ އެވެ.

ވިޖާޔާ ފޯކުލޯރުގެ އަލީގައި ސިންގަޅައިންގެ އެއް އަސްލަކީ ޕާންޑިޔަނުންކަމުގައި ބުނާއިރު ހަނދާން އައު ކޮށްލާން ޖެހެނީ ވިޖާޔާ އާއި އެކު ފައްސާލި އެއް ބަޔަކަށް އާދެވުނީ ދިވެހިރާއްޖެޔަށްކަމަށް ބުނެފައިވާކަމެވެ. ސިލޯނުގެ ތާރީޚީ ލިޔުންތަކާ އެތަނުގެ އާސާރުތަކާއި އަދި އެވޭލާ ކަނޑު ދަތުރުފަތުރުގެ ދިރާސާތަކަށް ރިޢާޔަތްކޮށް ޕްރިންސް ވިޖާޔާގެ މައި އެއް އަސްލަކީ ޕާންޑިޔަން ކަމުގައި ދެކޭނަމަ ރާއްޖެޔަށް އާދެވުނު ބަޔަކީވެސް ހަމަ އެވަންހައިގެ ބަޔެއްކަމުގައި ބަލާންޖެހެ އެވެ. އަދި ވިޖާޔާ ޕާންޑިޔަ ގޮމަޔަކާއި ކައިވެނިފުޅު ކުރެއްވީ އޭނާޔާ އެމަތިފުށާ އޮތް ތިމާގެކަމުގެ ގުޅުމަކުންކަމުގައިވާނަމަ ހަމަ އެ ގުޅުމެއް ދިވެހި ޝާހިއްޔަތުވެސް ޕާންޑިޔަނުންނާއި އުފައްދަމުން އަންނާނެ އެވެ. ކިއެއްތަ ސިލޯނާ ދެމެދު އުފައްދަމުން އައިކަމުގައި ވިޔަސް އޮންނާނީ އެގުޅުން ޕާންޑިޔަނުންނާއި އުފެދިފަ އެވެ. ވީމާ މި ސަރަޙައްދުގެ ތާރީޚު ދައްކައިދޭ ބޮޑު މަންޒަރަކީ ކޮބައިތޯ އެވެ؟

ތާރީޚުގެ ބޮޑު މަންޒަރު ދައްކައިދެނީ ދިވެހި ޝާހިއްޔަތާއި ޕާންޑިޔަނުންނާއި ދެމެދު ގުޅުންތަކެއް އޮތުމަކީ އެކަށޭނަ ކަމެއްކަމަށެވެ. ފާހަގަ ކޮށްލެވުނު ޕްރިންސް ވިޖާޔާ ފޯކުލޯރާއި އަދި ސަންގަމު ޢަސްރުގެ ލިޔުންތަކުގައިވާ ވާހަކަތަކަކީ މި ގުޅުމުގެ މައްޗަށް ބާރުދޭ ބައެއް ގަރީނާތަކެވެ. ތާރީޚީ މި ގަރީނާތަކަށް ރިޢާޔަތްކުރާއިރު، މައި ކަރައިގެ ބާރުގަދަ ދައުލަތަކާއި ދިވެހީންވެސް ޑިޕުލޮމެޓިކު ގުޅުންތައް ގާއިމުކުރަމުން އައިސްފައިވާނެކަމަކީ ޔަގީންކުރެވޭކަމެކެވެ. ވަކީން ޚާއްސަކޮށް ތަމަޅަގަމާއި ވިޔަފާރީގެ ގުޅުންތައް އޮތް އިރު އެތަނުގެ މައި ބަނޑަރުތައް ކޮންޓުރޯލުކުރާ ޝާހީ ދަރިކޮޅާ ދެމެދު ގުޅުން ދައުލަތް ދެމިއޮތުމަށްޓަކައި މުހިންމުކަމެއްވެސްމެ އެވެ. އެޒަމާނުގެ ސިޔާސީ ގުޅުމަކީ ކައިވެނިތައްކަމުގައިވެސް ވާނީ ދެންނެވިފަ އެވެ. ޕްރިންސް ވިޖާޔާވެސް އެވަނީ މިފަދަ ގުޅުންތައް އުފައްދަވާފަ އެވެ. އަދި މުޅި ސިލޯނުގެ ތާރީޚަށް ބެއްޔަސް ފެންނަނީ ޕާންޑިޔަން ގޮމައިންނާއި ސިންގަޅަ ރަސްރަސްކަލުން ކައިވެނިފުޅު ކުރައްވަމުން އައިސްފައިވާ ތަނެވެ. މިފަދަ ޑިޕުލޮމެޓިކު ގުޅުންތަކުގެ ނަތީޖާއަކަށް ވަނީ ވަންހައިގެ ގޮތުން އެބަޔަކު ގުޅުމެވެ. ވީމާ ދިވެހި ރަސްރަސްކަލުންވެސް ތިއްބަވާނީ މިފަދަ އެފަދަ ގުޅުންތައް ގާއިމުކުރައްވައިގެންކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

ސިލޯނުކަރައިގެ ޝާހީ ޚާންދާނު ނިސްބަތްވަނީ ޕްރިންސް ވިޖާޔާއަށްކަމުގައި ވިޔަސް، އެ ޚާންދާނު އެކުލެވިފައިވަނީ ޕާންޑިޔަނުންނާއި ކަލިންގާގެ ޝާހީ ގޮފިތަކެއްގެ މައްޗަށެވެ. މިހެންވުމުގެ އެއް ސަބަބަކީ އަންޒަމާނުއްސުރެ ސިންގަޅަ ރަސްރަސްކަލުން އެ ދަރިކޮޅުތަކާ ގުޅުން ބަދަހި ކުރެއްވުމުގެ ގޮތުން ކުރެއްވި ސިޔާސީ ކައިވެނިތަކެވެ. އަދި ހަމަމިހެންމެ އެ ކައިވެނިތައްވެފައިވަނީ އެކަރައިގެ ދާޚިލީ ކޯޅުންތަކުގެ މައި އަސްލަށްވެސްމެ އެވެ. އެކަރައިގެ ރަސްކަލަކު އަވަހާރަވުމުން ދެން ރަސްކަމަށް އިސްވާންވާނީ ތިމާމެންގެ ފަޅީގެ ބޭކަލެއްކަމަށް ދެކި ޕާޑިޔަން ރަސްރަސްކަލުންނާއި ކަލިންގާގެ ރަސްކަލުން އައީ ސިންގަޅަ ތަޚުތުގެ ވިރާސަތާއި ދަޢުވާކޮށް ބެހެމުންނެވެ. ދިވެހީންގެ ބޯދާ ތާރީޚާއި ގުޅޭ މާގިނަ ލިޔެކިޔުންތަކެއް ފެންނާން ނެތުމުގެ ސަބަބުން މި ދުވަސްވަރު ދިވެހީންގެ ވެރިކަން އެނބުރެމުން އައިސްފައިވާ ގޮތާއި ބެހޭގޮތުން އެއްޗެއް ދެންނެވުމަކީ ދަތިކަމެކެވެ.

އާދެ! ދެން ޖެހިލާން ޖެހެނީ މީލާދުން 1000 ގެ އަހަރުތަކާއި ހަމަޔަށެވެ. މި ދުވަސްވަރާއި ހަމަޔަށް ދުނިޔެ އައިއިރު މި ސަރަޙައްދު އޮތީ ހަނގުރާމައިގެ ބޮޑު ކޯޅުންގަނޑެއްގެ ތެރޭގަ އެވެ. ދެންނެވޭނީ އާއިލީ ކޯޅުންގަނޑެއްކަމުގަ އެވެ. ތަމަޅަގަމުގެ އެތެރޭގައިވެސް އެއްބަޔަކު އަނެއްބަޔަކާ ހިފާ ތަޅާ ފޮޅާ ހަދަނީ އެވެ. ރަސްކަންތައް ވެއްޓި އައު ވެރިކަންތައް ފާޅުވަމުން ދަނީ އެވެ. ހަމަމިހެންމެ މި ދުވަސްވަރާއި ހަމަޔަށް އައިއިރު ޕާންޑިޔަނުންގެ ރަން ޒަމާން އޮބައި ގޮސް، ތަމަޅައިންގެ ތެރެއިން މުޅިން އައު ބާރެއްވެސް ވަނީ އުފަންވެފަ އެވެ. އެ ބާރަކީ ޗޯޅާ އަންބަރާޠޫރިއްޔާ އެވެ. ތަމަޅަގަމުގެ ބޮޑުބައި ވަނީ އެމީހުންގެ އަތްދަށު ގައެވެ. މީގެ ތެރޭގައި ޕާންޑިޔަނުންގެ ދައުލަތުގެ އެކި ސަރަޙައްދުތަކާއި ސިލޯނުކަރައިގެ ބޮޑު ބަޔެއްވެސް އޮތީ އެމީހުންގެ ބާރުގެ ދަށުގަ އެވެ. ހަމަ މިދުވަސްވަރު ދިވެހިރާއްޖެ ހިފުމަށްވެސް ދެފަހަރެއްގެ މަތީން ޗޯޅާއިންވަނީ ބޮޑު ލަޝްކަރެއް ފޮނުވާފަ އެވެ. މި ސަރަޙައްދުގެ ގައުމުތައް އޮތީ ހަނގުރާމައިގެ މިފަދަ އަނދިރި ނާމާން ކަމެއްގެ ތެރޭގަ އެވެ. ވަކީން ޚާއްސަކޮށް ޗޯޅާއިންގެ ފަރާތުން އަތުވެދާނެ ހަމަލާއަކަށް ސިހިސިހި އެވެ.

މި ދުވަސްވަރު ސިންގަޅަ ޝާހީ ދަރިކޮޅުވެސް އޮތީ ބައިބައިވެފަ އެވެ. ކައިވެނީގެ މަސްހުނިތަކުގެ ސަބަބުން އެ ދަރިކޮޅުގެ އެކި ގޮފިތަކުގެ މެދުގައި ވާދަވެރިކަން އުފެދިފަ އެވެ. މިގޮތުން ފާހަގަކޮށްލެވޭ މައި ދެ ގޮތްޕަކީ ސިންގަޅަ - ޕާންޑިޔަން ގޮތްޕާއި ސިންގަޅަ – ކަލިންގާ ގޮތްޕެކެވެ. މި ދެގޮފީގެ ދެމެދުގައިވެސް ގިނަ ހަނގުރާމަތައް ހިނގަމުން ގޮސްފައިވެ އެވެ. ބާރުގަދަ ޗޯޅާއިންނަށް ސިންގަޅަ ދައުލަތް އަތްދަށުކޮށްލެވުނީވެސް މިފަދަ ކޯޅުންތަކުގެ ސަބަބުންނެވެ. ދަށުގަ އެވެ. އެތެރޭގެ ބައިބައިވުންތަކާ އެކު ޗޯޅާއިންގެ އަތްދަށުގައިވި ސިލޯނު ސަލާމަތްކޮށް، ސިންގަޅަ ޝާހިއްޔަތު ދިރުއްވި ރަސްކަލަކީ މަޝްހޫރު ވިޖާޔަބާހޫ ރަސްގެފާނެވެ. މިރަދުންގެ މަސައްކަތުން ސިލޯނުކަރަ ސަލާމަތް ކުރެއްވުމަށްފަހު އިންޑިޔާގެ ޕާންޑިޔަނުންނާއި ކަލިންގާޔާ ދެމެދު ގުޅުންތައް އައު ކުރެއްވި އެވެ. މި ގޮތުން ކަލިންގާ ދައުލަތުގެ ގޮމައަކާއި ކައިވެނި ބައްލަވައިގެންނެވި އެވެ. އެ ބަނޑުފުޅުން ރަދުންނަށް ލިބިވަޑައިގެންނެވި ދަރިކަލަކީ ދިވެހީންގެ ވީރަދޭވަ އެ ރަސްކަލަކާ ހަނގުރާމަކުރެއްވި ވިއްކަރަމަބާހޫ އެވެ. މަޝްހޫރު ވިޖާޔަބާހޫގެ ދައިތާފުޅު ކައިވެނި ބައްލަވައިގަތީ ޕާންޑިޔަން އަމީރަކާ އެވެ. އެ ކައިވެނިފުޅުން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މާނާބާރުނަ އާއި ޖާޔާބަހޫ ހިމެނެ އެވެ.

މީލާދުން ގާތްގަނޑަކަށް 1111 އާއި 1112 އާއި ދެމެދުގެ އަހަރުތަކެއްގައި ސިންގަޅަ ދައުލަތް މިނިވަންކުރެއްވި ވިޖާޔަބާހޫ ރަސްގެފާނު އަވަހާރަވި އެވެ. ރަދުން އަވަހާރަވުމުން ޕާންޑިޔަނުންނަށް ތާއީދު ކުރާ ސިންގަޅަ ބޮޑުންގެ އެހީގައި އެ ރަދުންގެ ދައިތާފުޅުގެ ދަރިކަލުން ޖާޔަބާހޫ ރަސްކަމަށް އިސްކުރި އެވެ. ޖާޔަބާހޫގެ ބައްޕާފުޅަކީ ޕާންޑިޔަ ދަރިކޮޅުގެ އަމީރެކެވެ. މަގުސަދަކީ ޕާންޑިޔަނުންގެ ނުފޫޒާ ބާރު ސިންގަޅަ ރަސްކަމުގެ މައްޗަށް ހިންގުމެވެ. މިކަންވެގެން ދިޔައީ އަނެއްކާވެސް ދާޚިލީ ކޯޅުމެއް އުފެދުނު ކަމެއްގެ ގޮތުގަ އެވެ. ވިއްކަރަމަބާހޫއަށް އޭނާގެ ބައްޕާފުޅު އަވަހާރަވެއްޖެކަމާއި އަދި ޕާންޑިޔަނުން އިސްވެ ތިބެ އެރަސްކަމަށް އޭނާޔާއި ދެބެންގެ ދެދަރި ޖާޔަބާހޫ އިސްކޮށްފިކަމުގެ ޚަބަރު ލިބިވަޑައިގެންނެވުމުން އަވަސްވެވަޑައިގަތީ އެ ރަސްކަން ހޯއްދެވުމަށް ހަނގުރާމަ ކުރެއްވުމަށެވެ. ވިއްކަރަމަބާހޫއަށް އެހީވަމުން ދިޔައީ ކަލިންގާގެ ޝާހީ އާއިލާތަކުންނާއި އެފަޅިޔަށް ތާއީދު ކުރައްވާ ބޮޑުންނެވެ. ވިއްކަރަމަބާހޫގެ މަންމާފުޅަކީ ކަލިންގާގެ ގޮމައެކެވެ.

އާދެ! ޖާޔަބާހޫ އާއި ވިއްކަރަމަބާހޫ އާއި ދެމެދު ހިނގަމުންދިޔަ ހަނގުރާމަތަކަކީ ޕާންޑިޔަނުންނާއި ކަލިންގާޔާއި ދެމެދު ހިނގަމުންދިޔަ ހަނގުރާމަތަކެކެވެ. ބުނެވޭ ގޮތުގައި ވިއްކަރަމަބާހޫ އާއި ޖާޔަބާހޫ އާއި ދެމެދު 6 ވަރަކަށް ހަނގުރާމަ ހިނގި އެވެ. ގިނަ ހަނގުރާމަތަކަކަށްފަހު ކާމިޔާބު ހޯއްދެވީ ވިއްކަރަމަބާހޫ އެވެ. ޖާޔަބާހޫ އާއި ވިއްކަރަމަބާހޫ އާއި ދެމެދު....އާދެ! ޕާންޑިޔަނުންނާއި ކަލިންގާޔާއި ދެމެދު ގަދަ ހަނގުރާމަ ހިނގަމުންދިޔަ ދުވަސްވަރުގައި ދުވަސްވަރުގައި ކަލިންގާ ފަޅިޔާ ދެކޮޅަށް ދިވެހީންގެ ވީރަދޭވަ ރަސްގެފާނު ހަނގުރާމަޔަށް ވަޑައިގެންނެވީ ކީއްވެގެން ހެއްޔެވެ؟ އެއީ ޕާންޑިޔަނުންނަށް ނަސްރު ދިނުމަށް އެ ރަދުން ކުރެއްވި ހަނގުރާމަޔަކަށް ނުވާނެ ހެއްޔެވެ؟

ވީރަދޭވައަކީ މީލާދުން 11 ވަނަ ގަރުނުގެ ފަހުކޮޅުގެ ރަސްކަލެކެވެ. ވޭމަންޑޫއިންނާއި ނިލަންދޫއިން ފެނުނު ޝާހީ ނިޝާން ޖެހި އާސާރުތަކަކީވެސް މީލާދުން 11 ވަނަ ގަރުނަށް ފެތޭ އާސާރުތަކެކެވެ. މިހެންކަމުން މި އާސާރުތަކުގައި އެވަނީ ވީރަދޭވަ ރަދުންވެސް ނިސްބަތްވެވަޑައިގަންނަވާ ޝާހީ ދަރިކޮޅުގެ ނިޝާންކަމުގައި އަޅުގަނޑު ދެކެމެވެ. މި ރަދުންނާ ބެހޭ އެއްވެސް ޚަބަރެއް ދިވެހި ތާރީޚަކުން ފިލާކަށް ނެތެވެ. އެނހެން ހުރީ ބޭރުގެ މުސްކުޅި ލިޔުންތަކުން ފެންނަން ހުރި އެއްޗެކެވެ. ބޭރުގެ ލިޔުންތަކުގައި "ޕަޅަންދީޕުގެ ވީރަދޭވައަކީ އާރްޔަ ދޭސައިގެ" ރަސްގެފާނު ކަމުގައި ބަޔާންކޮށްފައި ހުރެ އެވެ. އާރިޔަ ދޭސައިގެ މާނައަކީ އާރިޔަނުންގެ ދައުލަތެވެ. “Dictionary of Pali proper names” އޭ ކިޔުނު ރަދީފުގައި ޖޯޖު ޕީރިސް މަލަސޭކަރަ "އާރިޔަ" މި ބަހަށް ނިސްބަތްވާ މާނަތައް ބުނެދެއްވާފައިވެއެވެ. އޭނާ ލިޔުއްވަނީ

titledesc

މި ބަސްތަކުގެ މާނައަކީ

އާރިޔަ: މިއީ ދެކުނު އިންޑިޔާގެ ދައުލަތެއްގެ އަދި ބާގައެއްގެ ބަޔަކު މީހުންގެ ނަމެވެ. ޕަލަންދީޕަކީ އޭގެ (އެ ދައުލަތުގެ) އެކި ބައިތަކުގެ ތެރެއިން އެއް ބައެވެ. އެއް އިރެއްގައި އެ ތަނުގައި ވީރަދޭވައޭ ކިޔުނު ރަސްކަލަކު ހުންނެވި އެވެ. އެރަސްގެފާނަކީ ސިލޯނުގެ ޖާޔަބާހޫ އެއްވަނަ އާއި ދެކޮޅަށް (ހަނގުރާމައިގެ) ދަތުރު ދިޔަ ފަރާތެވެ.

އަދި މިއީ ރަސް ދަރިކޮޅެއްގެ ނަންވެސްމެއެވެ. އެއީ ދެކުނު އިންޑިޔާގެ ޕާޑިޔަނުންގެ އާރިޔަން ރަސްދަރިކޮޅެވެ.

(ޕާލީ ބަހުގެ ރަދީފު، ޖޯޖު މަލަސޭކެރަ، ސަފްޙާ 173)

މަލަސޭކަރަ ލިޔުއްވާފައިވާ ޕާލީ ބަހުގެ ރަދީފުން ގަދީމީ ދިވެހި ތާރީޚަށް މުޅިން އައު އަލިކަމެއް ލިބިގެންދެ އެވެ. އޭގައި ބުނެފައި އެވަނީ ޕަޅަންދީޕު ( ދިވެހިރާއްޖެ) އަކީ އާރިޔަން ދައުލަތުގެ ބައެއްކަމަށެވެ. އަދި އެއީ އެ ދައުލަތުގެ އަހުލުވެރީންގެ ނަންކަމުގައިވެސް ބުނެފައިއެބަވެ އެވެ. މިހެންވުމުން އެއީ ދިވެހީންގެވެސް ނަމެވެ. ހަމަ އެހެންމެ އާރިޔަނަކީ ދެކުނު އިންޑިޔާގެ ރަސްދަރިކޮޅެއްގެ ނަންކަމުގައިވެސް ބުނެފައިއެބަވެ އެވެ. އެ ދަރިކޮޅަކީ ޕާޑިޔަނުންގެ އާރިޔަން ގޮފީގެ ރަސްދަރިކޮޅެއްކަންވެސް ސާފުވެ އެވެ. ވީމާ ދެކުނު އިންޑިޔާއަށް ނިސްބަތްވާ އާރިޔަން ދައުލަތުގެ މައްޗަށް ވެރިކަން ކުރާ ދަރިކޮޅަކީ ޕާންޑިޔަނުންގެ އާރިޔަން ގޮފީ ރަސް ދަރިކޮޅެވެ. ހަމައެހެންމެ މި ލިޔުމުން އެނގޭ ގޮތުގައި އާރިޔަނުންގެ ދައުލަތުގެ ރަސްކަލެއްގެ ގޮތުގައި އެއް އިރެއްގައި ހުންނެވި ރަސްކަލަކީ ސިލޯނަށް ހަމަލާކުރެއްވި ވީރަދޭވަ ރަދުންނެވެ. އާދެ މިއީ ދިވެހީންގެ ވީރަދޭވަ ރަސްގެފާނު ނޫންތޯ އެވެ. ވީމާ މި ލިޔުމުގެ މައްޗަށް ބުރަވާއިރު ތީމުގޭ ކޮއިމަލާކަލޯގެ ކުރިޔަށް އޮތް ދިވެހި ރަސްދަރިކޮޅަކީ ޕާންޑިޔަން އާރިޔަ ދަރިކޮޅެއްކަން ޔަގީން އެބަ ކުރެވެ އެވެ. އެވަންހައިގެ ރަސްކަން ނިމިގޮސްފައި އެވަނީ ވީރަދޭވަ ސިލޯނުކަރައިގައި ވިއްކަރަމަބާހޫގެ އަތުން ގަތުލުވި ހިސާބުންނެވެ.

ދެން އަނެއްކާވެސް ސިންގަޅަ ކަރައިގައި ވީރަދޭވަ ކުރެއްވި ހަނގުރާމަޔާއި މެދު ވިސްނާލަމާތޯ އެވެ. އެއީ ޕާންޑިޔަނުންނާއި ކަލިންގާގެ ވާދަވެރިކަމުގައި ހިނގި ހަނގުރާމައެކެވެ. މި ވާދަވެރިކަމުގައި ހަނގުރާމަކުރަން ފެށުނު ދުވަސްވަރު ވީރަދޭވަ ރަސްގެފާނު އެތަނަށް ވަޑައިގަތުމަކީ އިއްތިފާގެއްކަމުގައި މިހާރު އަމުދުން ބެލެވޭކަށް ނެތެވެ. އެ ރަދުން ސިލޯނަށް ވަޑައިގެންނެވީ ޖާޔަބާހޫއަށް ނަސްރު ދެއްވުމުގެ ގޮތުންނެވެ. އެހެން އިބާރާތަކުން ދަންނަވަނީނަމަ ސީދާ އެރަދުންގެ އަމިއްލަ ވަންހަޔަށް ނަސްރު ދެއްވުމުގެ ގޮތުންނެވެ. އެއީ ޖާޔަބާހޫއަކީ ޕާންޑިޔަ ދަރިކޮޅުގެ ސިންގަޅަ ރަސްކަލެއްކަމުގައި ވާތީކަން ހަނދާން ކޮށްލަންޖެހެއެވެ. ވީމާ ޖާޔަބާހޫ އާއި ދެކޮޅަށް ވިއްކަރަމަބާހޫ ކުރެއްވި 6 ހަނގުރާމައިގެ ތެރެއިން އެންމެ ފަހު އެއް ހަނގުރާމައަކީ ދިވެހީންގެ ވީރަދޭވަ ރަސްގެފާނާ ދެމެދު ހިނގި ހަނގުރާމަކަމުގައިވެސް ބަލާންޖެހެ އެވެ.

މުޅި މި ސަރަޙައްދުގެ ބޯދާ ތާރީޚުގެ ވާހަކަތަކާއި ހިނގާފައިވާ ހާދިސާތަކާއި އަދި އެކަންކަމުގެ މައްޗަށް ދިވެހި އާސާރުތައް ދައްކާ ގަރީނާތަކުގެ އަލީގައި ދެންނެވޭން އަންނަނީ އެވޭލާ ދިވެހި ޝާހީ ދަރިކޮޅަކީވެސް ޕާންޑިޔަނުންގެ ދަރިކޮޅެއްކަމުގަ އެވެ. ބޯދާ ޝާހީ ނިޝާނުގައި، ތްރިރަތުނައިގެ ސޫރަޔަށް މަސް ކުރަހާފައި އެވަނީވެސް މިހެންވެގެންނެވެ. އަލޫޕާއިންނާއި ކަރަވައިން ފަދައިން ދިވެހީންވެސް ޕާޑިޔަނުންގެ ގަދީމީ މަހުގެ ނިޝާން ބޭނުންކުރީ އެވެ. ހަމައެހެންމެ އެފަދަ ނިޝާނެއް ބޭނުންކުރުމަށް އެންމެ އައުލާކަން ބޮޑު އެއްބަޔަކީވެސް ދިވެހީންކަމުގައި ވާތީ އެވެ. މިހެންކަމުން ކޮއިމަލާކަލޯގެ ކުރިޔަށް ދިވެހި ތަޚުތު ފަޅުފިލުއްވެވި ރަސް ދަރިކޮޅަކީ މަޝްހޫރު އާރިޔަ ޕަންޑު ދަރިކޮޅެވެ. މި ދަރިކޮޅުގެ އެންމެ ފަހު ރަސްކަލަކީ ވީރަދޭވަ އެވެ.

މީލާދުން 1115 ވަނަ އަހަރާއި ހަމަޔަށް އައިއިރު މި ސަރަޙައްދު އާއިލީ ބޮޑު ކޯޅުންގަނޑެއްގެ ތެރޭގަ އެވެ. އެ ކޯޅުމުގައި ދިވެހީންވެސް ތިބީ ޝާމިލުވެގެންކަން މިހާރު އޮންނާނީ ސާފުވެލައްވާފަ އެވެ. އަދި އެ ކޯޅުމުގެ ތެރޭގައި އެއިރު ހުންނެވި ދިވެހި ރަދުންވެސް ގަތުލުވީ އެވެ. މި ދުވަސްވަރު ދެކުނު އިންޑިޔާގެ މައިކަރައިގައި އޮތް ޕާންޑިޔަނުންގެ ދަރިކޮޅުތައްވެސް އޮތީ ބަލިކަށިވެ ހަފުސްވެފަ އެވެ. ދިވެހި ދައުލަތުގެ ވަށަވަށައިގެން ތިބީ ޗޯޅާއިންނާއި ކަލިންގާ ފަދަ އެއިރު ދިވެހީންނާ އަދާވަތްތެރި ދައުލަތްތަކެވެ. މިފަދަ ނާމާން ބިރުވެރި ދަނޑިވަޅެއްގައި ގައުމުގެ ލަޝްކަރު ހާވިޔާވެ، ރަދުން ގަތުލުވުމަކީ މުޅި ދައުލަތް އިންދިރާސްވެ ދިޔުމެވެ. އަދާވާތްތެރިންނަށް ލިބޭ ފަހި ފުރުސަތެވެ. މި ބިރުވެރިކަމުގައި ދިވެހި ދައުލަތް އޮޔާދަނިކޮށް އަލުން ދިވެހީންގެ ދައުލަތް ތަރުތީބު ކުރެއްވި ގާއިދަކީ ކޮއިމަލާކަލޯ ކަމުގައި ޝައްކެއްނެތެވެ. ހުސްވެފައިވާ ވެރިކަމުގެ އެންމެ މަތީބާރަށް ކޮއިމަލާކަލޯ އެވަޑައިގެންނެވީ މި ހަނގުރާމައިގެ ހާލަތުގެ ތެރެއިންކަމުގައި ފެނެ އެވެ. އަދި އޭގެ ފަހަށް ހާލަތު ނިޔާކުރި ގޮތެއްގެ ސަބަބުން ދިވެހި "ސިންގާ ތަޚުތަށް" އިސްވެވަޑައިގެންނެވީ އެވެ. އާދެ! މާޅޮސް މަޑުލު ރަސްގެތީމުން ނިކުންނެވި ބަޠަލް، ކޮއިމަލާކަލޯ ސިންގާ ތަޚުތުގައި އިށީނދެވަޑައިގަތީ މީލާދުން 1120 ނުވަތަ 1121 ވަނަ އަހަރު އެވެ. ސްވަސްތީ ސްރީ މާނާބާރުނައިގެ ނަންފުޅުގަ އެވެ. މިހިސާބުން ދިވެހި އުޑުދަށުން ޕާންޑިޔަ ދަރިކޮޅަށް އިރު އޮއްސި އައު ރަސްދަރިކޮޅެއްގެ ހަނދު އެރީ އެވެ. (ނުނިމޭ)

Newsletter

Get the latest news delivered straight to your inbox