ހިޔާ ފްލެޓްތަކަށް ގޭސް ފޯރުކޮށްދިނުމުގެ ސިސްޓަމް ގާއިމުކުރުމަށް މޯލްޑިވް ގޭސްއާ ހަވާލުކޮށްފި އެވެ.
ވީހާވެސް ފަސޭހަކަމާއެކު ހިޔާ ފްލެޓްތަކަށް ފޯރުކޮށްދިނުމަށް، އެކަމަށް ހާއްސަ ސިސްޓަމެއް ގާއިމުކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި މޯލްޑިވް ގޭސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިއަދު އެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އެވެ. އަދި މޯލްޑިވް ގޭސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމް އެވެ.
ގޭސް ފޯރުކޮށްދިނުމަށް ސިސްޓަމެއް އެޅުމަށް ނިންމާފައިވަނީ، ހިޔާ ފުލެޓްތަކަކީ ނިސްބަތުން އުސް އިމާރާތްތަކަކަށްވާތީ، ގޭސް ފުޅި އަރުވާ ބޭލުމުގައި އާއްމު ރައްޔިތުންނަށް ދިމާވާނެ ތަކުލީފުތައް ކުޑަކުރުމަށެވެ.
މިއީ މިގޮތަށް ސޯޝަލް ހައުސިން މަޝްރޫއެއްގައި ރާއްޖޭގައި ކުރާ ފުރަތަމަ މަސައްކަތެވެ.
ލިފްޓުތަކުގައި ގޭސް ފުޅި އެހާ ގިނަ ފަރާތްތަކުން އުފުލުމަކީ އެއްމެ ރައްކާތެރި ގޮތް ކަމަށް ނުވާތީ ގާއިމުކުރެވޭ މި ސިސްޓަމުގެ ދަށުން ކޮންމެ ޓަވަރެއްގެ ތިރީގައި ސްޓޯރޭޖް ޔުނިޓްތަކެއް ޤާއިމުކުރެވޭނެ އެވެ.
މި މަސައްކަތް ކުރެވިގެން ދާނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ރެގުލޭޝަންތަކާއި އެއްގޮތަށް ކަމަށް އެޗްޑީސީން ފާހަގަކުރެ އެވެ.
މި މަސައްކަތް އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި ނިންމުމަށް ހަމަޖެހިފާވާއިރު މި ހިދުމަތް ދިނުމަށް މޯލްޑިވް ގޭސް އާ ހަވާލުކޮށްފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށެވެ.










