މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ފުރަތަމަ އަމިއްލަ އާގުބޯޓު މި ހޮނިހިރު ދުވަހު ރާއްޖެ ގެނެވޭނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.
އެމްއެސްއެސް އިން މުދާ އުފުލުމަށް ބޯޓު ބޭނުންކުރަމުން ދިޔައީ ޗާޓަރު ކޮށްގެންނެވެ. "އަދަދު" އަށް ވާހަކަދައްކަވަމުން ސައީދު ވަނީ މިދަތުރުތައް ކުރުމަށް ބޯޓު ޗާޓަރުކުރުން މިހާރު ހުއްޓާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އަލަށް ގެނެވޭ މިބޯޓަކީ އެއްފަހަރާ 450 ކޮންޓެއިނަރު އުފުލޭނެ ބޯޓެކެވެ. އެމްއެސްއެސް ފަށައިގަން އިރު ކޮންމެ ދަތުރެއްގައި އުފުލަމުން ދިޔައީ 50 އެއްހާ ކޮންޓެއިނަރެވެ.
އެމްއެސްއެސް އިން އުފުލާ މުދަލުގެ އަދަދު އިތުރުވެ މިހާރު ކޮންމެ ދަތުރެއްގައި 400 އަށް ވުރެ ގިނަ ކޮންޓެއިނަރު އުފުލާކަމަށް ކުންފުނިން ފާހަގަކުރެ އެވެ.
ބޯޓު ޗާޓަރުކޮށްގެން މުދާ އުފުލަން ޖެހުމުން ބޮޑު ހަރަދެއް އެކަމަށް ކުރަންޖެހެ އެވެ. އަމިއްލަ ބޯޓެއް ލިބުމާއެކު ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރެވޭނެ އެވެ. އެއާއެކު އެމްއެސްއެސް އަކީ ފައިދާވާ ކުންފުންޏެއްގެ ގޮތުގައި އޮޕަރޭޓްކުރެވޭނެ މަގުފަހިވެގެންދާނެ އެވެ.
މިބޯޓުގެ އިތުރުން އިތުރު ބޯޓުތައް ހޯދުމުގެ މަސައްކަތް އެމްއެސްއެސް އިން ދަނީ ކުރަމުންނެވެ.










